Advertisement

ކޮމަންވެލްތު ގޭމްސް: ގްރޫޕްގެ އެއް ވަނަ ހޯދައި ރަފާ އަނެއް ބުރަށް

4 އޮގަސްޓު 2022 - 04:40 0

ކޮމަންވެލްތު ގޭމްސްގެ މެޗެއްގެ ތެރެއިން ރަފާ: އޭނާ ވަނީ އަންހެން ސިންގަލްސް ގަދަ 32 ކުޅުންތެރިންގެ ތެރެއިން ޖާގަ ހޯދާފައި.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ކޮމަންވެލްތު ގޭމްސް: ގްރޫޕްގެ އެއް ވަނަ ހޯދައި ރަފާ އަނެއް ބުރަށް

4 އޮގަސްޓު 2022 - 04:40 0

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސްގެ ގްރޫޕް ސްޓޭޖުން ގްރޫޕްގެ އެއް ވަނަ ހޯދައި އައިޝަތު ރަފާ ނާޒިމް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

އަންހެން ސިންގަލްސްގައި ވާދަކުރި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި ފާތިމަތު ޖުމާނާ ނިމާލް އަށް ވަނީ ގްރޫޕް ސްޓޭޖާ ހަމައިން ސިންގަލްސް ކެޓަގަރީ ނިމިފަ އެވެ.

މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުގައި ރަފާ މިރޭ ކުޅޭނެ އެވެ. ރާއްޖެ ގަޑިން 10:15 ގައި ކުޅޭ މި މެޗުގައި ރަފާ ނުކުންނާނީ އޮސްޓްރޭލިއާގެ މިންޔުން ޖީއާ ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގައި ރަފާ ހިމެނުނީ ޔޫގާންޑާގެ ރީތާ ނަކުމިސްތާ އާއި ސީޝެލްސްގެ ލައުރާ ސިނޯންއާ އެއް ގްރޫޕެއްގަ އެވެ.

ރަފާ، ހިމެނުނު ގްރޫޕްގައި ކުުޅުނު ދެ މެޗުން ވެސް މޮޅުވީ 4-0 އިންނެވެ. އެ ގޮތުން ފުރަތަމަ ލައުރާއާ ވާދަކުރި މެޗުގައި ސެޓުތައް ގެންދިޔައީ، 11-03، 11-03، 11-03 އަދި 11-01 އިންނެވެ. ދެ ވަނަ މެޗުގައި ރީތާ އަތުން މޮޅުވިއިރު، ރަފާ ސެޓުތައް ގެންދިޔައީ، 11-04، 11-06، 11-07 އަދި 11-09 އިންނެވެ.

ވޭލްސްގެ ކްލޯއީ ތޯމަސްއާ ދެކޮޅަށް ރާއްޖޭގެ ދީމާ (ކ) ކުުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ރާއްޖޭގެ ދީމާ ލައްވާލީ ވޭލްސްގެ ކްލޯއީ ތޯމަސް ވޫ ޒޭން އާއި ސައުތު އެފްރިކާގެ ޒޯދުވާ މަފަންގާއާ އެއް ގްރޫޕެއްގަ އެެވެ. ދީމާ ފުރަތަމަ ކުޅުނު މެޗުން ވަނީ ސައުތު އެފްރިކާގެ ޒޯދުވާ އަތުން ސީދާ 4-0 އިން މޮޅުވެފަ އެވެ. ދީމާ ސެޓުތައް ގެންދިޔައީ، 11-04، 11-06، 11-07 އަދި 11-04 އިންނެވެ. މި ގްރޫޕްގެ އެއް ވަނަ ހޯދައި އަނެއް ބުރަށް ދުޔަ، ކްލޯއީ އަތުން ދީމާ އަށް ނާކާމިޔާބުވީ 4-0 އިންނެވެ. ކްލޯއީ ސެޓުތައް ގެންދިޔައީ 11-07، 12-10، 11-04 އަދި 11-07 އިންނެވެ.

ތަޖުރިބާކާރު ކުޅުންތެރިޔާ ޖުމާނާ ހިމެނުނީ ހަތަރު ކުޅުންތެރިންގެ ގްރޫޕެއްގަ އެވެ. އެއީ ކެނަޑާގެ ޗިން ނަމް، ފިޖީގެ ކެރޮލިން ލީ އަދި ވަނުއާޓޫގެ ސްޓެފަނީ ވިއޭއާ އެވެ.

ޖުމާނާ ވަނީ ސްޓެފަނީ އަތުން 4-1 އިން މޮޅުވެފަ އެވެ. އެކަމަކު، ގްރޫޕް އެއް ވަަނަ ހޯދި ޗިން، އާއި ދެ ވަނަ ހޯދި ފިޖީގެ ކެރޮލިން އަތުން ވަނީ 4-2 އިން ބަލިވެފަ އެވެ.

އިއްޔެގެ މެޗެއްގެ ތެރެއިން ޖުމާނާ: އޭނާ ވަނީ ހަތަރު ކުުޅުންތެރިން ހިމެނޭ ގްރޫޕެއްގައި ވާދަކޮށް ރަނގަޅު ކުޅުމެއް ދައްކާފައި.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ޗިން ކައިރިން ޖުމާނާ ފުރަތަމަ ދެ ސެޓު، 08-11، 07-11 އިން ކުރިހޯދި އެެވެ. އެކަމަކު، ދެން ކުުޅުނު ހަތަރު ސެޓު، 12-10، 11-07، 11-06 އަދި 12-10 އިން ގެންގޮސް ޗިން މޮޅުވީ އެވެ.

ކެރޮލިންއާ ދެކޮޅަށް ޖުމާނާ ކުޅުނު މެޗުގައި ފުރަތަމަ ސެޓު ގެންދިޔައީ، 11-09 އިން ކެރޮލިން އެވެ. އެކަމަކު، ޖުމާނާ ވަނީ ޖެހިގެން އައި ސެޓު 11-01 އިން ގެންގޮސް އެއްވަރުކޮށްފަ އެވެ. ކެރޮލިން ވަނީ އާ ހިތްވަރަކާ އެކު، 11-06، 13-11 އިން ދެން ކުޅުނު ދެ ސެޓު ގެންގޮސްފަ އެވެ. ޖުމާނާ ވަނީ ފަސް ވަނަ އަށް ކުޅުނު ސެޓު 02-11 އިން ގެންގޮސް މެޗުގައި ކުރިއަށް ދިއުމަށް އުންމީދެއް ހޯދައިފަ އެވެ. އެކަމަކު، ހަ ވަނަ ސެޓު، 11-09 އިން ގެންގޮސް ކެރޮލިން މޮޅުވީ އެވެ.

ވަނުއާޓޫގެ ސްޓެފަނީ އަތުން ޖުމާނާ މޮޅުވި ރަނގަޅު ފޯމެއްގައި ކުޅެގެންނެވެ. ފުރަތަމަ ސެޓު 11-08 އިން ޖުމާނާ ގެންގޮސްފައިވަނިކޮށް، ދެން ކުޅުނު ސެޓު 08-11 އިން ގެންގޮސް ސްޓެފަނީ ވަނީ އެއްވަރުކޮށްފަ އެވެ. އެކަމަކު، ދެން ކުޅުނު ތިން ސެޓު ވެސް 11-02، 11-05 އަދި 11-07 އިން ގެންގޮސް ޖުމާނާ މެޗުން މޮޅުވީ އެވެ.

ފިިރިހެން ސިންގަލްސްގައި ރާއްޖޭގެ މޫސާ މުންސިފް ހިމެނުނީ ގާނާގެ ޑެރެކް އަބްރީފާ އާއި ބަންގްލަދޭޝްގެ ރިއްފަތު ސާބިރުއާ އެއް ގްރޫޕެއްގަ އެވެ، މުންސިފް ވަނީ ފުރަތަމަ މެޗުގައި އަބްރީފާއާ ކުޅެގެން 4-0 އިން ބަލިވެފަ އެވެ. އަބްރީފާ ސެޓުތައް ގެންދިޔައީ، 11-07، 11-04، 11-09 އަދި 11-08 އިންނެވެ.

ފިރިހެން ސިންގަލްސްގައި މުންސިފް ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


މުންސިފް ގްރޫޕްގައި ކުޅުނު ފަހު މެޗު ދިޔައީ ހަތް ސެޓަށެވެ. ރިއްފަތު ވަނީ 4-3 އިން މުންސިފް ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަަތަމަ ދެ ސެޓު، 08-11 އާއި 05-11 އިން މުންސިފް ވަނީ ގެންގޮސްފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓު، 11-06، 11-04 އިން ގެންގޮސް ރިއްފަތު އެއްވަރުކުރި އެވެ. ފަސް ވަނަ ސެޓު 07-11 އިން ގެންގޮސް މުންސިފް ލީޑު ނެގިތަނާ، ހަ ވަނަ ސެޓު، 11-08 އިން ކާމިޔާބުކޮށް ރިއްފަތު ވަނީ ނަތީޖާ ނެރޭ ސެޓަކަށް މެޗު ގެންގޮސްފަ އެވެ. މި ސެޓުގައި ފޯރިގަދަ ކުޅުމަކަށް ފަހު ރިއްފަތު 11-07 އިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.

ކޮމަންވެލްތު ގޭމްސްގައި ޓީޓީ ޓީމަށް މިއަދު އޮތީ ރަފާގެ ސިންގަލްސް އާއި ރަފާ އާއި މުންސިފްގެ ޕެއާ މޮރިޝަސްގެ ޕެއާ އަކާ ވާދަކުރާ މިކްސް ޑަބަލްސް އެވެ.

މާދަމާ ރާއްޖޭގެ އަންހެން ޑަބަލްސް ދެ ޕެއާގެ މެޗުތައް އޮންނާނެ އެވެ. އެއީ ދީމާ އާއި ރަފާގެ ޕެއާ އާއި ޖުމާނާ އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ އެވެ.