ޖޭޕީން ވާދަކުރަން ނިންމި ނިންމުން ބަދަލު ނުވާނެ ކަމަށް ދަންނަވަން ދަތި: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް: 2023 ގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް: 2023 ގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު

ދެހާސްތޭވީސްވަަނަ އަަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ނިންމުން ބަދަލުނުވާނެ ކަމަށް ދަންނަވަން ދަތި ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.

"ތައްޔާރު" ނަމުގައި އެ ޕާޓީން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ މައިގަނޑު މަގްސަދަކަށް އޮންނަން ވާނީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށެވެ. މިހާތަނަށް ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުން އައީ ވެސް އެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ވަރަށް ކައިރީގައި އޮތް އިރު، އިންތިހާބު އަންނަންވާއިރަށް ޕާޓީން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އަދި ނުވެ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. ޕާޓީގެ ނިންމުމަކަށް އަދި އޮތީ އިންތިހާބުގައި ވާދަކުރުން ކަމަށް ވިޔަސް އެ ނިންމުން ބަދަލުނުވާނެ ކަމަށް ދަންނަވަން ދަތި ކަމަށް ވިދާޅުވި އެވެ.

"ޕާޓީގެ ކައުންސިލްގެ ނިންމުމެއް ވެސް އެބަ އޮތް، އަޅުގަނޑުމެންގެ ޕާޓީން 2023 އަށް ރިޔާސީ ކެންޑިޑޭޓަކު ނެރެން. އެކަމަކު އެ ނިންމުމަށް ބަދަލެއް ނާންނާނެކަން ދަންނަވަން އަދި ދަތި،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ޖޭޕީން މިހާރު ގެންދަނީ ކޮންމެ ރަށެއްގައި އެ ޕާޓީގެ ގޮތްޕެއް ގާއިމް ކުުރުމަށް މަސައްކަތް ކުރަމުންނެވެ. އެއަށް ފަހު ޕާޓީގެ ކޮންގްރެސް ބާއްވާނެ ކަމަށާއި، ރިޔާސީ އިންތިހާބުގެ ގިނަ ކަންކަން ނިންމާނީ އެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިމު ވެސް އަޅުގަނޑުމެން ބާކީވެގެން ނުދާނެ. ސިޔާސީ ގޮތުން ބާރުވެރިކަމެއް ލިބިގެން އަޅުގަނޑުމެންގެ އުއްމީދުތައް އޮތް ގޮތަށް ރައްޔިތުންނަށް ކަންކަން ޑެލިވާ ކުރެވޭނީ ވެސް،" ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގައިމު ވެސް ތިބޭނީ ހަމަހޭގައި،" 2008 ވަަނަ އަހަރު، 2013 ވަނަ އަހަރު، އަދި 2018 ވަނަ އަަހަރު ވެސް ކޯލިޝަންތަކެއް އުފެއްދުމަށް ފަހު ޖޭޕީން ކުރި ތަޖުރިބާތަކަށް އަލި އަޅުވައިލައްވަމުން ގާސިމް ވިދާޅުވި އެވެ.

މިހާތަނަށް ކޮންމެ ސަރުކާރެއް އެކުލެވިފައި އޮތީ ޖޭޕީގެ ބައިވެރިވުން އޮވެގެނެވެ. ނަމަވެސް އެކަމަކީ އެހާ ވެސް ފަހުރުވެރިވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ގާސިމް މިރޭ ވިދާޅުވި އެވެ. އެކަމުން ހިތްވަރު ލިބިގެން އެއަށް ވުރެ ކުރިއަށްދާން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ފާޑު ވިދާޅުވި، ރައީސްއަށް ތައުރީފް ކުރެއްވި

ޖުމްހޫރީ ޕާޓީއަށް އަލަށް ސޮއިކުރި މެންބަރުން އެ ޕާޓީއަށް ގުޅުމުގެ އުފަލުގައި ބޭއްވި އެ ޖަލްސާގައި ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ބައެއް ވާހަކަފުޅުތަކަށް ފާޑުވިދާޅުވެފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބައެއް މަސައްކަތްޕުޅުތަކަށް ތައުރީފް ވެސް ކުރެއްވި އެވެ.

ސިޔާސީ ބައެއް ބޭފުޅުން ކަމަށް ބެލެވޭ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވެފައި މި ދަނޑިވަޅުގައި އެކަމާ ގުޅުވައި ނަޝީދު ދައްކަވަމުން ގެންދަވާ ބައެއް ވާހަކަފުޅުތަކަކީ އެންމެ ރަނގަޅު ވާހަކަފުޅުތަކެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަޝީދުގެ ނަން ނުގެންނެވައި ގާސިމް ވިދާޅުވީ، "ވަކި މީހަކު އަރައި އެބަ ބުނޭ މަޖިލީހުގެ މެންބަރުން ބޭނުންހާ ގޮތަކަށް ފުލުހަށް ހާޒިރުކޮށްގެން ނުވާނެ" އެވެ. އެކަމަކު ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތު ކުރެވޭއިރު ވަކި މީހަކަށް ބެލުމެއް ނެތި އެ މައްސަލައެއް ބެލެން ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ މަސްލަހަތު. އަޅުގަނޑު ޝައްކެއް ނުކުރަން ރާއްޖޭގެ އަމަން ބަލަހައްޓަން ތިބި ފަރާތްތައް. އެ ފަރާތްތަކަށް ގާނޫނު އަސާސީގައިވާ ޒިންމާ އަދާކުރާނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން،" ފުލުހުންގެ ޒިންމާ އަދާ ކުރުމަށް ގޮވާލައްވަމުން ގާސިމް ވިދާޅުވި އެވެ.

އެއަށް ފަހު ކޮވިޑް-19 ގެ ބަލިމަޑުކަމާއި، ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ އިގްތިސޯދަށް ވެގެން ދިޔަ ގޮތް ރާއްޖެއަށް ކުރިމަތިނުވެ އޮތީތީވެ ގާސިމް ވަނީ ރައީސް ސޯލިހަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާތަނަށް ކޮށްދެއްވި އިހުލާސްތެރި މަސައްކަތަށް ޝުކުރު ދަންނަވަން. ލަންކާގެ ހާލަތު އޮތް ގޮތް އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ. އެކަމަކު އެ ހާލަތަށް މި ރާއްޖެ ނުދޭ." ރައީސްއަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަޖުރިބާއަކީ ކަންކަން ހައްލުވެގެން ދަނީ ވަކި ނިޒާމަކަށް ނުވަތަ ވަކި ގޮތަކަށް ގާނޫނު އަސާސީއާއި ގާނޫނުތައް ބައްޓަން ކޮށްގެން ނޫން ކަމަށެވެ. އެކަން ވެގެން ދަނީ އެ ކަމެއް ކުރުމުގެ ވިސްނުމާއި ގާބިލްކަން ހުރި މީހަކު ނުވަތަ ބަޔަކު އެ ކަންކަމާ ހަވާލުވުމުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox