Advertisement

ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރަނީ

25 މޭ 2022 - 22:23 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު އެމްޑަބްލިޔުއެސްސީގެ ޖަލްސާގައި ވާހަކަދައްކަވަނީ: ރައީސް ވިދާޅުވީ އިގުތިސޯދާ މެދު ހާސްވެ ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށް. -- ފޮޓޯ: ރައީސް އޮފީސް


ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރަނީ

25 މޭ 2022 - 22:23 0

ދުނިޔޭގެ އިގުތިސޯދަށް އަންނަމުންދާ ބަދަލުތަކާއި ގޮންޖެހުންތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ތަރުތީބަށް ބަދަލު ގެނެސް، ދައުލަތުގެ ހަރަދުތައް ކުޑަކުރުރަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިޔުއެސްސީގެ 27 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި އިގުތިސޯދަށް އަލިއަޅުވާލާ ރައީސް ސޯލިހު މިހެން ވިދާޅުވީ، ރާއްޖޭގެ ދަރަނިތައް އަދާނުކުރެވި 2023 ގެ ނިޔަލަށް ޑީފޯލްޓް ވެދާނެ ކަމަށް ދުނިޔޭގެ ބޮޑު ބޭންކަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ވަނީ މިރޭ ދެއްކެވި ވާހަކަފުޅުގައި އެކަމާ ގުޅުވާ، ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ. އަދި ވިދާޅުވީ، އަންނަ އަހަރާއީ އޭގެ ކުރިޔަށް އޮތް އަހަރު ވެސް ބަޖެޓުކޮށްފައިވާ ގޮތަށް އެކަން ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

ދަރަންޏަކީ ސަރުކާރަށް އަބަދުވެސް ނަގަމުން ދައްކަމުންދާ އެއްޗެއް، އެއްވެސް ދަތިކަމެއް ނެތް ވާހަކަ ވެސް ނެތްކަމަށް، 2023 އަދި 2024 ވަނަ އަހަރުވެސް ބަޖެޓުކޮށްފައިވާ ގޮތަށް އެކަން ކުރިޔަށް ގެންދެވޭނެ."

ދަރަނި އަދާކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި ނަަމަވެސް މިހާރު ހިނގަމުންދާ ރަޝިއާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އިގުތިސޯދީ ފިއްތުންތަކެއް އެބަހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފަދަ ހާލަތެއްގައި ރާއްޖޭގެ އިގުތިސޯދީ ހާލަތު ނޭނގުމެއްގެ ތެރެއަށް ވެއްޓޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އިސްކަން ދޭނެ ތަރުތީބަށް އަޅުގަނޑުމެން ބަދަލުތަކެއް އެބަ ގެންނަން. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވެސް މި އަންނަނީ ފިޔަވަޅުތަކެއް އަޅަމުން. މިފަދަ ހާލަތެއްގައި، ނޭނގުމެއްގެ ތެރެއަށް ރާއްޖޭގެ އިގުތިސޯދު ވެއްޓޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުން ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅިގެންނެވެ. މި އިސްލާހަށް އިދިކޮޅާއި އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފަ އޮއްވާ، އިކޮނޮމިކް ކައުންސިލުން ވަނީ ބިލުން އެބައި އުނިކުރަން މިއަދު ނިންމާފަ އެވެ.

ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ހުށަހެޅުމާ ގުޅިގެން ރައީސް ވިދާޅުވީ، އެއީ ފަތުރުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މިދިޔަ އަހަރު ފަހުކޮޅު ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރަން ޖެހުނީ އެފަހުން ހާލަތު ބަދަލުވެ އިގުތިސޯދީ ރޭވުންތަކަށް ހިޔަނި އެޅުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ރިސޯޓްތަކުގެ ބިމުކުލި ކުޑަކުރުމަށް، މިދިޔަ އަހަރުގެ ފަހުކޮޅު އަޅުގަނޑުމެން ނިންމިން. އަދި އެކަމާ ބެހޭ ބިލެއް ވެސް މިއަހަރުގެ ކުރީކޮޅު އަޅުގަނޑުމެން މަޖިލީހަށް ހުށަހެޅިން. ނަމަވެސް، ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް އަރަމުންދާ ލޮޅުންތައް، އަޅުގަނޑުމެންގެ އިގުތިސޯދީ ރޭވުންތަކަށް ހިޔަނި އަޅައިފި."

ރައީސް މިހެން ވިދާޅުވި ނަމަވެސް، މަޖިލީހަށް މި ބިލު ހުށަހެޅީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާދިން ފަހުންނެވެ.

ގޮންޖެހުންތަކާ އެކުވެސް އިގުތިސޯދީ ކުރިމަގު ރަނގަޅު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި، ސަރުކާރުން އިގުތިސޯދު ސަލާމަތްކުރަން އަޅާ ފިޔަވަޅުތައް ކާމިޔާބުވާނެ ކަމަށް ވިދާޅުވި އެވެ.