ވައިލެޓުމަލުގެ ގަލަމުން ސިފަކުރެއްވި "ލޯފަންކުއްޖެއްގެ ހިތުގެ ސާބިތުކަން"

އާމިނަތު ޙުސައިން: ދިވެހި ޅެންވެރިކަމަށް ވަރަށް ބޮޑު ހިދުމަތްތަކެއް ކުރެއްވި -- ފޮޓޯ: ފައިލް

އާމިނަތު ޙުސައިން: ދިވެހި ޅެންވެރިކަމަށް ވަރަށް ބޮޑު ހިދުމަތްތަކެއް ކުރެއްވި -- ފޮޓޯ: ފައިލް

ދިވެހި ޅެންވެރިކަމުގެ ގުލްޒާރުގެ "ވައިލެޓްމާ"، ޤުދުރަތްތެރިކަން ސިފަކުރެއްވުމަށް ޚުދު އެކަމަނާގެ ޤާބިލިއްޔަތު ފުރުޞަތު ނުދޭ ކަމަށް ވިދާޅުވެ، ފަށުވި ޢިބާރާތުން ޖަރީކުރައްވާފައިވާ ޅެންބައިތެއްގައި ވެއެވެ.

"ފޮތެއް ޤަލަމެއް އޮތަސް ސިފަކޮށްދެވޭނީ އަތް ހިނގާނަމަތާ

އަތެއް އޮތަކަސް ކަމެއް ވާނީ ކިލާ ހިތުގައި ނުވާނަމަތާ"

ވިދާޅުވާ ކަހަލައެވެ. ޤުދުރަތުގެ ރީތިކަން ސިފަކުރައްވާނޭ ފަދަ ޤާބިލިއްޔަތެއް ތިމަންނާއަށް ލިބިފައެއް ނެތެވެ. އެހެންނަމަވެސް މި ވާހަކަ، ދިވެހި ޅެންވެރިކަމުގެ އެއްވެސް ދަރިވަރަކަށް ބަލައެއް ނުގަނެވޭނެއެވެ. ޚުދު އާމިނަތު ޙުސައިންގެ އެކުވެރި "މ.އ"؛ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، އެކަމަނާގެ ގަލަމުގެ ތަޞްވީރުތައް ސިފަކުރައްވާ ގޮތް އެކަނިވެސް ހެއްކަކަށް ފުދެއެވެ.

"އޭނާގެ ޅެންވެރިކަމުގައި އެކުލެވިގެންވަނީ ވަފާތެރިކަމާއި، އިޚުލާސްތެރިކަމެވެ. ސާފުކަމާއި ފަށުވިކަމެވެ. އަމިއްލަ ދިރިއުޅުއްވުމެކޭ އެއްފަދައިން އޭނާގެ ޅެންތަކުގައި ދުރުހެލިވެވަޑައިގަންނަވަނީ ބޭވަފާތެރިކަމުންނާއި ޚުޝާމަދުންނެވެ. ޅެންވެރިކަމުގެ މައިދާންތަކުގެ ތެރޭގައި އާމިނަތު ޙުސައިން ނުހިންގަވާ މައިދާނެއް މަދެވެ. ޤުދުރަތުގެ އެކިއެކި މަންޒަރުތައް، އަޅުގަޑުމެންގެ ކުރިމަތީގައި ހާމަކުރައްވައި، ދެމިހުންނަނިވި ގޮތެއްގެ މަތީން ކުރެއްސެވުމަށްޓަކައި، އޭނާ ބޭނުންކުރައްވަނީ، މަޑުމަޑު ނަމަވެސް ޔަޤީންކަމުގެ ކުލަތަކެވެ. ޤުދުރަތަށް ތެދުވެރި، ލޮލަށް ފަސޭހަ ކުލަތަކެވެ. ލުއިލުއި އަތްޕުޅަކަށް ކިޔަމަންވާ ފިއްސެކެވެ. ނަތީޖާއަކީ ޅެމުގެ ޒަރީއާއިން ޤުދުރަތީ މަންޒަރު ބަޔާންކުރެއްވުމުގައި، އޭނާ ދިވެހިންގެ ތެރޭގައި، އެއްވަނަ ދަރަޖައިގައި ހިމެނިވަޑައިގެންފައިވާކަމެވެ."

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީ މި ވިދާޅުވާ މަޑުމަޑު އެހެންނަމަވެސް ސާބިތު ފިހިވަޅު ފެންނަ އެއް ޅެމަކީ ދިވެހި ހުރިހާ ޢުމުރެއްގެ މީހުންވެސް ދަންނަ، މަޝްހޫރު ޅެމެކެވެ. "ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" މި ޅެމުގައި ޅެންވެރިޔާ ސިފަކުރައްވަނީ ޤުދުރަތްތެރިކަމުގެ ރީތި މަންޒަރުތައް ފެނުމުން މަޙުރޫމުވެފައިވާ ކުޑަކުއްޖަކު، ދުނިޔޭގެ އެ މަންޒަރުތައް އޭނާއަށް ސާފުވާނޭ ގޮތެއްގައި ސިފަކޮށްދިނުމަށް އެދި އޭނާގެ މަންމަގެ ގާތުގައި ކުރާ އާދޭހެވެ. މި ޅެމުގައި ސިފަކުރައްވާފައިވަނީ އިހުސާސްތަކެކެވެ. ޅެމުގެ ބާރަ ބައިތުންކުރެ ނުވަ ބައިތުގެ ޢަޖުޒުގައި "ސިފަ މަށަށް ކޮށްދޭނުހޭ"، "ސިފަ ހިތަށް ކޮށްދޭނުހޭ" އަދި "ސިފަ ނިކަން ކޮށްދޭނުހޭ" މި ޢިބާރާތްތައް ތަކުރާރުކުރައްވާފައި ވުމުން، އެ ކުއްޖާ އެ މަންޒަރު "އިހުސާސްކުރަން" ބޭނުންވާ މިންވަރު ކިޔުންތެރިންނަށްވެސް އިހުސާސްކުރެވެއެވެ. މި ޅެން ކިޔާ ގިނަ ބަޔަކަށް އެ މައިމީހާއަށް ކުރާނޭ އަސަރާއި އެ ކުއްޖާއަށް އެ އުނިވާ ނިޢުމަތުގެ ޖަޒުބާތުގައި ގެނބެވި ތިބޭ ޙާލު ހަނދާނުން ކައްސާލަނީ މި ޅެމުގެ މަޢުޟޫއެވެ. ޅެމުގެ ފަހު ތިން ބައިތުގައި ކިޔުންތެރިޔާއަށް ހަނދާންކޮށްދޭ ފަދައިން ޅެމުގެ މަޢުޟޫޢަކީ، ލޯފަން ކުއްޖާގެ ހިތުގެ ސާބިތުކަމުގެ ވާހަކައެވެ. މިކަމަށް އިޝާރާތްކުރައްވާ އަމީން ދީދީ ވިދާޅުވެފައިވާފަދައިން، "އޭނާއަކީ، އެންމެހާ އުފާތަކުގެ ސިއްރުކަމުގައި ހިމެނޭ ހިތުގެ ސާބިތުކަމުގެ ފަޚުރުވެރިޔާ" ކަމެވެ.

ސީދާ މި ޅެމާ ކުޑަކޮށް ފެޔަށް ޖެހިލާނަމެވެ. އެހެންނަމަވެސް މަޢުޟޫޢުގެ ހިޔަނީގެ ތެރޭގައި އެއް ފައި ބަހައްޓައިގެންނެވެ. އަދަބީ ލިޔުންތަކުގައި ލޮލަށް ނުފެނުން މަޖާޒީ ގޮތެއްގައިވެސް ބޭނުންކުރެވެއެވެ. އެކަން ހަނދާންކޮށްދެމުން އިނގިރޭސި އަދަބިއްޔާތުގެ ދަރިވަރު ފްރެންޗެސްކާ އޮރެސްޓާނޯ ވިދާޅުވަނީ އަދަބިއްޔާތުގައި ވަރަށް ގިނަ ފަހަރަށް ލޮލަށް ނުފެނުން ސިފަކުރަނީ އެހެން ބައެއްގެ މަޖާޒީ "ކަނުކަން" ސާބިތުކޮށްދޭ ސިފައެއްގެ ގޮތުގައެވެ.

އަޅުގަނޑުމުންގެ ލޮބުވެތި ޝާޢިރާ އާމިނަތު ޙުސައިންވެސް މި ޅެން މެދުވެރިކޮށް، މި ފަދަ މެސެޖެއް ނުދެއްވާ ތޯ ސުވާލު އުފައްދަމާ ހިންގަވާށެވެ. ޅެމުގެ ފަހު ތިން ބައިތު މިތާ ނަކަލުކޮށްލާނަމެވެ.

"މަންމަމެން ރޯއަޑު މަ އަހަމޭ، ހިތިމަގޭ ޙާލާ މެދަށް

ކަންކަމުގެ ނުލިބޭނެ ދުވަހަކު، ހިތިކަމެއް ވަކިވާނުހޭ

ދުނިޔެއިން ލިބުމެއް ނުވާ އުފަލެއް މަށަށް ދުވަހަކު މުޅީން

އުނިނުވާ ސިކުޑީގެ ސާބިތުކަން ނަގާލަނުދޭނުހޭ

ހިތްކިޔާ ލަވަތައް އިވޭއިރު، މިގޮތުގައި އުފަލާއެކީ

ހިތްއުފާ މީހެއް މި ދުނިޔޭން ދެން ވަކިން ފެންނާނެހޭ"

ރޯޝަނީ ވަޒަނަށް، އޮމާންކަމާއި ސާދާކަމާއެކު އެ ކުރައްވަނީ ހާދަ މުހިއްމު ސުވާލުތަކެކެވެ. ދުރުތިބީން އެ ލޯފަން ކުއްޖާގެ ޙާލާ މެދަށް ހިތާމަކުރަމުންދާއިރު، އެމީހުންގެ ހިތުގެ ސާބިތުކަން ކޮބައިހެއްޔެވެ؟ ޚުދު އެ ކުއްޖާ އެ ޢަޒުމު ކަނޑައަޅަނީ ދުނިޔެއިން ލިބުމެއް ނުވާ އުފަލަކަށްޓަކައި ކަރުނަ ނޭޅުމަށެވެ. އެހެންކަމަށްވާނަމަ، ހުރިހާ ހިއްސު ސަލާމަތުން ހުރުމުގެ ނިޢުމަތް ލިބިފައިވާ އެހެންމީހުންގެ ހިތްތަކުގައި އެ ސާބިތުކަން އަށަނުގެންނެވޭންވީ ކީއްވެގެންހެއްޔެވެ؟

އަނެއްކާވެސް އަދަބިއްޔާތުގައި ލޮލަށް ނުފެނުން ސިފަކުރާ އެހެން ގޮތަކަށް ނަޒަރުހިންގާލަމާހެއްޔެވެ. މި ފަހަރު މަޖާޒީގޮތުންނެވެ. ޖާހިލުވުމަށެވެ. ނޫރު ފެންނާން ހުރެމެ، އެ ދިމާ ނުބެލުމަށެވެ. ޅެމުގައި ސިފަކުރާ ލޯފަން ކުއްޖާއަށް ވުރެ ބޮޑަށް ފެނުމުން މަހުރޫމުވެފައިވީ އެހެން މީހުންތޯ ސުވާލު އުފައްދަމުންނެވެ. އަޅުގަނޑުމެންގެ ވައިލެޓުމަލުގެ މިޅެން، މި ގޮތަށް މާނަކުރެވިދާނެބާވައެވެ؟ މަސައްކަތް ކުރަމާ ބަހީއެވެ. މި މަޖާޒީ ބޮޑުވާ ބިއްލޫރި އަޅައިގެން ބަލާނަމަ ޅެމުގައި އެންމެ ފާހަގަކުރެވޭ ލަފުޒަކީ ގިނަ ބައިތުތަކެއްގެ ޞަދުރުގައި ޝާޢިރާ އެ ތަކުރާރުކުރައްވާ ލަފުޒު "ތިޔަބުނާ"އެވެ. އެ ލަފުޒުން އިޝާރާތްކުރައްވަނީ "ލޯފަން ކުއްޖާ"އަށް ތަޖުރިބާކުރެވިފައި ނުވާ، އެހެންނަމަވެސް ދުރުތިބީން އެ ތަޖުރިބާތަކަށް ތާރީފު ރައްދުކުރާ ތަޖުރިބާތަކަކަށެވެ. "ތިޔަބުނާ" އެ ޢިބާރާތުގައި އެމީހުން އެ ކުއްޖާއަށް އެ ކިޔައިދޭ މަންޒަރުތަކުގައި ހަމަ އެ ވަރު މޮޅުކަމެއް ހުރިނަމަ، އެކަން ސިފަކޮށްދީ ބަލާށޭ ބުނާ ފަދަ "ޖަދަލުކުރުމުގެ ރާގެއް" ފާޅުވާކަމަށް ބެލެވިދާނެހެއްޔެވެ؟ އެހެންކަމަށް ވާނަމަ، ޅެމުގެ ބަޠަލާ ފަހު ތިން ބައިތުގައި އޭނާގެ ހިތުގެ ސާބިތުކަމުގެ ވާހަކަ ދައްކާ ހިނދު، ޙަޤީޤީ އަނދިރިކަމުގައި ވަނީ ދުރުތިބީންކަމަށް މާނަކުރާ ގޮތަށް ޅެމުގެ މާނަ ނެގިދާނޭބާއެވެ؟ ލޯފަން ކުއްޖާއަކީ އެ ބުނާ ރޫޙީ އުފާތައް ނުލިބޭ ކުއްޖެއްކަމަކު، އޭނާގެ ސާބިތުކަމަކަށް، އިމާނަކަށް ބަދަލެއް ނާންނަކަމުން، "ތިޔަ ބުނާ" ތަޖުރިބާތައް ނުކުރެވުނޭ ކިޔައި އޭނާއަށް ލިބުނު އުނިކަމަށް ނެތްކަމަށް ބުނަނީ ކަމުގައި ނުބެލޭނޭ ހެއްޔެވެ؟

މިހާ ހިސާބުން އަޅުގަނޑު ބަލާލާހިތް އޮތީ، އަމީން ދީދީ އެ ވިދާޅުވާ "ލުއި ލުއި އަތްޕުޅަށް ކިޔަމަންވާ ފިހިން" ކުރައްސަވާފައިވާ މަންޒަރުގެ އެކި ކުލަތަކަށެވެ. ޅެމުގެ ފުރަތަމަ ފަސް ބައިތަކީ ލޮލަށް ފެންނަ މީހުން އެ މަންޒަރުތައް ފެނި އެއްގޯސްވެފައިވާ ކަންތައްތައް ލޯފަން ކުއްޖަކަށް ނުފެންނާނޭކަމާއި، އެ އިހުސާސްތައް އެފަދަ ކުއްޖަކަށް ނުކުރެވޭނޭ ކަން އަންގައިދޭ ބައިތުތަކެކެވެ. މި ބައިތުތަކުން ސިފަކޮށްދޭ ކަންތައްތަކުން ކިޔުންތެރިޔާގެ ހިތުގައި ހަމްދަރުދީ އާއި ކުލުނު އުފައްދައެވެ. ތިންވަނަ ބައިތު ކިޔާލުމާއެކު ލޮލުން ކަރުނަ ފާއްދާލައެވެ.

"ދަތްދޮޅީން އަތް ނެއްޓިދާފަދަ ހިތްއެކަނިވެރި މީހަކަސް

ރަތްވިލާ ދައްކާ އެ މަންޒަރު ސިފަމަށަށް ކޮށްދޭނުހޭ"

ޅެމުގެ ހަވަނަ ބައިތާ ހަމައަށް ދާއިރު ކިޔުންތެރިންނަށް ވަރަށް ލަޠީފީކަމާއެކު ދަސްކޮށްދެއްވަނީ ލޮލަށް ނުފެނުނެއްކަމަކު، ލޯފަން ކުދިންވެސް ދުވަހީ ހަރަކާތްތަކަށް އަމިއްލަ ގޮތްތަކެއް ގެންގުޅޭކަމެވެ. އޭނާ ރޭދުވާ ވަކިކުރާ ގޮތް ކިޔައިދެމުންނެވެ. އެ ތަފާތު ކިޔައިދިނުމަށްފަހު، އޭނާއަށް އެހެން މީހުންނަށް ފެންނަ ފެނުމުން ރޭދުވާ ވަކިކުރާގޮތް ސިފަކޮށްދޭށޭ ބުނުމުން، އޭނާގެ ލޮލަށް ނުފެނުނަސް އެއީ ކުރީ ބައިތުގައި އެބުނާ ފަދަ ނިކަމެއްޗެއް ނޫންކަން އެބަ އަންގައިދެއެވެ. އޭނާއަށް ބާރުވެރިކަމެއް އެބަ ދެވެއެވެ.

ޅެމުގެ ނިމުމާ ހަމައަށް ދާއިރު، ޅެން ފެށިއިރު ކިޔުންތެރިންގެ ހިތުގައި އުފެދުނު ހަމްދަރުދީގެ އިހުސާސް ތަޢުރީފަށް ބަދަލުވެގެންދަނީ، ޤުދުރަތުން އެ ލޯފަންކުއްޖާއަށް ލިބުނު "އަތްބައި" ކިތަންމެ ނިކަމެތިކަމުގައިވިޔަސް، ކާމިޔާބުގެ ވެރިޔާއަކީވެސް އޭނާކަން އެނގޭތީއެވެ. އެ ހުރިހާ ގޮންޖެހުމެއްގެ ތެރޭގައިމެ، ސާބިތު ހިތެއްގެ ވެރިއެއްގެ ގޮތުގައި ހުރީތީއެވެ.

ހަމްދަރުދީއިން ހިތްވަރަށް، ހިތްވަރުން ތަޢުރީފަށް ކިޔުންތެރިންގެ އިހުސާސްތަށް ބަދަލުވެގެންދަނީ ޅެންވެރިކަމުގެ ތެރެއިން އެއްވެސް މަޖުބޫރުކަމެއް ނުދައްކައެވެ. އިހުސާސްތަކާ ކުޅެލަނީ ދެފޮޅުވަތް ދޭތެރެއިންނޭ އެބުނާ ބީދައިންނެވެ. އަމުދުން މިއިން އިހުސާސެއްގެ ނަންވެސް ނުގަނެއެވެ.

"ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" މިއީ ހިނގައިގަނެވުނު ދައުރުގެ މި ފަދަ ޅެންވެރިކަމުގެ ތެރެއިން އަރާހުރި ޅެމެކެވެ. އަދި ވަކިން ޚާއްޞަކޮށް، ތިނަދޫ މަރިޔަން ދީދީގެ އަޑުން އެ ލަވަ ކިޔާލާ އިރު، އަޑުއަހާން ހުންނަ މީހެއްގެ ލޮލުން ކަރުނަ ނުފޭދި ނުދާނެއެވެ. ޒަމާނަށް އައި ބަދަލަކާހުރެ، ދިރިއުޅުމަށް އައި ތަރައްޤީއާ ހުރެ، މި ޅެމުގެ އިހުސާސްތަކަށް ފަނޑުކަމެއް ނާދެއެވެ.

ޚުދު ޅެންވެރިޔާގެ އެހެން ޅެމެއްކަމަށްވާ "ޤުދުރަތީ ރީތިކަން" މި ޅެމުގައި ލިޔުއްވާފައިވެއެވެ.

"ބަލަންހުއްޓަސް އެތާގައި އޮއްސެމުން އިރުދާ ވަގުތުތަކުގައި

އަލަށް ފެންނާނެ ކުލަތައް ދެންނެވޭނީ ސިކުނޑި އާ ނަމަތާ"

އޭރުގެ ރީތި ޅެމެކެވެ. ސިފަކުރައްވާފައިވަނީ އިންތިހާ ފުރިހަމަކަމާއެކުގައެވެ. ޅެންވެރިކަމުގެ ހަމަތަކާއި ސުލޫކަށް އިޙުތިރާމުކުރައްވަމުންނެވެ. މިއީ އޭގެ އެތައް އަހަރެއް ފަހެވެ. އެ ޒަމާން "އޮއްސިއްޖެ"އެވެ. އެހެންނަމަބެސް އަލަން ފެންނަ ކުލަތަކުގެ ތެރެއަށް އޮއްސެމުންދާ އިރުގެ ދޯދިތަކުގެ ރަންކުލަ ފޭދެމުން ދެއެވެ. އާ ސިކުނޑިއަކުން މި މަންޒަރު ބަލާއިރު، މި ފެންނަނީ އެ ޅެމެވެ. އެހެންނަމަވެސް އާ މަންޒަރެއްގެ ސިފައިގައެވެ. އެތައް ޖީލެއްގެ ތަޖުރިބާގެ ފިހިން އެ ޅެމަށް ގެނައި ބަދަލުތަކާވެސް އެކުގައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox