ރެފަރެންޑަމުގައި ވޯޓުލުމުގެ ކުރިން ރައްޔިތުން ވިސްނަވާލައްވަންވާނެ ބައެއް ކަންކަން

ރެފަރެންޑަމުގައި ވޯޓުލުމުގެ ކުރިން ރައްޔިތުން ވިސްނަވާލައްވަންވާނެ ބައެއް ކަންކަން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު އެ ދުވަހެއްގައި ބޭއްވުމަށްޓަކައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތު ކުރުކުރުމަށް ފެނޭތޯ ބެލުމަށް ބާއްވާ ދުސްތޫރީ ރިފަރެންޑަމްއާ ގާތްވަމުންދާއިރު، ވޯޓުލުމުގެ ކުރިން ތިރީގައިވާ ކަންކަމާ މެދު ފުންކޮށް ވިސްނާވަޑައިގަތުން އެދެވިގެންވެއެވެ. ތިޔަބޭފުޅުންގެ ނިންމެވުމަކީ ގައުމުގެ މުސްތަގުބަލަށް ނުހަނު މުހިންމު އަސަރުތަކެއް ކުރާނޭ ނިންމެވުމަކަށް ވާތީ، މި ނިންމެވުމަކީ މައުލޫމާތުގެ އަލީގައި ނިންމަވާ ނިންމެވުމެއް ކަމަށް ހައްދަވާށެވެ.

ބާރުތައް ވަކިވެފައި އޮތުން

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބިނާވެފައިވަނީ ވެރިކަން ހިންގުމުގެ ބާރާއި (ރައީސުލްޖުމްހޫރިއްޔާ)، ގާނޫނު ހެދުމުގެ ބާރާއި (ރައްޔިތުންގެ މަޖިލިސް) އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު (ކޯޓުތައް) ސާފުކޮށް ވަކިކުރެވިފައިވާ ނިޒާމެއްގެ މައްޗަށެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހަކު ބޭއްވުމަކީ، މި ދެ ބާރަށް ދެވޭ ދުސްތޫރީ ދައުރު މަސްހުނިވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން ކޮންމެ ބާރަކަށް އޮންނަ ވަކިވަކި ގާނޫނީ ހައިސިއްޔަތާއި ބާރާއި މިނިވަންކަމަށް ބުރޫއަރައި، ހަމައެކަނި ދެ އިންތިހާބުގެ ފޯކަސް ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ފޯކަސްކުރެވުމުގެ ސަބަބުން މަޖިލިސް މެންބަރުންގެ ވަކިވަކި އިންތިހާބީ ދާއިރާތަކުގެ މަސްލަހަތުތައް ލޯމަތިން ގެއްލި މަޖިލީހުގެ ދާއިރާތަކުގެ ބާރާއި ނުފޫޒަށް އަދި ދާއިރާތަކުގެ ތަރައްގީއާއި ވަކިވަކި މެންބަރުންގެ ޒިންމާތަކަށް ބެލުމުގެ ބަދަލުގައި، ރިޔާސީ ކެނޑިޑޭޓުންގެ ސަބަބުން އުފެދޭ ސިޔާސީ ރޯޅީގެ ކަނޑަށް މަޖިލީހުގެ މެންބަރުންގެ އިންތިހާބުގެ ނަޒަރު ޣައަގުވެގެންދާނެއެވެ.

ޒިންމާދާރުކުރުވުމުގެ ފުރުސަތު ގެއްލުން

ތަފާތު ތާރީހެއްގައި ހާއްސަކޮށް ރިޔާސީ ދައުރުގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތައް ބޭއްވުމުން، ސަރުކާރުގެ މަސައްކަތްތަކާ މެދު އަލުން މުރާޖަޢާކޮށް ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެއެވެ. ނަމަވެސް އިންތިހާބުތައް އެއްކޮށްލުމުން މި ފުރުސަތު ހަނިވެ، ސަރުކާރު ޒިންމާދާރުކުރުވުމަށް އޮންނަ މަގުތައް މަދުވެއެވެ. އަދި ހުރިހާ ވަސީލަތްތަކާއި ސަމާލުކަމެއް ރިޔާސީ އިންތިހާބަށް ހުސްވެ، މަޖިލިސް ގޮނޑިތަކަށް ވާދަކުރާ ކުދި ޕާޓީތަކަށް އަދި މިނިވަން ކެނޑިޑޭޓުންނަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެއެވެ.

އިންތިހާބުގެ އިދާރީ ހިންގުން

ރިޔާސީ އަދި މަޖިލިސް އިންތިހާބު ބާއްވަންޖެހޭ ގޮތުގެ ތަފްސީލީ އުސޫލުތައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ވޯޓުލާ މީހުންގެ ދަފްތަރު ތަރުތީބުކުރުމާއި، ދާއިރާތައް ކަނޑައެޅުމާއި، އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން ހިމެނެއެވެ. މިފަދަ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަކީ އިދާރީގޮތުން ކުރިމަތިވާނެ ގޮންޖެހުންތައް އިންތިހާއަށް އިތުރުވެ، އިދާރީ ކުށްތައް ހިނގުމާއި، އާންމުންނާއި އޮފިޝަލުން އޮޅުންބޮޅުންވުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް އޮންނަ އިތުބާރު ގެއްލި، ދަސްތޫރީ ހަމަތަކާއި ދެފުށް ފެންނަ އުސޫލުތަކަށް ބުރޫއެރުމުގެ ބިރު އެބައޮތެވެ.

އިލެކްޝަންސް ކޮމިޝަނަށް ނުތަކާވަރުގެ ބުރައެއް ކުރިމަތިވުން

އެއްފަހަރާ ދެ އިންތިހާބު ބޭއްވުމަކީ ވޯޓު ކަރުދާހުގެ ބާވަތްތަކާއި، ތަމްރީނުތަކާއި، ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތާއި، ވޯޓު ގުނުމުގެ މަރުހަލާ ދެގުނަވުމެވެ. މީގެ ސަބަބުން އިދާރީ ގޯސްތައް ހިނގުމާއި، ނަތީޖާ އިއުލާންކުރުން ލަސްވުމާއި، ޝަކުވާތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އަދި އިންތިހާބީ މައްސަލަތައް ނިންމުމަށް ޝަރުއީ ނިޒާމަށްވެސް އިތުރު ބުރައެއް އުފުލަންޖެހޭނެއެވެ.

ރައްޔިތުން ތަމްސީލުކުރުން

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަކީ ތަފާތު ދެ މަގްސަދެއްގައި ބާއްވާ ދެ އިންތިހާބެކެވެ. ރިޔާސީ އިންތިހާބުން ކަނޑައަޅަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއެވެ. މަޖިލިސް އިންތިހާބަކީ ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކޮށް، ޖަވާބުދާރީވުން ކަށަވަރުކޮށްދޭ އިންތިހާބެކެވެ. މި ދެ އިންތިހާބު އެއްކޮށްލުމުން، ދާއިރާއެއްގެ މަސްލަހަތަށް ވިސްނުމުގެ ބަދަލުގައި، ރިޔާސީ ކެންޑިޑޭޓަށް ބަލައިގެން ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރުވެއެވެ. މީގެ ސަބަބުން މަޖިލިސް މެންބަރުންނާއި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވެ، މަޖިލީހުގެ މިނިވަންކަން ގެއްލިގެންދެއެވެ. ދުސްތޫރީ އަދި ސިޔާސީ ފަލްސަފާއަށް ބަލާއިރު މި ގޮތަށް ހެދުމުން ނިކުންނަ ނަތީޖާއަކީ ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުވުން ކަމަށްވެސް މާނަކުރެވިދާނެއެވެ. އެގޮތަކީ މިހާރު މި އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ހަމަތަކާ ފުށުއަރާނެ ގޮތެކެވެ.

ވޯޓުލާ މީހުންނަށް އޮޅުން އެރުމާއި ނިންމުންތަކުގެ ފެންވަރު ދަށްވުން

ގިނަ އިންތިހާބުތަކެއް އެއް ދުވަހަކު ބޭއްވުމުން ވޯޓު ކަރުދާސް ދިގުވެ، ވޯޓުލާ މީހުން ވަރުބަލިވެ، ކެންޑިޑޭޓުންގެ ފެންވަރަށް ބަލައި ވަކިވަކިން ގޮތް ނިންމުމުގެ ބަދަލުގައި ހަމައެކަނި ޕާޓީއަށް ނުވަތަ ރިޔާސީ ކެންޑިޑޭޓަށް ބަލައި ވޯޓުލުން އިތުރުވެއެވެ. މީގެ ސަބަބުން ރައްޔިތުންގެ ހަގީގީ ވިސްނުން ފާޅުކުރުމަށް ހުރަސްއެޅިގެންދެއެވެ.

ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވުން

އިންތިހާބުތައް އެއްކޮށްލުމަކީ ވެރިކަމުގައި ހުންނަ ފަރާތަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ލިބޭ ބޮޑު ފުރުސަތެކެވެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ހަރުދަނާ ބަހުސަކަށްފަހު ކުރަންޖެހޭ ކަމަކަށް ވިޔަސް، އިންތިހާބާ ދިމާކޮށް މިފަދަ ބަދަލުތައް ގެނައުމަކީ ސިޔާސީ މަންފާއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮވެއެވެ.

ގާނޫނީ ހަމަޖެހުމާއި ދަސްތޫރީ އުސޫލުތައް

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުންނެވެ. އަދި އަސާސީ ހައްގުތަކާއި އިންތިހާބީ އުސޫލުތަކަށް ބަދަލު ގެންނަނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބާއްވަންޖެހެއެވެ. މިފަދަ އަސާސީ ކަންކަމަށް ބަދަލު ގެނައުމަކީ ގާނޫނީ ހަމަޖެހުމަށް ބުރޫއަރައި، ދައުލަތުގެ ބާރުތަކުގެ މެދުގައި އޮންނަ 'ޗެކް އެންޑް ބެލެންސް' ނުވަތަ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމުގެ ނިޒާމު ބަލިކަށިވެދާނެ ކަމެކެވެ.

މިނިވަން މުއައްސަސާތަކާއި މީޑިއާއަށް ކުރާނެ އަސަރު

އެއް ދުވަހަކު ގިނަ ބާރުތަކެއްގެ ނަސީބު ކަނޑައެޅޭއިރު، މައުލޫމާތު ފެތުރުމާއި މުއައްސަސާތަކުގެ މައްޗަށް އޮންނަ ނުފޫޒު ގަދަވެއެވެ. މީޑިއާގެ މިނިވަންކަމާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު މިފަދަ ހާލަތެއްގައި ހަނިވެ، އިންތިހާބު އިންސާފުވެރިކަމާއެކު މޮނިޓަރ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެއެވެ.

ގާނޫނީ އަދި މުއައްސަސާވީ ދެމެހެއްޓެނިވިކަމަށް ކުރާނެ އަސަރު

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާއާއި މަޖިލިސް މެންބަރުންގެ ދައުރާއި، މަގާމުން ވަކިވުމުގެ އުސޫލުތައް ވަނީ ވަކިވަކިން ކަނޑައަޅާފައެވެ. އިންތިހާބުތައް އެއްކޮށްލުމަކީ މަގާމެއް ހުސްވެއްޖެ ހާލަތެއްގައި ނުވަތަ ގާނޫނީ ނިޒާމުގެ ދުވެލި ހިނގުމުގައި އޮޅުންބޮޅުންތަކެއް އުފެދި، ދައުލަތް ހިންގުމުގެ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox