Advertisement

ޔާމީންގެ ވާހަކަތައް ދޮގުކޮށްފި، ޑިފެންސުން ބުނަނީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ރާއްޖޭގައި ނެތް ކަމަށް

12 މާރިޗު 2022 - 19:51 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މާރިޔާ (މ) އަދި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް (ވ) -- ފޮޓޯ: އަދަދު


ޔާމީންގެ ވާހަކަތައް ދޮގުކޮށްފި، ޑިފެންސުން ބުނަނީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ރާއްޖޭގައި ނެތް ކަމަށް

12 މާރިޗު 2022 - 19:51 0

އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ އުތުރުތިލަފަޅަކީ އެގައުމުގެ ސިފައިންގެ އަސްކަރީ ބޭސްއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުކުރު ދުވަހު ވިދާޅުވެފައި ވަނިކޮށް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ރައީސް ޔާމީންގެ ނަން ހިމަނާފައި ނުވި ނަމަވެސް މިއަދު ޑިފެންސުން ނެރުނު ބަޔާނަކީ ހުކުރު ދުވަހު އދ. މަހިބަދޫގައި "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުން އިދިކޮޅުން ބޭއްވި ރެލީގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ވާހަކަތައް ދޮގުކުރުމުގެ ގޮތުން ނެރުނު ބަޔާނެއް ކަމަށް ބެލެވެ އެވެ. އެ ރެލީގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އުތުރު ތިލަފަޅަކީ އިންޑިއާގެ ސިފައިން ތިބޭ އެގައުމުގެ އަސްކަރީ ބޭސްއެއް ކަމަށް ވިދާޅުވެފަ އެވެ.

"އުތުރުތިލަފަޅަކީ މިއަދު އިންޑިއާގެ އަސްކަރީ ބޭސް އެއް. އުތުރުތިލަފަޅުގައި މަސައްކަތް ކުރާ އިންޑިއާ ސިފައިންނަށް ބޭނުން ވައްތަރެއްގެ ހަތިޔާރެއް ބޭނުން ކުރުމުގެ ހުއްދަ ލިބޭ. އެމީހުން ގެންނާނެ ވަރަކަށް ކޮންމެ ވައްތަރެއްގެ ހަތިޔާރު ގެންނަންވީ،" މަހިބަދޫގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން މިއަދު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެއީ "ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ" ތަނެއް ކަމަށް ބުނެފަ އެވެ.

އަދި، އެތަން ތަރައްގީ ކުރަމުންދަނީ ރާއްޖޭގެ ކޯސްޓްގާޑްގެ ބޭނުންތަކަށް އަމާޒުކޮށް، ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ އަމާޒުގައި ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން އެއީ "ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ބޭނުންވާ ގޮތަށް ފަރުމާކޮށް" ތަރައްގީކުރާ ތަނެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން، މިތަނަކީ ބޭރު ގައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއްކަމުގައި ދަންނަވަމެވެ،" މިއަދު ނެރުނު ބަޔާނުގައި ޑިފެންސުން ބުންޏެވެ.

ހުކުރު ދުވަހު މަހިބަދޫގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އިންޑިއާގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަންނަން ހުއްދަ ނަގަން ނުޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އުތުރުތިލަފަޅު އެގްރީމަންޓްގެ ދަށުން އިންޑިއާގެ އަސްކަރީ އުޅަނދު ފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނާކަށް ހުއްދަ ނަގާކަށް ނުޖެހޭ. ޖެހެނީ ހަމައެކަނި އިންފޯމް ކޮއްލަން. މީގެ ކުރިން ވަދެވޭނީ ރާއްޖެ ސަރުކާރުގެ ހުއްދަ ނަގައިގެން،" ޔާމީން ވިދާޅުވެފައިވެ އެވެ.

އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ކުރިން ކްލިއަރެންސް ހޯދައި ހުއްދަ ހޯދުމަކީ ރާއްޖޭގެ ސަރުކާރަށް އޮތް ސިޔާދަތީ ހައްގެއް ކަމަށް ބުނެ ޑިފެންސުން ވަނީ ޔާމީންގެ މި ވާހަކަތައް މިއަދު ދޮގުކޮށްފަ އެވެ.

"ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖެ އަށް އައުމުގައި ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި މި ބަނދަރަށް ވަންނަން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއްކަން ވެސް ފާހަގަކުރަމެވެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރައީސް ޔާމީން ވަނީ ހަތިޔާރާއެކު މިހާރު ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށް މަހިބަދޫގައި ބޭއްވި ރެލީގައި ވިދާޅުވެފަ އެވެ. އެ ވާހަކަތައް ވެސް ޑިފެންސް މިނިސްޓްރީން ދޮގުކުރެ އެވެ.

"ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަމުގައި ދަންނަވަމެވެ. އަދި، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައި ވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ހަރަކާތްތެރި ނުވާނެ،" އެ ބަޔާނުގައިވެ އެވެ.

ޑިފެންސް މިނިސްޓްރީން ވަނީ ސިފައިންގެ އަގު ވައްޓާލަން ހަގީގަތާ ހިލާފް ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި، މިފަދަ ވާހަކަތަކަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަމަސަލަސްކަން ގެއްލުވާލާ، ސިފައިންގެ ނަޒާހަތްތެރިކަން ގެއްލުވާލަން ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.