Advertisement

ދަމަކުގެ ބޮލިދުއްފަރު ފަޅު ރިސޯޓު ހިންގަން މެންޑަރިން އޮރިއެންޓަލްއަށް

21 ފެބުރުވަރީ 2022 - 09:47 0

އަމަން ހަލީމް

އަމަން ހަލީމް

ކ. ބޮލިދުއްފަރު ފަޅު: މި ފަޅުތަކަކީ ރައީސް ޔާމީން ސަރުކާރުން ރިސޯޓު ހަދަން ކުއްޔަށް ދޫކުރި ފަޅުތަކެއް. -- ފޮޓޯ: ގޫގްލް އާތް


ދަމަކުގެ ބޮލިދުއްފަރު ފަޅު ރިސޯޓު ހިންގަން މެންޑަރިން އޮރިއެންޓަލްއަށް

21 ފެބުރުވަރީ 2022 - 09:47 0

ދެކުނު މާލެ އަތޮޅުގައި އޮންނަ ބޮލިދުއްފަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓު ހިންގަން ހޮން ކޮންގެ މެންޑަރިން އޮރިއެންޓަލް ހޮޓެލް ގްރޫޕާ ސޮއިކޮށްފި އެވެ.

މި ރިސޯޓަކީ ޔޫއޭއީގެ ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރެއް ކަމުގައިވާ ދަމަކް ޕްރޮޕަޓީޒްގެ ވީޓާ ހައިޓްސްއިން ތަރައްގީކުރަމުންދާ 35 ހެކްޓަރުގެ ރިސޯޓެކެވެ.

މި ރިސޯޓު ވެގެންދާނީ ރިސޯޓުތަކާއި ހޮޓާ ހިންގުމުގެ ދާއިރާގައި ބައި ގަރުނަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ މެންޑަރިންއިން ރާއްޖޭގައި މެނޭޖުކުރާ ފުރަތަމަ ރިސޯޓަށެވެ. އެ ކުންފުނީގެ ކުޑައިގެ ދަށުން މިހާރުވެސް ދުނިޔޭގެ 24 ގައުމެއްގައި 36 ހޮޓަލާއި ހަތް ރެޒިޑެންސް ދަނީ ހިންގަމުންނެވެ.

މެންޑަރިން އޮރިއެންޓަލްއާ ހަވާލާދީ ބޭރު މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ރިސޯޓު ހުޅުވާނީ 2025 ގަ އެވެ.

"މެންޑަރިން އޮރިއެންޓަލްގެ ޕޯޓްފޯލިއޯ ފުޅާކުރަން ރާއްޖެއަށް ވަންނަން ވިސްނާތާ ދުވަސްކޮޅެއް ވެއްޖެ. މި ޕްރޮޖެކްޓަކީ ގްރޫޕަށް ލިބޭ ރަނގަޅު ފުރުސަތެއް," މެންޑަރިން އޮރިއެންޓަލް ގްރޫޕުގެ ސީއީއޯ ޖޭމްސް ރައިލީ ވިދާޅުވެފައި ވެ އެވެ.

ބޮލިދުއްފަރު ފަޅުގައި ތަރައްގީކުރާ ރިސޯޓު ހުންނާނެ ގޮތުގެ ކުރެހުމެއް: މި ރިސޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ ފެބްރުއަރީ 2019 ގައި. -- ފޮޓޯ: ޑިކޯ


ވެލާނާ އެއާޕޯޓުން 20 މިނިޓުން ސްޕީޑު ބޯޓުގައި ދެވޭ ބޮލިދުއްފަރު ރިސޯޓުގައި 56 އޯވާވޯޓާ ވިލާ އާއި 64 ބީޗު ފްރަންޓު ވިލާގެ އިތުރުން 10 ރެޒިޑެންސް ހުންނާނެ އެވެ. މި ވިލާތަކުގެ ސައިޒު އުޅެނީ 200 އަކަމީޓަރާއި 1000 އަކަމީޓަރާ ދެމެދު އެވެ. މިއީ އާންމުކޮށް ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަ ވަރަށް ވުރެ ސައިޒުގެ ގޮތުން ބޮޑެތި ވިލާތަކެކެވެ.

ރިސޯޓުގެ އިތުރު ފެސިލިޓީތަކުގެ ތެރޭގައި ތިން ސްޕެޝަލްޓީ ރެސްޓޯރަންޓާއި ސަންސެޓް ބާއެއް ހިމެނޭ ގޮތަށް ހަ ޑައިނިން އައުޓްލެޓާއި ހުންނާނެ އެވެ. އަދި ވެޑިންތަކާއި ބައްދަލުވުންތަކަށް ހާއްސަ ޖާގަތައް ވެސް ހުންނާނެ އެވެ.

އޭގެ އިތުރުން "ވެލްނަސް"އަށް ހާއްސަ 12 ސްޕާ ޓްރީޓްމަންޓް ރޫމާއި ވައިޓަލިޓީ ޕޫލްތަކާއި ސޯނާ އާއި ސްޓީމް ރޫމްތައް ހުންނާނެ އެވެ. މި ނޫނަސް މަތީ ފަންތީގެ ރިސޯޓުތަކުން އާންމުކޮށް ލިބެން ހުންނަ ހިދުމަތްތައް ލިބޭނެ އެވެ.

ދަމަކުން ވަނީ ބޮލިދުއްފަރު ފަޅުގެ އިތުރުން ދެކުނު މާލެ އަތޮޅުގައި އޮންނަ ވާރެއްދޫ ފަޅާއި މާދިއްގަރު ފަޅު ވެސް ރިސޯޓުތަކެއް ތަރައްގީކުރަން ކުއްޔަށް ނަގާފަ އެވެ.

މިއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޓޫރިސްޓު ރިސޯޓު ތަރައްގީކުރުމުގެ ބޭނުމަށް މާލެ އަތޮޅުން ދޫކުރި ފަޅުތަކުގެ ތެރެއިން ފަޅުތަކެކެވެ.