Advertisement

ދިގުވާހަކަ: ތޫފާން

21 ނޮވެންބަރު 2021 - 08:40 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގުވާހަކަ: ތޫފާން

21 ނޮވެންބަރު 2021 - 08:40 0

(ތިން ވަނަ ބަޔާ ގުޅޭ)

މާލެ ދެވުނީ އެރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ. ޔޫކާ ހުރީ ކޮންމެ ވެސް ވަރަކަށް ރޯގާ ވައްތަރުވެފަ އެވެ. ފެންވެރުވި އިރަށް އޭނާއަށް ނިދޭގޮތްވި އެވެ. އެނދުގައި ދެފަރާތަށް ފުރޮޅިލާ ފޮރޮޅިލާ ޔޫން އޮތެވެ. އެންމެފަހުން އަހަންނަށް ޖެހުނީ ޔޫން ގާތުގައި އޮށޯންނާށެވެ.

"ބައްޕީ، އެ ދައްތަ ބުންޏެއްނު ވަރަށް ފުރެންޑްވާނޭ." ޔޫން ސުވާލުކޮށްލި އެވެ.

ޔޫންގެ ޚިޔާލުތައް އުދުހެމުން ދިޔައީ ކޮން ދިމާއެއްގައި ކަން އަހަންނަށް ވިސްނުނީ އެހައި ހިސާބުންނެވެ. ކުއްލިއަކަށް ރިޔާޝާގެ ޚިޔާލުތަކުގެ ތެރެއަށް ގެނބެން އަހަންނަށް ވެސް މަޖުބޫރުވާން ފެށި އެވެ.

"އެއީ ބައްޕިމެން ކޯހުގައި އުޅުނުއިރުގެ ރައްޓެއްސެއް." ގަސްތުގައި ދޮގެއް ހަނދަން އަހަންނަށް މަޖުބޫރުވީ އެވެ.

"ދެން ކީއްވެ ބައްޕި އެ ދައްތަމެން ގެއަށް ނުދަނީ." ޔޫންގެ ދެވަނަ ސުވާލު އަމާޒުވި އެވެ.

"ބައްޕިމެން އެހެން ރަށެއްގައި އުޅޭތީއެއްނު. ދެން މާ ވާހަކަ ގިނަ ނުކޮށް އަވަހަށް ނިދަން އުޅޭ." ޔޫންގެ ނިތަށް ދޮނެއް ދިނުމަށްފަހު ރަޖާގަނޑު ނަގައި އޭނާގެ މޭއާ ހަމައަށް އަރުވާލަދިނީމެވެ.

އެންމެފަހުން ޔޫންއަށް ނިދޭގޮތްވިއެވެ. ޔޫން ނިދުމުން ނިތްމަތީގައި އަތްބާއްވާލަމުން އަހަންނަށް ފުން ޚިޔާލުތަކެއްގެ ތެރެއަށް ގެނބިގަނެވުނެވެ.

"ޔަނާލް ދެން އެހެން ނުހަދަބަލަ." ތުއި ރާގެއްގައި ރިޔާޝާ ބުނެލި އެވެ.

އަހަރުމެން ތިބީ ވިލިމާލޭ މޫދުގަ އެވެ. އޭރު އިރު އޮއްސެން ކައިރިވަނީ އެވެ. ޖައްވަށް ފެތުރިފައިވާ އޮރެންޖު އަލިކަމުން މުޅި މޫދު ވެސް ވަނީ ދިއްލިފަ އެވެ. އެ ވަގުތު މޫދުގައި ތިބީ މަދުބަޔެކެވެ. އަހަރުމެން ތިބި ހިސާބުގައި އަމުދުން މީހަކު ނުވެސް ނެތެވެ. އެހެންވެ މިނިވަންކަން އޮތެވެ.

"ޔަނާލް ދެން މީހަކަށް ފެނިދާނޭ." ރިޔާޝާ އުޅުނީ އަހަންނާ ދުރަށް ދެވޭތޯ އެވެ.

ނަމަވެސް އަހަރެން ހުރީ އޭނާގެ ގައިގައި ބައްދައިގެންނެވެ. ރިޔާޝާގެ އުނަގަނޑަށްވުރެ މަތީގައި ބުރަކަށިން ހިފަހައްޓައިގެންނެވެ. ރިޔާޝާ ލައިގެން ހުރީ ހުދުކުލައިގެ އަތްކުރު ޓީޝާޓަކާއި ސޯޓެކެވެ. އަހަރެން ލައިގެން ހުރި ކުރު ސޯޓުގެ ރަބަރުގައި އޭނާ ހިފައިލި އެވެ. ރިޔާޝާ ދުރަށްދާން އުޅޭވަރަކަށް އަހަރެން އުޅުނީ އޭނާ ގެނެސް އަހަރެންގެ ގަޔާލާ ފިއްތާލެވޭތޯ އެވެ. ކުއްލިއަކަށް ރިޔާޝާ ދަމައިލުމުން އޭނާ އައިސް ޖެހުނީ އަހަރެންގެ މޭގަ އެވެ. އެއާއެކު އަހަރެންގެ ހިތުގެ އަޑު އިވޭވަރަށް މެޔާލައި އޭނާ ބޮނޑިކޮށްލީމެވެ. އެހައި ހިސާބުން ދެމީހުން ރަނގަޅަށް ތަތްވި އެވެ. އަހަރެންގެ ހަރަކާތްތަކަށް ރިޔާޝާ ވެސް މަރުހަބާ ކިޔާންފެށި އެވެ. މަޑުމަޑުން ދެމީހުންގެ މޫނު ކައިރިވި އެވެ. އެކެއްގެ ނޭވާ އަނެއްކެއްގެ ތުންފަތަށް އެޅުނެވެ.

"ގެއަށް ގޮސް." ރިޔާޝާ ބޭނުންވީ މޫދުން އަރާށެވެ.

ރިޔާޝާ އުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާ އެކުގައި ވިލިމާލޭގަ އެވެ. އެގޭގައި އުޅެނީ ރިޔާޝާގެ މަންމައާއި ބައްޕަގެ އިތުރުން އޭނާގެ ކޮއްކޮ އެވެ. އެ ދުވަސްކޮޅު އެ މީހުން އުޅުނީ ބޭސްފަރުވާއަކަށް އިންޑިޔާގަ އެވެ. އެހެންވެ ރިޔާޝާ އެކަނިވެރިކަން ފިލުވައިދިނުމަށް އަހަރެން އެނގެއަށް ބަދަލުވީ އެވެ. އެގޮތް ރިޔާޝާ ވެސް ބޭނުންވީމަ އެވެ.

ގެއަށް ވަދެވުމާއެކު ރިޔާޝާ އައިސް އަހަރެންގެ ގައިގައި ތަތްވި އެވެ. މޫދުގައި އުޅުނުއިރު މާ ނޫންކަމަށް ހެދިގެން އުޅުނު މީހާއަށް ވީގޮތެއް ނޭނގުނެވެ. ހީވީ އަހަރެން ރޮލައިކައިލަން އުޅުނުހެންނެވެ. އަހަރެން ވެސް ރިޔާޝާގެ ހަރަކާތްތަކަށް މަރުހަބާ ކިޔަމުން ދިޔައީމެވެ. ބެލްކަނިން ފެށުނު ކުޅިވަރު ދިގު ލައިގެން ދިޔަ އެވެ. އެކި ތަނުގައި އެކި ގޮތަށެވެ. ފާރުބުޑުގަ އެވެ. ބައެއް ފަހަރު ފާރުގައި ތަތްވެގެންނެވެ. ދޮރު ކައިރިންނެވެ. ބިލިގާއިންނެވެ. އެންމެ ފަހުން އެނދަށް ވެއްޓިގަނެވުނެވެ.

ރިޔާޝާގެ ތޫނު ނިޔަފަތިތަކުން އަހަރެންގެ ބުރަކަށީގައި ވަކި އަޅަމުންދިޔަ އެވެ. އެކަން އަހަންނަށްވީ އިތުރު ހިތްހަމަޖެހުމަކަށެވެ. އުފަލަކަށެވެ. އެހެންވެ އަހަރެން އެދުނީ އެކަން ތަކުރާރުކުރުމަށެވެ. ރިޔާޝާގެ ހަރަކާތްތަކާއި އޭނާގެ ހޫނު ނޭވާތަކާއެކު މަސްތީ އާލަމެއްގައި ގެނބި މަރުވާވަރުވި އެވެ. ހޭވެރިކަންވީ އެތައް އިރެއް ފަހުންނެވެ. ވަރުބަލިކަމާއެކު އެހެން އޮއްވާ އަހަންނަށް ނިދުނީ އެވެ.

އަހަންނަށް ހޭލެވުނީ ރިޔާޝާގެ ފިރުމުންތަކުންނެވެ. އޭނާގެ ހަރަކާތްތަކުންނެވެ. ނޫން ކަމަށް ހެދިގެން އަހަރެން އޮތީމެވެ. އޭނާގެ ހުސިޔާރުކަން ބަލައިލާށެވެ. އަހަންނަށް އެހެން އޮވެވުނީ ހިނދުކޮޅަކަށެވެ. ހުނުމާއި މަޖަލާއެކު ނޭވާތައް ކުރުވާން ފެށިއެވެ. ނޭވާ އަވަސްވެ ވަރުބަލިކަން އިހުސާސްވާން ފެށި އެވެ.

އެންމެފަހުން ވަރުބަލިކަމާއެކު އެނދުމައްޗަށް ދެމުނެވެ. އަހަންނަށް ގަޑި ބަލައިލެވުނެވެ. އޭރު އެގާރަ ޖަހަން އުޅެނީ އެވެ. މަޑުމަޑުން އެނދުން ތެދުވެ ކުޑަ ދޮރާ ދިމާއަށް ޖެހިލައި ފޮތިގަނޑު އެއްފަރާތްކޮށްލީމެވެ. ހީވީ ރަނގަޅަށެވެ. އެއީ އަނެއް ދުވަހެވެ.

"ކީއްވެ ނުގޮވީ؟" އަހަރެން ބަލައިލީ އެނދުގައި އޮތް ރިޔާޝާއަށެވެ.

"ގޮވީމެއްނު. ޔަނާލް ބޭނުންވީ ކުލާހެއް ނޫނެއްނު. އެހެންކަމެއްނު." ރިޔާޝާ ހިނިތުންވެލި އެވެ.

"ނުވާނެ. ރިޔާގެ ސަކަރާތުގައި އަހަރެން ގަންބައިލީ. މިހާރު ފަސް ދުވަސް ގެއްލުނީ. ހިއެއް ނުވޭ އެޓެންޑެންސް ލިބޭނެހެން ވެސް." އަހަރެން އެނދުގައި އިށީނދެލީމެވެ.

"ހާސްނުވޭ. އެގްޒާމަށް ދެވޭނެ. އެކަން ކޮށްދޭނަން." ރިޔާޝާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރި ހިނިތުންވުމެކެވެ.

"އެ ކިހިނެއް؟"

"ތި ސުވާލަށް ރަނގަޅު ޖަވާބު ދިނަސް ޔަނާލް ގަބޫލެއް ނުކުރާނެ. އެހެންވީމަ އަހަރެން ބޭނުމެއް ނޫން ރަނގަޅު ޖަވާބުދޭކަށް." ރިޔާޝާ ހޭން ފެށި އެވެ.

"އާން، މިފަހަރުދެން ރިޔާއަށް އިތުބާރުކުރާނީ." އަހަރެން މިސްރާބު ޖެހީ ފާޚާނާ ދިމާއަށެވެ.

ފަހަތުން ރިޔާޝާ އައިސް އަހަރެންގެ ގައިގައި ބައްދާލި އެވެ.

"ނޫން. ދެން ވެއްޖެ. ފުދިއްޖެ. ވަރަށް ބޮޑަށް ބަނޑުހައި ވެސް ވެއްޖެ." އަހަންނަށް ދެކޮޅު ހެދުނެވެ.

ނަސީބަކުން ރިޔާޝާ އެއްޗެކޭ ނުބުނެއެވެ. އޭނާ ގޮސް އެނދުގައި އިށީނީއެވެ. ފެންވަރަން ވަދެ މާގަނޑު ދޫކޮށްލުމާއެކު ވިސްނޭން ފެށުނެވެ. އުޅެވެމުންދާ ގޮތާ މެދުގަ އެވެ. ކުރެވުނު ކަންތަކާ މެދުގަ އެވެ. މާގަނޑުގެ ދަށުގައި ފެން ދޫކޮށްލައިގެން އެތައް އިރަކު ހުރެވުނެވެ. މީހުން ބުނަނީ ތެދެކެވެ. ކަމެއްކޮށް ނިމޭއިރު އެކަމަކުން ހިތްހަމަޖެހުން ލިބުނަސް އެ ކުރެވުނު ކަމަކީ ރަނގަޅު ކަމެއް ނޫނޭ ހިތަށް އަރާނަމަ އެކަމުގައި ކޮންމެ ވެސް ގޯސްކަމެއް އުޅެނީ އެވެ. އެކަން ހިތަށް އައުމާއެކު ގައިން ހީނބިހި ނަގައި ގަތެވެ. ރިޔާޝާއާއެކު އުޅެން ފެށި ފަހުން އަހަރެންގެ އުޅުމަށް މިއާ ބަދަލެވެ. އުޅެވޭ ގޮތެވެ. ބޮޑުކަމެއްކަމަށް ހީނުވާ އެތައް ކަމެއް ކުރެވޭން ފެށި ގޮތެވެ. އެކަން އާދައަކަށް ވާން ފެށި ކަމެވެ.

ހިތަށްއަރަމުން ދިޔައެވެ. ކުރެވޭ ގޯސް ޢަމަލުތައް ބޮލަށް އޮހެމުންދާ ފެންތައް ފަދައިން ފުންނާބާ ހަމައިން ނިކުމެގެންދާނެ ނަމަ އެވެ. އެގޮތަށް ކަންތައް ބަދަލުވާނެ ނަމަ މި ފިކުރުތަކާއި ޚިޔާލުތައް ކުރާކަށް ނުޖެހޭނެ އެވެ. ދެވަނަ ސިކުންތުގައި ހިތަށްއެރި އެވެ. ތައުބާގެ ދޮރަކީ ބަންދުވާ ދޮރެއް ނޫންކަމެވެ. ކުށެއް ކުރެވުމަކީ އަދި މާޔޫސްވާންވީ ކަމެއް ނޫންކަމެވެ. ހެޔޮވިސްނުން އިސްކޮށް ތައުބާވެ އެފަދަ އަމަލުތައް ނުކުރުމުން އެކަން ވެސް ބޮލަށް އޮހޭ ފެންފަދައިން ހިނދިގެންދާނެކަމެވެ.

ފެންވަރައިލައިގެން ނިކުތް އިރު ރިޔާޝާއެއް ނެތެވެ. އެނދުމަތީގައި އަހަރެންގެ ޓީޝާޓާއި ޖީންސު އޮތްތަން ފެނުނެވެ. އަވަސްއަވަސް ކޮށްލައިގެން ދެ ރަކުއަތުގެ ނަމާދެއް ކުރުމަށް އިސްކަންދިނީމެވެ. ނަމާދުކޮށް އަވަދިވެގެން އެތައް އިރަކު ދުޢާއަށް އަތްނަގައިގެން އިނީމެވެ. ކުރެވުނު ފާފަތައް ފުއްސަވާ ދެއްވާތޯ އެވެ. އެ ފާފަތަކުގެ ކައްފާރާއަކަށް އަހަރެންގެ ދިރިއުޅުން ނުލައްވާތޯ އެވެ.

ދުޢާކޮށް ނިންމާލުމާއެކު އާދަޔާ ޚިލާފު ހިތްހަމަ ޖެހުމެއް ލިބުނެވެ. އައު ވިންދެއް ހިތުގައި ޖެހެންފެށިހެން ހީވި އެވެ. މީހާއަށް ތާޒާކަމާއި އައުރޯކަން ލިބުނުހެން ހީވާންފެށި އެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން ދެ ފަހަރަކު މޫނަށް ބަލައިލީމެވެ. ލޯގަނޑުން ވެސް ފެނުނީ ތަފާތު މީހެކެވެ. ތާޒާ މޫނެކެވެ. އެހެންވެ އަމިއްލަ ނަފުސަށް ޝުކުރު އަދާކޮށްލަމުން ބޭރަށް ނުކުމެލީމެވެ.

"ހާދަ ތާޒާހެން ހީވެޔޭ." އަހަރެން ހަމަ ފެނުމާއެކު ރިޔާޝާ ބުނެލި އެވެ.

"އާން. އަހަންނަށް ވެސް އެކަން އިހުސާސްވޭ. އެނގޭތަ ކީއްވެކަން؟" މޭޒު ކައިރީ އިށީނދެލަމުން ހިނިތުންވެލީމެވެ.

ރިޔާޝާ ހުރީ ކޮފީ ތައްޔާރުކޮށްފަ އެވެ. ގޮނޑިގައި އިށީނުމުން ކޮފީތަށި ގެނެސް ބަހައްޓައިދެމުން އޭނާ ވެސް ގޮނޑީގައި އިށީނެވެ. އަހަންނަށް ބަލައިލެވުނީ ރިޔާޝާގެ މޫނަށެވެ.

"ދެން ކޮން ދުވަހަކުން އިންނާނީ؟" އަހަރެން އަހައިލީމެވެ.

"ތި އިނީއެއް ނޫންތަ؟" ރިޔާޝާ ހިނިތުންވެލި އެވެ.

"މިބުނީ މެރީ ކުރާނީ ކޮން ދުވަހަކުންހޭ؟" އަހަރެން ވެސް ހިނިތުންވެލީމެވެ.

"އެ ކީއްކުރަން؟" ރިޔާޝާ މޫނުމަތިން ދެތިން ރޫ ފާޅުވި އެވެ.

"މިހެން ނުއިނދެ، އިނދެގެން އުޅޭކަށް ނުވާނެ. ކަމެއް ގޯސްވެއްޖެއްޔާ ޔޯ؟" އަހަރެން ބެލީ ރިޔާޝާއަށް ވިސްނައިދެވޭތޯ އެވެ. "ގޯސް ނުވިޔަސް އެ ސަޅި ކަމެއް ނޫން. ކަޑަކަމެއް."

"ގޯސްކުރާން ހުރީ ވެސް ޔަނާލެއް ނޫންތަ؟" ޕާން ފޮތީގައި ޖޭމު ޖަހައިލަމުން ރިޔާޝާ ބުނެލި އެވެ.

އަހަންނަށް އިނދެވުނީ އެވެ. ރިޔާޝާގެ ވާހަކަތައް ހުންނަ ގޮތުން އިތުރު ވާހަކައެއް ބުނާން ބޭނުން ނުވީމަ އެވެ. މިހާރު އެތައް ދުވަހަކު އެ މައުޟޫގައި އޭނާއާ ވާހަކަދެކެވިއްޖެ އެވެ. އެއްބަސްވުމަކަށް އާދެވޭނެ ގޮތެއް ނުވެ އެވެ. އޭނާ އެކަމަށް އެއްބަސްވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ކޮންމެ ފަހަރަކު ވެސް ހަތިޔާރު ބަހައްޓަން ޖެހެނީ އަހަންނަށެވެ. ގޮތް ދޫކުރާން ޖެހެނީ އަހަންނަށެވެ. އެ މައުޟޫގައި އިސްވެ ވާހަކަ ދެއްކުނީތީ ލަދުގަންނަން ޖެހެނީ އަހަންނެވެ. ރިޔާޝާ އެއިން ކަމަކަށް ފަރުވާލެއް ނުބަހައްޓަ އެވެ. އަޅައެއް ނުލަ އެވެ. ބިރެއް ނުގަނެ އެވެ.

"މިހެން އުޅޭކަށް ނުވާނެ." އަހަރެން ބޭނުންވީ ގަދަކޮށްލާށެވެ.

"ކޮން ގޮތަކަށްތަ އަހަރުމެން އުޅުނީ؟ މީހަކަށް އުނދަގުލެއް ނުކުރަން. ޖެއްސުމެއް ނުކުރަން. މީހެއްގެ ވާހަކައެއް ނުދައްކަން. މީހެއްގެ މުދަލަކަށް އަރައެއް ނުގަންނަން. މީހަކު މަރައެއް ނުލަން." ރިޔާޝާ ރުންކުރު ރާގެއްގައި ބުނެލި އެވެ.

"ދެން؟" އަހަރެން ބޭނުންވީ ރިޔާޝާއަށް ވިސްނައިދޭށެވެ.

"ދެން ކޮންކަމެއް؟" ރިޔާޝާ އެހި އެވެ.

"ހަލާލު، ހަރާމޯ؟" އަހަރެން ބަލައިލީ ސީދާ ރިޔާޝާގެ މޫނަށެވެ.

"ކުރާ ކަމެއް ކުރަނީ ގަދަކަމަކުން ނޫނެއްނު. ދެމީހުން ރުހުމުގައި ބޭނުން ވެގެން. ދެން ކޮބާ މައްސަލައަކީ؟" ރިޔާޝާގެ މޫޑު ބަދަލުވާން ފެށި އެވެ.

"ރަނގަޅޭ. އެކަމަކު ކޮންމެވެސް ކަމެއްވީމައެއްނު ކައިވެނި ކުރާން ބުނެފަ އޮންނަނީ." އަހަރެން ބޭނުންވާ ދިމާއަށް ރިޔާޝާގެ ވާހަކައިގެ މިސްރާބު ދިޔަ އެވެ.

"ޒުވާން ދުވަސްވަރު ކައިވެނިކޮށްގެން ދަރިން ބެލުންތަ އޮންނަނީ؟" ރިޔާޝާ ބަލައިލީ އަހަރެންގެ މޫނަށެވެ. "އެއީ މާކުރީގެ ޚިޔާލެއް. ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ބޭނުންކުރުމަކީ ޒުވާންކަން އުފަލާއި އަރާމުގައި ހޭދަކުރުން. ކޮންމެހެން ބަނޑަށް ކުއްޖަކު، އުރަށް ކުއްޖަކު، ފަސްބައިގައި ކުއްޖަކު އެލުވައިގެން އުޅުމެއް ނޫން."

"ރިޔާ." އަހަރެން އަތުގައި އޮތް ޕާން ފޮތި ތަށީގައި ބޭއްވީމެވެ.

"ދެން؟"

"އަހަރެން މި ބުނަނީ މިހެން އުޅެނިކޮށް ދެރަ ކަމެއް ދިމާވެދާނޭ. ކައިވެނި ކުރީމަ ހިތްހަމަ ޖެހިގެން އުޅެވޭނޭ. ސިއްރުން ކަމެއް ކުރުމަށްވުރެ އެކަމެއް ކުރާން އޮންނަ ގޮތަކަށް އެކަމެއް ކުރީމަ ލިބޭ އުފާވެރިކަން މާ ބޮޑުވާނެ. އަދި އަހަރެން ދަރިން ހޯދާ ވާހަކައެއް ނުދައްކަމެއްނު." (ނުނިމޭ)