Advertisement

ދިގުވާހަކަ: ތޫފާން

18 ނޮވެންބަރު 2021 - 10:25 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގުވާހަކަ: ތޫފާން

18 ނޮވެންބަރު 2021 - 10:25 0

(ދެ ވަނަ ބަޔާ ގުޅޭ)

ރިޔާޝާއަށް އެކަން އެނގުނެވެ. އެހެންވެ އޭނާ އަނެއްކާ ވެސް ކަކޫ މައްޗަށް ތިރިވެލި އެވެ. ޔޫންގެ މޫނާ އެއްހަމައަށެވެ. ޔޫން ބިރުން ފަހަތަށް ޖެހިލި އެވެ. ރިޔާޝާ އަތް ހިއްލައިލި އެވެ. ޔޫންގެ ކޮލުގައި ކޮއްޓައިލި އެވެ. ޔޫން އަނެއްކާ ވެސް ފަހަތަށް ޖެހިލި އެވެ.

"ބިރު ނުގަނޭ ދޫނީ. މީ ދައްތައެކޭ. މި ބައްޕަގެ ރައްޓެއްސެކޭ." ރިޔާޝާ ހިނިތުންވެލި އެވެ.

އޭނާގެ އަޑުގައި ހުރި އަބުއި ގޮތުން ކޮންމެ މީހެއްގެ ހިތް ވެސް ލެނބިގެންދާނެ އެވެ.

"އާދޭ، ބައްޕައާއި ދައްތައަކީ ކުރިން ވަރަށް ރައްޓެހި ދެ މީހުންނޭ. ދޯ ބައްޕީ." ރިޔާޝާ އިސް އުފުލައި ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

އަހަންނަށް ވެސް ބަލައިލެވުނީ ރިޔާޝާގެ މޫނަށެވެ. އޭނާ ކުރާން އުޅެނީ ގޯސް ކަމެއްހެން ހީވެގެންނެވެ. އަހަންނަށް ދެ ފަރާތަށް ބޯ ހޫރައިލެވެނެވެ. ކޮންމެ ފަދަ ވާހަކައެއް ވެސް އޭނާ ދައްކަފާނެތީ އެވެ. އެކަމާ ބިރުންނެވެ. ޖެހިލުން ވެގެންނެވެ.

ކޮންމެ ގޮތެއް ވިޔަސް ޔޫކާއާއި ޔޫންއަކީ ރިޔާޝާއަށް ހިލޭ ކުދިންނެވެ. ދުރު ބަޔެކެވެ. އަނެއްކޮޅުން ރިޔާޝާއަކީ ހިތް ދުލަށް ލައިގެން އުޅޭ މީހެކެވެ. ވިސްނުމެއް ފިކުރެއް ނެތި ހިތަށް އަންނަހާ ވާހަކައެއް ދުލަށް ގެންނަ މީހެވެ. އަނެކާއަށް ކުރާނެ އަސަރެއް، ވާނެ ދެރައަކަށް އޭނާ ނުބަލާނެ އެވެ. ބުނަން ބޭނުންވާ ވާހަކައެއް ހޫނު ކަންމަތީ އޭނާ ބޭރުކޮށްލާނެ އެވެ. އެއީ އޭނާގެ ވިސްނުމެވެ. އޭނާގެ ޤަބޫލުކުރުމެވެ.

"އެ ރަން ޒަމާނެކޭ ދޯ ޔަނާލް. ހާދަ އުފާވެރި އިހުސާސްތަކެއް ކުރުވާ މާޒީއެކޭ." ރިޔާޝާގެ އަޑުގައި ހުރީ ޖާޒުބީ ރާގެކެވެ.

"އަހަރުމެން ދަނީ." އަހަރެން ފަހަތަށް ޖެހިލީމެވެ.

ރިޔާޝާ ކޮޅަށް ތެދުވި އެވެ. އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ރިޔާޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔަ މަންޒަރު ފެނުނެވެ. އޭނާގެ އަމިއްލަ ތުންފަތާއި ލޮލަށް ގޮތެއް ހަދައިލި އެވެ. މަޑުމަޑުން ތުންފަތުގައި ދޫ ޖައްސާ ހަރަކާތްކޮށްލި އެވެ.

"އެ އިހުސާސް. އެ އުފާވެރިކަން. އެ މަސްތު. އެ ހޫނުކަން. އަދި ވެސް އެރޭ ސިފަވޭ. އެ މަންޒަރު ހަނދާންވޭ."

އަހަންނަށް ވެސް އެ މަންޒަރުތައް ސިފަވާހެން ހީވާން ފެށި އެވެ. ރިޔާޝާ އެ ބުނި ރޭގެ ހަނދާންތައް ސިކުނޑީގައި ކުރެހެމުން ދިޔަ އެވެ. އަހަރެންގެ ބުރަކަށީގައި މީހެއް ތޫނު ނިޔަފަތިތަކުން ދަމައިލާ ބާރުކޮށްލިހެން ހީވި އެވެ. އެ އުފާވެރި ތަދުން މުޅި މީހާގައިން ހީނބިހި ނަގައި ގަތެވެ. ކަނދުރާއާ ދިމާއަށް ހޫނު ނޭވާއެއް އެޅުނުހެން ވެސް ހީވި އެވެ. އެހެންވެ ދެ ފަރާތަށް ބޯހޫރައިލެވުނެވެ. މަޑުމަޑު ތުރުތުރެއް ބޮލަށް ގެނެވުނެވެ.

"ނޫން ކަމަށް ހެދުނަސް. އެ ރޭ ތަކުރާރުވާން އަދިވެސް ޔަނާލް ބޭނުން. އެކަން ތިޔަ ދެ ލޮލުން ސިފަވޭ. ތިޔަ މޫނުން އެ އިހުސާސްތައް އެބަފެނޭ." ރިޔާޝާ އަހަރެންގެ މޫނަށް ބަލައިލި އެވެ.

އަހަރެން އެންމެ ހިނދުކޮޅަކަށް ވެސް އެތަނުގައި މަޑުކޮށްލާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ ފަސްއެނބުރި ބަލައި ވެސް ނުލައި ހިނގައިގަތީމެވެ. ރިޔާޝާ ވާނެ ދެރައާ މެދު ފަރުވާލެއް ނެތި އެވެ. އޭނާ ހިތަށް އަރާނެ އެއްޗަކަށް ބަލައިލުމެއް ވެސް ނެތި އެވެ.

އަހަރެން ހީކުރީ ރިޔާޝާ އައިސް އަހަރެންގެ ފަހަތުން ބުރަކަށީގައި ބައްދާނެ ކަމަށެވެ. އަހަރެން ހުއްޓުވާނެ ކަމަށެވެ. އެހެންވެ އަހަރެން ފިޔަވަޅުތައް އަޅަމުން ދިޔައީ ލަސްލަހުންނެވެ. އޭނާއަށް އެ ފުރުސަތު ދޭން ބޭނުން ވެސް ވާތީ އެވެ. އެ އިހުސާސްކޮށްލާ ހިތްވާތީ އެވެ. ދެވަނަ ސިކުންތުގައި އަހަރެންނަކީ ކާކުކަން އަމިއްލަ ޟަމީރު ވިސްނައިދިނެވެ. ދެ އަތުގެ ޝަހާދަތް އިނގިލީގައި ހިފައިލައިގެން ތިބީ ދެ ދަރިންކަން ހަނދާނަށް އަ އެވެ.

ފަޔަށް ބާރު ލެވުނެވެ. ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. ދޮރާށްޓާ ހަމައަށް ނުދެވެނީސް އަހަރެން ބޭނުންވި ގޮތަށް ކަންކަން ބަދަލުވި އެވެ. އަހަރެންގެ ބުރަކަށީގައި މީހަކު ބައްދައިލި އެވެ. އަހަންނަށް ހުއްޓެވުނެވެ. އޭނާގެ ހިމަ ހޯލިތަކެއް ފަދަ އިނގިލިތައް އަހަރެންގެ މެޔާ ދިމާއަށް ހުރަސްކޮށްލި އެވެ. އިނގިލިތައް ދެ ފަރާތުން މައްޗަށް އަރަމުން ދިޔަ އެވެ. އޭނާގެ މޫނު ޖައްސާލައިގެން ހުރީ ސީދާ އަހަރެންގެ ބުރަކަށީގައެވެ. އަހަންނަށް ލޯ މަރައިލެވުނެވެ. އެ އިހުސާސްތައް ތަކުރާރުވާން ފެށި އެވެ. ހުސްގަޔާ ހުއްޓާ ބުރަކަށީގައި ތޫނު ނިޔަފަތި ތަކެއް އެޅުމުން ވާކަހަލަ ގޮތެއް ވާހެން ހީވާން ފެށި އެވެ. ކަނދުރާ މަތިން ފާޑެއްގެ ހީނބިހި ގަނޑެއް ދުވެގަތެވެ.

ކުއްލިއަކަށް ދެ ލޯ ހުޅުވާލެވުނެވެ. އުއްމީދު ކުރި ފިރުމުންތައް އެހެން ވަޒަނަކަށް ބަދަލުވާން ފެށުމުންނެވެ. މަޑުމަޑުން އަހަންނަށް ބަލައިލެވުނެވެ. ފަހަތަށެވެ. ފަހަތުގައި ހުރީ ކާކުތޯ އެވެ. އަހަންނަށް ފެނުނީ ކަޅުކަން ގަދަ ބުޅި އިސްތަށިގަނޑެކެވެ. އެއީ ރިޔާޝާ ނޫންކަން ޔަގީން ކުރެވުނެވެ. އެހެންވެ ސިހިފައި އަހަންނަށް ދުރަށް ޖެހިލެވުނެވެ. ފަހަތުގައި ހުރި މީހާ ދުރަށް ކޮށްޕާލެވުނެވެ. ފާޑަކަށް މޭބޮޑުވިއެވެ. ދެ ބުމަ ކައިރިކޮށްލެވުނެވެ.

ހުނުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އެ ދިމާއަށް ބަލައިލެވުނެވެ. އަހަންނާ ދިމާ ބަލައިފައި ހޭން ހުރީ ރިޔާޝާ އެވެ. އޭނާ ބަނޑުގައި އަތްއަޅައިގެން އޮވެ ހެމުންދިޔަ އެވެ. ބިނދިބިނދިފަ އެވެ. އަހަންނަށް ބަލައިލެވުނީ އަހަރެންގެ ފަހަތުން ބައްދައިގެން ހުރީ ކާކުތޯ އެވެ. އެމީހާ އޭރު އޮތީ ބިންމައްޗަށް ވެއްޓިފަ އެވެ. އޭނާ މަޑުމަޑުން ތެދުވަނީ އެވެ.

އެއީ ބޮޑު ކަޅު ހެދުމެއް ލައިގެން ހުރި މީހެކެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރި އެވެ. އޭނާގެ މޫނެއް އަހަންނަކަށް ނުފެނެ އެވެ. އަހަންނަށް ނޭވާ ހިފަހައްޓާލައިގެން ހުރެވުނީ އެވެ. ގާތުގައި ތިބި ދެ ދަރީންނާ މެދު ވިސްނައި ވެސް ނުލެވި އެވެ. އެ ކުދިން ގަންނާނެ ބިރެއް، ހިތަށް އަރާނެ އެއްޗަކާ މެދު ވިސްނައި ވެސް ނުލެވި އެވެ.

"ނަޒީހާ، ކަލޭ ކީއްކުރަން ޔަނާލްގެ ގައިގަ ބައްދަންވީ؟" ރިޔާޝާގެ ދެ ބުމަ ކައިރިކޮށްލަމުން ރުޅިވެރި ރާގެއްގައި ބުނެލި އެވެ.

"ގަސްތަކު ނޫން،" ނަޒީހާ ތެދުވެ އަހަރެންގެ މޫނަށް ބަލައިލި އެވެ. "އޭނާ ހިތަށް އަރުވައިގެންނޭ ހުރީ. އެހެންވެ އަހަންނަށް ދެވުނީއޭ. ކޮޓަރިން ބޭރަށް ނުކުތް އިރަށް އޭނާ ފެނުނީމަ އަހަންނަށް އެނގުނީ އޭނާ ހިތަށް އެހެން އަރުވައިފިކަން."

އެއީ ކަޅު އެންދެރި ގަނޑެއް ކަހަލަ ދެ ތުންފަތެވެ. ހީވަނީ އޭނާގެ ތުންފަތުގައި ޖައްސާފައި ހުރި ކުލައިގެން ސަބަބުން ފެންނަ ގޮތެއް ހެންނެވެ. ވަރުގަދަ ދެ ބުމަ އެވެ. ބަލައިބެލުމަށް ފިރިހެނެއްގެ ބުމައަކާ ވައްތަރު ގޮތެއް ހުއްޓެވެ. ނަޒީހާގެ މޫނުގެ އެކި ތަނުގައި ހުރީ އެކި ކުލަ އެވެ. މޭކަޕު ކުރާން ނޭނގޭ މީހަކު މޭކަޕު ކޮށްފައި ހުރި ގޮތަށް މޫނުގެ އެކިތަނުގައި ހުރީ އެކި ކުލަ އެވެ.

"ދައްތަ ބުނީ ރަނގަޅަށް. ޔަނާލް ހަމަ އެހައި ރީތި. އެހާ ފިރިހެންވަންތަ. އަހަންނަށް ވެސް ކެތް ނުވީ. އަދި އަސްލަށް ފެންނަ އިރު ވާނެ ގޮތެއް ވެސް ނޭނގެ." ނަޒީހާ އަހަރެންގެ މޫނަށް ބަލައިގެން ހުރެ ވައި އަޑުން ބުނެލި އެވެ.

"ހަމަ މިހާރު ގެއަށްވަދޭ. ކަލޭއަށް ނޯވޭތަ މީހެއް މީހެއް ވެސް. ބަލަ އެއީ ކަލޭގެ ޅިޔަނެކޭ." ނަޒީހާގެ ކަންފަތު ފޫޅުގަނޑުގައި ހިފައިލަމުން ރިޔާޝާ ބުނެލި އެވެ.

"ޅިޔަނެކޭ؟ އެ ކޮން އެއްޗެއް؟ މަށާ އިންނަން ކެރޭނެތަ ޔަނާލްބޭ.. ހާދަ... ހާދަ ރީއްޗޭ." ނަޒީހާގެ ރާގު ބަދަލުވި އެވެ.

"އީސަބޭއަށް ނުގޮވަނީސް ކޮޓަރިއަށްދާން އުޅޭ." ރިޔާޝާ ނުރުހިފައި އަތްމަޅައިލި އެވެ.

"ބޭބެ ގާތު ނުބުނާތި. މި ދަނީ،" ސީދާ އަހަރެންގެ މޫނަށް ނަޒީހާ ބަލައިލި އެވެ. "ބޭބެ ގާތު ބުނާނަށް މީޓްކުރި ވާހަކަ."

ރިޔާޝާ ފޫހިގޮތަކަށް ތުން އަނބުރައިލި އެވެ. ފަރުވާލެއް ނެތްކަން އެ މޫނުމަތިން ދައްކާލި އެވެ.

"ސޮރީ. އެއީ ހަމަ ކުއްޖެއް ނޫން. ބައެއް ފަހަރު ވަރަށް ހަމަޖެހޭ ވާހަކަ ދައްކާނެ. އަނެއްބައި ފަހަރު ކުޑަކުދީންނަށް ވުރެ ވެސް މޮޔަ ވާހަކަދައްކާނެ. މީހާ ކިތައްމެ ބޮޑުކޮށް ހުއްޓަސް ސިކުނޑި ހަމަ ސުމެއް." ނަޒީހާ ދިޔުމުން ރިޔާޝާ އޮޅުންފިލުވައިދިނެވެ.

"ކޮބާ އޭނާގެ މީހުން؟" ބޭއިޚުތިޔާރުގައި އަހަންނަށް އަހައިލެވުނެވެ.

"މިގޭގައި ސަހަލު އެކަކު ވެސް ނުހުންނާނެ. އީސައަކީ ކޮރު މީހެއް، އެ ނަޒީހާއަކީ ސޭކެއް. ދެން އުޅޭނީ މަންމަނެއް. އެއާ ޖެހިގެން ހުންނާނީ ބައިމަނެއް. އީސަ އެކަނި ފިރިހެނަކަށް ހުންނާނީ. އީސައަކީ ބޮޑަކީ ވެސް. މައިންބަފައިން ނިޔާވެފަ. އާއިލާ މީހުން އަޅައިވެސް ނުލާނެ. ބަލައި ވެސް ނުލާނެ. އަހަރެން ހަމައަށް ހުންނަ މީހާ ވެސް މި ހުންނަނީ މި މީހުންނާ ޖެހިފަ ހަމައިން ކަޓައިފަ. ފޫހިފިލުވައިލާ އަނގައިން ބުނެލާނެ މީހަކު ވެސް ނުހުރޭ. ރައްޓެއްސަކަށް މިގެއަށް ވަދެވޭކަށް ވެސް ނޯވޭ. މި މީހުން ކުރާކަންކަމުން." ރިޔާޝާ މާޔޫސީ ރާގެއްގައި ބުނެލި އެވެ.

"އެހެންތަ؟ ކުރިން ތިކަމެއް ނޭނގެއޭ." ހައިރާންކަމާއެކު އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ.

"އާން. މި މީހުންގެ މޮޅުކަމެއް ވެސް އޮންނާނެ. މިގެއަށް އަންނަ މީހުން މިގެއަށް އަންނަނީ ކީއްކުރަންކަން ބުނާކަށް ނުޖެހޭނެ. މި މީހުންނަށް އެނގޭނެ. ދެނެގަންނާނެ. މީހުންގެ ހިތުގައި ހުންނަ ވާހަކަ ކިޔައިލަން މިވަރުގެ ބަޔަކު ނުތިބޭނެ. އަހަރެން ވެސް އެކަމާ ވަރަށް ހައިރާންވޭ. އީސަ އަދި އަމުދުން އެކަމަށް މޮޅުވާނެ."

"އެހެންތަ؟ އެހެންވެތަ އަހަރުމެން މިގެއަށް ވަން އިރަށް އެހެން އެ ބުނީ." އަހަންނަށް އަހައިލެވުނެވެ.

"އާނ، އީސަ ބުނީ އެބަހުއްޓޭ ދެ ކުދިންނާއެކު ފިރިހެނަކު އައިސް. ތުވާއްޔެއް ގެންގޮސްދޭށޭ. އެހެންވެ ބަލައިލަން އަހަރެން ވެސް ނުކުތީ. އޭރަކު ނޭނގޭ ޔަނާލް ކަމެއް." ރިޔާޝާ އޮޅުންފިލުވައިދިނެވެ.

"ދެން ދަނީ؟" އަހަރެން ހިނިތުންވެލީމެވެ.

ހިތުގައި ހުރި ހުރިހާ ސުވާލެއްގެ ޖަވާބު ލިބުމުން ހިތްހަމަ ޖެހެވުނެވެ. އެހައި ދުވަސްކޮށްލައިފަ ރިޔާޝާއާ ބައްދަލުވީތީ އިތުރު ހިތްހަމަ ޖެހުމެއް ލިބުނުހެން ވެސް ހީވި އެވެ.

"ބައްދަލުކޮށްލަން ބޭނުން. ނޫނެކޭ ނުބުނާނެ ކަމަށް އުއްމީދުކުރަން." ރިޔާޝާ ދިނީ ނޫނެކޭ ނުބުނެވޭ ގޮތަށް އެއް ކޮޅު ބަންދުކޮށްފައިވާ ދަޢުވަތެކެވެ.

"ވިސްނައިލާނަން." ރިޔާޝާގެ ދަޢުވަތާ މެދު އަހަންނަށް އިތުރަށް ޖެހޭނީ ވިސްނައިލާށެވެ.

"އުއްމީދުކުރަނީ ވަރަށް ފަހިކޮށް." ރިޔާޝާ ހިނިތުންވެލި އެވެ. (ނުނިމޭ)