އެޑް ޝީރަން ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ސްޓޭޑިއަމްގެ ޔަހޫދީ ވެރިޔާ

Sep 17, 2026, 11:25 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފަލަސްތީނު ހިމެނޭ ސަރަހައްދަށް އެހީވުމަށް ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެޑް ޝީރަން އެދުނު ކަމަށް ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓްތަކުގެ ޕާފޯމްކުރުން ހުއްޓުވި އެމެރިކާގެ ސްޓޭޑިއަމްގެ ވެރިޔާ ބުނެފި އެވެ.

ނިއު އިންގްލެންޑް ޕެޓްރިއޮޓްސްގެ ވެރިޔާ، ބިލިއަނަރު ރޮބަޓް ކްރާފްޓް މިކަން ހާމަކުރީ މި މައްސަލައާ ގުޅިގެން މި ހަފުތާގައި ނެރުނު ދެވަނަ ބަޔާނުގަ އެވެ. ނަމަވެސް، އެ ފައިސާ ހަދިޔާކުރާނީ ސީދާ ކޮން އިދާރާއަކަށް ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.

ބޮސްޓަން ކައިރީގައި އޮންނަ ޖިލެޓް ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝީރަންގެ "ލޫޕް ޓުއާ" ގެ ކޮންސަޓްތަކުން މެކްލްމޯ ވަކިކުރިކަން ކްރާފްޓް ހޯމަ ދުވަހު ކަށަވަރުކޮށްދީފައިވެ އެވެ. އޭނާ ތުހުމަތުކުރި ގޮތުގައި މެކްލްމޯ ދައްކަނީ ނަފުރަތު އުފައްދާ ވާހަކަތަކެވެ.

Advertisement

މި ނިންމުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ޝީރަން ބުނީ، މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، ގާޒާގެ މައްސަލައިގައި އާންމުންގެ މެދުގައި ބަހުސްކުރަން އޭނާ ބޭނުންނުވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު މެކްލްމޯ ވަނީ ފަލަސްތީނުގެ ޖަމިއްޔާތަކަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރާނެ ކަމަށް ބުނެ، ކްރާފްޓް ވެސް އެވަރުގެ އަދަދެއް ހަދިޔާކުރުމަށް ގޮންޖަހާފަ އެވެ.

އުމުރުން 85 އަހަރުގެ ކްރާފްޓް އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނީ، މެކްލްމޯގެ ގޮންޖެހުމުގެ ކުރިން ޝީރަން އޭނާއަށް ގުޅައި، އިންސާނީ އެހީގެ ގޮތުގައި އެ ސަރަހައްދަށް ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައިވާ ކަމަށެވެ.

ކްރާފްޓް އިތުރަށް ބުނި ގޮތުގައި، ޝީރަން މިހާރު ރާވަމުންދަނީ އެހެން ސްޓޭޑިއަމްތަކުގެ ވެރިންނާ ވާހަކަދެއްކުމަށެވެ. އަދި އެންމެން ގުޅިގެން އެކުވެރިކަން ގާއިމުކުރުމަށް މަސައްކަތް ކުރުމަކީ އެމީހުންގެ އަމާޒެއް ކަމަށް އޭނާ ބުންޏެވެ.

ޖިލެޓް ސްޓޭޑިއަމް މެދުވެރިކޮށް ނެރުނު ބަޔާނުގައި ކްރާފްޓް ބުނީ، އޭނާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރާ މީހެއްކަން ހާމަކުރަން ބޭނުންވާ ކަމަށެވެ.

އަދި ފަލަސްތީނާއި އިޒްރޭލުގެ ޒުވާނުން ގުޅިގެން ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް، ގުޅުން ބަދަހިކުރުމަށް އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.

ކުޅިވަރާއި އިވެންޓް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ "ކްރާފްޓް ގްރޫޕް" ގެ ވެރިޔާ، މެކްލްމޯ ތުހުމަތުކުރާ ފަދައިން އެހެން ސްޓޭޑިއަމްތަކުން ވެސް އޭނާ ބޭން ކުރުމަށް ބާރުއަޅާފައިވޭތޯ ސުވާލުކުރުމުން އެކަމަށް ސީދާ ޖަވާބެއް ދީފައެއް ނުވެ އެވެ.

މެކްލްމޯ ވަނީ، މި މަހުގެ ކުރީކޮޅު ނިއު ޖާޒީގައި ބޭއްވި ޝީރަންގެ ދެ ކޮންސަޓެއްގައި ފަލަސްތީނު މިނިވަންކުރުމަށް ގޮވާލައި، ގާޒާގެ ސުންނާފަތިވެފައިވާ މަންޒަރުތައް ދައްކާލާފަ އެވެ.

މިދިޔަ ހޯމަ ދުވަހު އޭނާ ޝީރަންގެ ޓުއާ އިން ވަކިކުރީ، އަންނަ ހޮނިހިރު ދުވަހު ޕެންސިލްވޭނިއާގެ ފިލަޑެލްފިއާގައި ޓުއާ އަލުން ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

ކްރާފްޓްގެ 2022 ވަނަ އަހަރުގެ ކައިވެނީގެ ހަފުލާގައި ލަވަކިޔައިދިން ޝީރަން އަންގާރަ ދުވަހު ބުނީ، މެކްލްމޯ ޓުއާ އިން ވަކިކުރުމުގައި އޭނާގެ އެއްވެސް އަތެއް ނެތް ކަމަށެވެ.

ޔަހޫދީއެއް ކަމަށްވާ ކްރާފްޓް ހޯމަ ދުވަހު ކަށަވަރުކޮށްދިން ގޮތުގައި، މެކްލްމޯ ޖިލެޓް ސްޓޭޑިއަމަށް އެރުން މަނާކުރީ އޭނާގެ ސްޓޭޑިއަމަކީ ނަފުރަތު ފަތުރާ ތަނަކަށް ވާން ބޭނުންނުވާތީ އެވެ.

މީގެ އިތުރުން، ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ މެކްލްމޯއަކީ ޔަހޫދީންނާ ދެކޮޅު ވާހަކަތައް ދެއްކުމުގެ ތާރީޚެއް އޮތް މީހެއް ކަމަށް ކްރާފްޓް ތުހުމަތުކުރި ނަމަވެސް، މެކްލްމޯ ވަނީ އެކަން ދޮގުކޮށްފަ އެވެ.

މެކްލްމޯއާ އެކު ސާބިތުވެ ތިބުމުގެ ގޮތުން، ޝީރަންގެ އެމެރިކާ ޓުއާގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ވެސް މިހާރު ވަނީ ޓުއާ އިން ވަކިވެފަ އެވެ.

މި ފަންނާނުން ބުނާ ގޮތުގައި މެކްލްމޯ ވަކިކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެޅުނު ހުރަހެކެވެ.

މެކްލެމޯ ބުދަ ދުވަހު ބުނީ، ޝީރަންގެ "ލޫޕް ޓުއާ" އިން އޭނާއަށް ލިބުނު ސާފު އާމްދަނީގެ ތެރެއިން 1 މިލިއަން ޑޮލަރު ފަލަސްތީނުގެ ހަ ޖަމިއްޔާއަކަށް ހަދިޔާކުރާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox