ތ. ބުރުނި އަދި ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރަން 45 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މި ދެ ރަށުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އެއް އަހަރެއް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި ދެ ރަށުގެ ގޮނޑުދޮށް ވެސް ހިމާޔަތްކޮށް ނިންމެޖެހޭ ގޮތަށެވެ.
އެ ދެ މަޝްރޫއަށް ވެސް ސަރުކާރުން ހަރަދުކުރަނީ ގްރީން ފަންޑުން ލިބޭ ފައިސާއިންނެވެ. މި ފަންޑަކީ ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގާ ގްރީން ޓެކުހުން ހިންގާ ފަންޑެކެވެ.
ތ. ބުރުނި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
- އަގު: 28،876،557.10ރ.
- މުއްދަތު: 240 ދުވަސް
- ކުރެވޭ މަސައްކަތްތައް: 369 މީޓަރުގެ ބްރޭކްވޯޓާ އެޅުން، 220 މީޓަރުގެ ރިވެޓްމަންޓް ގާއިމުކޮށް ބީޗް ރިޕްލެނިޝްކުރުން (ވެލި އަޅިއިގެން ގޮނޑުދޮށް ފެށޭ ހިސާބު ނުވަތަ ޝޯލައިން ބޮޑުކުރުން)

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގެ އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް: މިއަދު އެއްބަސްވުމުގައި ސޮއިކުރީ އަންނަ އަހަރުގެ ތެރޭގައި މަޝްރޫއުތައް ނިންމާ ގޮތަށް. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ތ. ގާދިއްފުށި ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު
- އަގު: 17،699،598.04ރ.
- މުއްދަތު: 180 ދުވަސް
- ކުރެވޭ މަސައްކަތްތައް: 500 މީޓަރުގެ ރިވެޓްމަންޓް ޖެހުން، 15 މީޓަރުގެ ގްރޮއިންއެއް ގާއިމްކުރުން
މި ދެ ރަށަށް ވެސް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. އަދި މީގެ ސަބަބުން ދެ ރަށުގެ ގޮނޑުދޮށުން ބޮޑު ބަޔެއް ވަނީ ގިރައިގެން ގޮސްފަ އެވެ.

ތ. ބުރުނި އަތިރިމަތި: މި ރަށުގެ ބޮޑު ސަރަހައްދަކަށް ވަނީ ރަށް ގިރުމުގެ އަަސަރުކޮށްފައި. -- ފޮޓޯ: ފޭސްބުކް
ބުރުނި: ތިމާވެއްޓާއި ސަގާފަތުގެ ހާއްސަ ރަށެއް
ބުރުންޏަކީ ގުދުރަތީ ގޮތުން ރީތި، އަދި ތިމާވެށީގެ ހާއްސަ ސިފަތަކެއް ލިބިފައިވާ ރަށެކެވެ.
މަޝްހޫރު ރާގޮނޑި އީދަކީ ވެސް މި ރަށަށް ހާއްސަ ކަމެކެވެ. މިއީ ކޮންމެ އަހަރެއްގެ ހުޅަނގު މޫސުމުގެ ވަކި ދުވަސްވަރެއްގައި އެ ރަށުގައި ހިނގާ ކަމެކެވެ. އެ ދުވަސްވަރު އެ ރަށު ފަޅުތެރެއަށް ގިނަ އަދަދަކަށް ރާގޮނޑި ވަނުމުން، ހާއްސަ ދަލެއް ބޭނުންކޮށްގެން އެ ރަށު މީހުން ހިފައި އުޅެ އެވެ.
އަދި ދޮންހިޔަލާއި އަލިފުޅުގެ ވާހަކަ ވެސް ނިސްބަތްވަނީ މި ރަށަށެވެ. އެގޮތުން މި ރަށުގައި ދޮންހިޔަލަ އުޅުނު ކަމަށް ބުނާ ވަޅުގަނޑުވަރު ހުރި ތަނުގެ ގާގަނޑާއި، ކަމަނަ އޮޅޭ ކިޔާ ތަނަކާ، ކަމަނަ މިސްކިތެއް ހުރެ އެވެ.













