ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ތ. އަތޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވީ 56 ޕަސަންޓުގެ އަގުލަބިއްޔަތަކުންނެވެ. ތޭރަ ރަށް އޮންނަ މި އަތޮޅުގެ ކުދި އާބާދީތަކަށް އޭރު ރައީސް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. ދައުރު ނިމުމަކާ ހަމައަށް އައިއިރު, އޭގެއިން ބައެއް ފުއްދެވުމަށްފަހު ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕެއިނުގައި މިހަފްތާ ފެށްޓެވީ ތ. އަތޮޅުންނެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވީ ތ އަތޮޅުގެ އަށް ރަށަކަށެވެ.
ތ. ވިލުފުށި
އާބާދީ: 2,158 - ދިރިއުޅޭ އާބާދީ: 966
ވިލުފުއްޓަށް ވަޑައިގެން ރައީސް ވަނީ މިހާރު އެމްޑީޕީއާ ދުރުގައި ހުންނެވި ވިލިފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފް, އެ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ދައުވަތު ދެއްވައިފަ އެވެ. މިވަގުތު މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރު ކަމަށްވާ އަފީފަށް މުސްތަގުބަލު އޮތީ ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއާއެކު ކަމަށެވެ.
ވާދަވެރި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު, ރިޔާސީ ޓިކެޓު ހޯއްދެވީ 'އޮޅުވާލައިގެން' ކަމަށް ތުހުމަތު ކުރައްވާ, އެކަމާ ވިސްނުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވީ ވެސް މިރަށުގަ އެވެ.

"ވިދާޅުވީ، ބަލަ މިތަނުން އެބަފެނޭހެއްޔޭ އެ [ޕީއެންސީގެ] ކުލަ، ނެތެއްނޫންހެއްޔޭ ފެންނާކަށް، ދިދައެއްވެސް އެއްޗެއް ނެތެއްނޫންހެއްޔޭ އެ ކުރިމަތިލައްވައިގެން އުޅޭ ޕާޓީގެ، އޮޅުވާލައިގެން ހޯދައިގެން އުޅޭ ޓިކެޓެކޭ، އޮޅުވާލައިގެން ޓިކެޓު ހޯދި މީހަކަށް ވެރިކަން ލިބިއްޖިއްޔާ ދެން ވެރިކަން ކުރާނީ ކިހިނެއް ހެއްޔޭ," ރައީސް ވިދާޅުވި އެވެ.
ވިލުފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް:
- ބަނދަރު އަލުން ހެދުން
- ތާރު ނާޅާ ހުރި ހުރިހާ މަގެއްގައި ތާރުއެޅުން
- ސިއްހީ މަރުކަޒަށް ބޭނުންވެފައިވާ ކުޑަކުދިންގެ އަދި އަންހެނުންގެ ޑޮކްޓަރު ގެނައުން
ވިލުފުއްޓަށް މި ދައުރުގައި 53 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރާއިރު, ވައުދުވި 16 މަޝްރޫއުގެ ތެރެއިން ބައެއް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ. ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމާއި, ފުޓްބޯޅަ ދަނޑާއި, ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމުގެ އިތުރުން ހިނަވާގެ އިމާރާތްކުރުން ހިމެނެ އެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ތ. ވިލުފުއްޓަށް ވަޑައިގެންނެވުން -- ފޮޓޯ: މިރާން/ އަދަދު
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 55 ޕަސަންޓު ވޯޓެވެ.
ތ. ދިޔަމިގިލި
އާބާދީ: 953 - ދިރިއުޅޭ އާބާދީ - 598
ދިޔަމިގިއްޔަށް ވާ ވައުދުތައް:
- ދިރާސާއަށްފަހު މަޑިފުއްޓާއި ދިޔަމިގިލި ގުޅާލުމާމެދު ގޮތް ނިންމުން
- ބިން ހިއްކުން
- ފްލެޓް ނޫނީ ރޯ ހައުސް އެޅުން
- ޒަމާނީ ފެންވަރަށް މަގު ހަދައި, ތާރު އެޅުން
- 10 ޓަނުގެ އައިސްޕްލާންޓެއް ގާއިމްކޮށްދިނުން

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ތ. ދިޔަމިގިއްޔަށް ވަޑައިގެންނެވުން -- ފޮޓޯ: މިރާން/ އަދަދު
ދިޔަމިގިއްޔަށް މި ދައުރުގައި 28 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ވައުދުވި ޖުމްލަ 11 މަޝްރޫއެއްގެ ބައެއް މަޝްރޫއުތަކުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ. ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 59 ޕަސަންޓު ވޯޓެވެ.
ތ. ކިނބިދޫ
އާބާދީ: 1493 - ދިރިިއުޅޭ އާބާދީ: 674
ކިނބިދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, އިދިކޮޅުން ވާދަކުރާ ކެންޑިޑޭޓުން ވެސް ބޮޑެތި ރިޔާސީ ވައުދުތަކެއް ވަނީ އެ ފަރާތްތަކުން ވިދާޅުވާ ގޮތާ ހިލާފަށް ދައުލަތް ދަރަނިވެރިވެފައިނުވާތީ ކަމަށެވެ.
"އަނެއްކޮޅުން ބަނގުރޫޓުވެފަ އޮތް ސަރުކާރެއްގެ ވާހަކަ ދައްކަނީ، ފައިސާއެއް ނެތޭ، 2025 ގައި ބަނގުރޫޓުވާނޭ، 2026 ގައި ބަނގުރޫޓުވާނޭ، އެހެން ނަމަވެސް ހަމަ ލިސްޓު ހިފައިގެން އަރާ ވައުދު ވަނީ، މިއީ ހަމަ ސަރުކާރުން ކުރާނެ ހަރަދު ނޫންތޯ،" ރައީސް ވިދާޅުވި އެވެ.
ކިނބިދުއަށް ވާ ވައުދުތައް:
- ބޮޑެތި މަގުތަކުގައި ތާރު އަޅައި ދިނުން
- ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑު ހެދުން
- ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި ކްލާސް ރޫމް އިތުރުކުރުން
- ފުޓްބޯޅަ ދަނޑުގެ ސިޑިބަރިއާއި ޗޭންޖިން ރޫމް ހެދުން
- ކުޅިވަރު އެރީނާ އަޕްގްރޭޑްކުރުން

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ތ. ކިނބިދުއަށް ވަޑައިގެންނެވުން -- ފޮޓޯ: މިރާން/ އަދަދު
ކިނިބިދުއަށް މި ދައުރުގައި 53 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވެފައިވާ 16 މަޝްރޫއުގެ ތެރެއިން, ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި, އައުޓްޑޯ ޖިމް ގާއިމްކުރުމުގެ އިތުރުން ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 60 ޕަސަންޓު ވޯޓެވެ.
ތ. ހިރިލަންދޫ
އާބާދީ: 1241 - ދިރިއުޅޭ އާބާދީ: 978
ހިރިލަންދޫގައި ވާހަކަދައްކަވަމުން, ވާދަވެރިންނަށް ފާޑު ކިއުން އަމާޒުކުރައްވާ ރައީސް ވިދާޅުވީ, މުއިއްޒުގެ މާޒީއިން ފެންނަނީ ކަންކަން ނުކޮށްދިން މަންޒަރު ކަމަށާއި ވެރިކަމަށް ވަޑައިގެންނެވިޔަސް އެކަން ބަދަލުނުވާނެ ކަމަށެވެ.
"[ހިރިލަންދޫގެ ބިން ހިއްކުމަށް ރައްޔިތުން އެދުމުން] ރައީސް ޔާމީން އެ ދުވަހު ދެއްވި ޖަވާބު... ވިދާޅުވި ކަމަށް ވަނީ މިރަށުގެ ފުއްޓަރުފަރާތަށް އަރާ ރަާޅުގެ ސަބަބުން ބިން ހިއްކޭކަށް ނެތޭ. އެހެންވީމާ ތިމަންނައަށް މިކަންވާކަށް ނެތޭ. އެއިރު ލަފާ ދެއްވީ ޕްލޭނިން މިނިސްޓަރު [މުއިއްޒު]،" ރައީސް ވިދާޅުވި އެވެ.
ހިރިލަންދުއަށް ވާ ވައުދުތައް:
- ހިއްކާ ބިމުން އިންޑަސްޓްރިއަލް ބޭނުމަށް ބިން ދޫކުރުން
- ބޮޑެތި ހުރިހާ މަގެއް ހަދައި, ޒަމާނީ ފެންވަރަށް ތަރައްގީކުރުން
- ބަނދަރު ބޮޑުކޮށް, ވަސީލަތްތަކާއެކު ތަރައްގީ ކުރުން
- ކޯލްޑް ސްޓޯރޭޖަކާއެކު މަސް ކިރޭ ގޮތް ހަދައި ދިނުން
- ސިއްހީ މަރުކަޒު އަޕްގްރޭޑްކޮށް ވަސީލަތްތައް ފުރިހަމަ ކުރުން
- އިސްލާމީ މަރުކަޒެއް އެޅުން

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ތ. ހިރިލަންދުއަށް ވަޑައިގެންނެވުން -- ފޮޓޯ: މިރާން/ އަދަދު
ހިރިލަންދު އަށް މި ދައުރުގައި 53 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވެފައިވާ 12 މަޝްރޫއުގެ ތެރެއިން, ފުޓްސަލް ދަނޑާއި, ވޮލީކޯޓާއި, އައުޓްޑޯ ޖިމްގެ އިތުރުން ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 60 ޕަސަންޓު ވޯޓެވެ.
ތ. ތިމަރަފުށި
އާބާދީ: 2694 - ދިރިއުޅޭ އާބާދީ: 1031
އިއްޔެގެ ފަހު މަންޒިލުގެ ގޮތުގައި ތިމަރަފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ, އިންތިހާބުގައި ވާދަ ކުރައްވާ ބައެއް ކެންޑިޑޭޓުން ވެރިކަމަށް ވަޑައިގަތުމުގެ ބަދަލުގައި ބޭނުމީ ކޮންމެވެސް ކަހަލަ ޑީލެއް ހަދަން ކަމަށެވެ.
"ކުރިމަތިލައްވާފައިވާ ތިބި ބޭފުޅުންގެ ތެރޭގައި ކޮންމެހެން ވެރިކަމަށް އަންނަން ބޭނުން ނުވާ، ބައިބައިކޮށްލަން، ދެ ވަނަ ބުރަކަށް ގެންދިޔުމަށް މަސައްކަތް ކުރާ ބޭފުޅުންތަކެއް އެބަ ތިބި. ބޭނުންވަނީ ދެ ވަނަ ބުރުގައި ކޮންމެވެސް ބަޔަކާ ޑީލެއް ހަދައިގެން އަމިއްލައަށް ފައިދާތަކެއް ހޯދުން. އެ ފުރުސަތު ނުދެއްވުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ތިމަރަފުއްޓަށް ވާ ވައުދުތައް:
- ހިރިޔަންފުށީގައި ސިޓީ ހޮޓަލެއް އެޅުން
- މަސްކިރޭނެ ގޮތާއި, ތެލާއި އައިސް ލިބޭނެ ގޮތް ހަމަޖައްސައިދިނުން
- ކަނިމީދޫ ރިސޯޓަކަށް ހަދަން ހުޅުވާލުން
- ވަސީލަތްތަކާއެކު އާ ބަނދަރެއް ގާއިމްކުރުން
- ފުޓްބޯޅަ ދަނޑުގައި ލައިޓު ޖެހުން
- އިތުރު މަގުތައް ހެދުން
- މިނީ ހޮސްޕިޓަލެއް އަޅައިދިނުން

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ތ. ތިމަރަފުއްޓަށް ވަޑައިގެންނެވުން -- ފޮޓޯ: މިރާން/ އަދަދު
ތިމަރަފުއްޓަށް މި ދައުރުގައި 137 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވެފައިވާ 15 މަޝްރޫއުގެ ތެރެއިން, ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 58 ޕަސަންޓު ވޯޓެވެ.
ތ. ވޭމަންޑޫ
އާބާދީ: 1408 - ދިރިއުޅޭ އާބާދީ: 1174
ވޭމަންޑުއަށް ރައީސް ވަޑައިގެންނެވީ އެރަށު އެމްޑީޕީ ޖަގަހަ ހުޅުއްވައި ދެއްވުމަށެވެ. ކުރިން ތާވަލު ނުކޮށް މި ރަށަށް ވަޑައިގެން ރައީސް ޖަލްސާއެއް ނުބާއްވަ އެވެ. ނަމަވެސް ރައްޔިތުން އެދޭ ކަންކަމުގެ ލިސްޓު ލިބިވަޑައިގެންނެވި ކަމަށާއި, އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
- ގިރާ ސަރަހައްދު ހިމާޔަތްކުރުން
- ވޭމަންޑޫ ބޮޑެތި މަގުތަކުގައި ތާރު އެޅުން
- ވޭމަންޑޫ ބިން ހިއްކުން
- ކޯޒްވޭއަކުން ކިނބިދުއާ ގުޅާލުން

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ތ. ވޭމަންޑުއަށް ވަޑައިގެންނެވުން -- ފޮޓޯ: މިރާން/ އަދަދު
ވޭމަންޑުއަށް މި ދައުރުގައި 70 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވެފައިވާ 15 މަޝްރޫއުގެ ތެރެއިން, ފެނުގެ ނިޒާމު ގާއިމުކުރުމާއި, ނަރުދަމާ ނިޒާމު ގާއިމުކޮށް ނިންމުމާއި, ހޮސްޕިޓަލް އަޕްގްރޭޑު ކުރުމުގެ އިތުރުން 100 މަގު ބައްތި ޖެހުން އަދި ފުޓްސަލް ދަނދު ގާއިމު ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 49 ޕަސަންޓު ވޯޓެވެ.
ތ. ގާދިއްފުށި
އާބާދީ: 735 - ދިރިއުޅޭ އާބާދީ: 266
ގާދިއްފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ, އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރެއް ލިބިއްޖެ ނަމަ އެ ދައުރެއް ނިންމަވާނީ އާމްދަނީ ބޮޑުތަނުން އިތުރުކޮށް އަރަނި ބަޖެޓަކާއެކު ކަމަށެވެ.
"ނަތީޖާއަކަށް ވާނީ އަޅުގަނޑުމެން މި ކުރަން ބޭނުންވާ މަސައްކަތްތަކަށް ދައުލަތުގައި ފައިސާ ހުރުން، އަދި އިރާދަކުރެއްވިއްޔާ 2028 ގައި އަޅުގަނޑުމެން ހުށަހަޅާ ބަޖެޓަކީ ބެލެންސް ނުވަތަ އަރަނި ބަޖެޓަކަށް ވެގެންދާނެ" އެމަނިކުފާނު ވިދާޅުވި އެވެ.
ގާދިއްފުއްޓަށް ވާ ވައުދުތައް:
- ބިން ހިއްކުން
- ރޯ ހައުސް ނުވަތަ ހައުސިން ޔުނިޓު
- އުސްފުށި ޕިކްނިކް އައިލެންޑް
- މޫދަށް އެރޭނެ ސަރަހައްދެއް ގާއިމްކުރުން
- ލެބޯޓްރީއަކާއެކު ސިއްހީ މަރުކަޒަށް އެކްސްޓެންޝަން އިމާރަތެއް އެޅުން
- ވޮލީ ކޯޓަކާއި އައުޓް ޑޯ ޖިމެއް އެޅުން

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ތ. ގާދިއްފުއްޓަށް ވަޑައިގެންނެވުން -- ފޮޓޯ: މިރާން/ އަދަދު
ގާދިއްފުއްޓަށް މި ދައުރުގައި 39 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވެފައިވާ 10 މަޝްރޫއުގެ ތެރެއިން, ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމާއި, ފުޓްސަލް ދަނޑު ގާއިމުކުރުމާއި, ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ އިތުރުން މިސްކިތް ގުއްބުޖެހުން އަދި ކައުންސިލް ވަށާފާރު ރޭނުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފަ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 61 ޕަސަންޓު ވޯޓެވެ.
ތ. މަޑިފުށި
އާބާދީ: 1422 - ދިރިއުޅޭ އާބަދީ: 774
(ހަބަރު)
މަޑިފުއްޓަށް ވާ ވައުދުތައް:
- ތާރު އަޅައި, މަގުތައް ޒަމާނީ ފެންވަރަށް ހެދުން
- ރިވެޓްމަންޓް ޖެހުން
- ހައުސިން ޔުނިޓު އެޅުން
- ވަސީލަތްތަކާއެކު ސްކޫލަށް 10 ކްލާސްރޫމު އިތުރުކުރުން
- ދޯނި އެހެލާ ތަނެއް އެޅުން
- ސިއްހީ މަރުކަޒު އަޕްގްރޭޑުކޮށް, ވަސީލަތްތައް ފުޅާކުރުން
- ދިޔަމިގިއްޔާއި-މަޑިފުށި ގުޅާލުން
- ފުށިފަރުގައި ތަރައްގީ ކުރުމަށް ހުޅުވާލުން.

ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހް ތ. މަޑިފުއްޓަށް ވަޑައިގެންނެވުން -- ފޮޓޯ: މިރާން/ އަދަދު
މަޑިފުއްޓަށް މި ދައުރުގައި 36 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. މި ރަށަށް ކުރިން ވައުދުވެފައިވާ 13 މަޝްރޫއުގެ ތެރެއިން, ބަނދަރު ތޮށި ނިންމުމާއި, ވޮލީ ކޯޓު ތަރައްގީ ކުރުމާއި, ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ އިތުރުން ސްކޫލުގައި ކްލާސްރޫމަކާއި, ސައިންލެބް އަދި ސްޓާފްރޫމެއް އަޅައި ނިންމައިފައިވެ އެވެ.
2018 ވަނަ އަހަރުގެ އިންތިހާބުގައި މި ރަށުން ރައީސަށް ލިބިވަޑައިގެންނެވީ 48 ޕަސަންޓު ވޯޓެވެ.
ވަޑައިނުގަންނަވާ ރަށްތަކަށް ވެސް ރައީސް ވައުދުވެ ވަޑައިގެންނެވި
އޮމަދޫ:
- ސިއްހީ މަރުކަޒުގެ ހިދުމަތް ތަރައްގީ ކުރުން
- ބޮޑެތި މަގުތައް ހެދުން
ވަންދޫ:
- އާ އޮފީސް އިމާާރާތް އެޅުން
- ބޮޑެތި މަގުތައް ހެދުން
- އާ ބޮޑު ސްކޫލެއް ވަސީލަތްތަކާ އެކު އެޅުން
ކަނޑޫދޫ:
- ބޮޑެތި މަގުއްތައް ހެދުން
- އާ އޮފީސް އިމާރަތެއް އެޅުން
ބުރުނީ:
- 24 ގަޑިއިރަށް ސިއްހީ މަރުކަޒު ބަދަލުކުރުން
- ކައުންސިލް އާ އިމާރާތް އެޅުން
- ކުޑަކުދިންގެ ޕާކެއް އެޅުން
- ވޮލީ ކޯޓެއް އެޅުން
- 50 ހައުސިން ޔުނިޓު އެޅުން
ގުރައިދޫ:
- ގިރާ ސަރަހައްދު ހިމާޔަތް ކުރުން
- ބޮޑެތި މަގުތައް ހަދައި, ތާރު އެޅުން
- އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުން
- ސިއްހީ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުން
ވަގުތު ތާށިކަމާހެދު މި ދަތުރުގެ ތެރެއިން މި އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރު ނުކުރެއްވުނު ނަމަވެސް ރައީސް ގެންދަވަނީ އެ ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި ކަންބޮޑުވުންތައް ވެސް އަޑުއައްސަވާ, އެކަންކަން ފުއްދަވައިދެއްވާނެ ކަމުގެ ތަސައްލީ ދެއްވަމުންނެވެ. މިއަށްފަހު ދެން ރައީސް ވަޑައިގަންނަވާނީ ލ. އަތޮޅަށެވެ.













