Advertisement

ދިގުވާހަކަ: ސަނީ

13 ސެޕްޓެންބަރު 2021 - 10:28 2

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގުވާހަކަ: ސަނީ

13 ސެޕްޓެންބަރު 2021 - 10:28 2

(15 ވަނަ ބަޔާ ގުޅޭ)

"އަދިވެސް މާ ސޯލިހު މީހަކަށް ވެގެން އަމިއްލަ ދިފާއުގައި ވާހަކަދައްކާތި." އަތުގައި އޮތް ފައިވާން ބިންމައްޗަށް ވައްޓައިލަމުން ހަސަނު ބުނެލި އެވެ.

ނަވާޒަށް ވީ ތަދުން ކޮލުގެ ދެ ފަރާތުގައި ފިރުމަން އިނދެވުނީ އެވެ. އޭނާގެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޮހެން ދޫކޮށްލައިގެންނެވެ. ހަސަނުގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ ކޮށްފާނެ ކަމެއް ނުވިސްނޭތީ އެވެ. އޭނާ ކުރާ ސުވާލަށް ދޭނެ ޖަވާބެއް ވެސް ނޭނގޭތީ އެވެ.

"މިހާރު ކިހިނެއްވީ؟ އަނގައިން ބަސް ހުސްވީތަ؟ ނޫނީ އަނެއްކާ ވެސް ސަނީއަށް ދައްކައިލި ލެންސުން މަށަށް ވެސް ކަޅިއަޅަން ފެށީތަ؟" އަރުސަލްގެ ހިފަހައްޓައިގެން ހުރި ސިނގިރޭޓު އަތުލައި ހަސަނުގެ ތުނބުގައި ޖަހައިލި އެވެ.

ނަވާޒު ދެ ލޯ މަރައިލި އެވެ. ހަސަނުގެ ހަރަކާތްތައް އޭނާ ކުރާން އުޅޭކަންތައް ވިސްނޭތީ އެވެ. ނަވާޒު ހީކުރީ މި ފަހަރު ވެސް ހަސަނު އުޅުނީ އޭނާގެ މޫނަށް ސިނގިރޭޓުގެ ދުންތައް ބުރުވައިލާން ކަމަށެވެ. އެހެންވެ އޭނާ ދެ ލޯ މަރައިލާ ނޭވާ އެތެރެއަށް ހިފަހައްޓައިލި އެވެ. ހަސަނަށް އެ މަންޒަރު ފެނުނެވެ. އޭނާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އެހެންވެ ނަވާޒާ ގާތަށް އޭނާ ޖެހިލި އެވެ.

ހަސަނު ގުދުވެލީ ނަވާޒާ ދިމާއަށެވެ. ނަވާޒުގެ ހަރާކާތްތައް އޭނާއަށް ފެންނަ ގޮތަށެވެ. ހަސަނުގެ ވަހުން ވެސް ނަވާޒަށް އޭނާ ކުރަން އުޅޭ ކަމެއް އެނގޭ ކަހަލަ އެވެ. އެހެންވެ މަޑުމަޑުން ނޭވާ ބޭރުކޮށްލަމުން ނަވާޒު ދެ ލޯ ހުޅުވާލި އެވެ.

"ނޫން. ނޫން." ނަވާޒަށް ދެފަރާތަށް ބޯހޫރައިލެވުނެވެ.

ހަސަނު ރުޅި އަންނަ ގޮތްވި އެވެ.

"ކައޭއަށް ކަމެއް ނުކުރާއިރު ކޮން ރުއިމެއް ރޯކަށްތަ؟ ހާދަ ބޭބީ ވެސް ގޮލައެކޭ މި." ސިނގިރޭޓު ތުނބުގައި ޖައްސާލަމުން ހަސަނު ރުޅިވެރި ރާގެއްގައި ބުނެލި އެވެ.

ނަވާޒު އެތެރެއަށް ނޭވާ ހިފަހައްޓައިލަމުން އަނެއްކާ ވެސް ދެ ލޯ މަރައިލި އެވެ. ހަސަނު މައްޗަށް މޫނު ހިއްލައިލަމުން އަނގައިގައި ހުރި ދުންތައް މައްޗަށް ފޮނުވާލި އެވެ. ހީވަނީ ދުންހޮޅިއަކުން ދުންތައް ބޭރަށް ނުކުތް ހެންނެވެ. ހަސަނު ބަލައިލީ އޭނާގެ ދެ އިނގިލި ދޭތެރެއަށް މަހައިލެވިފައިވާ ސިނގިރޭޓު ބުރިއަށެވެ. އެއްފަހަރު ސިނގިރޭޓް ބުރިއަށް އަނެއް ފަހަރު ނަވާޒުގެ މޫނަށް ހަސަނު ބަލައިލި އެވެ. އެއާއެކު އޭނާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލި އެވެ. ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު ސިނގިރޭޓްބުރި ކޮށްޕައިލީ ނަވާޒުގެ ކޮލަށެވެ. ސިނގިރޭޓުބުރި ނަވާޒުގެ ކޮލަށް ކޮށްބާލައި އިރުކޮޅެއް ވަންދެން ހިފަހައްޓައިލިއެވެ.

ނަވާޒަށް ލިބުނު ސިހުމާއެކު އޭނާ ތެޅިގަތެވެ. ހަޅޭއްލާވާ ގަންނަމުންނެވެ. އޭނާ އުޅުނީ ހަސަނުގެ ކިބައިން ސަލާމަތްވާށެވެ. ނަމަވެސް އެކަން ވާގޮތެއް ނުވި އެވެ. ހަސަނު ހުސިޔާރުވެފައި ބާރު ގަދައީ އެވެ. އެންމެ ފަހުން ހަސަން ނަވާޒާ ދުރަށް ދިޔައެވެ. އޭނާ ފާޑަކަށް ހޭން ފެށިއެވެ. ބާރުބާރަށެވެ.

"ސަޅި ދޯ، ދެން ކަލޭގެ ކޯތާފަތުގެ އޮމާކަމުން މަންޖެމެނެއް ނޫޅޭނެ. ދެން ކަލޭ ފެނުނަސް މަންޖެމެން ގަންނާނީ ބިރު." ހަސަނު ލާނެތް ރާގެއްގައި ހެމުން ބުނެލި އެވެ.

ނަވާޒަށް ލިބުނު ވޭނަށް ތަހައްމަލު ނުވެގެން އޭނާ ތެޅިފޮޅެމުން ދިޔަ އެވެ. އޭރު ވެސް ނަވާޒުގެ ކޮލަށް މަހައިލި ސިނގިރޭޓް ބުރި ކޮލުގައި ހަރުލައިފައި ހުއްޓެވެ. ދުމުގެ އަސަރު ވެސް ކޮންމެ ވެސް ވަރަކަށް ހުއްޓެވެ. މިނި އަނދާވަސް މުޅި ތަނުގައި ހަރުލައިފައި ހުއްޓެވެ. ނަވާޒު މޫނުމަތީގައި އަތް ޖައްސައިލަމުން މަޑުމަޑުން އެ ސިނގިރޭޓް ބުރި ދަމައިގަތެވެ. އޭނާ ގާތަށް ރުޅި އަންނަ ގޮތްވި އެވެ. ދެ އަތްފުޅާކޮށްލަމުން މޭ ފުއްޕާލައި މުއްކަވާލައި ކޮޅަށް ތެދުވި އެވެ.

އޭރު ނަވާޒުގެ ދެ ލޯ ވަނީ ބޮޑުވެފަ އެވެ. ރަތްވެފަ އެވެ. އޭނާގެ މޫނުމަތީގެ މަސްތައް ދެފަރާތަށް ހަރަކާތްކޮށްލި އެވެ. ތުރުތުރު އަޅައިލި އެވެ. އެންމެފަހުން ނަވާޒު ބާރުބާރަށް ހަޅޭއްލަވާގަތެވެ. އެ އަޑަށް ހަސަނު ހުއްޓުނެވެ. އޭނާއަށް ސިހުން ލިބުނެވެ. ކުރިމަތިން ފެންނަން ހުރި ނަވާޒު ފެނިފަ އެވެ. ނަވާޒުގެ ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި ގޮނޑިމަތީގައި ބާއްވާފައި އޮތް ރެންޗެވެ.

ނަވާޒު ގެނައި އަވަސް ހަރަކާތާއެކު ރެންޗު އޭނާގެ އަތަށް ހެޔޮވަރުކޮށްލަމުން ހަސަނާ ދިމާއަށް ދުއްވާގަތެވެ. އެ ދިޔަ ބާރުމިނުގައި ގޮސް ހަސަނަށް ހަމަލާ ދިނެވެ. ހަސަނު ވެސް ދިފާއުގައި އަތް ނެގި އެވެ. އެހެންވެ ނަވާޒު ހޫރައިލި ރެންޗުން ޖެހުނީ އޭނާގެ އަތުގެ މެދުގަ އެވެ. އެއާއެކު އަތް ކަނޑައިގެން ގޮސް ލޭތައް ބުރައިގެން ދިޔަ އެވެ. ހަސަނުގެ މޫނަށް ވެސް ލޭގެ އަސަރު ކުރި އެވެ. ނަވާޒުގެ ދެވަނަ ހަމަލާ އަމާޒުވީ ސީދާ ހަސަނުގެ އަތް ދަނޑިއަށެވެ. އެ ފަހަރު ވެސް ހަސަނުގެ ލޭ ކޮށިގެން ދިޔަ އެވެ. އޭނާގެ މޫނަށާއި ގަޔަށް ލޭތައް ބުރައިގެން ދިޔަ އެވެ.

ހަސަނަށް އެކަން އިހުސާސްކުރެވުނެވެ. އެހެންވެ އޭނާ ސަލާމަތްވާން ދުއްވާގަތެވެ. ނަވާޒު ވެސް އޭނާގެ ފަހަތުން ދުއްވާގަތެވެ. ހަސަނުގެ ލޮލުގައި އަޅައިގަތީ އެއްފަރާތެއްގައި ބަހައްޓާފައިވާ ފަކީރާތަކެކެވެ. އެހެންވެ އޭނާ އެ ފަކީރާތަކާ ދިމާއަށް ގުދުވެލަމުން ފަކީރާއެއް އަތަށް ހެޔޮކޮށްލި އެވެ.

ނަވާޒު ރެންޗު ހޫރައިލި އެވެ. ނަވާޒުގެ ހަމަލާ އަމާޒުވީ ފަކީރާ އަށެވެ. ނަވާޒަށް ލިބުނު ސިހުމާއެކު އޭނާ އަތުން ރެންޗު ދޫވި އެވެ. ނަވާޒު އުޅުނީ ރެންޗު ނެގޭތޯ އެވެ. އޭގެ ކުރިން ފަކީރާގެ މުއްގަނޑުން ޖަހައި ނަވާޒު ވައްޓާލި އެވެ. ނަވާޒު އެނބުރެމުން އެނބުރެމުން ގޮސް ޖެހުނީ ފަކީރާތަކުގެ ކައިރިއަށެވެ.

ނަވާޒު ވެސް ފަކީރާއެއް ނެގި އެވެ. އޭނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އެންމެ ފަހުން މުޅި މަންޒަރު އެއްކޮށް ބަދަލުވި އެވެ. ހީވަނީ ފިލްމެއްގެ މަންޒަރެއް ހެންނެވެ. އެކަކު އަނެއްކަކަށް ދޫކުރާކަށް ބޭނުމެއް ނުވެ އެވެ. މުޅި ތަނުގައި ގުގުމަމުން ދަނީ ދެ ފަކީރާ ޖެހޭ އަޑެވެ. އޭގެ ފަހަތުން އިވެމުން ދިޔައީ ދެ މީހުންގެ މާނޭވާގެ އަޑެވެ. ދެ މީހުން ދާހިތްލާ ފޯވަމުން ދިޔަ އެވެ. އެންމެ ފަހުން ހަސަނުގެ ގައިގައި އޮތް ޓީޝާޓުގެ ކަރުގައި ހިފައި އަމިއްލައަށް ދަމައިގަތެވެ. އެއާއެކު އޭނާގެ ޓީޝާޓުގެ ކަރު ފޭވެ ކަފާސްވެ އިރައިގެން ދިޔަ އެވެ. މޭމަތި އެއްކޮށް ހާމަވި އެވެ.

ދަނޑިވަޅު ބަލައިފަ ނަވާޒު ދިން ހަމަލާ އަމާޒުވީ ސީދާ ހަސަނުގެ ނިތަށެވެ. ހަސަނު އެއްލިގެން ބިން މައްޗަށް ގުޅަވި އެވެ. ހަސަނު ވެއްޓި ޖެހުނު ގޮތުން އޭނާގެ އަތަށް ތަދުވި އެވެ. އޭނާ ބާރަށް ރޮއިގަތެވެ. ނަވާޒު ހިނިތުންވެލި އެވެ. ހަސަނު އޮތް ހާލު ފެނުމުން އޭނާ މައިތިރިވާ ގޮތްވި އެވެ.

"އަހަރެން ލައްކަ ދުވަހު، ލައްކަ ދުވަހު ކެތް... ކެތް ކޮށްފިން." މާނޭވާލަމުން ނަވާޒު ބުނެލި އެވެ.

ނަވާޒު އަތުގައި އޮތް ފަކީރާ ހަސަނުގެ މޫނާ ދިމާ ބިންމަތީގައި ޖައްސާލި އެވެ. އޭނާ މަޑުމަޑުން ގުދުވެލި އެވެ.

"ޝޫޝް، ދެން އޮތީ މަށަށް. ކަލޭ އެންމެ ހަރަކާތެއް ކޮށްލި ނަމަވެސް، މީގެ ތިލަ ހެރޭނީ ކަލޭގެ މެއަށް،" ފަކީރާގެ ތިލައަށް އިޝާރާތްކޮށްލަމުން ނަވާޒު ބުނެލި އެވެ. "ކައޭމެން ހީކުރީ އަހަރެން ހިމޭނުން މި ހުންނަނީ ކައޭމެން ކުރާ ކަންތައް ނޭނގޭތީ ކަމަށްތަ؟ ކައޭމެން ކުރާހާ ކަމަކަށް އޯކޭ ވެގެން ކަމަށްތަ؟"

ނަވާޒު އަތުގައި އޮތް ފަކީރާގެ މުއްގަނޑުން ހަސަނުގެ ކަނާއަތު ކަކުލުގައި ބާރުބާރަށް ޖެހި އެވެ. އެއާއެކު ހަސަނު ހަޅޭއްލަވާގަތެވެ. އޭނާއަށް ލިބުނު ވޭނަށް ކެތް ނުވެގެންނެވެ.

"އަހަރެން ދޫކޮށްލާ." ހަސަނު އާދޭސްކުރާން ފެށި އެވެ.

"ކަލޭ މާ ގަޓު ހުރި މީހާ ހާދަ ފިނޑިއޭ ދޯ؟" ނަވާޒު ތިރިވެލީ ހަސަނުގެ މޫނާ ދިމާއަށެވެ.

"ނޫން. އަހަންނަށް ނޭނގުނީ. ނުވިސްނުނީ ކަލޭތީ ކާކުކަން." ހަސަނު ރޮމުން ގިސްލަމުން ބުނެލި އެވެ.

"ދެން މިހާރު އެނގިއްޖެތަ މި ކިހާ ވަރެއްގެ ކާކުކަން؟" ނަވާޒު ހިނިތުންވެލި އެވެ.

"އާނ. އެނގިއްޖެ، ވިސްނިއްޖެ. ކަލޭއަކީ އާދައިގެ މީހެއް ނޫންކަން އެނގިއްޖެ." ހަސަނު ދެ އަތުގެ ބަނޑުފުށް ޖައްސާލަމުން މައާފަށް އެދޭހެން ހަދައިލި އެވެ.

"ކަލޭ ސަލާމަތްވާނެ އޮތީ އެންމެ ގޮތެއް." ނަވާޒު ބުނެލި އެވެ.

"ބުނޭ. ކުރާނަށް. ބުނި ގޮތެއް ހަދާނަން." ހަސަނު އަވަސްއަވަހަށް އަމުނައިލި އެވެ.

"ގުޅާ. ކަލޭ ފޯނުން ގުޅާ. ގުޅައިފަ ގެނޭ. ދެން އަހަރެން ބުނާ ގޮތަށް ހުރިހާ ކަމެއް ކުރޭ. އެކަމަކު ބަލާ މީހާއަށް ހީވެގެން ނުވާނެ އެއީ ބުނެގެން ކުރިކަމެއްކަން. އެގޮތަށް ފެނިގެން ވެސް ނުވާނެ." ނަވާޒު އަމުރުވެރި ރާގެއްގައި ބުނެލި އެވެ.

ހަސަނު ބޯ ޖަހައިލި އެވެ. އޭނާ އަތްދިއްކޮށްލީ ނަވާޒާ ދިމާއަށެވެ. ހަސަނު ދިއްކޮށްލި އަތުގައި ހިފަން ނުހިފަން ހުރެ ނަވާޒު އަތް ދިއްކޮށްލި އެވެ. ހަސަނު ހިފައިލީ ނަވާޒުގެ އަތުގަ އެވެ. އެއާއެކު ޖެހި ލަކިން ނަވާޒު ކުރިމައްޗަށް ވެއްޓުނެވެ. ނަވާޒު ވެއްޓުމާއެކު އޭނާގެ މޭ މައްޗަށް އަރައި މޫނާއި މޭގައި ހަސަނުގެ ދެ އަތުން ތެޅޭވަރަކަށް ތެޅި އެވެ. އެންމެ ފަހުން ނަވާޒުގެ ތުންފަތް ފަޅައިގެން ގޮސް މޫނަށް ލޭތައް ބުރައިގެން ދިޔަ އެވެ.

ނަވާޒު ވެސް ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ. އޭނާ ގެނައި ކުއްލި ހަރަކާތާ އެކު ހަސަނު އެއްލިގެން ދިޔަ އެވެ. ހަސަނުގެ ގައި މައްޗަށް ނަވާޒު އެރި އެވެ. ނަވާޒުގެ ދެ އަތުން ހަސަނުގެ ބިޔަ ހަށިގަނޑުގެ އެކިތަނުގައި ތަޅަމުން ދިޔައެވެ. ބާރުބާރަށެވެ. ނަވާޒު އިނީ ހައްދުން ނައްޓައިފަ އެވެ. ރުޅި އައިސް ފުފިފައެވެ. ދާހިއްލާ ފޯވެފަ އެވެ.

"ނަވާޒޫ."

މުޅި ތަން އެކުގައި ގުގުމައިލި އެވެ. އަންހެނަކު ބާރުބާރަށް ހަޅޭއްލަވާ ގަތީމަ އެވެ. ނަވާޒަށް ލިބުނު ކުއްލި ސިހުމާއެކު އޭނާ ހުއްޓުން އެރި އެވެ. އޭނާއަށް ގޮވައިލި ގޮތުން ހައިރާން ވެގެންނެވެ. އޭނާ ބަލައިލަން ބޭނުންވީ އެއީ ކާކުތޯ އެވެ.

ނަވާޒު ދެ ލޯ ބޮޑުވެގެން ދިޔަ އެވެ. ދެ ފަހަރަކު ނަވާޒު ކަޅި ޖަހައިލި އެވެ. އޭނާއަށް ޔަގީން ނުވާތީ އެވެ. މި ދަނޑިވަޅު އޭނާ މިތަނަށް އަންނާނެ ގޮތެއް ނުވިސްނިފަ އެވެ. (ނުނިމޭ)