ދިގުވާހަކަ: ސަނީ

ދިގުވާހަކަ: ސަނީ

(14 ވަނަ ބަޔާ ގުޅޭ)

ނަވާޒަށް އެނޫން ގޮތެއް ނެތުމުން ސައިކަލްގެ މިސްރާބު ބަދަލުކޮށްލިއެވެ. ފަހަތުގައި އިން މީހާގެ އިރުޝާދާ އެއްގޮތަށް އޭނާ ކަންކުރަމުން ދިޔައެވެ. ހީވަނީ ޗާބީ ދީފައިވާ ބުދެއްހެންނެވެ. ނަވާޒުގެ ލަގަން އޮތީ ގޮތް ނޭނގޭ އެ މީހާގެ މުށުތެރޭގަ އެވެ. އެމީހުންގެ އޯޑަރަށް ނަވާޒު ހުރިހާ ކަމެއް ކުރަމުން ދިޔަ އެވެ. ކިރިޔާ ވެސް އަތަކަށް ޖެހިލާއިރަށް އިންޒާރުގެ ރަނގަބީލާއެކު ކަނދުރާއަށް ވަޅީގެ ތުނޑު ވައްދައިލާ އޭނާއަށް އެ މީހުން ބިރު ދައްކަ އެވެ.

ޕާކިން ޒޯނުގައި ސައިކަލް ޕާކުކޮށްލުމާއެކު އެމީހުން އިޝާރާތްކުރީ ހަނިހަނި ގޯޅިއަކަށެވެ. އޭނާ ފުން ނަޒަރަކުން އެ ސަރަހައްދު ބަލައިލި އެވެ. ޔަގީން ކުރެވުނީ އެއީ ހުޅުމާލޭގައި އަލަށް އާބާދުވާ ސަރަހައްދުކަމެވެ. ޖަންގަލިބޯ އެ ސަރަހައްދަކީ ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ތަނެއްކަމެވެ.

"ކައޭ އަދިވެސް ހުރީތަ؟" ނަވާޒުގެ ފުއްކިބައިގައި އެތިފަހަރެއް އެޅުމާއެކު ސައިކަލުން ފޭބި މީހާ ބުނެލި އެވެ.

"ކައޭ މާ ގޮތްދައްކަން ނޫޅެއްޗޭ. ފުއްޕަންޏާ ހަމަ ކޮށައިލާނީ އިނގޭ." އޭނާގެ ފަހަތުން އައި ދެ ސައިކަލުން، ފޭބި ދެ މީހުންގެ ތެރެއިން އެކަކު ބުނެލި އެވެ.

ނަވާޒު މަޑުމަޑުން ކުރިއަށް ޖެހިލި އެވެ. އެމީހުން ބުނާ ކޮންމެ ކަމެއް ކުރާން ތައްޔާރަށް ހުރިކަން އަންގައިލި އެވެ.

"ބަލަން ނުހުރެ މި ގޯޅިން ކުރިއަށްދޭ." ނަވާޒުގެ މުލައްދަނޑީގައި ހިފައިލަމުން އެ ގުރޫޕުން އެކަކު ބުނެލި އެވެ.

ނަވާޒު ބަލައިލީ އެ މީހާގެ މޫނަށެވެ. އޭނާގެ ވާހަކަދެއްކުމުގައި ހުރި ތަފާތުކަމުންނެވެ. އޯގާތެރިކަމާއެކު އޭނާ ބަސްބުނި ރާގުންނެވެ.

"އަހަންނަށް ކިހިނެއް ހަދަންތަ ތިއުޅެނީ؟" ނަވާޒު އެމީހާއާ ދިމާ ބަލައިލަމުން ބުނެލި އެވެ.

"ކަލޭއަށް ރަނގަޅުވާނީ އަހަރުމެން ބުނާ ގޮތް ހެދީމަ." އެ މީހާ އަނެއްކާ ވެސް ބުނެލި އެވެ.

އޭނާގެ ވާހަކަދެއްކުމުގައި ހުރި މަޑުމައިތިރި ގޮތް އިވިފައި ނަވާޒުގެ ހިތް ވެސް އޭނާއަށް ލެނބެމުން ދިޔަ އެވެ. ނަވާޒު އަނެއްކާ ވެސް ބަލައިލީ އެމީހާގެ މޫނަށެވެ. އޭނާ އެއް ލޯ ކުޑަކޮށް މަރައިލަމުން ކުރިއަށް ނިތުން އިޝާރާތްކޮށްލި އެވެ. ނަވާޒު ތުންފަތަށް ބާރުކޮށްލަމުން ލަސްލަހުން ހިނގައިގަތެވެ.

އެ ހަނި ގޯޅީގެ ތެރެއަށް ވަދެވެނީ އެކަކަށެވެ. އެހެންވެ ނަވާޒުގެ ކުރިއަށް ޖެހިލީ ނަވާޒުގެ ސައިކަލަށް ފުއްމާލި މީހާ އެވެ. އޭނާގެ ފަހަތުގައި ހުރީ ނަވާޒެވެ. ނަވާޒުގެ ފަހަތުގައި ހުރީ އެ މީހުންގެ ތެރެއިން ނަވާޒަށް ތަފާތުކަން ފާހަގަވި މީހާ އެވެ. އެމީހާގެ ފަހަތުން އިތުރު ދެ މީހުން ތިއްބެވެ.

ނަވާޒު ލަސްލަހުން ފިޔަވަޅު އަޅަމުން އެމީހުންގެ ފަހަތުން ހިނގަމުން ދިޔަ އެވެ. ނަވާޒުގެ ފަހަތުގައި ހުރި މީހާ އޭނާއާ ކުޑަކޮށް ގާތްވެލައި ވައި އަޑުން ވާހަކައެއް ބުނެލި އެވެ.

"މަށަކީ އަރުސަލް، ދެން ތިހުރީ ޗިއްޕަޅޭ،" ނަވާޒުގެ ކަންފަތްބުޑުގައި އޭނާގެ ނަންބުނެލި އެވެ. "ބުނާގޮތް ހަދާތި، ދެކޮޅު ނުހަދާތި."

އަރުސަލް ދެއްކި ވާހަކައަށް ނަވާޒު ޖަވާބު ދެމުން ދިޔައީ ބޮލުގެ އިޝާރާތުންނެވެ.

އެ ހަނިހަނި ގޯޅި ވަރަށް އަނދިރި އެވެ. ކިރިޔާ ވެސް އަލިކަމެއް ފެންނަން ހުރީ ވަށައިގެންވާ އިމާރާތްތަކުންނެވެ. ހަނި ގޯޅީގެ ކުރިން ކޮންމެ ވެސް ވަރެއްގެ އަލިކަމެއް ފެންނަމުން ދިޔަ އެވެ. ނަވާޒު އެތެރެއަށް ނޭވާ ދަމައިލި އެވެ. އޭނާގެ ހިނދުރީގައި ހިފީ ސިނގިރޭޓް ވަހެވެ. ސިނގިރޭޓަށް ފެން އެޅުމުން ދުވާކަހަލަ ނޭފަތަށް އުނދަގޫ ވާކަހަލަ ވަހެކެވެ. ނަވާޒު ހުރީ ނޭވާ އެތެރެއަށް ހިފަހައްޓާލައިގެންނެވެ. އެ ވަހުގެ ސަބަބުން އޭނާގެ ބޮލަށް އުނދަގޫވާތީ އެވެ.

"ކައޭ މެން ނައްޓައިލާ. އަރުއްޓޭ ކައޭ މަޑުކުރޭ މަށާއެކީ." އެތެރެއަށް ވަދެވުމާއެކު އެމީހުންގެ އިންތިޒާރުގައި ހުރި މީހާގެ އޯޑަރުގެ އަޑު އިވުނެވެ.

އަރުސަލް ބަލައިލީ ނަވާޒުގެ މޫނަށެވެ. ނަވާޒަށް ވެސް ބަލައިލެވުނީ އަރުސަލްގެ މޫނަށެވެ. ދެމީހުންގެ މެދުގައި ނޭނގޭ ގުޅުންތަކެއް އުފެދެމުން ދިޔަކަން ނަވާޒަށް އިހުސާސްކުރެވެމުން ދިޔަ އެވެ. ބަހުން ނުކުރެވޭ އެތައް މުއާމަލާތެއް އަރުސަލްގެ ނިތަށް އަރައި ރޫތަކުންނާއި މޫނުމަތީގެ ވަކިވަކި މަސްކޮޅުތަކަށް އަރަމުންދާ ރޫތަކުން ތަރުޖަމާ ކުރެވެމުން ދިޔަ އެވެ.

"އަރުއްޓޭ. މި ގޮލާ މި ގޮނޑީގައި ބައިންދަބަލަ." ކުރިން ވެސް ވާހަކަދެއްކި މީހާ އަނގައިން ދުންތަކެއް ބުރުވާލަމުން ނަވާޒަށް ބަލައިލި އެވެ.

އަރުސަލް އިޝާރާތްކުރީ އޭނާގެ ކުރިމަތީގައި ހުރި ލަކުޑި ގޮނޑިއަށެވެ.

"ކަލޭއަށް މަ ގޮތް ނޭނގިދާނެ. އެހެންވީމަ ފުރަތަމަ މި ޖެހެނީ މަށަކީ ކާކުކަން ކަލޭއަށް ބުނެދޭން."

ބަރު އަޑުގެ ވެރިޔާ އޭނާގެ އަމިއްލަ ގައިގައި އޮތް ޓީޝާޓަށް ދަމައިގަތުމާއެކު ޓީޝާޓު އައީ އަތަށެވެ. ރާންކިޔައިފައި އިރައިގެން ދިޔަ އަޑުފައްގަނޑެއް ވެސް މުޅި ތަނުގައި ގުގުމައިލި އެވެ. ނަވާޒަށް ލިބުނު ސިހުމާއެކު އޭނާއަށް ބަލަން އިނދެވުނީއެވެ. އެ އެއީ ކޮންމެ ވެސް ތަނަކުން އޭނާއަށް ފެނުނު މީހެއްކަމަށް ޝައްކުވާތީ އެވެ.

"އާނ. ކަލޭއަށް މަ ފެންނާނީ މިހެން. ހުސްގަޔާ ހުއްޓާ،" އެ މީހާ ގުދުވެލީ ނަވާޒާ ދިމާއަށެވެ. "އާނ، މަށަކީ ހަސަނާ، ހަސަންޓޭ."

ހަސަނު ސިނގިރޭޓް އެތެރެއަށް ދަމައިލުމަށްފަހު ނަވާޒުގެ މޫނާ އޭނާގެ މޫނު ކައިރިކޮށްލި އެވެ. އަނގައިގައި ހުރި ދުންތައް ނަވާޒުގެ މޫނަށް ފޮނުވާލި އެވެ. ނަވާޒު ކޮށިއެރި އެވެ. އޭނާއަށް ހާސްވެގެން ތެޅިގަނެވުނެވެ. ނަވާޒަށް ވީގޮތް ފެނިފައި ހަސަން ގާތަށް ހިނިއަ އެވެ. އެހެންވެ އޭނާގެ ރަސްމީ ކުރުކުއްލި ހިނގަނޑު ފަޅައިގެން ދިޔަ އެވެ. ހަސަނުގެ ހިނިގަނޑުގެ އަޑު ޖެހުމާއެކު އަރުސަލް ވެސް ހިނިފަޅައިގެން ދިޔަ އެވެ.

"ކައޭ ހާދަ ކަޓޭދޯ. ޒަމާނީ މީހަކަށް ވެސް ނުވެވުނެއްނު." ހަސަނު އިށީނދެލީ ނަވާޒުގެ ކުރިމަތީގައި ހުރި ގޮނޑީގަ އެވެ. "އަރޭ ގެނެސްދީބަލަ ރެންޗު ސެޓުގެ އެންމެ ބޮޑު އެތި."

ނަވާޒު ދެ ލޯ ބޮޑުކޮށްލި އެވެ. ހަސަނު އޭނާއަށް ކޮންމެ ފަދަ ކަމެއް ކޮށްފާނެ ކަން މިހާރު އޭނާއަށް ގަބޫލުކުރެވެ އެވެ.

"އަހަރެން ކޮންކަމެއް ކުރީ؟" ނަވާޒު ލަސްލަހުން އަހައިލި އެވެ.

"ކަލޭއަށް ނޭނގޭތަ ކަލޭއަށް ކުރެވުނު ކަމެއް؟" ހަސަނު ފާޑަކަށް ސުވާލުކޮށްލި އެވެ.

ހަސަނުގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނަވާޒު ބޯ ޖަހައިލި އެވެ.

"މާނައަކީ ކަލޭއަކީ އަދިވެސް ވަރޖިންއެކޭތަ؟" ހަސަނު ދެ ލޯ ބޮޑުކޮށްލި އެވެ.

ނަވާޒު އަނެއްކާ ވެސް ބޯ ހަރަކާތްކޮށްލި އެވެ. އޭނާގެ ދެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ފޮރުވުމަށް ވަރަށް މަސައްކަތް ކުރަމުން ދިޔަ އެވެ.

އޭރު އަރުސަލް އައިސް ހަސަނުގެ ކުރިމައްޗަށް ހުއްޓިލަނީ އެވެ. ނަވާޒަށް ބަލައިލެވުނީ އަރުސަލްގެ މޫނަށެވެ. އަރުސަލް ފަރާތަށް ހޫރުވާލި އެވެ. އަރުސަލް އެ ބުނީ ކީކޭކަން ނަވާޒަށް ވިސްނުނެވެ. އަރުސަލް އަތުގައި އޮތް ރެންޗަށް ބަލައިލަމުން އޭނާ އިޝާރާތްކޮށްލި އެވެ. ނަވާޒު އޭނާ ދިން މެސެޖު ދެނެގަތެވެ.

"ކަލޭ ދަންނަންތަ ސަނީ." ހަސަނު އަހައިލި އެވެ.

ނަވާޒު ބޯ ހަރަކާތްކޮށްލިއެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ.

"ކަލޭ އޭނާ ދެކެ ލޯބިވޭތަ؟" ހަސަނު ސުވާލުކޮށްލި އެވެ.

ނަވާޒު ބޯ ހޫރައިލި އެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ސަނިއްޔާ ދެކެ އޭނާ އެއްވެސް ވަރަކަށް ލޯބި ނުވާކަން ހާމަކޮށްދޭށެވެ.

"ތެދަށް ބުނޭ. އަހަރެން ވަރަށް ނައްޓާނޭ ދޮގު ހަދަންޏާ އިނގޭ." ހަސަނު ރުޅިއައިސް ދަތްކުނޑި ވިކައިގަތެވެ.

"އެއްވެސް ވަރަކަށް ނުވަން. އޭނާ އުޅެނީ އޮޅިގެން." ނަވާޒު އަމިއްލަ ދިފާއުގައި ވާހަކަދެއްކި އެވެ.

"ކޮންކަމެއް؟" ހަސަނު އެހި އެވެ.

"ސަނީ ހީކުރަނީ އަހަރެން އޭނާއާ ލައިކްވާހެން. އެކަމަކު ދުވަހަކު ވެސް އަހަރެން އެހެން ނުބުނަން. އަދި އެކަހަލަ އިޝާރާތެއް ވެސް ނުކުރަން." ނަވާޒު ދިގުކޮށް ޖަވާބުދިނެވެ.

ހަސަނު ގާތަށް ރުޅިއަންނަ ގޮތްވި އެވެ. އޭނާ އަތުލީ އަރުސަލް އަތުގައި އޮތް ރެންޗެވެ. ހަސަނުގެ އަތަށް ރެންޗު ހެޔޮވަރުކޮށްލިއެވެ. އޭނާ ވަ އަތްތިލަ ކޮށިކޮށްލައިގެން އިނދެ ކަނާއަތުގައި އޮތް ރެންޗުން މަޑުމަޑުން ތަޅަމުން ދިޔަ އެވެ.

"ބަލައިބަލަ ޖާހިލުކަން. އެހެންވީމަ ކަލޭއަކީ ރޭޕިސްޓެއް ދޯ." ހަސަނަށް ރުޅި އިސްކުރެވުނެވެ.

ނަވާޒު ބަދަލުގައި ބޯ ހޫރައިލި އެވެ.

"ދެން މަށަށް އެ ފެނުނީ ކޮން މަންޒަރުތަކެއް؟" ހަސަނު ހިތްހަމަ ނުޖެހުނެވެ.

"ކޮން މަންޒަރެއް؟" ނަވާޒު ވެސް ކޮށްލީ ހަމަ އެއް ސުވާލެކެވެ.

"ކަލޭ ސަނީއާއެކު ގަނެފަ ހުރި ގަނޑު." ހަސަނު އަތުގައި އޮތް ރެންޗު ނަވާޒާ ދިމާއަށް މަޅައިލި އެވެ.

ނަވާޒު ބަލައިލީ އަރުސަލްގެ މޫނަށެވެ. އޭނާ ހުއްޓި ހުރީ ހަސަނުގެ ފަހަތުގަ އެވެ.

"ސާފުކޮށް ބުނަންވީއެއްނު ވެގެން އުޅޭގޮތެއް." ނަވާޒު ވާހަކަދެއްކީ ނިޔަނެތި ރާގެއްގަ އެވެ.

"އަންހެން ކުދިންނާ ގަދަކަމުން، އެމީހުންގެ ނުރުހުމުގައި އެ ފަދަ ކަމެއް ކޮށްފިނަމަ ވާނީ އަލިފަކަށްތަ؟ ނޫނީ ރޭޕިސްޓަކަށްތަ؟" ހަސަނު ހިތްހަމަ ނުޖެހި އިނދެ ބުނެލި އެވެ.

"އަހަންނަކީ އެކަހަލަ ކަންކަމާ ވަރަށް ދެކޮޅު މީހެއް." ނަވާޒު ބުނެލި އެވެ.

ހަސަނު ގާތަށް ރުޅިއަ އެވެ. އޭނާގެ ރުޅިގަނޑު ބޭރުކޮށްލީ އޭނާގެ ރަސްމީ ފައިވާން އަތަށް ނަގައި ނަވާޒުގެ ކޮލަށެވެ.

ނަވާޒަށް ތަދުވެގެން ހަޅޭއްލަވާ ގަނެވުނެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox