އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

Sep 24, 2026, 7:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ކެނެޑާ އާއި ހެއިޓީއަށް ނިސްބަތްވާ މަޝްހޫރު ލިޔުންތެރިއަކު އޭނާގެ ފުރަތަމަ ވާހަކަ ލިޔުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރި ކަމަށް ތުހުމަތުކުރުމާ ގުޅިގެން، ފަރަންސޭސިވިލާތުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެ އެވެ.

އުމުރުން 38 އަހަރުގެ ތޭލީސަން އޮރޭލިއަން ލިޔުނު "ސެޓައިޓް ސާ އޫ މޫރީ" (އެ ގޮތް ނޫނީ މަރު) ނަމަކަށް ކިޔާ ފޮތަށް ދާދި ފަހުން ވަނީ އަދަބީ މޫސުމުގެ ފުރަތަމަ އެވޯޑު ކަމަށްވާ "ޕްރީ ޑޫ ރޯމަން ފްނެކް" ލިބިފަ އެވެ.

މީގެ އިތުރުން، ފަރަންސޭސި ބަހުން ދެވޭ އެންމެ ޝަރަފުވެރި އަހަރީ އެވޯޑުތައް ކަމަށްވާ "ގޮންކޯޓް" އަދި "ރެނޯޑޯ" އެވޯޑުގެ ފައިނަލިސްޓުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގަ އެވެ.

ނަމަވެސް، "ބެލެންސް ޓޮން ކްލޯޑް" ކިޔާ ގްރޫޕަކުން މިދިޔަ އަންގާރަ ދުވަހު ބުނީ، އެ ފޮތަކީ "ގާތްގަނޑަކަށް އެއްކޮށް" އޭއައި ބޭނުންކޮށްގެން ލިޔެފައިވާ ފޮތެއް ކަމަށެވެ. އެކަމަކު ލިޔުންތެރިޔާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

އެކްސްގައި އެ ގްރޫޕުން ބުނެފައިވަނީ، ފޮތުގެ އެކި ބައިތަކުން ގިނަ ޕެސެޖުތަކެއް ޓެސްޓުކުރިއިރު، އެ ހުރިހާ ބަޔަކުން ވެސް ލިބުނީ އެއް ނަތީޖާއެއް ކަމަށާއި، އެއީ 100 އިންސައްތަ އޭއައި ކަމަށެވެ.

މެންބަރުންނަކީ ކޮބައިކަން ސާފުނުވާ އެ ގްރޫޕުން ބުނާ ގޮތުގައި، މިކަން ދެނެގަތީ "ޕެންގްރާމް" ކިޔާ ޕްރޮގްރާމަކުންނެވެ. އެއީ މިހާތަނަށް އެންމެ ސައްހަ ނަތީޖާ ދޭ، އަދި ކުށް ދެއްކުމުގެ ފުރުސަތު ނިސްބަތުން ވަރަށް ކުޑަ ޕްރޮގްރާމެއް ކަމަށް ވެސް އެ ގްރޫޕުން ބުނެ އެވެ.

ހެއިޓީއަށް އުފަންވެ، 2010 ވަނަ އަހަރު މޮންޓްރިއަލްއަށް ހިޖުރަކުރި އޮރޭލިއަން ވަނީ ވަގުތުން އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

"ލިބަރޭޝަން" ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އޭނާއަކީ އަބަދުވެސް އަމިއްލަ އުފެއްދުންތެރިކަމާއި އަދަބިއްޔާތަށް ލޯބިކުރާ މީހެއް ކަމަށާއި، މެޝިނެއް ބޭނުންކުރަން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށެވެ. އަދި އެ ފޮތަކީ އަމިއްލަ މަސައްކަތެއްކަން ސާބިތުކޮށްދިނުމަށް އެޑިޓަރާ ގުޅިގެން "ލިޔެކިޔުންތައް ތައްޔާރުކުރަމުންދާ" ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އޭނާގެ އުސޫލުތަކަކީ ހެއިޓީ އާއި ކެރީބިއަން ސަގާފަތާ ގުޅިފައިވާ ކަންތައްތަކެއް ކަމަށާއި، ފޮތުގައި ބޭނުންކޮށްފައިވާ ސިފަކުރުންތަކާއި، ތަކުރާރުކުރުންތަކާއި، ބަހުގެ ރޫހަކީ އޭނާގެ އަމިއްލަ އުފެއްދުންތަކެއް ކަމަށެވެ.

އެ ފޮތް ޝާއިއުކުރި "ގްރާސެޓް" ޕަބްލިޝިން ހައުސްއިން ވެސް ވަނީ އޭނާގެ ދިފާއުގައި ވާހަކަދައްކާފަ އެވެ. އެ ތަނުން ބުނީ، މިއީ އާދަޔާ ހިލާފު ދިރިއުޅުމުގެ ތަޖުރިބާތަކެއް ހުރި ލިޔުންތެރިއަކަށް ކުރެވޭ ވަރަށް އިހާނެތި ތުހުމަތުތަކެއް ކަމަށާއި، އޭނާގެ އުފެއްދުމަކީ އަމިއްލަ ވަރުގަދަ މަސައްކަތެއް ކަމަށެވެ.

މި ފޮތް ބިނާވެފައިވަނީ ހެއިޓީގައި ހިނގަމުންދާ ގޭންގު މާރާމާރީތަކުން ސަލާމަތްވުމަށް ފިލައިގެންދާ މުދައްރިސެއްގެ ދިރިއުޅުމުގެ މައްޗަށެވެ. އަދި އޭނާ ކެނެޑާއަށް ގޮސް، "ބިރުވެރިކަމެއް ނެތި ނޭވާލުމުގެ ހައްގު" އަލުން ހޯދުމާ ހަމައަށް ކުރިމަތިވި ކަންތައްތައް މި ފޮތުގައި ކިޔައިދެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި، އޭއައި ދެނެގަންނަ ޕްރޮގްރާމްތަކުން އިންސާނުން ލިޔާ ލިޔުންތަކަކީ އޭއައި ލިޔުންތަކެއް ކަމަށް ނުބައިކޮށް ދައްކަފާނެ އެވެ. އަދި އޭއައި އިން ލިޔެފައިވާ ލިޔުމެއްގައި ބަދަލުތަކެއް ގެނެސްފައިވާނަމަ، އެއީ އޭއައި ލިޔުމެއްކަން ދެނެގަންނަން އެ ޕްރޮގްރާމްތަކަށް ނޭނގިދާނެ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، މި ޕްރޮގްރާމްތައް ހަދާފައިވަނީ އިނގިރޭސި ނުވަތަ ފަރަންސޭސި ބަހުގެ މިންގަނޑުތަކަށް ބަލައިގެން ކަމަށްވާތީ، ކެރީބިއަން ފަދަ ސަރަހައްދުތަކުގެ ބަހުރުވަ ބޭނުންކޮށްގެން ލިޔެފައިވާ ލިޔުންތައް އެ ވަސީލަތްތަކަށް ރަނގަޅަށް ދެނެއެއް ނުގަނެވޭނެ އެވެ.

ނަމަވެސް "ބެލެންސް ޓޮން ކްލޯޑް" ގެ ފަހަތުގައި ތިބި މީހުން ބުނަނީ، "ޕެންގްރާމް" އިން ނުބައި ނަތީޖާއެއް ދައްކަނީ ކޮންމެ 24،400 ފަހަރަކުން އެންމެ ފަހަރަކު ކަމަށް ސާބިތުވެފައިވާ ކަމަށެވެ.

އޭއައި ބޭނުންކުރުން އާންމުވަމުންދާ މި ދަނޑިވަޅުގައި، "ސެޓައިޓް ސާ އޫ މޫރީ" އާ މެދު އުފެދިފައިވާ މި ބަހުސަކީ، އިންސާނުންގެ އުފެއްދުންތެރިކަމާއި އޭއައިގެ އެހީތެރިކަން ބޭނުންކުރުމުގައި ބަލައިގަނެވޭނެ މިންގަނޑަކީ ކޮބައިތޯ ކުރެވޭ ބަހުސަށް އިތުރުވި ބޮޅެކެވެ. ސަބަބަކީ ލިޔުންތެރިން އޭއައި ބޭނުންކޮށްގެން ލިޔުމެއް އުފެއްދުމަށްފަހު އަމިއްލައަށް ބަދަލުކުރުން ނުވަތަ އަމިއްލައަށް ލިޔުމަށްފަހު އޭއައި މެދުވެރިކޮށް ރިވިއުކުރުމަކީ ވެސް ވެދާނެ ކަމަކަށްވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox