ދިގުވާހަކަ: ސަނީ

ދިގުވާހަކަ: ސަނީ

(13 ވަނަ ބަޔާ ގުޅޭ)

އެ ދުވަހުގެ ރެ އެވެ. ނަވާޒު އުޅުނީ އެ ސެމިސްޓާގައި ކިޔަވަން ގެންގުޅުނު ފޮތްތަކާއި އަތްމަތީ ކަރުދާސްތައް ކަރުދާސް ފޮށިގަނޑަކަށް އަޅާށެވެ. ކުއްލިއަކަށް އޭނާއަށް ފޯނެއް އަ އެވެ. ނަވާޒު ފޯނަށް ބަލައިލި އެވެ. ދެ ތިން ފަހަރު ރަނގަބީލުވުމުން އޭނާ ފޯނު ނެގި އެވެ.

"ކީކޭ އެކުވެރިޔާ!" މަޖާ ރާގެއްގައި ނަވާޒު ބުނެލި އެވެ.

"ކޮން އިރަކުން ބަލާ ދާންވީ؟" އެކޮޅުން ވާހަކަދެއްކީ ޝަފީއު އެވެ.

"އަދި ޕެކިންގަ. ނިމުނީމަ ގުޅާނަން އިނގޭ." ނަވާޒު އެއް ނޭވާއިން އަމުނައިލި އެވެ.

"ތިހެން ކިޔައިފަ އެކަނި އަންނާނީއެއް ނޫން އިނގޭ." ޝަފީއު ފުން ނޭވާއެއް ދޫކޮށްލި އެވެ.

"އާނ! ބަލަ މަ މި ކުޑަކުއްޖެއް ނޫނޭ. އާނ. ދެން އަހަރުމެންނަށް މިނޫން ގޮތެއް ވެސް ނޯވެއެއްނު. ސެމިސްޓާއަކު އެއްފަހަރު ބޭރުކޮށްލާ ވިއްޔަ. މާނައަކީ ޗުއްޓީގައި ރަށުގައި އުޅޭށޭ. މާލެއަކީ އުޅެން ހެޔޮވާވަރުގެ ތަނެއް ނޫނޭ. އޭތި މަށަށް އޯކޭ. އެކަމަކު ހަމަ ނިމޭއިރަށް ކޮންމެ މީހަކަށް ރަށަށް ފުންމާ ނުލެވޭނެދޯ. އެހެންވީމަ ޖެހޭކަންނޭނގެ މި އުސޫލަށް ބަދަލެއް އަންނަން." ނަވާޒު ފާޑުކިޔައިލީ ދަނާލުގައި އަމަލުކުރަމުންދާ އުސޫލަށެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ދަރިވަރުންގެ ހައްގުތަކަށް އިހުތިރާމުކުރާނަން. ދަރިވަރު ކިޔަވާ ނިމެންދެން ދަނާލުގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސާ ދޭނަން. ސެމިސްޓާއަކު އެއްފަހަރު ދަރިވަރު މަގުމަތިކޮށެއް ނުލާނަން." ޝަފީއު އަޑަށް ގޮތެއް ހަދައިލަމުން ލާނެތް ރާގެއްގައި ބުނެލި އެވެ.

އޭނާ އުޅުނީ ސިޔާސީ ލީޑަރެއްގެ ވާހަކަދެއްކުން ނަކަލުކޮށްލާށެވެ. އެ ރާގުގައި ވާހަކަދައްކާށެވެ. އޭނާއަށް އެކަން ކާމިޔާބު ނުވީ ކޮށިއެރުމުންނެވެ. އެއާއެކު ނޭވާ ކުރުވާ ގޮތްވި އެވެ.

"ހީވެއްޖެ. އަދިވެސް މީހުންނާ ދިމާ ކުރާތި،" ނަވާޒު ހޭންފެށި އެވެ. "ޝަފީއު ވަރަށް ވަރަށް ގުޅޭ. އެކަމަކު މަ ތި ދުވަހެއްގެ އިންތިޒާރުގައި ހުއްޓާ ކަން ނޭނގެ ސަންދޯކުގެ މަތި އަޅާނީ."

ޝަފީއުއާ ވާހަކަދައްކަމުން ނަވާޒު ފޮތްތައް ނަގައި ފޮށިގަނޑަށް އަޅަމުންދިޔަ އެވެ. ބައެއް ފަހަރު ކޮނޑު ހިއްލައިލާ ކަންފަތާއި ކޮނޑާ ދެމެދުގައި ފޯނު މަހައިލައިގެންނެވެ. އަނެއްބައި ފަހަރު މޭޒާ ދިމާއަށް ހިނގަމުންނެވެ. ދެ މީހުންގެ ވާހަކައިގައި ހުރީ މަޖާ ގޮތެވެ. އެކަކު އަނެއްކަށް ދިމާކުރުމުގެ ރާގެވެ.

ޝަފީއުގެ ގެއަށް ނަވާޒު ބަދަލުވީ ހަވީރު އެވެ. އެގެއަށް ނަވާޒު ބަދަލުވި ގޮތަށް އޭނާ އޮށޯވެލި އެވެ. އަރާމުކޮށްލާށެވެ. އެނދުގައި ޖެހުނުހެން ހީނުވެ އޭނާއަށް ނިދުނީ އެވެ. ނަވާޒުގެ ޚަބަރެއް ނުވާތީ ދެ ފަހަރަކު ޝަފީއު ކޮޓަރިއަށް ބޯ ދިއްކޮށްލި އެވެ. ނަމަވެސް ނަވާޒު ނިދައިފައި އޮތް އަރާމު ގޮތް ފެނިފައި އޭނާ ދޮރު ލައްޕާލަނީ އެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ނަވާޒު ލޯ ހުޅުވާލި އެވެ. ޝަފީއުގެ މޫނަށް ބަލައިލަމުން ލުއި ގޮތަކަށް ނަވާޒު ހިނިތުންވެލި އެވެ.

"ގުޑުމޯނިން ނިދަން މިޔަރު." ޝަފީއު އެތެރެއަށް ވަންނަން ހިނގައިގަތެވެ.

"މޯނިންތަ؟" ނަވާޒު ކަމެއް ހަނދާންވުމުން ކުއްލިއަކަށް އެނދުން ތެދުވި އެވެ.

"ނިދީގެ މީރު ވާދީތަކުގައި ވަގުތު ހޭދަކޮށްލީމަ ދުވަސްދާ ގޮތް ވެސް ނޭނގެއެއްނު. މިހާރު ދެ ދުވަސްވީ ނިދާތާ؟" ޝަފީއު އެނދުގައި އިށީނދެލި އެވެ.

"އާނ! އެކަމަކު ހަވީރު ތަނަކަށް ދާން ކިޔައިފަވީ." ނަވާޒު ފުށްކިބައިގައި ދެ ފަހަރު ހިރުވާލި އެވެ.

"ޑޭޓަކަށްތަ؟ އަނެއްކާ އަނެއް ސޮފުހާ ލިޔަން ފެށީތަ؟" ޝަފީއު ދެ ލޯ ބޮޑުކޮށްލި އެވެ.

"ނޫނޭ. ތި މީހުންގެ އުނދަގުލާ ހެދި އެކަނި ކަމެއް ކޮށްލެވޭ ވަރެއް ނޫނެއްނު. މިހާރު ދެން މި ކޮޅަށް އައީމަ ތަންކޮޅެއް ސޭފްވާނެއްނު." ނަވާޒު ހިނިތުންވެލި އެވެ.

"މާލެއާ ބަލައިފަ ހުޅުމާލެ ތަންކޮޅެއް އަމާން އަދި. ނޭނގެ ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ގޮތެއް. އެކަމަކު ހަނދާން ބަހައްޓަންވީ ކަމަކީ ހުޅުމާލެއަކީ މާލެކަން. މާލޭގައި ކުރާކަމެއް، ވާގޮތެއް ހުޅުމާލެއަށް ވެސް ވާނެކަން." ޝަފީއު ނަސޭހަތުގެ ރާގުގައި ބުނެލި އެވެ.

"އޮފީސްކަމެއްގަ ބޭރަށް ދާން ޖެހިގެން އިނގޭ. ނަވާ ތަނަކަށް ދާން އެބަ އޮތްތަ؟ މިހާރު ނުވައެއް ޖަހަނީ." ޝަފީއު ބަލައިލީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ.

"އުހުނ، ދެން ބޭރަށް ނުދާނަން. މަށަކީ އެކަނި ވެސް ތަންތަނަށް ދެވޭ ވަރު ކުއްޖެކޭ. ވާން ހުންނަކަމެއް ކަނޑުގައި އޮތަސް، ދަނޑުގައި އޮތަސް ވާނެ." ނަވާޒު ހިނިތުންވެލި އެވެ.

"މި ދުވަސްކޮޅު ގޭގައި އިތުރު މީހަކު ނެތީމަ މި ހުރިހާ ވާހަކައެއް މި ދައްކަނީ. އަހަންނަށް އާދެވޭނީ ތަންކޮޅެއް ދަންވީމަ." ޝަފީއު ކޮޅަށް ތެދުވެލި އެވެ.

"އޯކޭ. މިރޭ ދެން ތަނަކަށް ނުދާނަން." ނަވާޒު ދެ ތުންފަތަށް ބާރުކޮށްލަމުން ހިނިތުންވެލި އެވެ.

ޝަފީއު ދިޔުމުން އޭނާ ނެގީ ބާލީސްދަށުގައި އޮތް ފޯނެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އޭނާއަށް ޖަވާބު ނުދެވިވާ ކޯލުތަކުގެ ލިސްޓެވެ. ގުޅައިފަ އޮތީ ކޮން ނަންބަރަކުންތޯ އޭނާ ބަލައިލި އެވެ. އެއީ އެއް ނަންބަރެކެވެ. ފޯނުގައި ރައްކާކުރެވިފައިވާ ނަންބަރަކަށް ނުވާތީ ކާކުގެ ނަންބަރެއް ކަމެއް އޭނާއަށް ނޭނގެ އެވެ.

ގުޅަން ނުގުޅަން އިނދެ އޭނާ އެ ނަންބަރަށް ގުޅައިލި އެވެ. ހިތުގައި އުފުލެމުން ދިޔަ ޝައްކުގެ ފިތަށް އޮބައިލައޮބައިލާ އިނދެ އެވެ.

"ހާދަ ގުޅައިފީމޭ."

ފޯނު ނެގި އިރަށް އެކޮޅުން ކުރާން ފެށީ ޝަކުވާ އެވެ. ނަވާޒު ކުޑަކޮށް ވިސްނައިލި އެވެ. އެއީ އޭނާ ދަންނަ އަޑެއްހެން ހީވާތީ އެވެ. އަންހެން ކުދިންނާ މާ ގިނައިން ފޯނުން ވާހަކަ ނުދައްކާތީ ރަހުމަތްތެރިންގެ އަޑު ވެސް އޭނާއަށް ފާހަގަކުރާން އުނދަގޫވެ އެވެ.

"އެހެންތަ؟ ކޮން ކަމެއްގައިތޯ؟" ނަވާޒަށް އެއީ ކާކުގެ އަޑެއްކަން ޔަގީން ނުވާތީ އޭނާގެ ވާހަކަތައް ބައްޓަންކުރީ ތަންކޮޅެއް ރަސްމީ ރާގެއްގަ އެވެ.

"މި އުޅެނީ ރޯގާ ވެސް ޖެހިގެން. އަޑު ވެސް ނެތް ދޯ." އެ ކޮޅުން ވާހަކަދެއްކި މީހާ ކަރުކެހިލި އެވެ.

"ދަންނަ އަޑެއްހެން ވެސް ހީވޭ. ވާހަކަދައްކާ ގޮތުން އެކަހަލަ އިހުސާސެއް ވެސް ކުރެވޭ." ނަވާޒު ޝައްކެއް މަތީ އިނދެ ބުނެލި އެވެ.

ނަވާޒަށް ޔަގީންކުރެވެމުން ދިޔައީ އެއީ އޭނާގެ ހިތުގެ އެއްފަޅިން އިވޭ އަޑެއްކަމެވެ. އަޑުގައި ކުރަކި ކަމެއް ހުއްޓަސް އަޑު ބަދަލުވެފައި ހުއްޓަސް އޭނާއަށް އެކަން އޮޅުވާ ނުލެވޭނެ ކަމެވެ. އެ ނިޔަނެތި ރާގާއި އެ ލޮބުވެތި އަޑު އޭނާގެ ހިއްސުތައް ދެނެގަންނާނެކަމެވެ. އެހައި ވެސް ބޮޑަށް އެ އަޑުގެ ވެރިޔާއަށް އޭނާގެ ހިތާއި ނަފުސު ފިދާކޮށްފައިވާކަމެވެ.

"ނަވާއަށް ދެން ނޯޅޭނެކަން އެނގޭ،" އެ ކޮޅުން ވާހަކަދެއްކި އަޑުގައި ހުރީ ގާތްކަމެވެ. "ފޯނު ފެންގަނޑަކަށް ވެއްޓިގެން ނުވެސް ހުޅުވުނު އެހެންވެ ދޮންތަ ނަންބަރުން މި ގުޅީ ވެސް."

ނަވާޒު ފުން ނޭވާއެއް ބޭރުކޮށްލި އެވެ. ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ ކޮޓަރިން ބޭރަށް ނުކުންނަށް ހިނގައިގަތެވެ. ލައިގެން ހުރި ކުރު ސޯޓު އެއް އަތުން ހިއްލައިލި އެވެ. ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުގެ ނިތްކުރިއަށް އެ އަތް މަހައިލަމުން އޭނާ ކުރިއަށް ދިޔަ އެވެ.

"މިރޭ އެބަ ފުރާ އިބްރާހިމްބެގެ ހައްމާދު. އޭނާއަށް ދީފަ ފޯނެއް ފޮނުވާނަން އިނގޭ. ހަވީރު ޖައްސާލި އިރަށް ނިދުނީ. ދެން މާދަމާ އަނެއްކާ އޮފީހަށް ދާން ޖެހޭތީ ނިދައިލީ،" ނަވާޒު ވާހަކަދެއްކީ ވަރަށް ލޯބިންނެވެ. "ޖުމާ ބޭނުންވަނީ ކޮންކަހަލަ ފޯނެއް؟"

"ބައްތިއެއް." އެ ކޮޅުން ވާހަކަދެއްކީ ޖުމާނާ އެވެ.

"މިހާރު ވެސް ތިޔަ ރީތި ފަރި އަޑު ޖެހުނީމަ ހިތް ތާޒާވެއްޖެ. ބޮލުގައި ހުރި ބަރުކަން ކެނޑިއްޖެ. ތިޔައީ އަހަންނަށް ވަރަށް ރަނގަޅު ޝިފާ ލިއްބައިދޭ ބޭހެއް. އެހެންވީމަ ބައްތިގަނޑަކުން ޝިފާ ހޯދާކަން މި ހިތެއް ނޭދޭ." ނަވާޒު މަޑުމަޑުން ބުނެލި އެވެ.

"އޯކޭ ލޯބިންދޭ ކޮންމެ އެއްޗެއް ހިތުން ރުހުމުން ގަބޫލުކުރާނަން." ޖުމާނާ ތުއިވެލި އެވެ.

ފޯނު ބޭއްވުމަށްފަހު ނަވާޒު އަވަސްވީ މޫނު ދޮވެލައިގެން މަތި ހަދައިލައިގެން ބޭރަށް ނުކުންނާށެވެ. އޭނާ ވޮލެޓު ޖީބަށް ކޮށްޕާލަމުން ސައިކަލު ރޯކޮށްލި އެވެ. ނަވާޒު މިސްރާބުޖެހީ ހުޅުމާލޭގައި އަލަށް ހުޅުވި ފޯނު ފިހާރައާ ދިމާއަށެވެ. އެ ފިހާރަ ހުންނަނީ ނަވާޒު އުޅެމުންދާ ޝަފީއުގެ އެޕާޓުމަންޓާ ތަންކޮޅެއް ދުރުގަ އެވެ. ދުއްވާ އެއްޗެހީގެ ކާރޫބާރުކަން ބޮޑު މަގުތައް ފަސްދީ އޭނާ ގޯޅިއެޅީ ފިތުރޯނު ގަސްތައް ގިނަ މަގަކަށެވެ.

އޭނާ އެ މަގަށް އެޅި އެއް ސަބަބަކީ އެއީ އަވަހަށް އެ ފިހާރައަށް ދިޔުމަށެވެ. ނަވާޒު ގެއިން ނުކުތީއްސުރެ އޭނާއަށް ޝައްކެއް ވަމުން ދިޔަ އެވެ. އޭނާގެ ފަހަތުން ބަޔަކު ފާރަލަމުންދާ ކަމެވެ. އޭނާ އެ މަގަށް އެޅި ދެވަނަ ސަބަބަކީ ހިތަށް ތިލަވަމުން ދިޔަ ޝައްކު ފިލުވާލާށެވެ. އޭނާ ބޭނުންވީ އެއީ އޭނާއަށް ކުރެވެމުން ދިޔަ ކުށްހީއެއްކަމަށް ގަބޫލުކުރާށެވެ. ވަހުމެއް ކަމަށް ނިންމާށެވެ.

ނަވާޒު ސައިކަލުގައި ހަމަޖެހިލަމުން ލޯގަނޑު ހެޔޮކޮށްލި އެވެ. މަގުގެ ދެ ފަރާތުން ދުއްވަމުންދާ މީހުން ސާފުކޮށް ފެންނާނެ ގޮތަށެވެ. އޭރު ނަވާޒަށް މަގުގެ މެދާ ހަމައަށް ދެވެނީ އެވެ. އެއީ އެ މަގުގައި އެންމެ ގަސްބޯ ހިސާބެވެ. މީހުން ނޫޅޭ ފަޅު ސަރަހައްދެކެވެ. ހީވަނީ ޖަންގަލީގެ މެދަށް ވަދެވުނުހެންނެވެ. އޭނާއަށް ކުރެވުނީ އެކަހަލަ އިހުސާސެކެވެ.

ނަވާޒު ހިތް ބިރުގަންނަ ގޮތްވާން ފެށިއެވެ. އޭނާ މޭގަނޑު އަނގަޔަށް އަންނަން އުޅޭކަހަލަ ގޮތެއް ވާންފެށި އެވެ. ނަވާޒު ބަލައިލީ ފަހަތުން ސައިކަލެއްގެ އަޑު އިވުމުން އޭނާގެ ސައިކަލުގެ ލޯގަނޑަށެވެ. އޭރު ކަޅުކުލައިގެން ހެދުމުގައި ތިބި ބަޔަކު އޭނާއާ އަރާ ހަމަކުރަނީ އެވެ. ނަވާޒަށް އަރިއަކަށް ޖެހިލާނެ ފުރުސަތު ވެސް ނުލިބުނެވެ. އޭނާ ދުއްވަ ދުއްވާއިން ސައިކަލުގެ ފަހަތަށް މީހަކު ފުންމާލި އެވެ. އެއާއެކު ނަވާޒަށް ލިބުނު ސިހުމާއެކު ސައިކަލް އަރިއަޅައިލާ ގޮތްވި އެވެ. ނަމަވެސް ސައިކަލަށް ފުންމާލި މީހާގެ ހުސިޔާރުކަމުން ސައިކަލު ވެއްޓޭގޮތެއް ނުވި އެވެ.

"ބުނާ ގޮތަށް ކަންތައް ކުރޭ. ސައިކު އަނބުރައިލާ." ނަވާޒުގެ ފަހަތުގައި އިން މީހާ އިންޒާރުގެ ބަސްތައް ކަންފަތާ ހަމައަށް ފޯރުމުގެ ކުރިން އޭނާގެ ކަނދުރާއަށް ވަޅީގެ ތުނޑި އަމާޒުކޮށްލި އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox