ދިގުވާހަކަ: ސަނީ

ދިގުވާހަކަ: ސަނީ

(12 ވަނަ ބަޔާ ގުޅޭ)

ރަމީޒުގެ ވާހަކަ އިވިފައި ނަވާޒުގެ ހިތް ބާރުބާރަށް ތެޅި ގަތެވެ. ނަމަވެސް ނަވާޒު ބޭނުންވީ އެކަން ރަމީޒަށް ނާންގާށެވެ. އޭނާ ޖެހިލުން ނުވާކަމަށް ހެދޭށެވެ. ރަމީޒަކީ ނަވާޒުގެ ކުލާހުގެ ބައިވެރިވެރިއެއް ނަމަވެސް މާބޮޑު ގުޅުމެއް އޮންނަ މީހަކަށް ނުވާތީ އެވެ. އޭނާއާ ސަނިއްޔާއަކީ އެއް އަތްފަދަ ދެ މީހުންނަށް ވާތީއާ ވެސް އެކުގަ އެވެ.

"ހިތަށް އަރާފާނެ ކުއްލިއަކަށް ގުޅައިފަ މިކަހަލަ ވާހަކައެއް ބުނީމަ ކަމެއް ހާސިލުކުރާން ވެގެންނޭ ވެސް." ނަވާޒު އަނގައިން ނުބުނުމުން ރަމީޒު ބުނެލި އެވެ.

"އާން ތިހެން ހިތަށް ނާރުވާން ހުއްޓަސް ހިތަށް އަރާނެދޯ ތިހެން." ނަވާޒުގެ ހިތުގައި އޮތް ޖުމުލަތައް ބޭރުކޮށްލި އެވެ.

"މި ވެގެން އުޅޭ ގޮތަކީ..." ރަމީޒަށް އެނގުނު ހުރިހާ ވާހަކައެއް ނަވާޒަށް ހިއްސާކުރާން ފެށި އެވެ.

ރަމީޒު ދެއްކި ވާހަކަތަކުގެ ކޮޅުތައް ނަވާޒަށް ގުޅުވެމުން ދިޔަ އެވެ. އެއް ހުޅިއާއި އަނެއް ހުޅި އެވެ. އެއް ރާޅާއި އަނެއް ރާޅެވެ. ކޮންމެ އުސްގަނޑެއްގެ މައްޗަށް އަރައި ބަލައިލުމުން ނަވާޒަށް ފެންނަނީ އެއް މަންޒަރެކެވެ. އެއް ތަސްވީރެކެވެ. އެއީ ސަނިއްޔާ އެވެ. ސަނިއްޔާގެ ހީލަތްތެރިކަމެވެ. މަކަރުވެރިކަމެވެ.

"އަހަންނަށް ނުވިސްނޭ ކަމަކީ ސަނީ އަހަންނާ މެދު އެގޮތަށް ކަންތައް ކުރާ ސަބަބު. އޭނާ ބޭނުންވާ ގޮތް." ނަވާޒު ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

"ތިއެއް އެނގޭނީ ނަވާއަށް. އިންސާނެއްގެ ފުރާނައެއް ސަލާމަތްކުރެވެން ގޮތެއް އޮތްނަމަ އެ ގޮތެއް އަހަރެން ހޯދާނެ. އަހަންނާއި ނަވާޒަކީ މިޒާޖުގެ ގޮތުން ތަފާތު، ގަބޫލުކުރާ ކަންކަމުގައި ބޮޑެތި ތަފާތު ތަކެއް އެބަހުރި. އެކަމަކު ފުރާނަ އަހަންނަށް މާ މުހިއްމު." ރަމީޒު އެއް ނޭވާއިން އަމުނައިލި އެވެ.

"އޯކޭ. ވަރަށް ބޮޑަށް ޝުކުރިއްޔާ! އަދިވެސް ކަމެއް އެނގެންޏާ ހިއްސާކޮށްލާތި." ނަވާޒު ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތައް އިތުރުވަމުން ދިޔަ އެވެ.

"ބަލައިގެން އުޅޭތި. އެކަނި ތަނަކަށް ނުދާތި." ރަމީޒު ފޯނު ބޭއްވުމުގެ ކުރިން ވެސް ނަވާޒަށް ދިނީ ނަސޭހަތެވެ.

ރަމީޒުގެ ފޯނު ކޯލަށް ފަހު ނަވާޒު އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާއަށް އިހުސާސްކުރެވެމުން ދިޔައީ އޭނާ ފިތެމުންދާ ކަމެވެ. ވަށައިގެން އޭނާ ބެދެމުންދާކަމެވެ. ކޮޓަރީގެ ހަތަރުފާރު އޭނާ ވަށައިގެން އައިސް ފިއްތަމުންދާކަމެވެ. ފަންގިފިލާ ވެސް އޭނާއާ ދިމާއަށް ތިރިވަމުންދާކަމެވެ. ހާސްވާހެން ހީވުމުން އޭނާ އެނދުން ތެދުވެ އެނދުގައި އިށީނދެލި އެވެ. ކުޑަކޮށް ބޯ ހަމަޖައްސާލަން ކުޑަދޮރާ ދިމާއަށް ހިނގައިގަތެވެ.

ނަވާޒު ކުޑަދޮރުން ބޭރު ބަލައިލި އެވެ. އޭނާއަށް ފެނުނީ ދުރުގައި ތިބި ދެތިން މީހުންނެވެ. އެ މީހުންގެ ހަރަކާތްތަކާއި އެމީހުން އުޅުނު ގޮތް ނަވާޒަށް ގުޅުވާލެވުނީ ރަމީޒު ދެއްކި ވާހަކަތަކާ އެވެ. ތިން މީހުން ވެސް ލައިގެން ތިބީ ގަޔަށްދޫ ކަޅުކުލައިގެ އަތްދިގު ޓީޝާޓެވެ. އެކެއްގެ އިސްތަށިގަނޑުވަނީ ކޮނޑާހަމައަށް ދޫކޮށްލައިފައެވެ. ބުޅި އެ އިސްތަށިގަނޑު ސިފަވަނީ ކުޅަނދުރު ހަތައެއް ގޮތަށެވެ. ދެން ތިބި ދެ މީހުންގެ އިސްތަށިގަނޑުވަނީ ބޮލު މެދަށް އޮޅައިލާ ހުޅިއެއް ޖަހައިފަ އެވެ.

ދެފަހަރުން އެއް ފަހަރު އެ މީހުން ބަލައިލަނީ ދަނާލާ ދިމާ އެވެ. ނަވާޒު އެ މީހުންނާ ދިމާއަށް ބަލަން ހުރިކަން އެ މީހުންނަކަށް ނޭނގެ އެވެ. މަގުމަތިން ދިޔަ މީހަކަށް ގޮވައިލުމަށްފަހު އެ މީހުން އެއްޗެއް ދައްކާލި އެވެ. އެމީހާ ބޯ ހޫރައިލި އެވެ. ނަވާޒު ތަންކޮޅެއް ބޮޑަށް ސަމާލުވި އެވެ. އެ މީހުން ގެންގުޅެނީ ކުޑަ ކަރުދާސްކޮޅެއްކަން އޭނާއަށް ޔަގީންކުރެވުނެވެ. މުޝީރާމެންނަށް އެ ގުރޫޕާ ހަމައަށް ދެވުމުން ސުވާލުކުރާން ފެށި އެވެ. އަޒުރާ ބަލައިލީ ދަނާލާ ދިމާއަށެވެ. މުޝީރާ އިނގިލި ދިމާކޮށްލީ އެ މީހުން އައި ދިމާއަށެވެ. އެއާއެކު އިރުކޮޅެއް ވަންދެން މުޝީރާމެން އެތަނުގައި މަޑުކޮށްގެން ތިއްބެވެ. ގަބޫލުކުރެވޭ ގޮތުން އެ މީހުންގެ ސުވާލުތަކަށް ޖަވާބުދެނީ އެވެ.

ނަވާޒު އަވަސް އަވަހަށް ތިރިއަށް މިސްރާބު ޖެހި އެވެ. އޭނާ ބޭނުންވީ ޔަގީންކުރާށެވެ. އޭނާގެ ހިތުގައި އުފެދެމުން ދިޔަ ޝައްކުތައް ފިލުވާލާށެވެ. ހިތް ސާފުކޮށްލާށެވެ.

ނަވާޒަށް ތިރިއަށް ފޭބުނުއިރު މުޝީރާއާއި އަޒުރާ ދަނާލުގެ މައި ދޮރާށިން ވަންނަނީ އެވެ. ނަވާޒަށް ހުއްޓިލެވުނެވެ. ނަވާޒު ފެނުމާއެކު ދެމީހުން ހިނިތުންވެލި އެވެ. ނަވާޒު އުއްމީދުކޮށްގެން ހުރީ ދެ މީހުން ވެސް އޭނާ ފެނުމުން ވާހަކަދައްކަން މަޑުކޮށްލާނެ ކަމަށެވެ. އެ ގުރޫޕު ދެއްކި ވާހަކަތައް ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް އެމީހުންގެ ހަރަކާތްތައް ހުރީ އެހެން ގޮތަކަށެވެ. މިސްރާބު ޖެހީ އަންހެން ދަރިވަރުންގެ ވިންގާ ދިމާއަށެވެ.

ނަވާޒު އަވަސްއަވަހަށް ހިނގައިގަތެވެ. ބޮލަށް އަތް ހިއްލައިލަމުންނެވެ. މުޝީރާއަށް އެ މަންޒަރު ފެނުނެވެ. އަޒުރާ ވެސް ފަހަތް ބަލައިލި އެވެ. އަޒުރާގެ ކަންފަތްދޮށުގައި މުޝީރާ އެއްޗެކޭ ބުނެލި އެވެ.

ނަވާޒު ހާސްވާން ފެށި އެވެ. ހިތުގެ މިސްރާބު ދެ ދިމާއަކަށް ދިޔަ އެވެ. މުޝީރާމެން ގާތު އެހެން އަހާނީބާ ހިތަށް އެރި އެވެ. ދެވަނަ މިނެޓުގައި އެ ވާހަކަ އަހައިފި ނަމަ އެ މީހުން އެހެން އެއްޗެއް ހިތަށްލައިގެން އެ ވާހަކަ ދައްކަފާނޭ ހިތްބުނެލި އެވެ.

"ކިހިނެއްވީ ފަޔަށް ހިނިއަރައި ބޮލުގައި އުކުނު އަޅައިގެން ތި އުޅެނީ؟" މުޝީރާ ހިނިތުންވެލި އެވެ.

"އަހަންނަށް ހީވަނީ ޑޭޓަކަށް ނުކުންނަނިކޮށް ބަޓުވީހެން." އަޒުރާ ވެސް ބައިވެރިވެލީ މުޝީރާއާ އެވެ.

އެ ދެމީހުން ހިނގައިގަތީ ނަވާޒާ ދިމާއަށެވެ. ނަވާޒު ވެސް ދެމީހުންނާ ދިމާއަށް ހިނގައިގަތެވެ.

"ދެން ވީގޮތެއް ބުނެބަލަ. ގައިމު އަހަރުމެންނަކީ ދުރު ބަޔެއްނޫން." މުޝީރާ ބަލައިލީ އަޒުރާގެ މޫނަށެވެ.

"މީ.. މީ އެ.." ނަވާޒަށް ފަށަންވީ ދިމާއެއް ނޭނގުނެވެ.

"ކޮން މިމިއެއްތަ؟" އަޒުރާ ބޭނުންވީ ނަވާޒާ ދިމާކޮށްލާށެވެ.

"އަހަ.. އަހަރެން ބުނީ.. އެ މި.. އެ މި.." ނަވާޒު ހިތްވަރުކޮށްލި އެވެ.

"އެ ބުނާހެން ނަވާ މިހާރު މަންމަނު ވީތަ؟ ނޫނީ ބައިމަނަކަށްވީތަ؟" މުޝީރާ ވެސް ހޭންފެށި އެވެ.

"އެ ދުވަހުގެ ވާހަކައެއް ނުދައްކަން. ސަނީ ވަރަށް ވަރުން އެހި އެ ވާހަކަދޯ." ނަވާޒު އަހަން އުޅުނީ ކުރިން ދުވަހު ދެއްކި ވާހަކަ ކަމަށް ހީކޮށް އަޒުރާ ފެށި އެވެ.

"އާނ، އެކަމަކު އަހަރުމެންނަށް އެނގޭ ކަމަކަށް ނަހަދަން. އެހެންނޫނަސް އަހަރުމެންނަށް އެނގޭ ހުރިހާ ކަމެއް އެ ކަމަނާއަށް އެނގޭކަށް ލާޒިމެއް ނޫންދޯ. އަހަރުމެންނަކީ އެހާ ފޯރާ، އެހާ ރީތި ބައެއް ވެސް ނޫން." މުޝީރާ ވެސް ބައިވެރިވެލީ އަޒުރާގެ ވާހަކައިގަ އެވެ.

"އެ ވާހަކައެއް ނޫނޭ." ވަރަށް ހިތްވަރުން ނަވާޒު ބުނެލި އެވެ.

"ދެން ކޮން ވާހަކައެއް އަހަންތަ؟" މުޝީރާ އިސްނެގި އެވެ.

"އެތަނުގައި އެ ތިބި ޒުވާންކުދިން." ނަވާޒު ބުނަން އުޅުނު ވާހަކަ ގަދަކަމުން ކަހަލަ ގޮތަކަށް ބުނެލެވުނެވެ.

"އޯހް. އެ މީހުންދޯ." އަޒުރާ ބުނެލި އެވެ.

"އެ ކުދިން ދެއްކީ ފާޑެއްގެ ފޮޓޯގަނޑެއް." މުޝީރާ ވެސް ބުނެލި އެވެ.

"އެހީ ދަންނަންހޯ އެ މީހާ. އެ ވަރަށް ޒުވާން ކުއްޖެއްގެ ފޮޓޯއެއް." އަޒުރާ ވެސް ބައިވެރިވެލި އެވެ.

"ކިހިނެއް ހުރީ؟" ނަވާޒު ޝައުޤުވެރިވި އެވެ.

"ސާބަހޭ އެއީ ސަނިއްޔާއެއް ނޫނޭ." މުޝީރާ ހޭންފެށި އެވެ.

"އެ ފިރިހެން ކުއްޖެއް." އަޒުރާ ވެސް ހޭންފެށި އެވެ.

"އަނެއްކާ އަހަރެންތަ؟" ނަވާޒު ހިތް ތެޅިގަތެވެ.

"ނޫނޭ. ނިކަން އޮމާން މޫނެއް. ސާފު ދެ ލޯ. ބާޒުގެ ދެ ބުމަ. އެ ނަވާޒުތަ އަނެއްކާ؟" މުޝީރާ ދިމާކޮށްލީ ނަވާޒާ އެވެ.

"ނޫންތަ؟" ނަވާޒު ހިތް އަވަސްވަމުން ދިޔަ އެވެ.

"ވީގޮތެއް ކިޔައިބަލަ." އަޒުރާ ޝައުގުވެރިވި އެވެ.

"ރަމީ ގުޅައިފަ ބުނީ އަހަރެންގެ ފޮޓޯގަނޑެއް ދައްކަމުން ބަޔަކު މަގުމަތީ ހިނގާ ވާހަކަ. މީހުން ގާތު އެބަ އަހައޭ ދަންނަންހޭ. އުޅޭ ތަނެއް އެނގޭހޭ." ނަވާޒު އޮޅުން ފިލުވައިދިނެވެ.

"އެހެންތަ؟" ނަވާޒުގެ ވާހަކަ އިވިފައި މުޝީރާ ބަލައިލީ އަޒުރާގެ މޫނަށެވެ.

"ކޮން ބައެއް؟" އަޒުރާއަށް އަހައިލެވުނެވެ.

"ނޭނގެ. އޭނާ ކިޔައިދިނީ ގަޔަށްދޫ ކަޅުކުލައިގެ ޓީޝާޓުތަކެއް ލައިގެން ތިބި ބަޔަކުއޭ. އަތް ފުރެންދެން ޕެކިން އަޅައިފަ، ކަންފަތުން ދެތިންތަން ދޮރުފައިފަ، އަނދުން އަޅައިގެން ތިބި ތިން މީހުންނޭ. ޕާޓޭ ކުދިންކޮޅަކާއޭ ވައްތަރީ." އަބުއި ރާގެއްގައި ނަވާޒު ބުނެލި އެވެ.

"އެހެންވީމަ އެއީ ހަމަ އެމީހުން." މުޝީރާ ބަލައިލީ ނަވާޒުގެ މޫނަށެވެ.

"އާނ!" އަޒުރާ ބޯ ޖަހައިލި އެވެ. "ނަސީބެއްނު އަހަރުމެންނަށް ރަނގަޅަށް ބުނެވުނުކަން."

"އޭނ!" ނަވާޒަށް ލިބުނީ ކުއްލި ސިހުމެކެވެ.

"އާނ! އަހަރުމެން ވަރަށް ރަނގަޅަށް ބުނެދިނިން." އަކުރަތަކަށް ވާންކޮށްލަމުން މުޝީރާ ކިޔައިދިނެވެ.

"ތިބުނީ؟" ނަވާޒު އެހި އެވެ.

"އެމީހުން ދެއްކީ ނަވާގެ ފޮޓޯއެއް. އެކަމަކު އެ ތަންކޮޅެއް ކުރީގެ ފޮޓޯއެއް. ތުނބުޅިއެއް މަތިމަހެއް ވެސް ނެތް. ހީވަނީ ވަރަށް ޅައިރުގެ ފޮޓޯއެއްހެން." އަޒުރާ ކިޔައިދިނެވެ.

"ދެން ކީކޭ ބުނީ އަނެއްކާ. އަހަރެން އުޅެނީ މިތަނުގައޭ ބުނީތަ؟" ނަވާޒު ހާސްވާންފެށި އެވެ.

"ދެން ރަނގަޅަށްތާ ބުނެދޭން ވާނީދޯ. ދޮގު ހަދާކަށް ނުވާނެއްނު." މުޝީރާ ރަކި ގޮތަކަށް ހިނިތުންވެލި އެވެ.

"ވަޓް؟" ނަވާޒު ދެ ލޯ ބޮޑުކޮށްލި އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox