Advertisement

ނިޒާމު ކަނޑައަޅަން ވޯޓަކަށް ދާން އެއްބަހެއް ނުވަން: އެމްއާރްއެމް

5 ސެޕްޓެންބަރު 2021 - 14:24 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ


ނިޒާމު ކަނޑައަޅަން ވޯޓަކަށް ދާން އެއްބަހެއް ނުވަން: އެމްއާރްއެމް

5 ސެޕްޓެންބަރު 2021 - 14:24 0

މިހާރު ރާއްޖޭގައި ވެރިކަންކުރާ ކޯލިޝަން ސަރުކާރު އުފެއްދުމަށް ކުރި މަޝްވަރާތަކުގައި އަދާލަތު ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ދިޔުމަށް އެއްބަސްވެފައިވާކަމަށް އެމްޑީޕީގެ ގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމުން އެމްއާރްއެމް އިން ދޮގުކޮށްފި އެވެ.

މޭ 6 ގައި ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފަހުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާތަކުގެ ތެރެއިން ދެ ޕާޓީއަކުން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވެފައިވާކަމަށެވެ.

"ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ފިޔަވައި އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ އެމްއާރުއެމުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އޭރު އަޅުގަނޑު ހަދާންވާގޮތުގައި އެއްބަސްވެވަޑައިގެންފައި،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ސަބަބަށްޓަކައި އެ ޕާޓީތަކުން ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރަމުންދާ މަސައްކަތަށް އިންކާރުކުރުމެއް އޮންނާނެކަމަށް ނުބެލެވޭކަމަށެވެ. އަދި އެމްޑީޕީގެ ވެސް އެއްވެސް ދެކޮޅުވެރިކަމެއް ފެންނަ ނުފެންނަ ވޯޓަކަށް ނޯންނާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ވެސް ރައީސް ވެސް އެދިވަޑައިގަންނަވާނެ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް "އަދަދު" އަށް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް އެމްއާރްއެމްއިން އެއްވެސް އިރެއްގައި އެއްބަސްވެފައި ނުވާނެ ކަމަށާއި ނަޝީދުގެ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

"ކަނޑައެޅިގެން ދޮގެއް އެއީ އިނގޭތޯ. އެއީ އެމްއާރްއެމުން އަބަދުވެސް ތާއިދުކުރާނީ ރިޔާސީ ނިޒާމަކަށް،" އަލީމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އަލީމް ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާގައި ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ދިޔުމުގެ މަޝްވަރާވެސް ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް އެމްއާރްއެމުން އެފަދަ ވޯޓަކަށް އެއްބަސްވެފައިނުވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން އަދާލަތު ޕާޓީގެ ފަރާތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ޕާޓީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނަގާނޭ ކަމަށްވެސް މިއަދު ވިދާޅުވެފަ އެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަށް އިންތިހާއަށް ސަޕޯޓްކުރައްވާ ބޭފުޅެކެވެ. އަދި ރާއްޖެއާ އެންމެ ގުޅޭނެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެ އެމަނިކުފާނާއި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް އަންނަނީ އެކަމަށް ވަކާލާތުކުރަމުންނެވެ. ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތުގައި މިހާރު އަންނަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ.