15 އޮގަސްޓު 2021 - 12:18 0
އައްޒާމް އަލިފުޅު
އީގަލްސްގެ ކުރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
15 އޮގަސްޓު 2021 - 12:18 0
ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) 2017 ވަނަ އަހަރު ކްލަބް އީގަލްސްގެ ކޯޗުކަން ދޫކޮށްލުމަކީ އޭނާ އެ ޓީމުގައި ކުރި މަސައްކަތުން ހާސިލްވާން އޮތް ހުރިހާ ކަމެއް ނިމުމެއް ނޫނެވެ. އޭނާ އެ ޓީމު ދޫކޮށްލިއިރު، ޒުވާން ކުޅުންތެރިން ގޮވައިގެން ފަސް އަހަރެއްހާ ދުވަހު ކުރި ކާމިޔާބު މަސައްކަތުން އޮތީ ފެންވަރު ރަނގަޅު ޓީމެއް ބިނާކޮށްފަ އެވެ. ކްލަބަށް ކުރިއަށްދެވޭނެ ވަރުގަދަ ބިންގަލެއް އަޅާފަ އެވެ. ސާންތީ އަށް ފަހު އީގަލްސް އަށް އައި ދެ ކޯޗުން ކަމަށްވާ ކުރީގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާއި މިހާރު ހުރި ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވަނީ އެ ކްލަބްގައި ޓީމެއް ބިނާކުރަން ކޮށްފައި ހުރި މަސައްކަތަށް ތައުރީފްކޮށްފަ އެވެ.
އީގަލްސްގެ 30 އަށް ވުރެ ގިނަ އަހަރުވީ ދިގު ތާރީހުގައި މިހާތަނަށް ކުޅޭނެ އެންމެ ބޮޑު މެޗަކީ މި ފަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މިރޭ އިންޑިއާގެ ގަދަބާރު ބެންގަލޫރާ ދެކޮޅަށް ކުޅޭނެ މެޗެވެ. އެ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކޮށްލުމުގެ ފުރުސަތު އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލިބޭނެ އެވެ.
އީގަލްސް އާއި ބެންގަލޫރު މެޗާ ބެހޭގޮތުން "އަދަދު" އަށް ދިން ހާއްސަ އިންޓަވިއުގައި ސާންތީ ވަނީ އީގަލްސް އަށް އަބަދުވެސް އޭނާ ހިތުގައި ހާއްސަ ގަދަރެއް އޮންނާނެ ކަމަށް ބުނެފަ އެވެ.
"އަބަދުވެސް އެދެނީ އީގަލްސް އަށް ކާމިޔާބަށް. ހަގީގަތުގައި އީގަލްސް އާއި އަޅުގަނޑާ ވަކިނުވެވޭނެ ދޭއްޗެއްގެ ގޮތުގައި މި އޮންނަނީ. އަޅުގަނޑު މީހަކަށް ހަދައިދިން ކްލަބަކީ އީގަލްސް. އަޅުގަަނޑަކީ ކާކުކަން މީހުންނަށް އަންގައިދިނީ ވެސް އީގަލްސް އިން،" ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ސާންތީ ބުންޏެވެ.
އަޅުގަނޑު އެދެނީ ބެންގަލޫރުގެ މައްޗަށް މި ފަސްގަނޑުގައި މި ދަނޑުގައި ރަނގަޅު ކާމިޔާބީއެއް އީގަލްސް ހޯދާން. ނުހޯދޭނެ ވަރުގެ ޓީމެއް ނޫން އީގަލްސްގެ މި އޮތީ -- ސާންތީ
އީގަލްސް އިން އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ވަނީ ގައުމީ ޓީމުގެ ތަޖުރިބާކާރު ސީނިއާ ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެ ކުޅުންތެރިންނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އަދި އިސްމާއިލް އީސާ (މެސީ) އެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދަ ގްރާންޑޭ އިން ކުރިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) ވެސް އީގަލްސްއާ ގުޅުނެވެ.
ސާންތީ "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ސާންތީ ބުނީ ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްގެން އީގަލްސް ވަރުގަދަ ކުރުމަކީ އެ ޓީމުގެ ކޯޗު ޝާޒް އާއި ކްލަބްގެ މެނޭޖްމަންޓުން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
"އެކްސްޕީރިއަންސް ކައުންޓް ކުރާނެ. މި މެޗުގައި އަޅުގަނޑުމެންގެ ޓީމު އީގަލްސްގެ ފަރާތުން ރާއްޖޭގެ ޓީމުގެ ފަރާތުން އުނިކަމެއް މި ފެންނަނީ ބޭރު ކުޅުންތެރިންތަކެއް ފެނުމުގެ ފުރުސަތު ވަރަށް ކުޑަކޮށް މި އޮތީ. މި މެޗުގައި (އޭއެފްސީ ކަޕްގައި) ތަފާތަކަށް ވާނީ މި ތިބޭ ފޮރިން ޕްލޭޔަރުން. ހާއްސަކޮށް މި ކަހަލަ ނޮކައުޓް މެޗަކަށް ދާއިރު ފޮރިން ޕްލޭޔަރުންގެ އިންފްލުއެންސް ވަރަށް ބޮޑުވާނެ. އެއީ ވަރަށް ބޮޑު ބައެއް މި މެޗުގައި ކުޅޭނެ،" ސާންތީ ބުންޏެވެ.
މި މެޗަކީ އެންމެ ފުރަތަމަ މިދިޔަ މެއި މަހު ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗެކެވެ. އެ މެޗު އޭރު ކުޅުނު ނަމަ ބެންގަލޫރަށް ހާލަތު ރަނގަޅުވާނެ ކަމަށް އެ ޓީމުގެ ކޯޗު މާކޯ ޕެޒޯލީ ވަނީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.
އެކަމަކު، އޭރު މެޗު ނުކުޅެވުނީ މެޗަށް މާލެ އައިސް ތިބިއިރު، ބެންގަލޫރުގެ ދެ ކުޅުންތެރިއަކާއި އޮފިޝަލަކު މާލޭގެ މަގުތަކަށް ނުކުމެ ކޮވިޑް ޕްރޮޓޮކޯލް މުގުރާލުމުންނެވެ. ކްލަބްތައް އަމަލުކުރަން އޮންނަ ކޮވިޑް ޕްރޮޓޮކޯލްގައިވާ ގޮތުން ހަމައެކަނި ހޮޓަލުން ބޭރަށް ނުކުމެވޭނީ ޓްރެއިނިން އާއި މެޗަށް އެކަންޏެވެ. އެހެންވެ، އޭރު މެޗު ނުކުޅެ ފަސްކުރަން ޖެހުނީ އެވެ. އެއީ ރާއްޖޭގެ ސަރުކާރުން ވެސް އޭރު މާލޭގައި މެޗުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނުމުންނެވެ.
މިރޭގެ މެޗަށް ނުކުންނައިރު ބެންގަލޫރުން އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނީ އޭޕްރީލް 14 ވަނަ ދުވަހު އެވެ. އީގަލްސް އިން މެއި މަހުގެ ކުރީކޮޅުގަ އެވެ. މެޗެއް ނުކުޅެ ގިނަ ދުވަސްތަކެއް ވަންދެން ތިބުމަށް ފަހު ނުކުންނައިރު އުނދަގޫތަކެއް ހުންނާނެކަން ސާންތީ ވަނީ ފާހަގަކޮށްފަ އެވެ.
"ފުޓްބޯޅައިގައި ވަރަށް ބޮޑު އެއްޗެއް ބިނާވެފައި އޮންނަ އެއްޗެއް މިއީ މެޗު ކުޅުން. ފަރިތަކޮށްގެން އެކަނި ވާކަމެއް ނޫން މިއީ، އެހެންވީމަ ދެ ޓީމަށް ވެސް މި ކަންތައްތައް ނުކުރެވި އޮތީމަ މީގެ އުނދަގޫތަކެއް ދިމާވާނެ،" ނިމިދިޔަ ސީޒަން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގޮވައިގެން ވަރުގަދަކޮށް ނިންމާލި ސާންތީ ބުންޏެވެ.
އީގަލްސްއާ ދެކޮޅަށް ބެންގަލޫރުން ތައްޔާރުވިއިރު އެ މީހުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދިން އެއް ކަމަކީ ފިޓްނަސް ރަނގަޅުކުރުންކަން ސާންތީ ފާހަގަކުރި އެވެ. އަދި އެ ޓީމުން އީގަލްސްއާ ދެކޮޅަށް ބޭނުންކުރާނެ ކަންކަމަށް ބަލާއިރު، ކެޕްޓަން ސުނިލް ޗެތުރީގެ ލީޑަޝިޕްގެ އިތުރުން ބިދޭސީ ކުޅުންތެރިންގެ ނުފޫޒު ފާހަގަކުރަން ޖެހޭ ކަމަށް ސާންތީ ބުންޏެވެ.
ޖަރުމަނުގެ ކޯޗު ޕެޒޯލީ ބެންގަލޫރު ޓީމުގެ ކޯޗަކަށް ގެނައީ މި ފަހަރުގެ އޭއެފްސީ ކަޕާ ދިމާކޮށެވެ. އޭނާގެ ކޯޗުކަމުގައި ބެންގަލޫރުން ކުޅުނު ރަސްމީ ހަމައެކަނި މެޗުގައި އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުުރުގައި ބެންގަލޫރުން ވަނީ 5-0 އިން ނޭޕާލްގެ އާމީ ކްލަބް ބަލިކޮށްފަ އެވެ.
ސާންތީ ބުނީ އާ ކޯޗެއްގެ ސިސްޓަމަށް ހޭނެން މެޗުތަކެއް ބޭނުންވާނެ ކަމަށެވެ. ޕެޒޯލީ އަށް މެޗުތަކެއް ނުލިބި ހުރުމުން އޭނާ އަށް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮންނާނެކަމަށް ސާންތީ ގަބޫލުކުރެ އެވެ. އެކަމަކު، އެހެނިހެން ކަންކަމަށް ބަލާއިރު އިންޑިއާގެ ކްލަބްތަކުން ބޮޑެތި މެޗުތަކަށް ތައްޔާރުވާން ކުރާ މަސައްކަތް ރަނގަޅުވާނެ ކަމަށް ސާންތީ ބުންޏެވެ.
"ބޭރު ޓީމުގެ ވަރަށް ތަފާތު ކަމެއް އިިދިކޮޅަށް ނުކުންނަ ޓީމު ވަރަށް ރަނގަޅަށް އެނަލައިޒްކުރުން މިއީ. އެ ހުރިހާ ވީޑިއޯތަކެއް އެއްކޮށްގެން ވިޔަސް. އިންޑިއާ އަކީ މިހާރު ވަރަށް ބޮޑަށް ޓެކްނޮލޮޖީ ބޭނުން ކޮށްގެން މުޅިން އެހެން ހިސާބެއްގައި ފުޓްބޯޅަ ކުޅޭ ބައެއް،" އެފްއޭއެމްގެ ޓެނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރި ސާންތީ ބުންޏެވެ.
ނޮކައުޓް އެއް ލެގުގެ މެޗެއްގައި އެންމެ ބޮޑަށް އޮންނާނީ ތައްޔާރީތަކަށް ވުރެ ފޯކަސްކޮށްގެން އެ ދުވަހެއްގައި ދަނޑުމަތީގައި ކުރާ ބުރަ މަސައްކަތުން ހާސިލްކުރެވޭ އެއްޗެއްކަން ސާންތީ ވަނީ ފާހަގަކޮށްފަ އެވެ.
އޭއެފްސީ ކަޕްގައި ބެންގަލޫރު ވަނީ ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ޖުމްލަ 10 މެޗު ކުޅެފަ އެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން ބެންގަލޫރު ވަނީ މޮޅުވެފަ އެވެ. އެކަމަކު، އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އަތުންނާއި މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން މާޒިޔާ އަތުންނެވެ.
ސާންތީ ބުނީ އީގަލްސްގައި މި ތިބި ހުރިހާ ކުޅުންތެރިން ހަމަ އެ ކުޅުންތެރިއަކަށް ދެވުނު އެއްޗެއް ދީގެން ބެންގަލޫރު މެޗު ނެގުން ވަރަށް މުހިއްމު ކަމަށާއި ސަރަހައްދީ ގަދަބާރު އިންޑިއާގެ މައްޗަށް ފުޓްބޯޅައިގައި އަތްގަދަކުރަން ލިބުނު މި ފުރުސަތުގެ ބޭނުން ހިފަންޖެހޭނެ ކަމަށެވެ.
"މިއީ އަނެއްކާ ވެސް އިންޑިއާ ހަމަބިމަށް ތިރިކޮށްލަން ލިބޭ ފުރުސަތެއް މިއީ. ރާއްޖޭގެ ޓީމަކަށް މި އޮތީ އީގަލްސް އަށް އެ ފުރުސަތު ލިބިފައި. އެ މީހުންނަށް ހަޖަމްކުރަން ވަރަށް އުނދަގޫވާނެ ކަމެއް އެއީ ރާއްޖޭގެ ދެ ޓީމު (ގްރޫޕް ސްޓޭޖުގައި) އޮވެފައި އިންޑިއާގެ އެއް ޓީމު އޮތުން،" ސާންތީ ބުންޏެވެ.
ސާންތީ "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
އީގަލްސް މޮޅުވާން އެދޭ އެހެން ސަބަބުތަކެއް ވެސް އެބަހުރިކަން ސާންތީ ވަނީ ފާހަގަކޮށްފަ އެވެ. އެއީ އަންނަ އޮކްޓޫބަރު މަހު މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ވެސް މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން މި މެޗުން މޮޅުވުމެވެ. ސާންތީ ބުނީ އީގަލްސް އިން ބެންގަލޫރު ބަލިކޮށް ގްރޫޕް ސްޓޭޖުގައި ވާދަކޮށްފިނަމަ ރާއްޖޭގެ މާޒިޔާއާ އެކު ރަނގަޅު މެޗުތަކެއް މި މުބާރާތުގައި ލިބޭނެ ކަމަށެވެ.
"އޭރުން ފުޓްބޯޅައާ މެދު (ރާއްޖޭގެ އެންމެން) ކުރާ އުއްމީދުތައް ވެސް އާވާނެ،" ސާންތީ ބުންޏެވެ.
ގަލޮޅު ދަނޑުގައި ނަތީޖާ ނެރެން ޖެހޭ މެޗުތަކަށް ނުކުންނައިރު އެންމެ ބޮޑު އެއް ހަތިޔާރަކަށްވަނީ ސަޕޯޓަރުންނެވެ. އެކަމަކު ކޮވިޑާ ހެދި މި ވަގުތު ސަޕޯޓަރުން ދަނޑަށް ވެއްދޭނެ ގޮތެއް ނެތެވެ.
ސާންތީ ބުނީ މި ވަގުތަށް ބަލާއިރު އެއީ މައްސަލައެއް ނޫން ކަމަށެވެ. އެއީ ކުޅުންތެރިން މި ވަގުތު ތިބޭނީ ސަޕޯޓަރުން ނުވައްދާ ކުޅޭ އެ މާހައުލަށް ހޭނިފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން ޓީވީ ކައިރީގައި އިންނާނެ ނޫނީ އަތުގައި މި އޮންނަ ފޯނުން މެޗު ބަލާނެ. އެ ހުރިހާ ގޮތަކަށް ބަލާފައި އަޅުގަނޑުމެން ކުޅުންތެރިން ވިސްނަންވީ ދަނޑު ތެރޭގައި އެ ކުރާ ކަންތައް ކޮށްލައިގެން ސަޕޯޓަރުން ނެތިގެން އެއީ އެކްސްކިއުޒެއް ކަމަށް ނުހަދައި މެޗު ނެގުން،" ސާންތީ ބުންޏެވެ.
އީގަލްސް އިން އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗަށް އައީ ޕްރިލިމިނަރީ ދެ ބުރު ފަހަނައަޅައިފަ އެވެ. ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން އީގަލްސް މޮޅުވި އެވެ. ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެ ޓީމަށް ކަންތައްތަކެއް ހަމަނުޖެހި ކުޅެވޭގޮތް ނުވުމުން އެންމެ ފަހުން އޭއެފްސީން ނިންމީ އީގަލްސް އަށް މެޗު ލިބުނީ ކަމަށެވެ.
ބެންގަލޫރާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ކްލަބްތަކަށް ހާއްސަ ގްރޫޕް ޑީގައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ ސުޕަ ލީގު ކްލަބް އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. ޕްލޭއޮފާއި ގްރޫޕް ސްޓޭޖުގެ މެޗުތައް އޮތީ މާލޭގަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ 8 ޖަހާއިރު އެވެ.
Comment