މެޑްރިޑް (އޮގަސްޓް 6) - ޔޫރަޕްގެ ވަރުގަދަ އިންވެސްޓްމަންޓް ކުންފުނި ސީވީސީ ކެޕިޓަލް އިން ސްޕެނިޝް ލީގު (ލަލީގާ)ގެ 10 ޕަސެންޓް ހިއްސާ ތިން ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވެފައިވީ ނަމަވެސް އެ ޑީލް ކުރިއަށްދާން ނޭދޭ ކަމަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުން ބުނެފި އެވެ.
ބުދަ ދުވަހު ލަލީގާ އިން ވަނީ ސީވީސީ ކެޕިޓަލްއާ އެކު ތިން ބިިލިއަން ޑޮލަރުގެ ޑީލަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން ފުރަތަމަ ދޭ ތިން ބިލިއަން ޑޮލަރުގެ 90 ޕަސެންޓް ކްލަބްތަކަށް (ސްޕެއިނުގެ ފުރަތަމަ ޑިވިޝަނާއި ދެ ވަަނަ ޑިވިޝަންގެ ޓީމުތަކަށް) ބަހާނެ އެވެ. އެ ޑީލް ކުރިއަށްދާން އޮތީ ސްޕެއިނުގެ ފުރަތަމަ އަދި ދެ ވަނަ ޑިވިޝަނުގެ 42 ކްލަބްގެ މެޖޯރިޓީ ވޯޓު ލިބިގެންނެވެ.
އެކަމަކު، އެންމެ ފުރަތަމަ ވެސް އެ ޑީލާ ދެކޮޅަށް ރެއާލާއި ބާސެލޯނާ އިން ނުކުތުމުން އެކަން ކުރެވޭނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ސީވީސީ އާއި ލަލީގާ އިން ހަދަން ނިންމާފައިވާ މި ޑީލާ ދެކޮޅަށް އެންމެ ފުރަތަމަ ބަސް ބުނީ ރެއާލުންނެވެ. ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް އާ ކޮންޓްރެކްޓެއް ދޭން ކުރި ހުރިހާ މަސައްކަތެއް ކާމިޔާބުނުވެ، މެސީ އެ ޓީމު ދޫކޮށްލާނެކަން އިއުލާނުކުރިތާ މާގިނަ އިރެއް ނުވެ، ސީވީސީ އާއި ލަލީގާގެ ޑީލަށް ވޯޓު ނުދޭނެ ކަމަށް ބާސެލޯނާ އިން ވެސް ވަނީ ބުނެފަ އެވެ.
މި ޑީލްގެ ތެރެއިން ލަލީގާގެ 10 ޕަސެންޓް ހިއްސާ ސީވީސީން ނަގާއިރު، މީގެ އެ ކުންފުންޏަށް ކޮންޓްރޯލް ލިބެނީ ކިހާ މިންވަރަކަށްތޯ ލަލީގާ އިން ކްލަބްތަކަށް އަންގާފައި ނުވެ އެވެ. ރެއާލް އިން އެންމެ ބޮޑަށް ކަންބޮޑުވާ ސަބަބަކީ ބޭރުގައި ތިބި އިންވެސްޓަރުންގެ ބަޔަކަށް ލީގުގެ ހިއްސާއެއް ދޭއިރު އެ މީހުންނަށް މީގެއިން ލިބޭ ބާރަކީ ކޮބާތޯ ސާފުކޮށް އެނގިފައި ނެތުމެވެ.
ބާސެލޯނާ އާއި ރެއާލުން ވެސް ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ނުކުތާ އަކީ 50 ވަރަކަށް އަހަރަށް ލީގެއްގެ 10 ޕަސެންޓް ހިއްސާ ބަޔަކަށް ދޭން ނިންމާއިރު ރަނގަޅަށް ކަންކަން މަޝްވަރާކުރެވިފައި ނެތުމެވެ. ރެއާލްގެ ބަޔާނުގައި ބުނެފައިވަނީ މި ޑީލަކީ ހަމައެކަނި މި ވަގުތު ވޯޓުލާން ތިބި ކްލަބްތަކުގެ އެކަނި ހައްގެއް ނޫން ކަމަށާއި މީގެއިން މި ވިޔަފާރި ކުރެވެނީ ބައި ގަރުނުގެ މުއްދަތަކަށް ސްޕެއިން ފުޓްބޯޅައިގެ މުސްތަގުބަލާ އެކު ކަމަށެވެ.
މީގެ ކުރިން ސީވީސީން ވަނީ އިޓާލިއަން ލީގާއި ޖަރުމަނު ލީގުގެ ހިއްސާއެއް ގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު ސީވީސީން ހަދާ ކޮންޓްރެކްޓްގައި ކްލަބްތަކާއި ލީގަށް ލިބޭ ޖުމްލަ މަންފާ ކުޑަވާގޮތަށް އޮތުމުން އެ ލީގުތަކުގެ ކްލަބްތަކުން ވެސް އެ ޑީލް ކުރިއަށް ގެންދަން ބޭނުމެއްނުވި އެވެ.
ސީވީސީ އާއި ލަލީގާއާ ދެމެދު ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ލަލީގާ އިން ނަގާ ވޯޓު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ބާއްވާނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.












