އަދުހަމްގެ އިއުތިރާފް، ބޮން ގޮއްވުމުގެ ޓާސްކް ހަވާލުކުރީ ސެލްގެ އިސް މީހެއްކަމަށްވާ އިސްހާގު!

Jul 24, 2021, 3:23 PM
އަދުހަމް: އޭނާ ވަނީ ބޮން ގޮއްވި ކަމަށް އިއުތިރާފްވެފައި.

އަދުހަމް: އޭނާ ވަނީ ބޮން ގޮއްވި ކަމަށް އިއުތިރާފްވެފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލީ އެ ހަމަލާ ރާވައި ހިންގި ސެލްގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ކަމުގެ ތުހުމަތުވާ އިސްހާގުގެ އަމުރަށް ކަމަށް އަހްމަދު އަދުހަމް ތަހުގީގުގައި އިއުތިރާފްވެފައިވާ ކަން "އަދަދު" އަށް ކަށަވަރުވެއްޖެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން "އަދަދު"ން ހޯދި މައުލޫމާތުތަކާއި އިތުބާރު ހިފޭ މަސްދަރުތަކުން ކަށަވަރުކޮށްދިން ކަންކަމުން އެނގޭ ގޮތުގައި, ނަޝީދު އަވަހާރަކޮށްލުމުގެ ޓާސްކް އަދުހަމްއާ ހަވާލުކުރީ އޭނާ ނިސްބަތްވާ ސެލްގެ އިސް މީހެއްގެ ގޮތުން ހަރަކާތްތެރިވާ އިސްހާގު ކަމަށް އަދުހަމް ފުލުހުންނަށް ބަޔާން ދީފައި ވެ އެވެ.

ހަމަލާ ރާވައި ހިންގަން އުޅުނު ކަމުގެ ތުހުމަތަށް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

ހަރުކަށި ފިކުރުގެ ގަބޫލުކުރުންތަކުގައި ސިކުނޑި ދޮވެވިފައި ހުރި ކަމަށް އާއިލާ އިން ވެސް ބުނެފައިވާ އަދުހަމް ވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފްވެ، އެ ހަމަލާއާ ގުޅޭގޮތުން އޭނާއަށް އެނގި ހުރި ގިނަ މައުލޫމާތުތައް ތަހުގީގަށް ދީފަ އެވެ.

އޭނާ ތަހުގީގަށް ދީފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ ޓާސްކް އިސްހާގު ހަވާލުކުރުމުން އަދުހަމް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިސްހާގު އޭނާގެ ސުވާލުތައް ހުއްޓުވައި, ހަވާލުކުރި ޓާސްކު ކުރިއަށް ގެންދަން އެންގިކަމަށް އެނގިފައިވެ އެވެ.

އެކި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބޮން ގޮއްވުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލައިދޭން އެދިފައިވާ އެންމެން ވެސް ނިސްބަތްވަނީ އެއް ސެލްއަކަށެވެ. އެހެންވެ އެ އެންމެންނަށް ވެސް އެކަކު އަނެކަކު އެނގެ އެވެ.

އެކަމަކު ބޮން ގޮއްވާލުމުގައި, ހުރިހާ ރޭވުންތަކެއް އަދުހަމަށް ސާފެއް ނޫނެވެ. އޭނާ އަށް އޮޅުންފިލުވައިދީފައި އޮތީ, އެނގިފައިވާ ގޮތުގައި, ހަވާލުކުރި ޓާސްކް އެކަންޏެވެ. އަދި ހަމަލާގައި ހަރަކާތްތެރިވި ކޮންމެ މީހަކަށްވެސް އެނގޭނީ އެ މީހަކު ފުރިހަމަ ކުރަންޖެހޭ ޓާސްކު އެކަނިކަމަށްވެސް އަދުހަމް ތަހުގީގުގައި ބުނެފައިވާކަމަށް އެނގިފައި ވެއެވެ.

އަދުހަމް، ނަޝީދަށް ފާރަލާން ފެށީ ހަމަލާގެ ތިން ދުވަސް ކުރިންނެވެ. ބޮން ހަރުކޮށްފައިވާ ސައިކަލް މަޖީދީމަގާއި ނީލޯފަރުމަގު ގުޅުނު ކަންމަތީގައި ބެހެއްޓީ ހަމަލާގެ އެއް ދުވަސްކުރިންނެވެ. ހުރިހާ ތައްޔާރީތައް ނިންމައި އަދުހަމް ރިމޯޓާ އެކު ގޮސް ނަޝީދުގެ އިންތިޒާރުގައި ހުރީ ހަމަލާގެ ގަޑިއެއްހާ އިރު ކުރިން ކަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައިވެސް އޮތެވެ.

އޭނާ މަޑުކޮށްގެން ހުރީ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ އެވެ. ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވުމާ އެކު ބޮން ގޮއްވާލުމަށް ފަހު އަދުހަމް އަތަމާ ޕެލަސް އިން ނުކުމެ ދުއްވައިގަތީ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގޮސް ބައްދަލުކުރީ, ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުޖާޒް އަހުމަދާ އެވެ.

އޭގެ ފަހުން އެ މީހުން އެކުގައި އެތަނުން ނުކުމެގެން ގޮސް ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުގައި ވެސް މަޑުކޮށްގެން ތިއްބެވެ. ހަމަލާއަށް ފަހު ދެ މީހުން ދަތުރުކުރި މަގުތަކާއި މަޑުކުރި ތަންތަން އެނގޭ ވީޑިއޯއެއް ފުލުހުން އޮތީ އާންމު ވެސް ކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ހަދާފައި ވަނީ ބާޒާރުން އާއްމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

ހަމަލާއަށް ފަހު އަދުހަމް ހައްޔަރުކުރީ އޭނާ ހޯދަން އާންމުންގެ އެހީއަށް އެދިގެން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ.

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުވާ އަދުހަމާއި މުޖާޒްގެ އިތުރުން އައިއީޑީ ގޮއްވާލި ސައިކަލްގެ ވެރިޔާ، ގއ. ކޮނޑޭ، ތަހްމީން އަހްމަދަކީ ވެސް އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރަށް ތަބާވެ، އެ މީހުން ގަބޫލުކުރާ ހަރުކަށި އުސޫލްތަކުގައި ތިބި ބައެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މީހުންގެ އެކި ކުށްތަކުގެ ރެކޯޑު ވެސް އެބައޮތެވެ.

މި ހަމަލާއާ ގުޅިގެން ޖުމްލަ އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެއީ، ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި އަހުމަދު އަދުހަމް އާއި މުޖާޒް އަހްމަދުގެ އިތުރުން ތަހުމީން އަހްމަދު، 32 އާއި އަހުމަދު ފާތިހު، 23 ގެ މައްޗަށެވެ.

މީގެތެރެއިން މުޖާޒާއި ތަހުމީނު އަދި އަދުހަމް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox