Advertisement

ކެރަފާ މުހައްމަދު ނަޝީދުގެ ވާހަކައެއް: ޗާލާ ޒަމާން

އަދަދު އާޓްވޯކް: އަހުމަދު އިހްސާން (އަރަކަ އާޓްސް) އަދި އަބްދުﷲ ޝަފީއު (އަބޯ)


ކެރަފާ މުހައްމަދު ނަޝީދުގެ ވާހަކައެއް: ޗާލާ ޒަމާން

އެންމެންވެސް ބުނަނީ ޒުހުރީ ފޯނު ނަމްބަރަކަށް ވާންފެށީ އޭނާ ބޭސް ފިހާރައިގެ ސޭޓަކަށް ވީފަހުން ކަމަށެވެ. އަހަރެންގެ ހަނދާނަށް އަންނަ ގޮތުގައި އޭނާ ބޭސްފިހާރައިގައި މަސައްކަތް ކުރަންފެށީ ހަތްދިހައިގެ އަހަރުތައް މެދު ޖެހުނު ދުވަސްވަރު އެވެ. ޒުހުރީ އަކީ އެއިރު އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. "އެއިރޭ" އަހަރެން މިބުނީ ސަބަބެއް ނެތިއެއް ނޫނެވެ. މިއަދު އަހަރެމެން ދެމީހުންގެ ދުރުކަމަށް ވިސްނާލާފައި އެއިރު މިބަސް ބޭނުން ކުރުމަށް ފެންނާތީ އެވެ. އެކަމަކު އަހަރެން މިބުނަނީ ކޮންމެހެން އަހަރެމެން ދެމީހުން ޖަގަޑާ ހަދާ ކަނޑިޔާކަނޑި ވެފައި ތިބި ވާހަކައެއް ނޫނެވެ. އިހުގެ ގުޅުން މިހާރު ނެތް ވާހަކަ އެވެ. އެކީގައި ވަގަށް ސިނގިރޭޓް ބޯން އުޅުނު ދުވަސްވަރެއްގެ ގުޅުން މިހާރު ދެން ނުވެސް ބޭއްވޭނެ އެވެ. އަހަރެންވެސް އެކަން ގަބޫލު ކުރަމެވެ. އެކަމަކު މިއޮތް ގުޅުމަށްވުރެން ތަންކޮޅެއް ގާތް ވުމަށް އަހަރެން އެދެމެވެ.

އިއްޔެ އެއީ ފާޑެއްގެ އެއްޗެކެވެ. މިއަދުގެ އަމައެވެ. މިއަދު މިއީ އިއްޔެގެ ބަޑުން ވިހޭ ދަރިއެކެވެ. އަމާ ދޫކޮށްލާން އެދޭނީ ވަރަށް މަދު މީހެކެވެ. އެކަމަކު އަމަޔާ ބަހައްޓާ ގުޅުންވެސް އެއީ ފާޑެއްގެ ގުޅުމެއްތާ އެވެ. ކޮންމެ ގޮތެއްގައި ވީނަމަވެސް އަހަރެންނާއި ޒުހުރީ އާއި ދެމީހުން 'އިއްޔެ' ކޮށްފައި އެއޮތްހާ ކަންތައް ތާރީހުގެ ޗަކަވަޅަކަށް ވައްޓާލުމަކަށް ނުއެދެމެވެ. ކުޅުނުހާ ކުޅިވަރެވެ. އުޅުނުހާ ގޮތްތަކެވެ. ކުރެވުނުހާ ކަންތައްތަކެވެ.

މަގޭ ގިނަ ކަންތައްތަކުގައި ޒުހުރީގެ ހިއްސާއެއް ވާނެ އެވެ. އަދި ހަމަ އެހެންމެ ޒުހުރީގެ ގިނަކަންތައްތަކުގައި މަގޭ ހިއްސާއެއްވެސް ވާނެ އެވެ. އަހަރެން މިއެދެނީ އެހުރިހާ އެއްޗެއް ނައްތާނުލުމަށެވެ.

*************///***********

އިއްޔެނޫން އިހައްދުވަހު: ހެންވޭރު ތިރިވާގޭ އެތެރެކޮޓަރީގައި ހަރުކޮށްފައި ހުރި ސީލިންގ ފަންކާއެކެވެ. ކޮޓަރިއަކީ އުސް ކޮޓަރިއެކެވެ. އެއީ ޒުހުރީގެ ކޮޓަރިއެވެ.

*************///***********

ހަމައެދުވަހު : އަހަރެން މަސައްކަތް ނިންމާލާފައި ގެއަށް އައިސް ކައިގެން ކަނާއަތުގެ ދެއިނގިލިދޭތެރެއަށް ސިނގިރޭޓެއް ތިއްބައި، ގޭތެރޭގައި ހޭވި އުޅެނިކޮށް ކޮންމެވެސް ކުއްޖެއް އައިސް މަށަށް ފޯނެއްވެފައި އެބައޮތް ކަމަށް އަންގައިފި އެވެ. ފޯނު ކައިރިއަށް ދިޔަ މަގުމަތީގައި އަހަރެން ސިނގިރޭޓް ރޯކޮށްލީމެވެ.

"ހަލޯ ލަތީފް" އަހަރެން ސިނގިރޭޓަށް ބާރަށް ދަމާލީމެވެ. މިފޯނެއް މަށަށް ކޮށްގެން ހުރި މީހަކަށް "ހަލޯ" މިބަހުގެ އިތުރަށް އިތުރަށް ކުރިއަށްދެވޭ ގޮތެއް ނުވި އެވެ.

"ލަތީފް، ތިޔަ ފޯނުގެ މައްސަލައެއް އުޅެނީތަ؟" އަޅެ މައްސަލައެއް އުޅެނީ ކަމުގެ ވަނީނަމަ އެމީހާ އަށް އަޑުއިވުނިސްތަ؟ އެކަމަކުވެސް އަހަރެން އެހެންބުނީމެވެ. މިހެން ބުނުމާއި އެކުގައި އެކޮޅުން ދެވަނަ ބަހެއް ބުނެލި އެވެ.

"ލަތީފްތަ؟"

"ރަނގަޅު. އެކެއް ހައެއް ދޭއް އަށެއް. ގަލޮޅު ބުރާރަގެ. ލަތީފް." އަހަރެން ރަސްމީވެލީމެވެ. އެކަމަކު މަށަށް ފޯނުކޮށްގެން އެހުރި މީހަކަށް އަހަރެން ބުނިއެއްޗެއް ސާފުވިހެނެއް ހިއެއްނުވެ އެވެ.

"ހަލޯ! ހަލޯ! ލަތީފްތަ؟ ލަތީފްތަ؟"

"މިކޮޅަށް ސާފުކޮށްލިބޭ، ރަގަޅު ތިޔަހެރީ ލަތީފް އާއި ގުޅިފާ" އަހަރެން ތަންކޮޅެއް އަޑުބާރު ކޮށްލީމެވެ.

"ރަނގަޅު! ރަނގަޅު!" އޭނާވެސް ވާހަކަދައްކާން ފެއްޓި އެވެ. އަހަރެންނަށްވެސް އެބައަޑުއިވެ އެވެ. "ތިޔަހެންވީއިރު މާތްކަލާކޯ ވާހަކަދައްކަބަލަ!" އަހަރެން ކޮންމެހެން ފޯނުގެ އަނެއްކޮޅުގައި އެވާ މީހެއް ލަފާކޮށްލާކަށް މަސައްކަތެއް ނުކުރަމެވެ. އެކަމަކު އެހެނަކުން ނާހަމެވެ. އަހަރެން ސިނގިރޭޓަށް ދަމާލީމެވެ. ގޭގެ ބޮޑުގަޑިއަށް ބަލާލީމެވެ. އެއިރު ދޭއްޖަހާ ބޮޑުވެއްޖެ އެވެ. އަހަރެންގެ މެންދުރުގެ ނިދިބޮޅު އަޅާގަޑި އެވެ.

*************///***********

ޒުހުރީ މަށަށް ގުޅުމުން މިއީ ވާންވެފައި އޮތް ކަމެއްކަން މަށަށް އެނގުނެވެ. ޒުހުރީ ގުޅާނެކަން، ނުވަތަ އޭނާގެ ކޮންމެވެސް ކަހަލަ އިޝާރާތެއް އަހަންނަށް ވަރަށް އަވަހަށް އަތުވެދާނެ ކަމަށް އަހަރެން ހީކުރާތާ ދެ ދުވަހެއް ވެއްޖެ އެވެ. އެކަމަކު މިކަހަލަ ނުވަގުތެއްގައި އޭނާ އެހާ ހާސްކަންމަތީ ހުރެ ގުޅާނެ ކަމަކަށް މަށަކަށް އެއްގޮތަކަށްވެސް ހީވެފައެއް ނުވެ އެވެ. އަހަރެން ލަފައެއް ނުކުރަމެވެ.

ޒުހުރީ އަހަންނަށް ކޮންމެވެސް ކަހަލަ އިޝާރާތެއް ފޮނުވާލާނެ ކަމަށް ހީކޮށްގެން ހުރީ އޭނާ އެފޯނު ކުރުމުގެ ދެދުވަހެއް ކުރީގައި ހިގާފައިވާ ކުޑަކުޑަ ކަމެކޭ، މިހެން ބުންޏަސް އަހަންނަށްވެސް އިނގެއެވެ. ކަމެއްގެ ބޮޑުމިން އެކި މީހުން ދެކޭނީ އެކި މިންވަރަށެވެ.

އަހަރެންނަކީ މަޖައްލާއެއް ނެރޭ މީހެކެވެ. އަކަމަކު މާގިނަ އަދަދެއް ވިއްކުމަށް އަހަރެން ހިޔާލު ކޮށްގެން ނެރުނު މަޖައްލާއެއްނޫނެވެ. ވިކެނީވެސް ވަރަށް މަދު އަދަދަކަށެވެ. އެހެންކަމުން އޭގެ އަގުވެސް ފުދޭވަރަކަށް ބޮޑެވެ. ތިރީސް ރުފިޔާއަށް ކޮޕީއެކެވެ. "ދިރާސާ މިއަދު" މި މަޖައްލާ ނުކުންނާނީ މަހަކު އެއްފަހަރު އެވެ. ކޮންމެ އަދަދެއްގެ ފަސް ސަތޭކަވަރަކަށް ކޮޕީ ވިކެ އެވެ. މަޖައްލާގެ ހުރިހާ ކަމެއްގައިހެންވެސް މަސައްކަތް ކުރާން އުޅެނީ އެންމެ ދެކުދިންނެވެ. އައިޝަތު ޔޫލާ އާއި ހަސަން ކުރުސީ އެވެ. މިދެކުދިންނަށްވެސް އަދި ވާނީ އެކާވީހަކަށް އަހަރެވެ. އެކަމަކު އާދަޔާ ހިލާފަށް ވިސްނުންތޫނުވެފައި ކަންކުރާހިތުން މަސައްކަތް ކުރާތީވެ އަހަރެން އެދެކުދިންނަށް ރަނގަޅަށް މުސާރައެއް ދެމެވެ. ރަގަޅޭ މިބުނީ ދެހާސް ރުފިޔާ ދެމެވެ. އެދެން ރަގަޅު މުސާރައެއް ކަމަށް ނުވަންޏާ އަހަރެން ކުރާނެ ކަމެއް ނެތެވެ. އެމީހުންނަށްވެސް "ދިރާސާ މިއަދު" ގެ ހަބަރު ރަނގަޅަށް އިގޭނެ އެވެ. އޮފް ސެޓުން ޗާޕް ނުކުރެވެނީވެސް ދެކޮޅުނުޖެހޭތީ އެވެ.

އެދެމީހުން، އަހަރެންނަށް މަސައްކަތް ކުރުމުން، މުސާރައިގެ އިތުރުން އެމީހުންނަށް ލިބޭ ފުރުސަތުތައް އެމީހުންނަށް ރަގަޅަށް އެނގޭނެ އެވެ. އެ ދެވެރިންވެސް އެއީ ކުރިއަރަމުން އަންނަ ރަގަޅު ދެލިޔުންތެރިންނެވެ. އެމީހުންގެ އިގިރޭސި ލިޔުންވެސް ރަނގަޅުކަމީ އެމީހުންނަށް ލިބިފައި އޮންނަ ވަރަށް ބޮޑު ނަސީބެކެވެ. އެއްބަހަކުން ލިޔާ ލިޔުން ރަގަޅިއްޔާ އަނެއް ބަހެއް ދަސްކޮށްފިނަމަ އެބަހަކުން ލިޔާ ލިޔުންވެސް ރަނގަޅުވާނެ އެވެ. އެ ދެވެރިން އެއީ އެކަމުގެ ހެއްކެކެވެ. ކޮންމެއަކަސް އެމީހުންގެ އެކަހަލަ މިކަހަލަ ސަބަބުތަކާއި ހުރެ އިންޑިޔާ، ލަންކާގެ ބައެއް މަޖައްލާތަކުގައި ލިޔުމުގެ ފުރުސަތު އެމީހުންނަށް ލިބެ އެވެ.

"ދިރާސާ މިއަދު" ގެ އެންމެ ފަހުން ނެރެވުނު އަދަދުގައި ޔޫލާގެ މަޒުމޫނެއް ޝާއިއު ކުރުމަށް އަހަރެން އެއްބަސްވީމެވެ. އެއީ ޔޫލާގެ މަޒުމޫނުތަކުން ދިރާސާ މިއަދުގެ ޝާއިއު ކުރެވުނު ފުރަތަމަ މަޒުމޫނެވެ. އަހަރެން އެ ޝާއިއު ކުރުމަށް ނިންމީ އެ މަޒުމޫނާއި މެދުގައި ހިތްހަމަ ޖެހުނުލެއް ބޮޑުކަމުންނެވެ. މަޒުމޫނުގައި ބުނާ ވާހަކަވެސް ރަނގަޅީ އެވެ. ޖުމްލަތައް އަތުރާލާފައިވާ ގޮތްވެސް ރަގަޅު ކަމަށް ފެންނާތީ އެވެ.

"ޔޫލާ، ކަލޭ ބޭނުމިއްޔާ މި އިނގިރޭސިއަށް ތަރުޖަމާ ކުރަނިކޮށް ލަންކާގެ މަޖައްލާއެއްގައިވެސް ޝާއިއު ކުރެވިދާނެ ކަންނޭނގެ" އަހަރެން އޭނާ ގާތުގައި ބުނީމެވެ. "އަކަމަކު އަދި މިއަށް ނަމެއް، މިބުނީ ސުރުހީއެއް ބޭނުންވާނެއެއްނު."

"އޭ! އަދި ނަމެއް ނެތިގެންނޭ މިއުޅެނީ ނަންނެތް އެއީ ރަގަޅު ނަމެއްނު،" އެހިސާބަށް ޔޫލާ އޭނާގެ ޖަވާބު ކުރުކޮށްލި އެވެ. ކަނާތު ފުންނާބަށް ބާރުލާ ކުއްލިއަކަށް އެބުރި އަހަރެންގެ ލޯ އެނާގެ ފޫކޮޅުގައި ބައިންދާފައި އޭނާ ނައްޓާލި އެވެ.

ޔޫލާ އަކީ ބައްޓަން ޗާލު ކުއްޖެކެވެ.

އެންމެ ފަހުވަގުތު ޖެހިގެން އައިރުވެސް ޔޫލާ އޭނާގެ މަޒުމޫނަށް ނަމެއް ނުދެ އެވެ. އަހަރެން ކޮންމެ ދުވަހަކު އެއް ފަހަރު އެކަން އޭނާއަށް ހަނދާން ކޮށްދެމެވެ. އެންމެ ފަހުން އަހަރެން އޭނާ ކައިރީގައި ނަމުގެ ވާހަކަ ބުނި ދުވަހު އޭނާ ގާތްގަޑަކަށް އަހަންނާއި ދިމާއަށް ބަވައިގަތީއެވެ.

"ދެން ތިޔަވަރުން ތިޔަ ޝާއިއު ނުކުރީމަވީނު!" އޭނާ ރުޅިއައިސްފައި ބުންޏެވެ.

އަހަރެންނަށް ބުނާނެއެއްޗެއް ނުއެގި، ކަޅިހުއްޓި، އަގަހުޅުވި، ސޮނިވެއްޓިފައި އިނީމެވެ. އަހަރެން ހައިރާންވީ ކޮންމެހެން އޭނާ އަހަންނާއި ދިމާއަށް ބަވައިގަތީމައެއް ނޫނެވެ. އޭނާގެ އެރުޅި އަންނަންވީ އެއްވެސް ޖާގައެއްނެތި އެހާ ގަދައަށް ރުޅިއައީތީ އެވެ.

ތުއްތުރުޅި އައީއޭ ހިތަށް ވަދެ އަހަރެން ހިތުންހިތަށް އޭނާއަށް މާފުދިނީމެވެ. މަގޭ އުމުރާއި މެދުގައި ހިޔާލު ކޮށްލެވުނެވެ. އަހަރެންނަކީ ތިހާ ދުވަސްވީ މީހެއްނޫނެވެ. އެކަމަކު އިސްތަށިގަޑު ދެކައިރިން ކުޑަކޮށް ނުރަދައްކާލަށް ފަށައިފި އެވެ. އަހަރެން ގޮނޑިން ތެދުވީމެވެ. މޭޒު ވީއްލާ ދުރަށްޖެހިލީމެވެ. ދެފައިކޮޅަށްޖަހާ އޮފީހުގެ ބިއްލޫރިގަޑުން މަގުމަތި ބަލާން ހުރިކަމަށް ހެދި ހުއްޓިލީމެވެ. ހަގީގަތުގައި އެބިއްލޫރިގަނޑުން ކިތަންމެ ފަނޑު ފަނޑު ގޮތަކަށް ނަމަވެސް މަގޭ ސޫރަ ދައްކާނެތީ އެވެ. މަށާއި ދިމާއަށް ބަލައިލާންވެގެންނެވެ. ބަލަބަލަހުއްޓާ ބިއްލޫރިގަނޑުގައި އެއިން މަގޭ ސިފައިގެ ތެރެއިން ކާރު، މޮޓަރުސައިކަލް، ބައިސްކަލް، ހިނގާ ބިނގާމީހުން މެދު ނުކެނޑި ދެ އެވެ. އަހަރެންގެ ބަނޑެއް ނެތްކަން މަށަށް ޔަގީންވި އެވެ. އިސްތަށިގަޑުވެސް ހަމަ އިއްޔެގެ ދުވަހުގެ ސްޓައިލުގަ އެވެ. މަގޭ މޭޒާއި ދިމާއަށް އެބުރިލީމެވެ. އަރިއަކުން މަގޭ ސިފަބަލާލުމަށެވެ. ބުޑުވެސް ހަމަ ބަރާބަރެވެ. އިސްކޮޅުން ވަކި ކުރެއްނޫނެވެ. ދިގެއްވެސް ނޫނެވެ. ފަސްފޫޓޫ ހައިންޗި އެބަހުރިކަން ކަށަވަރެވެ.

"އިއްޔެގެ ބޭސްފިހާރައިގެ ސޭޓް" މަދިޔައީ ސިއްސައިގެންނެވެ. ޔޫލާ ހުރީ ކައިރީގައެވެ. ފަރިބަލާކަން ފަޅާއެރީކަން މަށަށް އިގުނެވެ. "މަޒުމޫނަށް ކިޔާން މަށަށް ފެންނަނީ "އިއްޔެގެ ބޭސްފިހާރައިގެ ސޭޓް" ޔުލާ ތަފްސީލް ކޮށްލަދިނެވެ. "ތިހިރީ ދެން ދެބައި އުމުރަށް ގޮސްފައޭ!" ބުނެ ޔޫލާ އައިކޮޅަށް ނައްޓާލި އެވެ. ގޮސް ކުރުސީ ކައިރީގައި ހުއްޓުނެވެ.

ކުރުސީ އިނީ އޭނާ މޭޒުކައިރީގައި ކޮންމެވެސް ލިޔުމަކަށް ބޯލައިގެނެވެ. ލޯލައިގެންނެވެ. ނަމަވެސް އޭނާގެ އެއޮއްހާ ލޯތައް އޮފީހުގެ އެތައް މިތާގައި އުޅޭނެކަން ކަށަވަރެވެ.

"ޔޫލާ" ކުރުސީ އޭނާގެ ކަރުދާހުން އިސްއުފުލާލި އެވެ. ދުނިޔޭގެ ރީތީގެ މުބާރާތަށް ރާއްޖޭގެ ފަރާތުން ބައިވެރިކުރާމީހާ މިހާރު މުޅިން ފައިނަލައިޒް ކޮށްފި ހަބަރު އަހައިފީމުހެއްޔެވެ."

އަހަރެން އަޑުނީވޭ ކަމަށް ހަދައިގެން އިނީމެވެ. ފަރިބެލިކަން ފަޅާއެރީ އެވެ.

*************///***********

"ދިރާސާ މިއަދު" ގެ މުޅިން އައު އަދަދެއް ނުކުމެއްޖެ އެވެ. އެކިއެކި މީސްމީހުން "އިއްޔެގެ ބޭސްފިހާރައިގެ ސޭޓް" އާއި ގުޅޭގޮތުން އަހަރެންނަށް ތަފާތު ގޮތްގޮތަށް ހަމަލާދީހެދި އެވެ. އަހަންނަށް ބުނެވޭނީ ގިނަ މީހުން އެއާއި ގަބޫލު ވީކަމަށެވެ. ލަންކާގައިވެސް "ޔަސްޓަޑޭޒް ކެމިސްޓް" ގެ ނަމުގައި ޝާއިއު ކުރެވުނު މަޒުމޫނު އެއީ ގިނަ ބައަކު ގަބޫލުވީ އެއްޗެއްކަން އެމަޒުމޫނު ޝާއިއު ކުރެވުނު މަޖައްލާ "އެނާލިސިސް" އަށް ފޮނުވާފައިވާ ތަފާތު ސިޓީތައް ދައްކުވައިދިނެވެ. އަހަރެންގެ އަތުގައި މިހާރުވެސް އެސިޓީތަކުގެ ކޮޕީތައް އެބަހުއްޓެވެ. އެންމެ ރަގަޅު ކަމަށް އަހަރެންނަށް ފެނުނު ސިޓީގައިވަނީ:

އެޑިޓަރަށް:

ތެދެކެވެ. ޖާހިލިއްޔަ ޒަމާން ދޫކޮށް، ތަހުޒީބުގެ މަގުގައި ދުނިޔެވީ ކަންކަން ހިންގުމަށް ވާހަކަ ދައްކާ ޒުވާބުދޭ މިހުންނީ ކޮންމެ ޒަމާނެއްގައި ކޮންމެ އާބާދެއް ތެރޭގައި ވެސް އުޅޭނެ ބައެކެވެ. އެފަދަ މީސްމީހުންދޭ ޒުވާބުތަކަށް، ދައްކާ ވާހަކަތަކަށް ތަރުހީބުދީ އެއްބަސް ނުވާނީ ކާކު ހެއްޔެވެ؟ އަމިއްލަ އެދުމުގެ ކަސްތޮޅުން ނެއްޓިވާ ކޮންމެ މިނިވަން އިންސިއެއްމެ ބުނެވިދިޔަ މީސްމީހުންނަށް ތާއީދު ދޭނެ އެވެ.

ހިތާމައަކީ، ދެރައަކީ ބާރުލިބުމުން އެވާ ގޮތްތާ އެވެ. އެހެންނު އައިމަނަތު ޔޫލާ؟ ބޭސްފިހާރައިގައި އެދެއްކި ވާހަކަ ދަނީ ފުރުސަތެއް ދަމައިގަތުމަށްޓަކައި ކީ، ވިދުވަރު އަޅާ ޝިއާރު ތަކަކަށެވެ. ބޭސްފިހާރައިގައި އެދެއްކި ވާހަކަ ވެގެންދަނީ ކަނޑުގައި އަޅާލާފަދަ ރޮނގަކަށެވެ. ރުޅިއަންނާން ތިބެނީ ޔޫލާ ފަދަ ކުދިންނެވެ.

ގާމިނީ ވީނަކޫން

(ބޮރެއްލާ)

ހުރިހާ ޝަރަފެއް، އިނާމާއި މާފަތި، ތަހުނިޔާ އާއި މުބާރިކުބާދީއެއް އައިމިނަތު ޔޫލާއަށެވެ.

އެކަމަކު ނޫސްވެރިކަމަކީ މާފޮނި އެއްޗެއް ނޫންކަމުގެ ފުރަތަމަ ފިލާވަޅު ޔޫލާއަށް ލިބެންފެށީ އެ މަޒުމޫނު ޝާއިއު ކުރުމާ ގުޅިގެންނެވެ.

އެހެންތަ! އަހަރެން މިހިރީ ތިޔަކަމަށް އާދަވެފައި، މީސްތަކުންގެ ބެލުންތަކާއި އިންޒާރުތަކަށް ފަރިތަވެފަ އެވެ. އެހެނަސް ޔޫލާ އެހުރީ ނޫސްވެރިކަމުގެ ޅަފަތުގަ އެވެ. ޔޫލާއަށް ފޯނުކޯލުތަކާއި ބިރުދެއްކުމުގެ ސިޓީތައް އަންނާންފެށި އެވެ.

"ބިރު ކެނޑުމަށް ފުރަތަމަ ބިރު ގަންނާން ޖެހޭނެ!" ޔޫލާ މަށަށް ދައްކާލި ސިޓީއެއް ކިޔާލާފައި އަހަރެން ބުނީމެވެ. އެސިޓީގައިވަނީ ޔޫލާއަށް ހަދާލާނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްދީފަ އެވެ.

*************///***********

ތުން ތުންމަތިން ލިބޭ ހަބަރުތައް ބުނަނީ ޒުހުރީގެ އަނބި ދަރިން މިހާރު ތިބެނީ ލަންކާގައި ކަމަށެވެ. އެއީ ދަރިންނަށް ކިޔަވައިދޭށެވެ. މިއަދު ޒުހުރީ އަކީ މަގާމުގައި ކިތަންމެ ބޮޑު މީހެއްކަމުގައި ވީނަމަވެސް އޭނާއަކީ އެކަނިވެރިއެއްކަން ދެނެގަންނާކަށް މާގިނަ ދުވަސްތަކެއް ވިސްނާކަށް ނުޖެހޭނެ އެވެ. ދުވަހުގެ ބޮޑުބައި އެނާ ހޭދަކުރަނީ ވަށައިގެން ބައްދާފައި ހުންނަ އޮފީހެއްގަ އެވެ. ނިދުމާއި ކެއުން ހަމަޖެހިފައި ހުންނާނީ އެއޮފީހާއި ޖެހިގެން ހުންނަ ބައިންނެވެ. ދެފިޔަވަޅުގެ ހަނި ފެންޑާއެއްގެ ދުރުމިނުގައި ހުންނަތަނެއްގަ އެވެ.

ޒުހުރީގެ އޮފީސްކުރިމަތިން ޒުހުރީއަށްވުރެ ދަރަޖަ ދަށް އޮފިޝަލުން ހުރަސްކަނޑާނެ އެވެ. ޒުހުރީގެ ފެންޑާއާއި އަރާ ހަމަވުމުން މެދުޒިޔާރަތް ކުރިމައްޗަށް އެރުމުން ވާގޮތް ވުމަށްފަހުގަ އެވެ. ޒުހުރީގެ ދަށަށް އެތިބޭ މީސްމީހުން، ޒުހުރީގެ ހިޔަންޏެއްވިޔަސް ކަތުރެއްގެ ދެފައިކަށި އެއްތަންވާ ހަމާގައި އެމީހުންގެ ދެފައި އެއްތަންވާނެ އެވެ. އިތިވެހުރެ ކަށިވާނެ އެވެ. ޒުހުރީގެ ކައިރިއަށް އެއޮފީހުގެ މީސްމީހުން ގޮސް ހުއްޓޭނީ މިގޮތަށް ދެފައި އެއްތަންކޮށް އިތިވުމަށްފަހުގަ އެވެ. ސޮއިކުރަންވެފައި ހުންނަ ސިޓީފަދަ ތަކެތި ދައްކާލުމަށް ތިބޭނީ ދެތިން ފޫޓު ދުރުގަ އެވެ. ސިޓީ ދައްކައިލާނީ ކުޑަވަރަކަށް މެދުހަށިން ގުދުވެލައިގެންނެވެ. މަގޭ އޮފީސްހެނެއްނޫނެވެ.

އެކަމަކު ޒުހުރީ އަކީ އެކަނިވެރިއެއްކަން މަށަށް ޔަގީނެވެ. ކީއްތަ! އޭނާއަށް، ދުވަހުގެ އިރު ހުންނަ ވަގުތުތަކުގައި އާއި އަދި އިރުނެތް ވަގުތުތަކުގައިވެސް އެފެންނަ އިންސީންގެ ސިކުޑިގައި ތެތްކަމެއް ހުރިނަމަވެސް އެއިން މީހަކާ އޭނާއަށް ގޮވާލާ ވާހަކަ ދައްކާލެވޭކަށްވެސް ނޯންނާނެ އެވެ. އެއީ ނުދައްކާންޖެހޭ ވާހަކަތައް ގިނަކަމުންނެވެ. ޒުހުރީ، އެމީހުން ލައްވާ އޭނާއަށް ނޭނގޭ ކަމަށް ހަދައިގެން އިނދެ އެކުރުވާ ކަންކަމީ، އޭނާ އެމީހުން ލައްވާ ކުރުވާން ބޭނުންވާ ކަންކަން ނޫންކަން ޔަގީނެވެ. އެކަންތައްތައް ކުރުވުން ހުއްޓުވާލެވޭކަށްވެސް ނެތެވެ. އަދި ކީއްތަ، އަނބިދަރިންނާއި، ގަދަރާއި، އިއްޒަތާއި، ތާރީހާއި މިކަހަލަ އެތައް ކަމެއް އޮތީ ޒުހުރީ އެ އިށީނދެގެން އިން ގޮނޑީގައި އޭނާ ހައްޔަރު ކޮށްފަ އެވެ. ފަހަރަކު ފަށަކުން ބަންނަމުން އައިސް ލާމެހިފަ އެވެ. އަހަރުމެން އެންމެންގެ ޗަކަވަޅަށް އޭނާ ގެނބި ނިމެނީ އެވެ. އޭނާ އަކީ އެކަނިވެރިއެކެވެ.

*************///***********

"އޭ ލަތީފް ވަރަށް އަވަހަށް ޖައްސާލަންވެއްޖެ. އަހަރެން މީނީ ގޭގަ." ހާސްކަންމަތީގައި ހުރެ ޒުހުރީ އާދޭހުގެ ރާގަކަށް މަގޭ ކައިރީގައި ބުންޏެވެ. އޭނާ ފޯނު ބޭއްވި އެވެ.

ހިތަށް އަރާނެ ވަކިއެއްޗެއް ނޭނގެ އެވެ. މެންދުރުގެ ހޫނުގައި މާލޭގެ ހިރަފުހުގައި ފީނަމުން، އަވީގެ ހޫނުގައި ރޯފިލަމުން ބައިސްކަލު އަނބުރަމުން މަތިވާގެއަށް ދިޔައީމެވެ. އެގެއަށް ވަދެވުނުއިރު މަ ހުރީ ދާހިއްލާ ފޯވެފަ އެވެ. ނޭވާ ކުޑަތަންވެފަ އެވެ. އެ ގޭތެރެއިން ދިމާވި ކުޑަވަރެއްގެ ކުއްޖަކު ކައިރީގައި ޒުހުރީ އުޅޭތޯ އަހާލީމެވެ. ސިނގިރޭޓެއް ރޯކޮށްލާނެ ތަންވަޅުވެސް ނުލިބިއުޅެނިކޮށް އެކުއްޖާ އަނެއްކާ ދައްކާލައިފި އެވެ.

"ވިދާޅުވީ މީހަކު އަންނާނޭ އައީމަ މިފޮތް ދޭށޭ." މިހެން ބުނެފައި އެކުއްޖާ އައިމަގުން ނެތިގޮސް ގެއްލި ހިގައްޖެ އެވެ.

އަހަރެން ބީރައްޓެހިވެފައި ހުރީ މަގޭ ދެވަނަ ގޭގަ އެވެ. އެއީ މަގޭ ޅަދުވަހުގަ ހާދަކަމެއް ހިނގި ގެއެކެވެ. އަހަރެންހުރީ ކޮންމެވެސް ވަރަކަށް ގެއްލިފަ އެވެ. އެކުއްޖާ ބުނިއެއްޗެއް ރޭކާލީ އިރުކޮޅެއްފަހުންނެވެ. އެއިރު އަތުގައި އޮތީ ތެޅި ފޮޅޭ ކޮތަޅަކަށް ލާފައި އޮތް ފޮތެކެވެ.

އެއްޗެއް ބުނުމަށް ބަލާލިއިރު މީހަކު ފެންނާކަށް ނެތެވެ. އަހަރެން އެގޭތެރޭގައި ބީރައްޓެހިވެފައި ހުރިވަރުން ރުޅި އައެވެ. ދެރަވި އެވެ. ޒުހުރީ މަންމަމެންނާ ބައްދަލުކޮށްލުމަށް ކުރި ހިޔާލު އެކަށް ދޫކޮށްލީ އެވެ. އައިމަގުން ނުކުމެގެން އައިސް "މަށަށް ކޮން ބަ*އެއްހޭ" ހީކުރަމުން ރުޅިގަނޑާއި އެކީ މެންދުރުގެ ނިދި ބޮޅަށް ޖައްސާލީ އެވެ.

****************

އެމީހުން ހިތުން މިއޮތީ މަށަށް ވަރަށް ދެރަ ހާލެއް ޖައްސާފަ އެވެ. އެކަމަކު ކަލޭ ބަލައިލާށެވެ. ބޭސްފިހާރައިން ބައްދަލުވާނެ މީހުންގެ އަދަދެވެ. އަހަރެން ބުނީމެވެ. "ލަތީފް ބުނަންތަ، އާންމުން އެތިބެނީ ހަމައަރާ ނަރުގަނޑުގައި ޖެހިފަ. ކެތް ނުކުރެވޭ ދަރަޖައަށް ގޮސްފައި." ޒުހުރީ އާއި އަހަރެން ތިބީ ތިރިވާގޭ ބޭރު ޖޯލިފަތީގަ އެވެ. ބިޑިއެއް އަނބުރާ، ނަފްސަށް ވައިޖައްސާލާށެވެ. "ކިތަންމެ ސަބަބަކާއިހުރެ" ޒުހުރީ އޭނާގެ ވާހަކަ ކުރިއަށްގެންދަމުން އަހަންނަށް ބިޑި ދިއްކޮށްލި އެވެ. ކައިރީގައި ހުރި ކެސެޓުން ބޮބް ޑިލަން އޭނާގެ މާލޫދު ރާގަށް ލަވަކިޔަނީ އެވެ. ރޯލް ބަދަލުކޮށްލީމެވެ. ނައިފަރު ދޮހޮއްކޮ ވައްޓާލީމެވެ. އަހަރެން މިބުނާ ވާހަކައަކީ، "ލަތީފް، މިރަށަށް އައިސްގެން އުޅޭ ދަންނަކަލޭފާނު. ކަލޭ އޭނާ ދަންނަންތަ؟" އަހަރެން ވާހަކަ ކުރިއަށް ގެންދިޔައީމެވެ. "އަހަރެން އޭނަޔާ ބައްދަލު ކޮށްލައިފީމޭ. ބުނަންތަ ގޯހެއްނޫން. އޭނަ އެއްގޮތަކަށްވެސް ގޯހެއްނޫން. ހަމަ ފަހަތުގައި އަޅުވާލައިފާ ހިފާންވީ. ނާސިރަށް ކެތްނުވެގެން ރައްކާވެދާނެ." އަހަރެން އިނީ ހިތްހަމަޖެހި ނޫންކަން ޒުހުރީއަށް ރޭކާލި އެވެ. "މަތިބަދަލު ވިޔަސް މުޅިއެތި ބަދަލުނުވަންޏާ ކަން ހިންގާނީ ހަމަ ހިނގާގޮތަށް." އަހަރެން ޖޯއްޔަށް ރަގަޅަށް ފެތިލީމެވެ. "އާނ! މަށަށްވެސް އިނގޭ ކޮންމެވެސް ކަހަލަ ބަދަލެއް އަންނާނެކަން. އެކަމަކު ރައްޔިތުން ކިބައިން ރައްޔިތުންނަށްޓަކައި...." ޒުހުރީ އަހަރެން ދައްކަމުން ދިޔަ ވާހަކަ މަރާލިއެވެ. "ރަގަޅޭ މަވެސް އެއްބަހޭ. ތިޔަނޫނެކޭ ނޫނޭ! އެކަމަކު ބަލައިލަ، އާ ގާނޫނު އަސާސީއެއް އެކުލަވާލުމަށް އޭނާވެސް ވާހަކަ ދައްކައޭ."

**********************

"ލަތީފްބެ ލަތީފްބެ ހަތަރެއްޖަހައިފި" އަހަރެންނަށް ހޭލެވުނީ ކޮއްކޮ މަގޭ ކޮނޑު ހަލުވަނިކޮށެވެ. ފުންމައިގެން ތެދުވެ އެނދުގައި ޖައްސާލީމަ އެވެ. ފައިވާނަށް ފައިކޮށްޕާލީމެވެ. އެފެނުނު ހުވަފެން ފޮޅުވާލުމުގެ ނަޒަރުގައި ބޯހޫރާލިމެވެ. ނިދިމަރުގައި ގޮސް ފާހާނާ ތައްޓަށް ދުއްވާލީ މަދަކު ބައިވަރެއްނޫނެވެ.

މޫނު ދޮވެލައި ހަދައި، ސައިތައްޓަކާއި އެކުގައި ގޯތިތެރެއަށް ފޮތެއް ހިފައިނުކުތީމެވެ. ގޮނޑިއެއް ނެރެ ޖައްސާލީމެވެ. އެފޮތް ކިޔަން އުޅެ އުޅެ ކިޔޭގޮތެއް ނުވި އެވެ. ހައްތާވެސް ހަނދާނަށް އަންނަނީ ފެނުނު ހުވަފެނުގެ ކަންތައްތަކެވެ. ފެންނަނީ އެހުވަފެނުގެ މަންޒަރުތަކެވެ. ފޮތް ލައްޕާލައި އުނގަށް ވައްޓާލީމެވެ. ސައިކޯވަރެއް ދަމާލައި ސިނގިރޭޓެއް ރޯކޮށްލީމެވެ. ގޭ ވަށައިގެން ހުރި ހުރިހައި ގަހެއް ކަނޑާ ތިރިކޮށް އެއެއްޗެތި ހުރި ތަންތަނަށް ކޮންކުރީޓް އަޅާ ބުރި ބުރިއަށް ހުރިހާ އަވައްޓެރިންމެ ގެއަޅާ ނިންމައިފި އެވެ. އަހަރެމެން ގޭގައިވެސް ސަލާމަތުން ހުރި އެންމެ ރަނގަޅު ދިމައިގާ އަހަރެން އިނީ ފަޒާތެރެއަށް ގެއްލިފަ އެވެ. ކުރަންވީ ފިކުރެއް ގެންނަންވީ ހިޔާލެއް ނޭނގިފަ އެވެ. ހުސް ޖައްވުން، ދެއިނގިލި ދޭތެރޭ ތާށިވެފާއިން މަގޭ ސިނގިރޭޓުގެ ކޮޅުން ރޮނގަކަށް ހައެއްކަ އިންޗި މައްޗަށް ދުންއަރާ، އެ ދުންތައް ވައިގެ ތެރެއަށް ބުރައިގެން ދާތަން ބަލަންފެށީމެވެ. ވެދިޔަހާ ކަންތައްތަކޭ އަމިއްލަ އަމިއްލައަށް ބުނެވުނެވެ.

"އަމިއްލައަށް ވާހަކަ ދައްކާންވެސް ފެށީތަ؟" އޭނާ އައިނުއައި ދިމާއެއްވެސް ނޭގުނެވެ. ޔޫލާހުރީ ކައިރީގަ އެވެ. "ޒުހުރީ ދަންޖެހި މަރުވެއްޖެ. އަހަރެން މިއައީ އެތަނުން." މާ އައިދައިގެ ގޮތަކަށް، ފިނި ރާގަކަށް އޭނާ ބުނެލި އެވެ.

"ކީކޭ!"

"މަރުވެއްޖެއޭ، ނިމިއްޖެއޭ، ޒުހުރި ދަންޖެހިއްޖެއޭ"

"ކޮންއިރަކު؟ ކޮންތާކު؟" އަހަރެން ހަދާނެގޮތް ހުސްވި އެވެ.

"މިއަދުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި ހެންވޭރު ތިރިވާގޭ އެތެރެ ކޮޓަރިއެއްގައި ހުރި ސީލިންގް ފަންކާއެއްގައި ވާގަޑެއްބައްދާ އޭގެ ކޮޅުގައި ދަންމަޅިއެއްޖަހާ އެ މަޅީގައިޖެހި، އާދަމް ޒުހުރީ މަރުވެފައިހުއްޓާ ފެނިއްޖެ އެވެ. ވާގަނޑު ބެއްދީ، މަޅިޖެހީ، ކާކު ކަމެއް އަދި މުޅިއަކުން ސާފެއް ނުވެ އެވެ. މަރުވެފައި ހުރި ޒުހުރީ ދުށް ފަރާތްތައް ބުނާ ގޮތުގައި އޭނާ ހުރީ ބަރަހަނާއަށެވެ." ޔޫލާ ނޫހަކުން ހަބަރު ދޭ ފަދައިން އަތުގައި އޮތް ލިޔުމަކުން ކިޔަމުން ގެންދިޔައެވެ.

"މާތްކަލާކޯ ދެންހެޔޮ."

ޔޫލާ މަގޭ އާދޭހަށް ކިޔުން ހުއްޓައެއްނުލި އެވެ.

(ނުނިމޭ)