Advertisement

ފްރާންސަށް މޮޅެއް، އަނިޔާވެ ބެންޒެމާ އަށް މާޔޫސްކަން

9 ޖޫން 2021 - 07:11 0

ރޭގެ މެޗުގެ ތެރެއިން އަނިޔާވުމުން ބެންޒެމާ ދަނޑު މަތީގައި އިށީނދެގެން.


ފްރާންސަށް މޮޅެއް، އަނިޔާވެ ބެންޒެމާ އަށް މާޔޫސްކަން

9 ޖޫން 2021 - 07:11 0

ޕެރިސް (ޖޫން 9) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް އިން ކުޅުނު ފަހު މެޗުގައި ރޭ ބަލްގޭރިއާ އަތުން 3-0 އިން މޮޅުވި ނަމަވެސް ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އަށް އަނިޔާވެއްޖެ އެވެ.

ފަސް އަހަރަށް ފަހު ދާދި ފަހުން ފްރާންސް ޓީމުން ފުރުސަތު ލިބުނު ބެންޒެމާގެ ކަކުލަށް އަނިޔާވީ ރޭގެ މެޗުގެ 37 ވަނަ މިނިޓްގަ އެެވެ. ޔޫރޯގައި ފްރާންސް ކުޅޭ ފުރަތަމަ މެޗަށް ހަފްތާ އަކަށް ވެފައިވާއިރު، ބެންޒެމާ އަށް މި ލިބުނު އަނިޔާގެ ސަބަބުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އާއި ބެންޒެމާ އަށް ވަނީ ކޮންމެ ވެސް ވަރެއްގެ މާޔޫސްކަމެއް ކުރިމަތިވެފަ އެވެ.

"ވަރަށް ބޮޑަށް ޖެހިފައި އިނީ. އެއީ ކަކޫ ކައިރީގެ މަސްގަނޑަށް އަނިޔާވީ. އަހަރެމެން ރިސްކެއް ނުނަގަން ވެގެން އޭނަ (ބެންޒެމާ) ބަދަލުކުރީ. މި ވަގުތަށް ފެންނަ ގޮތުން އަނިޔާ ސީރިއަސް އެއް ނޫން. އެކަމު ޓެސްޓްތަކެއް ހަދައިގެން ހުރިހާ ތަފްސީލެއް އެނގޭނީ،" ރޭގެ މެޗަށް ފަހު ޑެޝޯމްޕްސް ބުންޏެވެ.

ބެންޒެމާ ޓީމަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ވޭލްސްއާ ދެކޮޅަށް ލަނޑެއް ޖަހަން ލިބުނު ފުރުސަތުން ފޮނުވާލި ޕެނަލްޓީ ވަނީ ވޭލްސް ކީޕަރު ޑެނީ ވޯޑް މަތަކޮށްފަ އެވެ. އެހެންވެ ރޭގެ މެޗަށް ބެންޒެމާ ނުކުމެ މެޗުގެ ކުރީކޮޅުގައި ލަނޑެއް ޖަހަން ރަނގަޅަށް މަސައްކަތްކުރި އެވެ. އެކަމަކު އެކަން ކާމިޔާބުވާ ގޮތެއް ނުވެ އަނިޔާވެގެން ބަދަލުކުރީ އެވެ.

ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ޖިރޫޑް އުފާފާޅުކުރަނީ.


ފްރާންސް އިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނެގީ އެންޓޮއިން ގްރީޒްމަން ބައިސިކަލް ކިކަކުން ޖެހި ގޯލުންނެވެ. އިތުރު ގޯލެއް ޖަހަން ފުރަތަމަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ.

ފްރާންސްގެ ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހުކޮޅުގައި އޮލީވިއޭ ޖިރޫޑް އެވެ. ޖިރޫޑް ކުޅެން އެރީ ބެންޒެމާގެ ބަދަލުގަ އެވެ. ޖިރޫޑް ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު ވަނީ ގައުމީ ޓީމަށް 46 ގޯލު ހަމަކޮށްފަ އެވެ. ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދީގެން ތިއަރީ އޮންރީ ހަދާފައިވާ ރެކޯޑާ ހަމަކުރަން ޖިރޫޑަށް ބޭނުންވަނީ ފަސް ގޯލެވެ. އޮންރީ ވަނީ ގައުމީ ޓީމަށް 51 ގޯލު ޖަހައިފަ އެވެ.

ރޭ ކުޅުނު އެހެން މެޗަކަށް ބަލާއިރު ސްޕެއިންގެ ޒުވާން ޓީމު ވަނީ 4-0 އިން ލިތުއޭނިއާ ބަލިކޮށްފަ އެވެ. މިއީ ހަގީގަތުގައި ސްޕެއިން ސީނިއާ ޓީމުން ލިތުއޭނިއާއާ ދެކޮޅަށް ކުޅެން ރޭވި މެޗެކެވެ. އެކަމަކު ސްޕެއިން ސީނިއާ ޓީމަށް އެ މެޗު ނުކުޅެވުނީ މެޗުގެ ކުރިން ހެދި ޓެސްޓްތަކުން ސާޖިއޯ ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.