Advertisement

ޝައުނާގެ ގަލަމުން: ތަރައްގީގެ ވިސްނުން އެހެން ނަޒަރަކުން

5 ޖޫން 2021 - 10:01 2


ޝައުނާގެ ގަލަމުން: ތަރައްގީގެ ވިސްނުން އެހެން ނަޒަރަކުން

5 ޖޫން 2021 - 10:01 2

އެޑިޓަރުގެ ނޯޓް: މިއީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ، ލިޔުއްވާފައިވާ އޮޕް-އެޑް އެކެވެ. ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމް ވެސް ފުރުއްވާފައިވާ ޝައުނާ ވަނީ ޕޮލިޓިކަލް އަދި އެންވާރަމަންޓަލް ސައިންސް އިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވައިފަ އެވެ.

.............

ދުނިޔޭގެ އެކިއެކި ކަންކަން އެނބުރެމުން ސެނބުރެމުން ދާއިރު، ވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް މިއަދު ބޮލާލާ ޖަހައިގެން ތިބެވޭކަށް ނެތެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ޙަޤީޤަތެކެވެ. އެކަމުގެ އަސަރު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ކުރެ އެވެ. ތޫފާންތަކުގެ ބާރުމިނަށް ބަދަލުތައް އަތުވެއްޖެ އެވެ. ހޫނު މޫސުމުގެ ދިގުމިނަށް ބަދަލުތައް އަތުވެއްޖެ އެވެ. ރަށްރަށް ވޮޑޭ މިންވަރާއި, ގިރާ ގޮތްތަަކަށް ބަދަލު އަތުވެއްޖެ އެވެ. ފަސްގަނޑުގެ ބާރު މިން ދެރަވެއްޖެ އެވެ.

ދިވެހިރާއްޖޭގައި ތިމާވެށީގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރީ ބައިނަލްއަޤްވާމީ ދުނިޔޭގައި ވެސް އެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރި ދުވަހު އެވެ. އެ ފަހުން މިހާރު 48 އަހަރު ވީ އެވެ. ކޮންމެ އަހަރަކު ވެސް އެކިއެކި ޝިޢާރު ކަނޑައަޅައިގެން މިދުވަސް ފާހަގަ ކުރަނީ ރައްޔިތުންގެ މެދުގައި ތިމާވެއްޓާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ނިޔަތުގަ އެވެ. ދިވެހިންނަކީ ތިމާވެށީގެ މައުޟޫޢުގައި ހޭލުންތެރި ބައެކެވެ.

ދުނިޔެ އަށް އަންނަ ބަދަލުތައް މި ދިވެހިރާއްޖެ ވެސް ނަކަލު ކުރަމުން އައީ ބާރު ސްޕީޑްގަ އެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަށާއި, ހޭލުންތެރިކަމަށާއި, އާމްދަނީއަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް މިވަނީ ބޮޑެތި ބަދަލުތައް އައިސްފަ އެވެ. އަދި އާމްދަނީ އަށް ބަރޯސާވާ ސިނާޢަތްތައް ފުޅާވެ, މިއަދު އިޤްތިޞާދު ވަރަށް ބޮޑަށް ފުޅާވެ, ޤައުމީ އުފެއްދުންތެރިކަން އެތައް ގުނައަކުން ކުރިއަރައިފި އެވެ.

މި ކުރިއެރުންތައް ސީދާ ގުޅިފައިވަނީ އަޅުގަނޑުމެންނަށް ގުދުރަތީ ގޮތުން ލިބިފައިވާ ވެށީގެ މުއްސަނދިކަމާ އެވެ. ތަރައްޤީގެ އެކިއެކި އިންޑެކްސްތަކުގައި އަޅުގަނޑުމެން ހޯދަމުން އަންނަ ކުރިއެރުންތައް ދެމެހެއްޓޭނީ ވެށީގެ "ފަންވަރު" ދަމަހައްޓައިގެންނެވެ. އެއީ ތަރައްޤީއަކީ ހަމައެކަނި ޖީބަށް ވަންނަ ފައިސާއެއް ނޫނެވެ. ތަރައްޤީ ދެމެހެއްޓޭނީ އަޅުގަނޑުމެންނަށް ލިބިފައިވާ ވެށީގެ މުއްސަނދިކަން ދެމިއޮވެގެންނެވެ.

ކޮންމެ އަހަރަކު ވިއްސާރަ މޫސުމާ ގުޅިގެން އޭގެ ކުރީ އަހަރަށް ވުރެ ބޮޑެތި ގެއްލުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ލިބެ އެވެ. އަދި ރަށަށް ލިބޭ ގެއްލުންތައް ވެސް އެހާމެ ބޮޑެވެ. ރައްޔިތުންގެ މަންދޫބުންގެ ޝަކުވާތައް އޮއްސާލައްވަނީ މަޖިލީހުގެ ތަޅުމުގައި މިކަންކަން ވީ އެންމެ އަވަހަށް ޙައްލުކޮށްދެއްވުމަށް އެދި އެވެ. ސަރުކާރުގެ އިދާރާތައް އަވަސްވަނީ ޕަމްޕުތައް ފޮނުވައި, ވެލިބަސްތާތައް ޖެހުމާއި, ރައްޔިތުންގެ ހަރުމުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ދިނުމަށެވެ. އެވެސް ލިބުނު ގެއްލުމުގެ އެންމެ %20 އެވެ. މިއީ ހަމަ ކޮންމެ އަހަރަކު ކަންވާގޮތެވެ.

އެއްވެސް ނަޒަރަކުން ބެލިކަމުގައިވީ ނަމަވެސް މިއީ ޙައްލެއް ނޫނެވެ. ކޮންމެ ވިއްސާރަ މޫސުމެއްގައި ދިވެހިރާއްޖެ އަބަދުމެ އޮންނާންވާނީ ޑިޒާސްޓާ ހާލުގައެއް ނޫނެވެ.

މި ދަންނަވަނީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެންގެ ތިމާވެއްޓަށް ލިބޭ ގެއްލުމުގެ ވާހަކަ އެވެ. މި ގެއްލުން އިތުރަށް ބޮޑުވަނީ އަޅުގަނޑުމެންގެ ވިސްނުމުގައި ތަރައްޤީއަށް ކުރެވޭ ބައެއް މަސައްކަތްތަކާއި, ތިމާވެއްޓާ މެދު ހޭލުންތެރި ނަމަވެސް, އިސްކުރެވޭ ބައެއް އާދަކާދަތަކުގެ ސަބަބުންނެވެ.

އެއް ސަރުކާރު އަނެއް ސަރުކާރަށް ބަދަލުވެގެންދާއިރު, މި ވެށި ބަދަލުނުވާނެ އެވެ. ވެއްޓަކީ އެއް ޖީލުން އަނެއް ޖީލަށް އަޅުގަނޑުމެން ފޯރުކޮށްދޭންޖެހޭ އަގުހުރި ތަރިކައެކެވެ.

އަޅުގަނޑުމެންގެ އަމާޒަކީ، ތިމާވެށި ހިމާޔަތްކުރުމާއި ތަރައްޤީގެ ތިލަފަތް ހަމަކުރުމެވެ. އަޅުގަނޑުމެންގެ އަޒުމަކީ، ތަރައްޤީގެ ރޭވުންތަކުގައި ހިރާސް ކުޑަކުރުމަށް ފިޔަވަޅު އެޅުމެވެ. އަޅުގަނޑުމެންގެ ތަސައްވުރަކީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަޙައްމަލު ކުރެވޭފަދަ، ފަންވަރުހުރި އުމްރާނީ ތަރައްޤީ މި ރާއްޖެއަށް ގެނައުމެވެ. މިކަންކުރުމަށް، މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެ އެވެ.

ދިވެހިރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް، 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމަށް ސަރުކާރުން މިއަންނަނީ މަސައްކަތްކުރަމުންނެވެ. މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު، ހައްދުންމައްޗާއި، އަރިއަތޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް އެބަކުރެވެ އެވެ.

ހިމާޔަތްކުރާ ސަރަހައްދުތަކުން ލިބޭ ފައިދާ އެންމެބޮޑަށް ކުރާނީ އަދި ކުރަންވާނީ ވެސް ރައްޔިތުންނަށެވެ. ހިމާޔަތް ކުރުމުގެ މާނައަކީ އެތަންތަނަށް ރައްޔިތުން ދިއުން މަނާވުމެއް ނޫނެވެ. އެތަންތަނުގެ އަސްލު ނުގެއްލި, ވެށި ދެމެހެއްޓެނިވި އުސޫލުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެކަމުގެ މަންފާ ރައްޔިތުންނަށް އިޙްސާސްވުމަކީ ވެސް ހަމަ އެހާމެ މުހިއްމު ކަމެކވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ހިމާޔަތްކުރެވި އަދި، މިކަމުން ސީދާ ރައްޔިތުންނަށް ނަފާ ލިއްބައިދިނުމަށް އާ ވިސްނުމަކާއެކު މަސައްކަތްތަކެއް ކުރެވިދާނެކަމަށް އަޅުގަނޑު ދެކެމެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އަނެއް މައްސަލައަކީ ކުނީގެ މައްސަލަ އެވެ. ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ޖޫން މަހުން ފެށިގެން، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ކުނި މެނޭޖްކުރުމާ ގުޅޭ ގަވާޢިދު އިސްލާހު ކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުންނެވެ. މި އިސްލާހު ގެޒެޓުކުރެވުމުން، ކުނި މެނޭޖްކުރާ މަރުކަޒުތަކުގައި ކުނި ވަކިކޮށް، ފަނާވާޒާތުގެ ކުނިން ކޮމްޕޯސްޓް އުފެއްދުމާއި، ރިސައިކަލް ކުރެވޭ ކުނި އެކްސްޕޯޓްކުރުމަށާއި އަދި އަންދާލެވޭ ޒާތުގެ ކުނި އިންސިނެރޭޓްކުރުމަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދައިދިނުމަށް, ދިވެހިރާއްޖެއަކީ އެހެން ޤައުމުތަކަށް ނަމޫނާއަކަށް ވާންވާނެ އެވެ. އެގޮތުން އަޅުގަނޑުމެންގެ ޤައުމުގައި ވީ އެންމެ ބޮޑު މިންވަރަކަށް ސާފު ހަކަތަ ބޭނުންކުރުމަކީ ސަރުކާރުގެ މުހިއްމު ލަނޑުދަނޑިއެކެވެ. ރައްޔިތުން ގެބިސީތަކުގައި ހޯމް ސޯލާ ޕްރޮގްރާމެއް ތަޢާރަފްކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފަ އެވެ. ހއ. އަތޮޅުގެ 13 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ތ. އަތޮޅުގެ 12 ރަށަކާއި ރ. އަދި ބ. އަތޮޅުގެ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ނިޒާމު ޤާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ކުރެވެމުންނެވެ.

ރާއްޖޭގެ ތިން ރަށެެއްގައި ދުވާލު ގަޑީގައި ކަރަންޓު ފޯރުކޮށްދެނީ ހަމައެކަނި ސޯލާ ޕީވީން އުފައްދާ ހަކަތައިންނެވެ. އަޅުގަނޑުމެންގެ އަމާޒަކީ 2030 އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ނެޓް-ޒީރޯ ޤައުމަކަށްވުމެވެ.

ތަރައްޤީ ދެމެހެއްޓޭނީ ސާފު ހަކަތައާއި, ވެށީގެ މުއްސަނދިކަން ދަމަހައްޓައިދޭނެ ސިޔާސަތުތަކުންނެވެ.

އިރާދަކުރެއްވިއްޔާ މި ކުރެވޭ މަސައްކަތްތަކުން ދިވެހި ރައްޔިތުންނަށް އެދެވޭ ބަދަލު ފެނިގެންދާނެ އެވެ. ތަރައްޤީ އަކީ ވެށިން ލިބޭ އަގުނުކުރެވޭ ޚިދުމަތްތައް ރައްކާތެރިކޮށްގެން ލިބޭ އެއްޗެކެވެ.