23 އޭޕްރީލް 2021 - 11:43 1
ޝާހު އިސްމާއީލް (ސާޔާ)
ނައިބް ރައީސް ފައިސަލް ނަސީމް، ކުޅިވަރުގެ އިސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ކ-3) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ކ-3) ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް
23 އޭޕްރީލް 2021 - 11:43 1
ދިވެހިރާއްޖޭގެ ކުޅިވަރަށް އިދާރީ ގޮތުން ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުމަކީ ކުޅިވަރު ގާނޫނު އުފަންވެގެން ދިއުމެވެ. މިގާނޫނުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާތައް ކުރިއަރުވާ، ކުޅިވަރަށް ބޭނުންވާ ޑިމޮކްރަޓިކް އުސޫލްތަކާއި ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކޮށް ތަރުތީބު ކުރުމެވެ. މިގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް މޮނިޓާ ކުރުމަށް ކުޅިވަރު ގައުމީ މަޖިލީހެއް އުފަންކޮށް ވަކިން ހާއްސަކޮށް ކޮމިޝަނަ އޮފް ސްޕޯޓްސްގެ މަގާމުގައި ބޭފުޅަކު ކަނޑައަޅާފައިވާކަން އެއީ ކުޅިވަރުގެ އިދާރީ ކަންކަން، އިންޓަނޭޝަނަލް ބެސްޓް ޕްރެސްކްޓިސްއާ އެއްގޮތަށް ތަރުތީބުކުރުމަށާއި ޑިމޮކްރަޓިކް އުސޫލާ އެއްގޮތަށް ބައްޓަން ކުރުވައި، ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ލާޒިމުކުރާކަންކަން ތަންފީޒުކުރޭތޯ ބަލައި ފާރަވެރިވުމަށް އެޅިގެންދިޔަ ބާރެކެވެ.
ދެންއޮތީ، ކުޅިވަރާއި ބެހޭ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ގައުމީ އެސޯސިއޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށް ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާތަކުން ތަރުތީބުކޮށްދީފައިވާ ހަމަޔަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ.
ކުޅިވަރަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މުޖުތަމައުގައި މުހިއްމު ރޯލެއް އަދާކުރަމުންދާ އެއް ދާއިރާ އެވެ. ދެކޮޅުނުހެދޭނެ އެއް ހަގީގަތަކީ ކުޅިވަރުގެ މި ޕްލެޓްފޯމް މިއީ ވެސް ސިޔާސީ ފަރާތްތަކުގެ އެޖެންޑާގައި ހިމަނާފައިވާ އެއް މަސައްކަތްކަމެވެ. ސަރުކާރާއި އަދި ސިޔާސީ ޕާޓީތަކުން ސިޔާސީ ނުފޫޒު ވަރުގަދަ ކުރުމަށް ކުޅިވަރު މިއީ އެއް ހަތިޔާރުގެ ގޮތުގައި ބޭނުން ހިފުގެ ވިސްނުމުގައި ގިނަ ފަހަރު ކުޅިވަރު ގައުމީ އެސޯސިއޭޝަންތައް ޝިކާރަކުރުމަށް މަސައްކަތް ކުރެވިގެންދާކަން މިއީ ބައިނަލްއަގްވާމީ ކުޅިވަރު ފެޑެރޭޝާންތަކުން ވެސް އަބަދުމެ ބަހުސް ކުރާ އެއްމައްސަލަ އެވެ. އަދި އެހާމެ އަވަހަށް ފިޔަވަޅު އެޅުމަށް އިންޒާރުދޭ އެއް މައްސަލަކަން ވެސް ފާހަގަކުރަން ޖެހެ އެވެ.
ކުޅިވަރު ގާނޫނު ތަންފީޒު ކުރަން މަތިކޮށްފައިވާ ފަރާތްތަކުން ގައުމީ އެސޯސިއޭޝަންތަކާއި މެދު ގާނުނީ ޒިންމާ އަދާކުރުމުގައި ތަރުތީބު ގެއްލި އިހްތިސާސްއިން ބޭރުން ކަންކަން ކުރަން އުޅުމުން ބޮޑެތި މައްސަލަތައް ކުރިމަތިވެ، ބައެއް ކުޅިވަރުތައް ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކުރެވެ އެވެ. ގައުމީ ކުޅިވަރުތަކަށް ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް ހުޅުވާލަދެވޭ ދޮރު ގިނަފަހަރު ވެގެންދަނީ ތިންވަނަ ފަރާތުގެ ނުފޫޒް ފޯރުވުން، މިކެޓަގަރީއަށެވެ. އަދި މިފަދަ މައްސަލަތައް އާހިރުގަ ނިމިގެން ގޮސްފައި ވަނީ ވެސް ސަރުކާރުގެ ފަރާތުން ނުފޫޒް ފޯރުވަން މަސައްކަތް ކުރިކަމުގެ ޓެގް އެޅި ސަސްޕެންޑް ކުރާނެކަމުގެ އިންޒާރުގެ ސިޓީ ކުޅިވަރު ގާނޫނުގެ ކުރިމަތީގައި ކުރި ހޯދާއިގެންނެވެ. ދެންއޮތީ ތިންވަނަ ފަރާތެއްގެ ނުފޫޒުފޯރުވި ކަމަށް ބައިނަލް ބަލާ މިންގަނޑުގެ ތަފްސީލް އެވެ. ބައިނަލްއަގްވާމީ ފެޑެރޭޝަންތަކުން ސަރުކާރުގެ ނުފޫޒް ފޯރުވިކަމަށް އާއްމުގޮތެއްގައި ބަލަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ.
1- ހިންގާ ކޮމިޓީއަށް ސަރުކާރުގެ ފަރާތުން މަންދޫބުން އައްޔަނުކުރަން ލާޒިމްކުރުން.
2- ގައުމީ އެސޯސިއޭޝަން ނިސްބަތްވާ ކުޅިވަރުގެ އެކިއެކި ހަރަކާތްތައް ސަރުކާރުގެ ފަރާތުން ރާވާހިންގުން
3- އެސޯސިއޭޝަނަށް އިންތިހާބުވެފައިވާ ރައީސްއާއި ހިންގާ ކޮމެޓީގެ މެމްބަރުންނަކީ އެވަގުތެއްގައި ސަރުކާރުގެ ސިޔާސީ ފިކުރާ ދިމާނުވެ، އިދިކޮޅު ފިކުރުގެ މީހެއްކަމުގައިވުމުން އެފަދަފަރާތްތައް އިންތިހާބީ މަގާމުން ދުރުކުރުން.
4- އެސޯސިއޭޝަންތަކުގެ މިނިވަންކަން ގެއްލޭގޮތަށް އެކިއެކި ކަންކަމުގައި ހުރަސްއަޅާ، ގާނޫނުތަކާއި އަދި ގަވާއިދުތައް ބަދަލުކުރުން
5- ޝަރުއީ ކޯޓުތައް މެދުވެރިކޮށް އިންތިޙާބީ ހިންގާކޮމިޓީ ބަދަލުކުރުން، ނުވަތަ އެސޯސިއޭޝަން އިން ނިންމާ ނިންމުންތައް ބާތިލްކުރުން.
މިގޮތުން ކުޅިވަރު ގާނޫން ލާޒިމްކުރާ އެންމެހާއި ކަންކަމަކީ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގައިންޑްލާއިނާއި އަދި އުސޫލާއި މަގްސަދުތަކާއި އެއްގޮތަށް އަމަލުކުރުމަށް ކަނޑައަޅާފައިވާ ކަންކަމެވެ. އެހެންކަމުން ރާއްޖޭގައި އަމަލުކުރަމުންގެންދާ ކުޅިވަރު ގާނޫނު އަދި އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތައް ކަނޑައެޅިފައިވާ އިޖްރާތުގެ ތެރެއިން ތަންފީޒުކުރުމަކީ އެއްވެސް ހާލެއްގައި ސަރުކާރުގެ ނުފޫޒް ފޯރުވިކަމަށް ބެލެވޭނެ ޖާގައެއް އޮތްކަމެއް ނޫނެވެ.
އަދި ބަޔާންކުރެވުނު މިންގަނޑާއި ގުޅުމެއްނެތްނަމަ، މިފަދަ އެއްވެސް ހާލަތެއްގައި ބައިނަލްއަގްވާމީ ފެޑެރޭޝަނުންވެސް އިދިކޮޅު ބަހެއް ނުވަތަ އިންޒާރެއްވެސް ދީފާނެކަމަށް ނުބެލެވެ އެވެ. ކުޅިވަރު ބައިނަލްއަގްވާމީ ޖަމިއްޔާ، ގައުމީ އެސޯސިއޭޝަން އަދި ސަރުކާރު، މި ތިން ސްޓޭކްހޯލްޑަރުން ވެސް ކުޅިވަރު ކުރިއެރުވުމަށް އަދާކުރަންޖެހޭ ދައުރު އެއްވެސް ފުށުއެރުމެއްނެތެވެ.
އެހެނަސް މައްސަލަ އުފަންވާ ހިސާބަކީ ކޮންމެ ސަރުކާރެއްވެސް ބަދަލުވާ ހިސާބުންނެވެ. ސިޔާސީ އޮއިވަރުގައި ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގައިވާއިދުގެ ބައެއް މާއްދާތަކުގެ ރޫހާ ހިލާފަށް އަމަލުކޮށް ތަރުތީބު ގެއްލުވާލާ ހިސާބުންނެވެ. އަމަލުކުރަންޖެހޭ އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގައިޑްލައިން އިހުތިރާމް ކުރުމެއްނެތި ކޮމިޝަނަ އޮފް ސްޕޯޓްސް އަށް ލިބިދީފައިނުވާ ބާރެއް ބޭނުންކޮށް ގައުމީ އެސޯސިއޭޝަނާއި މެދު ފިޔަވަޅު އަޅާ ހިސާބުންނެވެ.
ކުޅިވަރު ގާނޫނު ތަންފީޒުކުރުމަށް ތިއްބެވި ފަރާތްތަކުން ގައުމީ ކުޅިވަރު އެސޯސިއޭޝަނާއި ފާރަވެރިވާންޖެހޭ މިންވަރު ވަރަށްވެސް ސާފެވެ. މިގޮތުން ކުދި ބޮޑު އެންމެހާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަކާއި މެދު ތަފާތުކުރުމެއްނެތި ކުޅިވަރު ގައުމީ މަޖިލީސް އަދި ސްޕޯޓްސް ކޮމިޝަނަ އަށް ގާނުން ލާޒިމްކޮށްފައިވާ ޒިންމާ އުފުލުމުގައި "ބަންޑާރަ ހަސަނަށް މޫދު ލިބުމުން" ކަންކުރާގޮތާއި އެއް އުސޫލަކުން އަމަލުކުރާކަށް ކުޅިވަރު ގާނޫނޫ ތަނެއް ނުދެއެވެ.
އެހެނަސް އެކިފަހަރު މަތީން އެކިއެކި ސަބަބުތަކާއި ގުޅިގެން އައްޔަނުކުރެވިގެންދިޔަ ސޮޕޯޓްސް ކޮމިޝަނަރުން ގާނުނު ތަންފީޒު ކުރުމުގައި ބައެއް ގައުމީ އެސޯސިއޭޝަންތަކާއި މެދު ތަފާތު ކުރުންތަކެއް ހިޔާރުކުރަން މަޖުބޫރުވިކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.
ގައުމީ އެއްވެސް ކުޅިވަރު އެސޯސިއޭޝަނަކާއި މެދު ތަފާތު ކުރުންތަކެއް އިސްކޮށް، ފިޔަވަޅުއެޅުމުގައި ހަމަހަމަ އުސޫލުން އެއްކިބާވުމަކީ ކުޅިވަރު ގާނޫނާއި އަދި ގާނޫނުގެ ދަށުން ހެދިފައިވާ އެއްވެސް ގަވާއިދެއް ވެސް ދަންނަ ހަމައެއް ނޫނެވެ. އެހެނަސް މަޒީގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި މެދު ގިނަ ފަހަރު ފިޔަވަޅު އެޅިގެން ގޮސްފައިވަނީ ކުޅިވަރު ގާނޫނު ވެސް އަދި ރަޖިސްޓްރޭޝަން ގަވާއިދު ވެސް ތަރުތީބުކޮށްދީފައިވާ މައިގަނޑު މަފްހޫމަށް ބެލުމެއްނެތިކަން ފާހަގަކުރެވެ އެވެ.
އަދި އެފަދަ ކޮންމެ ނިންމުމަކީ ކުޅިވަރުގެ ތެރޭގައި އަށަގަނުވަން މަސައްކަތް ކުރަމުންދާ ގުޑް ގަވަނަންސް މިސް ލީޑްކުރުމަށް ދެވޭ ފުރުސަތެއް ކަން މާޒީގައި ކަންކަން ފުރޮޅިފައިވާ ގޮތަށް ބެލުމުން ސާފުވެ އެވެ. ފަހަރުގައި ކޮމިޝަނަ އޮފް ސްޕޯޓްސް އަށް އެފަދަ ގޮތަކަށް އަމަލުކުރުމަށް ފުރުސަތު ލިބިގެންދަނީ ރަޖިސްޓްރޭޝަން ގަވާއިދު ތަންފީޒުކުރުމުގައި ކުޅިވަރު ކްލަބް ޖަމިއްޔާ ޖަމާތްތަކާއި އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި އެއްހަމައަކުން އަމަލުކުރުމަށް ކޮންމެވެސް ސަބަބަކާއި ހުރެ މަޖުބޫރުވާ ހިސާބުންކަމަށްވުން ގާތެވެ.
ކުޅިވަރު ކްލަބް ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 21 ވަނަ މާއްދާ (ނ،ރ) ގައި ބަޔާންކުރާ ފަދަ ހާލަތެއް (ގައުމީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވުން އަދި ހިންގާ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތު ގެއްލުން) މިފަދަ ކޮންމެ ހާލަތެއްގައި ވެސް އަމަލުކުރަން ޖެހެނީ އެ ގައުމީ އެސޯސިއޭޝަނެއް ނިސްބަތްވާ ބައިނަލްއަގްވާމީ ޖަމިއްޔާއިންދޭ ލަފަޔާއި އަންގާ އެންގުމާއި އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ.
މިއީ ކުޅިވަރު ގާނޫނާއި އަދި ގަވާއިދުގެ ބާކީ ދެންހުރި މައްދާދަތަކުގައި ވެސް ގައުމީ އެސޯސިއޭޝަނާއި މެދު އަމަލުކުރުމުގައި ބަލަންޖެހޭ ހަމައާއި އުސޫލެވެ. ބައެއް މާއްދާތަކުގައި ކަނޑައެޅިގެން ބައިނަލްއަގްވާމީ ފެޑެރޭޝަންތަކުގެ އެންގުމާއި ލަފާހޯދުމަށް ބަޔާންކޮށްފައި ނެތުމަކީ ކޮމިޝަނާ ސްޕޯޓްސް ގައުމީ ކުޅިވަރު އެސޯސިއޭޝަކާއި މެދު ފިޔަވަޅުއެޅުމުގައި އޮތް ހުއްޖަތެއް ކަމަށް ނުބެލެވޭނެ އެެވެ.
އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި މެދު ތަފާތުކޮށް އަމަލުކުރުމަށް ވެސް ކޮމިޝަނަ އޮފް ސްޕޯޓްސް އަށް އެއްވެސް ހައިސިއްޔަތެއް ލިބިގެން ނުވެ އެވެ. އަމަލުކުރަންޖެހޭ ޑިއު-ޕްރޮސެސް އެއްކިބާކޮށް، ގައުމީ އެސޯސިއޭޝަނުގެ ހައިބަތަށް ބަލައި، ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަން ބައިނަލްއަގްވާމީ ޖަމިއްޔާގެ ހެދިފައިވާ ގަވައިދުތަކުން ހުރަސްއެޅޭނެކަމަށް ބުނާބުނުމާއި، ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތްތަކާއި ނުވަތަ ވަކި ކަހަލަ ގައުމީ އެސޯސިއޭޝަނަކާއި މެދު ގާނޫން ނުވަތަ ގަވާއިދަކުން ވެސް ލިބިދީފައިނެތް ބާރެއް ބޭނުންކޮށް، ގާނޫނުގެ ދިގު އަތް އަރާ ހަމަކުރީ ކަމަށް ދެއްކުމުގެ ގޮތުން ފިޔަވަޅުއަޅާފައިވާ މައްސަލައަކީ ކުޅިވަރު ގާނޫނު ތަންފީޒުކުރުމުގައި ކުޅިވަރު އާއިލާތެރޭގައި އޮޅުންއަރާ ނުތަނަވަސްކަން އުފައްދަމުންދާ ކަމެއްގެ އިތުރުން، ކުޅިވަރުގެ ގުޑް ގަވަނަންސް އަށަގެންނެވުމަށް އޮތް ހުރަހެއްކަމަށް ވެސް ފާހަގަކުރަންޖެހެ އެވެ.
މިގޮތުން އެއް މިސާލު ފާހަގަކޮށްލާނަމެވެ. ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދުގެ 24 ވަނަ މައްދާގެ ދަށުން ވޮލީބޯޅަ އެސޯސިއޭޝަނާއި މެދު އެޅި ފިޔަވަޅާއި ގުޅިގެން އުފަންވެގެންދިޔަ ހަސްހާސް މައްސަލަތައް އެކަމުގެ ހެއްކަކަށް ފުދެ އެވެ.
ކޮމިޝަނާގެ ފިޔަވާޅައި ގުޅިގެން ބައިނަލްއަގްވާމީ ފެޑެރޭޝަނުން އެމައްސަލައަށް ވަތްވަނުން، އަދި މައްސަލައަށް ހައްލުހޯދުމަށް ކުޅިވަރާއި ބެހޭ ވަޒީރު އުފުލަންޖެހެނު ތަކްލީފާއި ހޭދަވި ހަރަދު ފާހަގަވެ އެވެ. ބަޔާންކުރެވުނު 24 ވަނަ މައްދާގައި ބައިނަލް އަގްވާމީ ފެޑެރޭޝަންތަކުގެ ލަފާހޯދުމަށް ބަޔާންކޮށްފައި ނެތަސް ކޮމިޝަނަ އޮފް ސްޕޯޓްސް އެޅި ފިޔަވަޅުތައް ބަލައިގަތުމަށް އިންކާރުކޮށް، އަހީރުގައި ފަހު ބަސް ބުނީ ހަމަ އެ ކުޅިވަރު ނިންބަތްވާ ބައިނަލްއަގްވާމީ ފެޑެރޭޝަނުންނެވެ.
ބައިނަލްއަގްވާމީ ކުޅިވަރު ޖަމިއްޔާތަކުގެ މެމްބަރުކަން ދިނުމަށް ކަނޑައަޅާފައިވާ މުހިންމު އެއްއަސާސް އަކީ، އެޖަމިއްޔާގެ ހިންގާ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަޑާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އުފެދިފައިވާ ގައުމީ އެސޯސިއޭޝަންތަކެއްތޯ ކަށަވަރުކުރުމެވެ.
ހަމައެހެންމެ، ގައުމީ ކުޅިވަރު އެސޯސިއޭޝަނެއް ވެސް އެގައުމެއްގައި ހެދިފައިވާ އެންމެހާއި ގާނޫނާއި ގަވާއިދާ އެއްގޮތަށް ތަބާވެ އޮޕަރޭޓްކުރުމަކީ ބައިނަލްއަގްވާމީ ފެޑެރޭޝަންތަކުން ވެސް ބާރުއަޅާ މުހިންމު އެއް ނުކުތާ އެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަނަކާއި މެދު ގާނޫނުގެ ދަށުން ފިޔަވަޅެއް އަޅަންޖެހިއްޖެ ހާލަތެއްގައި ކަނޑައެޅިފައިވާ ތަރުތީބާ ހިލާފަށް އަމަލުކުރާނަމަ، އެފުރުސަތު ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ނުދޭނެކަން މާޒީގައި ކަންހިނގާފައިވާ ގޮތަށް ބެލުމުން އެނގެން އެބައޮތެވެ.
އަދި މިއީ ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ކުޅިވަރު ގާނޫނާއި އަދި ގަވާއިތަކުން ވެސް އެފެޑެރޭޝަންތަކަށް ދީފައިވާ ބާރެއްކަން ވެސް ފާހަގަކުރަންޖެހެ އެވެ. އެހެންކަމުން ކުޅިވަރު ގާނޫނު ތަންފީޒު ކުރުމަށް ތިބި ފަރާތްތަކުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި މެދު ފިޔަވަޅު އެޅުމުގެ ކުރިން ބައިނަލްއަގްވާމީ ފެޑެރޭޝަންތަކުގެ ލަފަޔާއި ބައިވެރިވުމާއި އެކު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި މެދު އުފެދޭ ދެބަސްވަންތައް ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ހަމަގައިމު ވެސް މާޒީގައި ކުރިމަތިވެގެންދިޔަ ފަދަ ހަސްހާސް މައްސަލަތައް ހުއްޓުމަކަށް އައިސް، ކުޅިވަރުތަކަށް ބޭނުންވާ އިދާރީ ގުޑް ގަވަނަންސް ގާއިމުކުރުމަށާއި އަދި ކުޅިވަރު ގާނޫނު ތަރުތީބުކޮށްދިފައިވާ ހަމަޔާއި އެއްގޮތަށް ގައުމީ އެސޯސިއޭޝަންތައް މޮނިޓަކޮށް ފާރަވެރިވުމަށް މުހިންމު ރޯލެއް އަދާކުރެވިދާނެ ކަމެކެވެ.
އެހެންކަމުން ކަންކަން އިސްލާހުކުރުމަށް އެންމެ ރަނގަޅު އެއްހަމައަކީ ކުރެވޭ ތަޖުރިބާގެ އަލީގައި ފަހަތުން ފިލާވަޅު ދަސްކުރުންކަމަށްވާއިރު، ކުރިއަށް އޮތްތާގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ މެދު ފިޔަވަޅުއެޅުމުގައި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ކަނޑައަޅާފައިވާ ގައިޑްލައިނަށް އިތުރަށް ސަމާލުވުމަށް، ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު ރިވައިސްކޮށް އިސްލާކުރުން މިހާރު މުހިއްމު ކަމަށް ގަބޫލްކުރަންވެއްޖެ ކަމަށް ދެކެމެވެ.
Comment