ކޯޗުން އަތުގައި ސުޕަ ލީގާ ބެހޭ ތަފްސީލެއް ނެތް

Apr 20, 2021, 6:26 PM
ކޯޗުން އަތުގައި ސުޕަ ލީގާ ބެހޭ ތަފްސީލެއް ނެތް

ލަންޑަން (އޭޕްރީލް 20) - މައްސަލަ ބޮޑުވެފައިވާ ޔޫރަޕިއަން ސުޕަ ލީގުގެ ފައުންޑާ ކްލަބްތަކުގެ ކޯޗުންނަށް އެ ލީގާ ބެހޭ މާ ބޮޑު ތަފްސީލެއް ލިބިފައިނުވާ ކަމަށް ބުނެފި އެވެ.

ޔުއެފާ އާއި ފީފާގެ ސަޕޯޓެއް ނެތި ފަށަން މަސައްކަތްކުރަމުން އަންނަ ސުޕަ ލީގު އިއުލާނުކޮށްފައިވަނީ އާދިއްތަ ދުވަހުގެރޭގަ އެވެ. އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް، ޖޭޕީ މޯގަންސް އިން ދޭ ފަންޑުގައި ފަށާ ސުޕަ ލީގު އިއުލާނުކުރީ 12 ފައުންޑާ ކްލަބާ އެކު އެވެ. އެ ކްލަބްތަކަކީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް، ޓޮޓެންހަމް ހޮޓްސްޕާސް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ. އިތުރު ތިން ފައުންޑާ ކްލަބް ވަރަށް އަވަހަށް ގުޅޭނެ ކަމަށް ސުޕަ ލީގުން ބުނެ އެވެ.

ސުޕަ ލީގުން ވަކިވާން ޗެލްސީ އާއި މެންޗެސްޓާ ސިޓީ، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުން މަސައްކަތްކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ސްޕެއިނުގެ ނޫހަކަށް މިއަދު ސުޕަ ލީގުގެ ޗެއާމަން އަދި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ ސުޕަ ލީގުގެ އެއްބަސްވުމުގައި މި ވަގުތު ސޮއިކޮށްފައި އޮތް އެއްވެސް ކްލަބަކަށް ދެން ފަހަތަށް ޖެހެން ފަސޭހަނުވާނެ ކަމަށެވެ.

ފުޓްބޯޅަ ސަޕޯޓަރުންނާއި ސިޔާސީ ފަރާތްތަކުގެ ނުރުހުން ސުޕަ ލީގަށް އަމާޒުވެފައިވާއިރު، މިހާރު ކުޅެމުން އަންނަ މެޗުތަކުގެ ކުރިން ސުޕަ ލީގުގެ ކްލަބްތަކުގެ ކޯޗުންނާ އަންނަނީ އެ ލީގާ ބެހޭގޮތުން ގިނަ ސުވާލުތަކެއް ކުރިމަތިވަމުންނެވެ. މީޑިއާ އިން ކުރާ ސުވާލުތަކުގެ ޖަވާބުގައި ގިނަ ކޯޗުން ދައްކާ އެއް ވާހަކަ އަކީ އެ ލީގާ ބެހޭ އިތުރު ތަފްސީލެއް ނޭނގޭ ކަމަށާއި އެ ސުވާލުތަކަށް ޖަވާބު ދެވޭނީ ކްލަބްތަކުގެ ވެރިންނަށް ކަމަށެވެ.

ސުޕަ ލީގާ މެދު މިހާތަނަށް ވާހަކަ ދައްކާފައިވާ އެ ލީގުގެ ފައުންޑާ ކްލަބްތަކުގެ ކޯޗުންގެ ތެރޭގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިތުރުން ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ހިމެނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑާއި ލިވަޕޫލް އެއްވަރުވި މެޗުގެ ކުރިންނާއި ފަހުން ކްލޮޕް ވަނީ ސުޕަ ލީގާ ބެހޭގޮތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބު ދީފަ އެވެ. ކްލޮޕް ބުނީ އޭނާގެ އަމިއްލަ ވިސްނުން އަދިވެސް ބަދަލުނުވާ ކަމަށާއި 2019 ވަނަ އަހަރު ބުނިގޮތަށް އަދިވެސް އޭނާ އެ ލީގާ ދެކޮޅު ކަމަށެވެ. އެކަމަކު ފުޓްބޯޅަ ކްލަބްތަކުގެ ބައެއް ނިންމުންތައް ނިންމަނީ ކްލަބްގެ ވެރިން ކަމަށާއި އެކަންކަން ކުޅުންތެރިންނާއި ކޯޗުންނަށް އެނގެނީ މީޑިއާ އަށް އެނގޭ ފަހުން ކަން ކްލޮޕް ފާހަގަކުރި އެވެ.

"އަހަރެންނަށް ވެސް ނެތް ތި މީހުންނަށް (މީޑިއާ) އަށް ނުލިބޭ މައުލޫމާތެއް ލިބިފައި. އަހަރެން ގަބޫލުކުރާ އުސޫލަކީ ސަޕޯޓަރުންނާއި ފުޓްބޯޅަ ވަކިކޮށްގެން އެ ދެމެދަށް ވަކި ބޭނުންތަކެއް ވަންދައިގެން ހާސިލްކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން،" ކްލޮޕް ބުންޏެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ކްލަބްގެ ފަރާތުން ސުޕަ ލީގުގައި ފުރަތަމަ ވެސް ޖަވާބުދާރީވާން ޖެހުނީ އޭނަ ކަމަށާއި "ސްޕޯކްސްޕާސަން" އެއްގެ ވަޒީފާ އަދާކުރެވޭ ވަރަށް އޭނާ އަތުގައި ސުޕަ ލީގާ ބެހޭ މައުލޫމާތެއް ނެތް ކަމަށެވެ. އެކަމަކު އޭނާގެ އަމިއްލަ ވިސްނުމުގައި އެއްޗެއް ބުނާނަމަ ސުޕަ ލީގާ މެދު އޭނާ ދެކެނީ އެންމެ ރަނގަޅު ގޮތުގައި ނޫންކަން ހާމަވެ އެވެ.

"މަސައްކަތާއި ކާމިޔާބާ ގުޅުމެއް ނެތް ގޮތަށް ކުޅިވަރެއް ކުރިއަށްދާނަމަ އެއީ ކުޅިވަރެއް ކަމަށް ނުބެލެވޭނެ. ބަލިނުވެ ކުޅިވަރެއް ނުކުޅެވޭނެ. ކުޅިވަރެއްގައި އޮންނަން ވާނެ އުސޫލެއް ނޫން އެއީ ވަކި ބަޔަކަށް ކާމިޔާބު ޔަގީންވެފައި އޮތުމަކީ. މަސައްކަތްކުރާ ކޮންމެ ބަޔަކަށް މޮޅުވުމާއި ކާމިޔާބަށް ދިއުން އޮންނަން ވާނެ،" ގާޑިއޯލާ ބުންޏެވެ.

ސްޕެނިޝް ލީގުގައި މާދަމާރޭ ކުޅެން އޮތް މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެ ޒިދާން އެންމެ ފުރަތަމަ ރިޕޯޓަރުންނަށް އެންގީ ސުޕަ ލީގާ ބެހޭގޮތުން އެ ކްލަބުން ޖަވާބު ދެވޭނެ ހަަމައެކަނި މީހަކީ ޕެރޭޒް ކަމަށާއި އެ ސުވާލުތައް ކުރަންވީ އޭނާއާ ކަމަށެވެ.

"އަހަރެން މިއައީ މެޗުގެ ވާހަކަ ދައްކަން. ކޮންމެ މީހެއްގެ ވެސް ހިޔާލެއް އޮންނާނެ. މި ވަގުތު އަހަރެންގެ ހިޔާލު ހުރި ގޮތުގެ ވާހަކަ ދައްކަން ނެތިން. މާދަމާގެ މެޗާއި ލީގާއި ޗެމްޕިއަންސް ލީގުގެ ސުވާލުތައް ކުރިއަށްގެންދަންވީ. ދެން ހުރި ކަންކަމަކީ އަހަންނާ ބެހޭ ކަމެއް ނޫން،" ޒިދާން ބުންޏެވެ.

ސުޕަ ލީގުގައި ހިމެނޭ އެހެން ޓީމުތައް ކަމަށްވާ ޗެލްސީ އާއި ޔުވެންޓަސް ފަދަ ކްލަބްތަކުގެ ކޯޗުން ވަނީ ވެސް ވަނީ މީޑިއާގައި އެ ލީގާ ބެހޭގޮތުން ވާހަކަ ދެއްކޭނެ ވަރަށް މައުލޫމާތު ނެތް ކަމަށާއި އެ މީހުން ފޯކަސް ކުރަނީ ދަނޑުމަތީގައި ކުރަން ޖެހޭ މަސައްކަތަށް ކަމަށް ބުނެފަ އެވެ.

ސުޕަ ލީގުގައި ރެއާލްގެ ބައިވެރިވުން ބޮޑުވުމުން ޒިދާން އެކަމާ ހިތްހަމަނުޖެހިފައި ތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޒިދާން ބުނީ ތަކުރާރުކޮށް އެއް ވާހަކައެއް ބުނަން ބޭނުންނުވާ ކަމަށާއި މުހިއްމީ މާދަމާ މެޗުގެ ވާހަކަ ދެއްކުން ކަމަށެވެ.

މިހާރު ވާހަކަ ދެކެވިފައިވާ ގޮތުން އަންނަ އޮގަސްޓް މަހު ސުޕަ ލީގު ފަށަން މަސައްކަތްކުރަނީ 20 ޓީމާ އެކު އެވެ. އޭގެ ތެެރެއިން ހިމެނޭ ފައުންޑާ 15 ޓީމު ރެލިގޭޓެއް ނުވާނެ އެވެ. މި ވަގުތު ވާހަކަ ދެކެވިފައި އޮތި 20 އަހަރަށް އެ ފައުންޑާ ކްލަބްތައް ރެލިގޭޓްނުވާ ގޮތް ހެދުމަށެވެ. ދެން އެ ލީގުގައި އޮތް ބާކީ ފަސް ޖާގައިގައި ވާދަކުރާނީ ސުޕަ ލީގުން ދައުވަތު ދޭ ފަސް ޓީމު ނުވަތަ ކޮލިފައިވާ ފަސް ޓީމެވެ. އެ ފަސް ޓީމު ނަގާނެ ގޮތަކާ މެދު އަދި ފައިނަލް ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox