ސުޕަ ލީގު ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމަށް ނުކުޅެވޭނެ: ޔުއެފާގެ ރައީސް

Apr 19, 2021, 3:10 PM
ޔުއެފާގެ ރައީސް ކެފެރިން.

ޔުއެފާގެ ރައީސް ކެފެރިން.

ޒިއުރިކް (އޭޕްރީލް 19) - ޔޫރަޕްގެ ވަރުގަދަ 12 ކްލަބެއް ހިމެނޭ ގޮތަށް އިއުލާންކޮށްފައިވާ ޔޫރަޕިއަން ސުޕަ ލީގު ކުޅޭ ކުޅުންތެރިންނަށް ގައުމީ ޓީމުގެ މެޗުތަކުގައި ނުކުޅެވޭނެ ކަމަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވެއްޖެ އެވެ.

ރޭ ސުޕަ ލީގު ރަސްމީކޮށް އިއުލާނުކުރިއިރު އޭގައި ފައުންޑާ މެމްބަރުންގެ ގޮތުގައި ބައިވެރިވެފައިވާ ކްލަބްތަކަކީ ދުނިޔޭގެ ފުޓްބޯޅައިގައި ފޭންބޭސް ބޮޑު މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް، ޓޮޓެންހަމް ހޮޓްސްޕާސް، ރެއާލް މެޑްރިޑް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ. އިތުރު ތިން ކްލަބެއް ފައުންޑާ މެމްބަރުންގެ ގޮތުގައި ބައިވެރިވާއިރު، ލަސްވެގެން ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސްތެރޭ މި ލީގު ފަށާއިރު، 20 ޓީމު ލީގުގައި ހިމެނޭނެ ކަމަށް ސުޕަ ލީގުން ރޭ ނެރުނު ބަޔާނުގައިވެ އެވެ.

ސުޕަ ލީގު އިއުލާންކޮށްފައިވަނީ ޔުއެފާ އާއި ފީފާ އިން އެކަމާ ދެކޮޅަށް ތަކުރާރުކޮށް އިންޒާރު ދެމުން އަންނަނިކޮށެވެ. ސުޕަ ލީގަށް ވެސް ރަސްމީ ހައިސިއްޔަތު ލިބޭތޯ އެ ލީގުން ޔުއެފާ އާއި ފީފާއާ މަޝްވަރާކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު ޔުއެފާ އާއި ފީފާ އިން ވަނީ އެ ފަދަ މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށް ބުނެފަ އެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ ސުޕަ ލީގަކީ ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނަށް ކުރެވުނު އިހުތިރާމް ކުޑަ އަމަލެއް ކަަަމަށާއި ފުޓްބޯޅައިގެ އިންސާފަށް ލޯބިކުރާ އެއްވެސް ބަޔަކު އެ އަށް އެއްބަސްނުވާނެ ކަމަށެވެ.

"މިއީ ފުޓްބޯޅަ އަށް ލޯބިކުރާ މީހުންގެ މޫނަށް ކުޅު ޖެހުން ފަދަ އަމަލެއް. މީގެ އަށް ތާއީދުކުރާނެ ފުޓްބޯޅައިގެ އިންސާފަށް ލޯބިކުރާނެ މީހެއް ހުންނާނެ ކަމަށް ނުދެކެން،" ކެފެރިން ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހު ފީފާ އިން ވަނީ ސުޕަ ލިގުގައި ބައިވެރިވާ ކޮންމެ ކްލަބެއް އަދި ކޮންމެ ކުޅުންތެރިއަކު ވެސް ފީފާ އިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ ކަމަށް ބުނެ އިންޒާރެއް ދީފަ އެވެ. އެކަމަށް ޔުއެފާގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ ބައްރުތަކަކުން ވަނީ ތާއީދުކޮށްފަ އެވެ. މި އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާގެ އިތުރުން ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކެއް ކުޅެން ޝެޑިއުލްކޮށްފައި އެބަހުއްޓެވެ.

މިހާރު އެންމެ ބޮޑު ސުވާލެއް އުފެދިފައިވަނީ ސުޕަ ލީގުގައި ބައިވެރިވެފައިވާ ޓީމުތަކަށް ގައުމީ ޓީމުގެ މެޗުތަކުން ފުރުސަތު ނުލިބޭ ގޮތް ޔުއެފާ އިން ހަދަން ނިންމާނެ އިރަކާ މެދު އެވެ.

"ސުޕަ ލީގުގައި ކުޅޭ ކުޅުންތެރިން ވޯލްޑް ކަޕާއި ޔޫރޯގައި ނުކުޅެވޭނެ. މި ގޮތަށް ވެސް އަހަރެމެން އެބަޖެހޭ ސުޕަ ލީގު ކާމިޔާބުވިޔަ ނުދޭން ކުރެވެން ހުރި ކަމެއް ކުރަން. މީގެ ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މިދަނީ މަސައްކަތްކުރަމުން،" ކެފެރިން ވިދާޅުވި އެވެ.

ކެފެރިން (ވ) އާއި އަގްނެލީ: އީސީއޭ އާއި ޔުއެފާގެ ބައްދަލުވުމެއްގެ ތެރެއިން.

ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. ދެން އިސްކޮށް ތިބީ ވަރުގަދަ ކްލަބްތަކުގެ ވެރިންނެވެ. އެއީ ލިވަޕޫލްގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ، އާސެނަލްގެ ސްޓޭން ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

ކެފެރިން ވަނީ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ރައީސަކަށް ހުރި އަގްނޭލީ އެ މަގާމުގައި ހުރެ ސުޕަ ލީގު އުފައްދަން މަސައްކަތްކޮށްފައިވާކަން އެނގުމުން އެކަމާ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

"އަހަރެމެންނަކަށް ނޭނގެ އަހަރެމެންނާ އެހާ ގާތުގައި ހަރުފަ އުޅުނު ކަމެއް. އެކަމަކު މިހާރު އެކަން ވެސް އެބަ އެނގޭ،" އަގްނެލީ އަށް އިޝާރާތްކޮށް ކެފެރިން ވިދާޅުވި އެވެ.

"އަހަރެން ޒާތީ ވާކަށެއް ނެތިން. އަހަންނެއް ނުދެކެން އެކުގައި އުޅެމުން އެހާ ބޮޑަށް ކަންކަން އޮޅުވާލައި ދޮގު ހެދި އެހެން މީހެއް. އޭނަ އަކީ މިކަމުގައި އަހަރެން އެންމެ ބޮޑު އޮޅުވާލުމުގެ ތެރޭގައި ބެހެއްޓި މީހާ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޭނަ ހުރީ އަހަރެމެންނާ އެކުގައި ކަމަށް ހީކުރީ. އެކަމު ވީ އެހެނެއް ނޫން،"

ޔުއެފާގެ އިސް މަގާމަކުން ޔުނައިޓެޑްގެ ޗީފް އެގްޒެކްޓިވް އެޑް ވުޑްވާޑް ވެސް ވަނީ ވަކިވެފަ އެވެ. ކެފެރިން ވަނީ ވުޑްވާޑްގެ އެ ކުއްލި ނިންމުމުގެ ފަހަތުގައި ވެސް އޮތީ ސުޕަ ލީގުކަން އެނގޭ ކަމަށެވެ. އަދި ކުރިން ވުޑްވާޑް އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ ފައިނޭންޝިއަލް ފެއާޕްލޭގެ ވާހަކަތައް ކަމަށްވާއިރު، އޭނާ އަށް ފެއާޕްލޭގެ މުހިއްމުކަން ނުވިސްނުނު ކަމަށް ކެފެރިން ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ވާހަކަ ދެކެވިފައި އޮތީ ސުޕަ ލީގުގައި ޓީމުތަކުން ބައިވެރިވާނީ އެ ގައުމެއްގެ ލީގުން ވަކިވެފައި ކަމަށެވެ. އެކަމަކު ސުޕަ ލީގުން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ލީގުގެ ކްލަބްތަކުން ބޭނުންވަނީ ޑޮމެސްޓިކް ލީގުގައި ކުޅެފައި ޗެމްޕިއަންސް ލީގުގެ ބަދަލުގައި ސުޕަ ލީގުގައި ކުޅުމަށް ކަމަށެވެ. އެ ގޮތަށް ބަލާއިރު ސުޕަ ލީގު އޮންނާނީ ހަފްތާގެ މެދުތެރޭގަ އެވެ.

ސުޕަ ލީގު ރޭ އިއުލާނުކޮށްފައިވާއިރު ޔުއެފާ އިން މި ވަނީ މިއަދު ޔުއެފާ އިން ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް ފާސްކޮށްފަ އެވެ. އާ ފޯމެޓަކަށް 2024 ވަނަ އަހަރު ފަށާ ޗެމްޕިއަންސް ލީގުގައި 36 ޓީމު ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖުގެ ބަދަލުގައި އޮންނާނީ ސްވިސް ސިސްޓަމްގެ ބުރެކެވެ. ކޮންމެ ޓީމަކަށް އާ ފޯމެޓްގެ ދަށުން ޗެމްޕިއަންސް ލީގުގައި މަދުވެގެން 10 މެޗު ކުޅެން ލިބޭނެ އެވެ.

ސުޕަ ލީގާ ގުޅުން ހުރި މުހިއްމު ކަންކަން ޔުއެފާ އިން މިރޭ ބާއްވާ ބައްދަލުވުމުގައި ނިންމާނެ އެވެ. އޭގެ ތެރޭގައި ސުޕަ ލީގުގެ ބައިވެރިވާ ޓީމުތައް ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތް ހަދަން ނިންމާ ނިންމުމާ ގުޅޭގޮތުން ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ޔުއެފާގެ ބައްދަލުވުމަށް ފަހު މާދަމާ ޕްރިމިއާ ލީގާއި ލަލީގާ އަދި އިޓާލިއަން ލީގުން ވެސް ސުޕަ ލީގުގެ ކްލަބްތަކާ ގުޅޭ ބައްދަލުވުންތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

ކާސްގެ ނިންމުން މޮރޮކޯ އިން އިސްތިއުނާފުކުރަނީ

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނަކީ ސެނެގާލް ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމި ނިންމުން މޮރޮކޯ އިން އިސްތިއުނާފު ކުރަން ނިންމައިފިއެވެ. މޮރޮކޯ އިން މި މައްސަލަ އެޕީލް ކުރަނީ ކާސްގެ ނިންމުމަކީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެއެވެ. މިއީ ފައިނަލް މެޗު ނުނިމެނީސް ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބޮޑު ދަބަސްވުމެކެވެ.

އިތުރު ގޮތެއް ނެތިގެން ސިނާ އޮޕަރޭޝަނެއް ކޮށްފި

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބުމުން، އިޓަލީގެ ޓެނިސް ތަރި ޖަނިކް ސިނާ އޮޕަރޭޝަނެއް ކޮށްފިއެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ އަމާޒަކީ އަންނަ ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަން މުބާރާތަށް ފިޓްވެގެން އެނބުރި ކޯޓަށް ނުކުތުމެވެ.

ފެނާންޑޭސް އަށް މި ވަގުތު މުހިންމީ ޔުނައިޓެޑްގެ ނަތީޖާތައް

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މަޑުޖެހިފައިވާއިރު، އޭނާގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރުމެވެ. ކުރީގެ ކްލަބު ސްޕޯޓިން ލިޒްބަންއަށް އެނބުރި ދިއުމުގެ ފުރުސަތު އޮތްކަމަށް އޭނާ ބުނެފައިވާއިރު، ޔުނައިޓެޑާއެކު އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ރެއާލް ފުރިހަމަ ރެކޯޑެއްގައި، އާސެނަލަށް ހުއްޓުމެއް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ޕީއެސްވީ އަތުން 5-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން މުބާރާތުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ. ނަމަވެސް، އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ 1-1 އިން އެއްވަރުވުމާ ގުޅިގެން، އާސެނަލް މޮޅުވަމުން އައި ސިލްސިލާ އަށް ވަނީ ހުއްޓުމެއް އައިސްފައެވެ. މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ އާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އީގަލްސް އަތުން މޮޅެއް ހޯދައި ބުރު ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފި. މި މެޗުގައި ބުރުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އެޑުއާޑޯ

Newsletter

Get the latest news delivered straight to your inbox