Advertisement

ޔޫރަޕިއަން ސުޕަ ލީގު: މަހުޖަނުން ފުޓްބޯޅަ އަށް ވައްޓާލި ޓައިމް ބޮމް

19 އޭޕްރީލް 2021 - 12:06 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ޔޫރަޕިއަން ސުޕަ ލީގު: ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އަމާޒުވެފައިވާ މުބާރާތެއް.. އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)


ޔޫރަޕިއަން ސުޕަ ލީގު: މަހުޖަނުން ފުޓްބޯޅަ އަށް ވައްޓާލި ޓައިމް ބޮމް

19 އޭޕްރީލް 2021 - 12:06 0

މީގެ އަހަރުތަކެއް ކުރިން ފުޓްބޯލް ލީކްސް ނަމުގައި ބަޔަކު ދިޔައީ، ދުނިޔޭގެ ފުޓްބޯޅައިގައި އުސޫލުން ބޭރުން ހިނގަމުން އަންނަ ކަންކަން އާންމުންނާ ހަމައަށް ތިލަކޮށްދެމުންނެވެ. އެ މައުލޫމާތުތައް އެންމެ ފުރަތަމަ ލިބުނު އެއް މީޑިއާ އަކީ ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ޝްޕީގަލް އަށެވެ. ޑިއާ ޝްޕީގަލް އިން ވަނީ ޔޫރަޕިއަން ސުޕަ ލީގާ ބެހޭ ތަފްސީލީ ރިޕޯޓްތަކެއް 2018 ވަަނަ އަހަރު އާންމުކޮށްފަ އެވެ. އޭގެ ބައިވެރިވެ އުޅޭ ފަރާތްތަކުން ނަންތައް ސީދާ ހާމަނުކުރި ނަމަވެސް ސުޕަ ލީގަކީ ވަރަށް އަވަހަށް ފެންނާނެ ކަމެއް ކަން ޑިއާ ޝްޕީގަލް އިން އޮތީ ރިޕޯޓްކޮށްފަ އެވެ. އެކަން ރޭ އެ އޮތީ ޔަގީންވެފަ އެވެ. ރަސްމީ އިދާރާތަކުގެ ތަފާތު އެކި އިންޒާރުތަކަށް ބެލުމެއް ނެތި ޔޫރަޕްގެ ވަރުގަދަ 12 ކްލަބް އަޑީގައި އޮވެގެން ސުޕަ ލީގު އިއުލާނުކުރީ އެވެ.

ސުޕަ ލީގު ރަސްމީކޮށް އިއުލާނުކުރިއިރު އޭގައި ބައިވެރިވެފައިވާ ކްލަބްތަކަކީ ދުނިޔޭގެ ފުޓްބޯޅައިގައި ފޭންބޭސް ބޮޑު މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް، ޓޮޓެންހަމް ހޮޓްސްޕާސް، ރެއާލް މެޑްރިޑް، ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް، އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.

މީގެ ކުރިން ސުޕަ ލީގުގެ ވާހަކަ ތަކުރާރުކޮށް ދެއްކި އެއް މީހަކީ އާސެނަލްގެ ކުރީގެ ކޯޗު އަދި މިހާރު ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް އާސެން ވެންގާ އެވެ. ވެންގާ 2009 ވަނަ އަހަރު އިނގިރޭސި މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ 10 ވަރަކަށް އަހަރު ތެރޭ ސުޕަ ލީގެއް ވުޖޫދުވުމަކީ ވެދާނެ ކަމެއް ކަމަށާއި އޭގެ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން އާސެނަލް ކޯޗުކަމުގައި ވެންގާ ހޭދަކުރި ފަހު ދުވަސްތަކުގައި އޭނާ ވަނީ އަލުން ސުޕަ ލީގުގެ ވާހަަކަތައް ތަކުރާރުކޮށްފަ އެވެ. އެއީ 2018 ވަަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ހަޑްސްފީލްޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިންނެވެ.

"ކުރިއަށް އޮތް އަހަރުތަކެއްގެ ތެރޭގައި ސުޕަ ލީގެއް ފެށިގެންދާނެ. އެއީ ހިނގާނެ ކަމެއް. ކީއްވެ ސުޕަ ލީގެއް ފަށަން މި އުޅެނީ؟ އަހަރެންގެ ނަޒަރުގައި އޭގެ އެންމެ ބޮޑު ސަބަބަކީ ބޮޑެތި ކްލަބްތަކުން ބޭނުމެއް ނުވާނެ ދުރު މުސްތަގުބަލަކަށް ބަލައި ކުދި ކްލަބްތަކާ އެކު އެއް ޕްލެޓްފޯމެއްގައި ފައިސާ ލިބެން. މީގައި ހިނގަނީ ފައިސާގެ ކަމެއް،" ވެންގާ އޭރު ބުންޏެވެ.

ވެންގާ އޭރު ލަފާކުރިގޮތާ މިހާރު ސުޕަ ލީގުން ނިންމާފައިވާ ގޮތާ ތަފާތެއް އެބައޮތެވެ. ވެންގާ ބުނީ ޑޮމެސްޓިކް ލީގުގެ މެޗުތައް ކުޅޭނީ ހަފްތާ މެދުތެރޭގައި ކަމަށާއި ސުޕަ ލީގު ކުޅެން ނިންމާނީ ހަފްތާ ބަންދުގައި ކަމަށެވެ. އެކަމަކު ސުޕަ ލީގުގެ ވިސްނުމަކީ ޑޮމެސްޓިކް ލީގު މެޗުތައް ހަފްތާ ބަންދުގައި ކުޅެފައި ޗެމްޕިއަންސް ލީގުގެ ބަދަލުގައި ހަފްތާގެ މެދުތެރެއިން ސުޕަ ލީގު ކުޅުމެވެ.

ސުޕަ ލީގުގެ ހިޔާލާއި ވާހަކަތައް ފެށުނީ ކިހިނެއް؟

ސުޕަ ލީގެއް އުފަން ވުމުގެ ވާހަކަ އަކީ މިދިޔަ ވިއްސަކަށް އަހަރު ތެރޭ އަބަދު ވެސް ފުޓްބޯޅައިގައި އިވި ބާވެފައި އޮތް ވާހަކަަ އެކެވެ. އެކަމަކު އޭގެ ވާހަކަ ތަންކޮޅެއް ރަނގަޅަށް ދެކެވެން ފެށީ މީގެ 13 ވަރަކަށް އަހަރު ކުރިން އެކަމަށް ޕްރިމިއާ ލީގުގެ ކްލަބްްތަކެއް ވެރިންތަކެއްގެ ޝައުގުވެރިކަން އުފެދުނު ހިސާބުން ކަމަށް ޓެލެގްރާފް އިން މީގެ ކުރިން ރިޕޯޓްކޮށްފައިވެ އެވެ.

ވެންގާ، 2009 ވަަނަ އަހަރު ސުޕަ ލީގުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އާސެނަލްގެ ވެރިޔާ އެމެރިކާގެ މަހުޖަނު ސްޓޭން ކްރޮއެންކާއާ އެކު ކްލަބްގެ މުސްތަގުބަލާ މެދު ގިނަ ކަންކަން ނިންމަން ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. ވެންގާ އޭރު ކްރޮއެންކާއާ ބައްދަލުކުރީ އާސެނަލްގެ ދަނޑު އެމިރޭޓްސް ސްޓޭޑިއަމް އަޅަން ނެގި ލޯން އަނބުރާ ދައްކަމުން އެ ކްލަބް ވަރުގަދަ ކުރުމުގެ ޕްލޭން އޮތްގޮތެއް އޮޅުން ފިލުވުމަށެވެ. އޭރު އެމެރިކާގެ ބައެއް ނޫސްތަކުން ވަނީ ކްރޮއެންކާ އާއި މެންޗެސްޓާ ޔުނައިޓެޑް ހިންގަމުން އަންނަ ގްލޭޒާ ފެމިލީން ފުޓްބޯޅައިގައި މާލީ މަންފާ އިތުރުކުރަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓްކޮށްފަ އެވެ. އޭރު ވެސް ސުޕަ ލީގުގެ ވާހަކަތައް ދިޔައީ ދެކެވެމުންނެވެ.

ސުޕަ ލީގުގެ މި ވާހަކަތައް އަނެއްކާ ވެސް ބޮޑަށް ދެކެވެން ފެށީ 2010 ވަނަ އަހަރު އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕްގެ ވެރިޔާ ޖޯން ހެންރީ އިނގިރޭސި ގަދަބާރު ލިވަޕޫލް ގަތް ހިސާބުންނެވެ. އޭރުން އިނގިރޭސި ފުޓްބޯޅައިގެ ގަދަ ތިން ބާރު (ލިވަޕޫލް، ޔުނައިޓެޑް އަދި އާސެނަލް)ގެ ފަހަތުގައި ވެސް އެމެރިކާގެ ވިޔަފާރިތަކުން ކޮންޓްރޯލް ނެގީ އެވެ. ހެންރީ ވެސް ލިވަޕޫލް ގަތުމަށް ފަހު ސުޕަ ލީގުގެ މަޝްވަރާތަކުގައި ދިޔައީ ބައިވެރިވެމުން ކަމަށް މީގެ ކުރިން ލިވަޕޫލްގެ ކޮރެސްޕޮންޑަންޓް ޖޭމްސް ޕިއާސް ވަނީ ބުނެފަ އެވެ.

މަޝްހޫރު ކްލަބްތައް ކުޅޭ ސުޕަ ލީގެއް އޮތުމަކީ ރެއާލްގެ ރައީސް ކަމަށް ދެ ވަނަ ފަހަރަަށް 2009 ވަނަ އަހަރު އިންތިހާބުވި ފްލޮރެންޓީނޯ ޕެރޭޒް ވެސް ދެކެމުން އައި ހުވަފެނެކެވެ. އޭނާ ވަނީ ދެ ވަނަ ފަހަރަށް ރެއާލް ރައީސް ކަމަށް އައިސް ސުޕަ ލީގުގެ މަޝްވަރާތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އެކަމަކު ބޮޑު ޔަގީންކަމެއް ނެތި އެ ފަދަ ޕްރޮޖެކްޓެއް ފަށަން ޕެރޭޒްގެ ވިސްނުމެއް އޭރު ނެތް ކަމަށް ސްޕެއިން ފުޓްބޯޅައިގެ ތަޖުރިބާކާރު ގިލެމް ބަލަގޫ ވަނީ ބުނެފަ އެވެ. އޭރު އިނގިރޭސި ހަތަރު ކްލަބެއްގެ އިތުރުން ޕެރޭޒް ވެސް އައީ ސުޕަ ލީގުގެ މަޝްވަރާތަކުގައި ބައިވެރިވަމުންކަން ޑިއާ ޝްޕީގަލް އަށް ފުޓްބޯލް ލީކްސް ލިބުނު ލިޔެކިޔުންތަކުން އެނގެ އެވެ.

ފުޓްބޯލް ލީކްސް އިން ލީކުކޮށްލި ލިޔެކިޔުންތަކަށް ބަލައި ޑިއާ ޝްޕީގަލް އިން 2018 ގައި ރިޕޯޓްކޮށްފައިވާ އެހެން ރިޕޯޓެއްގައިވާ ގޮތުން އެންމެ ފުރަތަމަ ސުޕަ ލީގު ފަށަން ފަންޑް ދޭން 2014 ވަނަ އަހަރު ނިންމީ މެންޗެސްޓާ ސިޓީގެ ޗެއާމަން ޔުއޭއީގެ އަބޫދާބީ ޔުނައިޓެޑް ގްރޫޕްގެ ވެރިޔާ ޝެއިހް މަންސޫރާއި ޕީއެސްޖީގެ ޗެއާމަން ގަތަރުގެ ސްޕޯޓްސް އިންވެސްޓްމަންޓްގެ ވެރިޔާ ނާސިރު އެލް ހެއްލާފީ އެވެ. އެކަމަކު ވަކި ކްލަބްތަކެއްގެ ވެރިޔެއްގެ ފަރާތުން އެވަރުގެ އިންވެސްޓްމަންޓެއް ނަގައިގެން ލީގެއް ފަށާނަމަ ދުރުރާސްތާ އަށް ބަލާއިރު އޭގެން ގޯސް ނަތީޖާތަކެއް ނުކުމެދާނެތީ ސުޕަ ލީގުގެ މަޝްވަރާތަކުގައި ތިބި ކްލަބްތަކުން އެ ހިޔާލު ދޫކޮށްލަން ނިންމި އެވެ.

އެ ފަހުން ސުޕަ ލީގުގެ ވާހަކަތަށް މަޑުޖެހިފައިވަނިކޮށް 2016 ވަނަ އަހަރުގެ ފަހުކޮޅުގައި އެމެރިކާގެ މަޝްހޫރު ވޯލް ސްޓްރީޓްގެ ވިޔަފާރިތަކުން ސުޕަ ލީގަށް ފަންޑް ދޭން ވިސްނަން ފެށި ކަމަށް ޑިއާ ޝްޕީގަލް އިން ރިޕޯޓްކުރި އެވެ. އަދި އެކަމުގައި ކްލަބްތަކާ މަޝްވަރާކުރާނެ ބްރޯކަރުންތަކެއް ކަނޑައަޅައި ވާހަކަތައް ފެށި ކަމަށް ފުޓްބޯލް ލީކްސްގެ ބައެއް ލިޔެކިޔުންތަކުގައިވެސް ފެނުނެވެ. އެންމެ ފަހުން އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީ މޯގަންއާ އެކު ބޮޑެތި ކްލަބްތަކުން ބައްދަލުވުން ބާއްވައި ސުޕަ ލިގުގެ ކަންކަން 2018 ގެ ފަހުން ވަރުގަދަ އަށް ފެށި އެވެ. އަދި ރަސްމީކޮށް މީޑިއާގައި ޖޭޕީ މޯގަންގެ އޮފިޝަލުން ވެސް އެކަން އިއުލާނުކުރި އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް: އޭނާ އަކީ ސުޕަ ލީގުގެ ޗެއާމަން


ރޭ ސުޕަ ލީގު އިއުލާނުކޮށް ޗެއާމަނަކީ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ކަމަށް ހަމަޖެއްސި އެވެ. އަދި ވައިސް ޗެއާމަނުންނަކީ ލިވަޕޫލްގެ ވެރިޔާ ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޖޯލް ގްލޭޒާ އެވެ. ދެން ބޯޑުގެ އެކި އިސް މަގާމުތަކުގައި ހިމެނެނީ ވެސް ބޮޑެތި ކްލަބްތަކުގެ އިސްވެރިންނެވެ. އެއީ އާސެނަލްގެ ކްރޮއެންކާ އަދި ޔުވެންޓަސްގެ އަންދްރެއާ އަގްނޭލީ އެވެ.

ޕެރޭޒް ވިދާޅުވީ ސުޕަ ލީގެއް ވުޖޫދުވުމުގެ އެންމެ ބޮޑު ބޭނުމަކީ ފުޓްބޯޅަ އަށް އަސްލު އޭގެ ހައްގު މަގާމު ދިނުމާއި ދުނިޔޭގެ ފުޓްބޯޅައިގެ ހަތަރު ބިލިއަން ސަޕޯޓަރުން ގަބޫލުކުރާވަރުގެ ވަރުގަދަ ލީގެއް ބޭއްވުމަށް ކަމަށެެވެ.

ޕެރޭޒަށް ސުޕަ ލީގުގެ މަސައްކަތްތައް ސްޕެއިނުގައި ކުރިއަށްގެންދަން މަގުފަހިކޮށްދިނީ ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެފް ބާޓޮމެއު ކަމަށް ސްޕެއިނުގެ ނޫހެއް ކަމަށްވާ މާރްކާ އިން ރިޕޯޓްކޮށްފައިވެ އެވެ. ބާސެލޯނާގެ ރައީސްކަމުން ބާޓޮމެއު އިސްތިއުފާ ދިންއިރު، އޭނާ އޮތީ ސުޕަ ލީގުގައި ބައިވެރިވާން އެ ކްލަބްގެ އެއްބަސްވުން ނިންމައިފަ އެވެ.

ފީފާ އާއި ޔުއެފާ އިން ތަކުރާރުކޮށް ދެމުންދިޔަ އިންޒާރަށް ބެލުމެއް ނެތް

ސުޕަ ލީގުގެ ވާހަކަތައް އެންމެ ފުރަތަމަ މީޑިއާގައި ތިލަވާން ފެށުމާ އެކު ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އާއި ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ދިޔައީ އެ މުބާރާތް ބަލައިނުގަންނާނެ ކަމަށް ބުނަމުންނެވެ. ރޭ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޔުއެފާ އާއި ފީފާ އިން އެ ގޮގުގައި ހިފެހެއްޓި އެވެ.

މި އަހަރު ތެރޭގައި ސުޕަ ލީގު ފެށުމުގެ ވާހަކަތައް މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން ދެކެވެން ފެށި އެވެ. އެއާ އެކު ޖެނުއަރީ މަހު ފީފާ އިން ދުނިޔޭގެ ހުރިހާ ފެޑެރޭޝަނަކާ ގުޅިގެން ސުޕަ ލީގަށް ވަރުގަދަ އިންޒާރެއް ދިނެވެ.

"ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކްލަބެއް އަދި ކޮންމެ ކުޅުންތެރިއަކު ވެސް ފީފާ އިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ދުނިޔޭގެ ހަ ބައްރުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސުންގެ ސޮޔާ އެކު ޖެނުއަރީ މަހު އާންމުކުރި ބަޔާނުގައިވެ އެވެ.

ރޭ ޔުއެފާ އިން ސުޕަ ލީގާ ދެކޮޅަށް ފުރަތަމަ ނެރުނު ބަޔާނުގައިވަނީ އެ ލީގާ ދެކޮޅަށް ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ މީހަކާއި ސިޔާސީ ފަރާތްތަކުން ވެސް ތެދުވަން ޖެހޭ ކަމަށް ބުނެފަ އެވެ.

ސުޕަ ލީގު އިއުލާނުކުރުމަށް ފަހު އެ ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްވެސް ކްލަބަކުން އެ ކްލަބެއް ހިމެނޭ ގައުމީ ލީގަކުން ވަކިނުވާނެ ކަމަށާއި ސުޕަ ލީގަކީ ހަފްތާގެ މެދުތެރޭގައި ކުޅޭ ގޮތަށް ރޭވޭ ލީގެއް ކަމަށެވެ. އަދި ސުޕަ ލީގު ބަލައިނުގަންނަން ފީފާ އާއި ޔުއެފާ އިން ނިންމާފައިވާ ނިންމުން ބަދަލުކުރެވޭތޯ ކުރިއަށް އޮތް ދުވަސްތަކުގައި ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް ސުޕަ ލީގުގެ ބަޔާނުގައިވެ އެވެ.

ސުޕަ ލީގުގެ އެ ބަޔާނަށް ރައްދުދީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޔުއެފާ އިން ވަނީ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)އާ ގުޅިގެން އިތުރު ބަޔާނެއް ނެރެފަ އެވެ. ޔުއެފާގެ މި ބަޔާނުގައި ބުނެފައިވަނީ ސުޕަ ލީގުގައި ބައިވެރިވާ އެއްވެސް ކްލަބަކަށް ޔުއެފާ އިން ހިންގާ ރަސްމީ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެ ކަމަށާއި އަދި ސުޕަ ލީގުގައި ކުޅޭ ކުުޅުންތެރިންނަށް ގައުމީ ޓީމަށް ވެސް ނުކުޅެވޭނެކަމަށް ފީފާ އިން އަންގާފައިވާ އެންގުމަށް އަމަލުކުރަން ބާރު އަޅާނެ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އިން މިއަދު ބާއްވާ ބައްދަލުވުންތަކުގައި އިތުރު ނިންމުންތަކެއް ނިންމާނެ އެވެ. ޔުއެފާގެ އޮފިޝަލަކާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މިއަދުގެ ބައްދަލުވުމުގައި ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުން ސުޕަ ލީގުގައި ހިމެނެން އެއްބަސްވެފައިވާ ކްލަބްތައް ވަކިކުރަން ވޯޓެއް ނަގަން ނިންމައިފަ އެވެ.

އެ ވޯޓު ފާސްވެއްޖެނަމަ ޗެމްޕިއަންސް ލީގުން ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ވަކިވެ، ޗެމްޕިއަންކަން ލިބޭނީ ޕީއެސްޖީ އަށެވެ. އަދި ޔޫރޮޕާ ލީީގުގައި ކުޅެން ޖެހޭނީ ރޯމާ އާއި ވިޔަރެއާލް މެދުގައި ކުޅޭ ފައިނަލް މެޗެވެ. ސެމީގައި އޮތް އާސެނަލާއި ޔުނައިޓެޑް މުބާރާތުން ވަކިވާނެ އެވެ.

މީގެ އިތުރުން ސުޕަ ލީގަށް ކުރިއަށް އޮތްތަނުގައި އިތުރު ފިއްތުންތަކެއް ކުރިމަތިކުރަން އުސޫލުތަކެއް އެކުލަވާލަން ވެސް ޔުއެފާ އިން ވަނީ ނިންމައިފަ އެވެ. ޔުއެފާގެ ޓާގެޓަކީ ސުޕަ ލީގުގެ މަސައްކަތް ހުއްޓާލަން ކްލަބްތަކަށް ބާރު އެޅުމެވެ.

ޔުއެފާ އިން ސުޕަ ލީގާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުނު އެއް ސަބަބަކީ ޔޫރަޕް ފުޓްބޯޅައިގެ އިތުރުން މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ހައިބަތުކުޑަކުރަން އެހެން ބަޔަކު ލީގެއް އުފައްދަން ކުރާ މަސައްކަތުގައި މަޝްހޫރު ކްލަބްތަކުން ބައިވެރިވުމުންނެވެ. ސުޕަ ލީގު އިއުލާނު މި ކުރީ ޔުއެފާ އިން ޗެމްޕިއަންސް ލީގުގެ އާ ފޯމެޓް ފައިނަލް ކުރުމުގެ ފަހު މަރުހަލާގައި އޮއްވަ އެވެ. އާ ފޯމެޓްގައިވާ ގޮތުން ގިނަ ޓީމުތަކެއް ޗެމްޕިއަންސް ލީގުގައި ކުޅޭނެ އެވެ.

ސުޕަ ލީގުގެ ފޯމެޓަށް ބަލާއިރު ލީގު ފަށާނީ 20 ކްލަބާ އެކު އެވެ. އެ 20 ކްލަބް ދެ ގްރޫޕަށް ބަހާލާފައި އޮންނައިރު، ގްރޫޕެއްގައި 10 ޓީމެއް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭނެ އެވެ. އަދި ކޮންމެ ގްރޫޕަކުން ހަތަރު ޓީމެއް ކުއާޓާ ފައިނަލަށް ހޮވައި ޖުމްލަ އަށް ޓީމެއް ނޮކައުޓް ބުރަށް ހޮވޭނެ އެވެ. ދެން ނޮކައުޓް ބުރު ނިންމާފައި ފައިނަލް މެޗު ކުޅޭނީ އެއް ލެގަށެވެ.

ސުޕަ ލީގުގެ ނޮކައުޓް ބުރު ކުޅެން ނިންމާފައިވަނީ ހަތަރު ހަފްތާގެ މުއްދަތެއްގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސުޕަ ލީގުގެ ފަހަތުގައި ބޮޑު އިންވެސްޓްމަންޓެއް، ކްލަބްތަކުގެ ފައިދާ ބޮޑުވާނެ

ޔޫރަޕްގެ ނަން މަޝްހޫރު ފަސް ލީގުގައި ވެސް ގިނަ ޓީމުތަކަށް އެކަށީގެންވާ ވަރުގަދަ މެޗުތަކެއް ނުލިބި ހަމައެކަނި ބޮޑު ވާދައެއްކުރަން އޮންނަ މުބާރާތަކަށް ވެފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގެވެ. މި ދެ މުބާރާތުން ލިބޭ އާމްދަނީ ކްލަބްތަކުން ކުރާ ހަރަދާ ނުބައްދަލެވެ. އެއީ ބޮޑެތި ޓީމުތަކުން ސުޕަ ލީގެއް އުފައްދަން ބޭނުންވި އެއް ސަބަބެވެ.

އަނެއްކޮޅުން މަޝްހޫރު ކްލަބްތަކުގެ ޓީވީ ރައިޓްސް އާމްދަނީ ލިބޭނެ ބޮޑު ފުރުސަތެއް އޮތީ ބޮޑެތި ޓީމުތަކުގެ މެޗުތައް ވީހާ ވެސް ގިނައިން ކުޅެގެން ކަމަށްވުމާއި އެ ގޮތަށް އެކަންކޮށްފިނަމަ ބޮޑެތި ކްލަބްތަކުގެ ދަރަނި ބޮޑުނުވެ ކުރިއަށްދެވޭނެ ފުރުސަތު އޮތުމެވެ.

ސުޕަ ލީގު ފަށަން ފުރަތަމަ ފަންޑް ދޭ ޖޭޕީ މޯގަންގެ ފަރާތުން ހަ ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ އެވެ. އޭގެ ތެރެއިން ދެބައި ކުޅަ އެއްބައި (ތިން ބިލިއަން ޑޮލަރު) ސުޕަ ލީގުގެ ފައުންޑާ 12 ކްލަބްގެ މެދުގައި ބަހާނެ އެވެ. ފައުންޑާ ކްލަބްގެ ގޮތުގައި ވަރަށް އަވަހަށް އިތުރު ތިން ކްލަބް ގުޅޭނެ ކަމަށް މީގެ ކުރިން މީޑިއާ ރިޕޯޓްތައް ބުނި ނަމަވެސް ފަހުގެ ރިޕޯޓްތައް ބުނާގޮތުން ދެން ތިބި ކްލަބްތައް ބައިވެރިވާނީ ފަހުންނެވެ.

ޑިއާ ޝްޕީގަލް އިން ރިޕޯޓްކޮށްފައިވާ ގޮތުން ފުރަތަމަ ތިން އަހަރަށް ފަހު ސުޕަ ލީގުގެ ކޮންމެ ޓީމަކަށް 300-500 މިލިއަން ޑޮލަރު ފައިދާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި 10-15 އަހަރު ތެރޭ އެ އަދަދު އެއް ބިލިއަން ޑޮލަރާ ގާތްކުރާނެ ކަމަށް އެ ރިޕޯޓްތައް ބުނެ އެވެ.

ސުޕަ ލީގާ ގުޅިގެން ސިޔާސީ ހިޔާލު ތަފާތުވުންތައް ވެސް ބޮޑު

ސުޕަ ލީގުގެ ހަބަރުތަކާ އެކު ރޭ އެކި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ އިތުރުން ސިޔާސީ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ ފުޓްބޯޅަ މި ގޮތަށް ހަލާކުވާން ފުރުސަތެއް ނުދޭނެ ކަމަށާއި މިކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފުޓްބޯޅައިގެ އިސް ފަރާތްތަކުން ނިންމާ ކޮންމެ ނިންމުމަކަށް މަރުހަބާ ކިޔަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވެސް ވަނީ ސުޕަ ލީގާ ދެކޮޅަށް ފުޓްބޯޅައިގެ އިސް ފަރާތްތަކުން ކުރާ ކަންތައްތަކުގައި ބައިވެރިވާނެ ކަމަށް ވިދާޅުވެފަ އެވެ. ޖަރުމަނާއި އިޓަލީ އަދި ސްޕެއިނުގެ ސަރުކާރުގެ އޮފިޝަލުން ވެސް ވަނީ ސުޕަ ލީގާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.

"މިއީ ފުޓްބޯޅައިގެ ބާރު ފުޓްބޯޅައިގެ މީހުން އަތުން ނިގުޅައިގަނެ އެހެން ބަޔަކަށް ބާރު ދިނުން. މިއީ ފުޓްބޯޅައިގެ އުސޫލާ ވެސް ހިލާފު އަމަލެއް،" މެކްރޮން ވިދާާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލިއަމަންޓް ސްޕޯޓްސް ގްރޫޕުން ބުނީ މިއީ ޔޫރަޕްގެ ފުޓްބޯޅައިގެ ފައިދާ ފެނިގެން ވަކި ބަޔަކު އަޑީގައި ތިބެގެން އަމިއްލަ މަންފާ އަށް ކުރާ ކަމެއް ކަމަށެވެ. އެ ގްރޫޕުން ބުނީ ހަގީގަތުގައި މީގެ އެންމެ ބޮޑު ބޭނުމަކީ ފުޓްބޯޅައިގެ ބޮޑު ފައިދާ އެމެރިކާގެ އިގްތިސޯދުގެ ތެރެއަށް ދާނެ ގޮތެއް ހޯދުން ކަމަށެވެ.

ސްކައި ނިއުސް އިން ރިޕޯޓްކުރާގޮތުގައި ސުޕަ ލީގުގެ މަސައްކަތް ހުއްޓާލަން ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެންމެ ބޮޑު ސަބަބަކީ އެއާ ދެކޮޅަށް އަންނާނެ ސިޔާސީ ފިއްތުންތަކެވެ.

ހުރިހާ ސަމާލުކަމެއް ޔުއެފާގެ އެންމެ ފަހުގެ ނިންމުންތަކަށް

ސުޕަ ލީގުގެ ވާހަކަ ރޭ ރަސްމީ ވުމާ އެކު ޔުއެފާ އިން މިއަދު ބޯޑް މެމްބަރުންގެ ބައްދަލުވުމެއްގެ އިތުރުން ހުރިހާ މެމްބަރު ގައުމުތަކާ އެކު ބައްދަލުވުންތަކެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މި ބައްދަލުވުންތައް ވެގެންދާނީ ހަގީގަތުގައި ޔޫރަޕްގެ ފުޓްބޯޅައިގެ ކުރިމަގަށް ބޭނުންތެރި ބަދަލުތަކެއް އަންނާނެ ބައްދަލުވުންތަކަކަށެވެ.

އިނގިރޭސި ޕްރިމިއާ ލީގާއި ލަލީގާ އަދި އިޓާލިއަން ލީގުން ވެސް ރޭ ނެރުނު ބަޔާންތަކުގައިވާ ގޮތުން ސުޕަ ލީގުގައި ބައިވެރިވާ ޓީމުތަކަށް އެ ގައުމުގެ ލީގުގައި ނުކުޅެވޭނެ އެވެ. އެ ގައުމުގެ ލީގުގައި ކުޅެވޭނީ ފީފާ އާއި ޔުއެފާ އިން ރަސްމީކޮށް ބަލައިގަނެފައިވާ މުބާރާތްތަކުގައި ކުޅޭ ޓީމުތަކަށް ކަމަށެވެ. އަދި ޔުއެފާ އިން ފާޅުކޮށް ދެކޮޅު ހަދާފައިވާ ލީގެއްގައި ބައިވެރިވާ ކްލަބްތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޔޫރަޕްގެ ވަރުގަަދަ ލީގުތަކުން މި ވަނީ ބުނެފަ އެވެ.

ސުޕަ ލީގުގައި މި ވަގުތު ޖަރުމަނާއި ފްރާންސަށް ނިސްބަތްވާ ޓީމެއް ނެތެވެ. އެކަމަކު ޑިއާ ޝްޕީގަލް އިން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުޕަ ލީގުގެ މަޝްވަރާތަކުގައި ޕީއެސްޖީން އިސްކޮށް އުޅުނެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެންމެ ފަހު ވަގުތު ޕީއެސްޖީން ސުޕަ ލިގުގެ ކަންކަމުން އެއް ފަރާތްވީ އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ފީފާ އާއި ޔުއެފާ އިން ދެކޮޅު ހަދާ ކަމެއްގައި ބައިވެރިވާން ބޭނުންނުވާތީ އެވެ. ގަތަރުގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ކަންކަމުގައި ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ އުޅުއްވަ އެވެ.

ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ސުޕަ ލީގުގެ ދައުވަތަށް އިންކާރުކުރި ޓީމުތަކުގެ ތެރޭގައި އެ ގައުމުގެ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ހިމެނެ އެވެ. އެހެން ނަމަވެސް ޖަރުމަނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުއެފާ އިން ސުޕަ ލީގު ބަލައިގަންނަން ނިންމައިފިނަމަ މި ދެ ޓީމު ވެސް ސުޕަ ލީގާ ގުޅޭނެ އެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ނަޒަރުގައި ކޮވިޑް-19ގެ ސަބަބުން ފުޓްބޯޅައިގެ އާމްދަނީ ވެއްޓިފައި މި އޮތް ދަނޑިވަޅެއްގައި ސުޕަ ލީގު ވުޖޫދުކުރަން މަސައްކަތްކުރުމަކީ ހަގީގަތުގައި އުނދަގޫ ހާލަތުގެ ފައިދާ ނެގުމެކެވެ. އަދި މިއީ މި އުނދަގޫ ވަގުތުގެ ފައިދާ ނަގަން ބޮޑެތި ކްލަބްތަކުގެ ފަހަތުގައި ތިބި ބިލިއަނަރުން ވައްޓާލި "ޓައިމް ބޮމް" އެއްގެ ގޮތުގައި ވެސް ސިފަކުރެ އެވެ. އެއީ ސަޕޯޓަރުން ދަނޑަށް ނުވައްދައި މެޗުތައް ކުޅޭ މި ދަނޑިވަޅުގައި އެ ފަދަ ކަމެއް ކޮށްގެން މެޗުތައް ކުރިއަށްގެންދިއުމަށް ވެސް ހުރަސްތަކެއް ކުރިމަތިނުވާނެތީ މިއީ މިކަން ކުރަން އެންމެ ރަނގަޅު ވަގުތުކަމަށް ސުޕަ ލީގުގެ ފަރުދާ ފުރަގަހުގައި ތިބި މީހުންނަށް ގަބޫލުކުރެވުނީ އެވެ.