އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން ކަނޑައަޅައިފައި އޮތް މުއްތަދު ފާއިތުވެގެން އެތައް ވަގުތެއްވީއިރު ވެސް ވަގުތީ ނަތީޖާ އާންމުކޮށް އިއުލާނު ނުކުރާތީ އެ އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް އެ ޕާޓީން ކަނޑައަޅައިފައި އޮތީ އެ ރޭ އެވެ. ނަމަވެސް، އޭގެ ފަހުން 36 ގަޑިއިރަށްވުރެ ގިނަ ވަގުތު ފާއިތުވީއިރު ވެސް އެމްޑީޕީން ވަގުތީ ނަތީޖާ އިއުލާނުކޮށްފައެއް ނުވެ އެވެ.
އެކަމާ ބެހޭ ގޮތުން އެމްޑީޕީގެ ރެޖިސްޓްރާ ޖެނެރަލް، ޔޫހާ މައުރޫފްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ވޯޓު މަރުކަޒުތަކުގައި، ވޯޓު ގުނުމަށްފަހު އާންމުކުރީ ވަގުތީ ނަތީޖާ ކަމަށެވެ.
"ވަގުތީ ނަތީޖާ ޕޯލިސް ސްޓޭޝަންތަކުގައި އާންމުކޮށްފައި ވަނީ، މިހާރު މި ދަނީ އެ ނަތީޖާތައް ކޮރޮސް ވެރިފައި ކުރަމުން، މިކަން ނިމުމާއެކު ވަތީޖާ އިއުލާނު ކުރެވޭނެ،" ޔޫހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވޯޓުލީ ބައެއް މަރުކަޒުތަކުގައި ހުރި ފޮށިތައް ގުނައި ނިމުނީ ވެސް އިއްޔެ ހެނދުނު 10 ޖެހިއިރު ކަމަށެވެ. އަދި، އެ ހުރިހާ ފޮށްޓެއްގެ ވެސް ވަގުތީ ނަތީޖާ އެ މަރުކަޒުތަކުގައި އާންމުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫހާ އެހެން ވިދާޅުވި ނަމަވެސް، މީގެ ކުރިން އެމްޑީޕީގެ ހުރިހާ އިންތިހާބެއްގައި ވެސް ވަގުތީ ނަތީޖާ ޕާޓީން ރަސްމީކޮށް އިއުލާނުކޮށް ވެބްސައިޓުގައި ޝާއިއުކުރެ އެވެ. މީގެ ކުރީގެ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އެ ޕާޓީގެ ވެބްސައިޓުގައި މިހާރު ވެސް ފެންނާން އެބަ ހުއްޓެވެ.
ހުޅުމާލޭ ދެކުނު ދާއިރާގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ޝަމްހީދު ވިދާޅުވެއްޖެ
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު ވަނީ ތުހުމަތުކުރައްވާފައި. ޝަމްހީދު ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާއިން މާލެ ސިޓީގެ ގޮނޑިތަކަށް ވާދަކުރި ކެންޑިޑޭޓުންނަށް 200 އެއްހާ ވޯޓު އިތުރަށް އަޅާފައިވާ ކަމަށް ބެލެވޭ ކަމަށް.
ނިމިދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ޓައިމްލައިންގައި ވާގޮތުން، މާދަމާއަކީ އެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަންޖެހޭ ދުވަހެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން ލަސްވާތީ ވަރަށް ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ގައުމީ މަޖިލިސް އިންތިހާބު ނިމި، 40 ގަޑިއިރުވީއިރު ވަގުތީ ނަތީޖާ އިއުލާނު ނުކުރެވި އޮތުމަކީ ވަރަށް ދެރަކަމެއް، ތާވަލުގައި ވާގޮތުން، 27 ނޮވެމްބަރުގައި ވާންޖެހޭ ކަމެއް،" ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރި، އަރުޝަމް އަބްދުﷲ ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ނަމަވެސް، އެ ތުހުމަތުތަކާ ގުޅޭގޮތުން ވެސް އެމްޑީޕީން މިހައިތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ތުހުމަތުތަކާ ގުޅޭގޮތުން އެމްޑީޕީގެ ޖަވާބެއް ހޯދުމަށް، އެ ޕާޓީގެ ބައެއް އިސްވެރިންނަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.








