އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) ގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމަކީ އައިއޯއާރުއޭގެ މެންބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ވަފުދުތަކުގެ އިސްވެރިން ބޮޑުވަޒީރު މޯދީގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތެއްގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމަށްފަހު އިރުތިޝާމް އެކްސް ގައި ވިދާޅުވީ މޯދީއާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ރާއްޖެއަކީ އަބަދުވެސް އިހްލާސްތެރި އެކުވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ގައުމެއްކަމުގެ ޔަގީންކަން ބޮޑުވަޒީރު މޯދީއަށް އެރުވި ކަމަށެވެ.
އިންޑިއާއިން ރާއްޖެއަށް ޒަމާނުއްސުރެ ދެމުންދާ އެހީތެރިކަމާއި ބަހައްޓަވާ ގާތް އެކުވެރިކަމަށްޓަކައި މިނިސްޓަރު އިރުތިޝާމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރު މޯދީ ގެންގުޅުއްވާ އަމިއްލަފުޅު ޝައުގުވެރިކަމާއި ކުރައްވާ މަސައްކަތްޕުޅުތައް އިރުތިޝާމް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ދެ ގައުމުގެ ގުޅުމުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން އިރުތިޝާމް ވިދާޅުވީ، ތިލަމާލެ ބްރިޖް ނުވަތަ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ގައުމު ގުޅިގެން ހާސިލްކުރެވޭނެ ކަންކަމުގެ ވަރަށް ފުރިހަމަ މިސާލެއް ކަމަށެވެ.
"އަޅުގަނޑުމެން އިންޑިއާއެކު އޮންނަ ގާތް ބަދަހި ގުޅުން އަގުވަޒަންކުރަނީ، ދެފަރާތުގެ މެދުގައި އޮންނަ އިހްތިރާމާއި އިސްތިގްލާލީ ހަމަހަމަކަމުގެ މައްޗަށް ބިނާކޮށް. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެގައުމު ގުޅިގެން ހާސިލުކުރެވިދާނެ ކަންކަމުގެ ރަނގަޅު މިސާލެއް. އަދި މިއީ ދިވެހި ރައްޔިތުންނަށް ފެންނަން ހުންނާނެ ހަގީގީ މަންފާތަކެއް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ދައްކުވައިދޭ ކަމެއް،" އިރުތިޝާމް ވިދާޅުވި އެވެ.
މި ދަތުރުގެ ތެރެއިން އިރުތިޝާމް ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.








