ބަނގުރާ ބޭނުންކޮށް، ގެންގުޅުނު މައްސަލައެއްގައި އެމްއެންޑީއެފް ޕްރައިވެޓެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ކ. ތުލުސްދޫ، ވާދޫ، މުހައްމަދު ރަޒާން އަލީ ޒާހިރު، 19، ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.
އޭނާ ބަންދުކުރުމަށް ކޯޓުން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްވާއިރު، ބަންދަށް ފަސް ދުވަސް ޖެހީ ވަކީލަކާއެކު ކުރިއަށްދާން ބޭނުންވާ ކަމަށް ބުނުމުންނެވެ.
މި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު ރަޒާން އަލީ ޒާހިރުއާ ގުޅިގެން އެމްއެންޑީއެފް އިން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނާތީ، އޭނާއަށް ފިޔަވަޅެއް އެޅިކަން ސާފެއް ނުވެ އެވެ.
ފުލުހުންނާއި ސިފައިން އަދި އެކި މުއައްސަސާތަކުގެ މުވައްޒަފުން ކުށުގެ ވެށީގައި އުޅޭ މައްސަލަ ފަހަކަށް އައިސް ދަނީ ބޮޑުވަމުންނެވެ. އޭގެ ސަބަބުން މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރަށްވެސް އަސަރުކުރަމުންދާކަން ފާހަގަކުރެވެ އެވެ.









