1772 ގެ "ސްވިފްޓް ގްރެބް" ދަތުރު: އިސްދޫ ދަރިކޮޅުގެ ރަސްކަން ނިމި، ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަން ފެށުން

.

.

އިސްދޫ ދަރިކޮޅުގެ ތިންވަނަ އަދި އެންމެ ފަހު ރަސްގެފާނު އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން ރަސްކަން ކުރެއްވީ 1701 އިން 1704 އަށެވެ. ލ. އިސްދޫ ޙަސަން މާފަތް ތަކުރުފާނާއި އަތިރީ ކަމާނާ ޚަދީޖާ ދިޔޯގެ ދަރިކަލުން، ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން ހުންނެވީ އިސްދޫ އިބްރާހީމް ވެލާނާ ބޮޑުކިލެގެފާނުގެ ނަންފުޅުގައެވެ. ބޮޑުބޭބޭފުޅު އައްސުލްޠާން ޢަލީ (ހަތްވަނަ) ރަސްކަމަށް އިސްވެވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަވަހާރަވުމުން، އެ ރަސްގެފާނުގެ ތުއްޕުޅު ދަރިކަލުން އައްސުލްޠާން ޙަސަން (ދިހަވަނަ) (އައްޑޫ ޙަސަން މަނިކުފާނު) ކުޑަ ދުވަސްކޮޅަކު ރަސްކަން ކުރެއްވުމަށްފަހު އަޒުލުކުރެވި، 1701 ވަނަ އަހަރު އިބްރާހީމް މުޡްހިރުއްދީން ތަޚުތަށް އިސްވެވަޑައިގަތީ "ސިރީ މުތީ ރަންމަނި ލޯކަ" (ނުވަތަ ސިރީ ކުލަ ރަންމީބަ ދަނާލަ ވީރަސިންހަ ނަވަރަންނަ ކީރިތި އައުދާނަ ކަތިރި ބުވަނަ މަހާރަދުން) ގެ ކޮލީ ނަންފުޅުގައެވެ.

އެ ރަސްގެފާނުގެ ކުރު ރަސްކަން ނިމުމަކަށް އައީ ދިވެހި ސިޔާސީ މަސްރަޙު ބަދަލުކޮށްލައި، އިންޑިއާ ކަނޑުގެ ބޮޑެތި ބާރުތަކުގެ ކޯޅުންތަކުގެ ތެރެއަށް އެމަނިކުފާނު ވެއްޓިވަޑައިގެންނެވި ކަނޑުމަތީގެ ބޮޑު ކާރިސާއަކުންނެވެ. 1704 ވަނަ އަހަރުގެ ޖެނުއަރީ މަހު، ރަސްކަމުން ދުރުކުރެވިފައިވާ ދެބެއިންގެ ދެދަރި ކޮއްކޯފުޅު ޙަސަން (ދިހަވަނަ) ވެސް ގޮވައިގެން އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީން ޙައްޖުގެ އަޅުކަމަށް މައްކާއަށް ފުރާވަޑައިގަތެވެ.

 އެ ދަތުރުފުޅުގައި މާލޭގެ ވެރިކަން ހިންގެވުން ހަވާލުކުރެއްވީ އަނބިކަނބަލުން ފާޠިމާ ކަނބާފާނާއި، އެއްބަފާ ކޮއްކޯފުޅު ހޮޅި ޙުސައިން ވެލާނާ ޝާހްބަންދަރު ކިލެގެއާއެވެ.

 ޖިއްދާގެ ކަނޑުދަތުރުވެރިންގެ ލަފަޔާ ޚިލާފަށް، އެންމެ ހަތަރު މަސް ފަހުން އިންޑިއާ ކަނޑުގެ މޫސުން ބަދަލުވަމުންދިޔަ ގަދަ ވައިގެ ތެރޭގައި ރަސްގެފާނުގެ ނައުފަހަރު ރާއްޖެ އައުމަށް ފުރިއެވެ. ކަނޑުމަތީގައި ޖެހުނު ގަދަ ކޮޅިގަނޑެއްގައި ގާތްގަނޑަކަށް ހުރިހާ އުޅަނދެއް ފެތިގެން ދިޔައެވެ. މާލެއާ ހަމައަށް އާދެވުނީ އެންމެ އޮޑިއަކަށެވެ. އެ އޮޑިން ގެނައީ ރަސްގެފާނާއި ޙަސަން (ދިހަވަނަ) އަވަހާރަވެއްޖެ ކަމުގެ ދޮގު ޚަބަރެވެ.

1704 ވަނަ އަހަރުގެ ފަހުކޮޅު މި ދަނޑިވަޅުގެ ބޭނުން ހިއްޕަވައި، ރަސްގެފާނުގެ ބޮޑުވަޒީރު އަދި އެއްބަނޑުއެއްބަފާ ބޮޑުދައިތާފުޅުގެ ދަރިކަލުން މުޙައްމަދު ޢިމާދުއްދީން، ބޮޑުންގެ ތާއީދު ހޯއްދަވައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ގެ ނަންފުޅުގައި ތަޚުތަށް އިސްވެވަޑައިގަތެވެ. މިއާއެކު އިސްދޫ ދަރިކޮޅުގެ ރަސްކަން ނިމި، ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަން ފެށުނެވެ. ނަމަވެސް ޙަޤީޤަތުގައި އިބްރާހީމް މުޡްހިރުއްދީނާއި ޙަސަން (ދިހަވަނަ) އެ ހާދިސާއިން ސަލާމަތްވެވަޑައިގެން، ހުޅަނގު އިންޑިއާގެ ގުޖުރާތުގެ އައްސޭރިއަށް ލައްގަވައި، ސޫރަތު މަގުން ރާއްޖެ ވަޑައިގަތުމަށް ދަތުރު ފެއްޓެވިއެވެ. 1705 ވަނަ އަހަރުގެ ކުރީކޮޅު މި ދެ ބޭފުޅުން އެނބުރި ވަޑައިގަންނަވާ ޚަބަރު މާލެއަށް ލިބުމާއެކު، މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ކަނޑުމަތިން އެ ދެ ބޭފުޅުން ހިފަހައްޓަވައި، ހައްޔަރުކުރައްވައި، ދެކުނުގެ އެކަހެރި ރަށެއް ކަމަށްވާ ފުވައްމުލަކަށް އަރުވާލެއްވިއެވެ.

ދެކުނުގެ އަރުވާލުމުން ސަލާމަތްވެވަޑައިގެން، އަލުން ވެރިކަން ހޯއްދެވުމަށް އެހީތެރިކަން ހޯއްދެވުމަށް އިބްރާހީމް މުޡްހިރުއްދީން ފިއްލަވައިގެން ވަޑައިގަތީ ސިލޯނަށެވެ. 1706 ވަނަ އަހަރު ކޮޅުނބުގައި ހުންނަވާ ޑަޗް ގަވަރުނަރާ އިބްރާހީމް މުޡްހިރުއްދީން ބައްދަލުކުރެއްވި އިރު، ޑަޗް އީސްޓް އިންޑިއާ ކޮމްޕެނީ (ވީ.އޯ.ސީ)  ލަންދޭސީން  ދިޔައީ ސިލޯނުގެ އައްސޭރިފަށުގެ ކިއްލާތަކާއި ވިލާތު އިސްތިއުމާރީން އިންޑިޔާ ކަނޑުތެރެއަށް އައުމުގެކުރީން، ޢަރަބި އަދި ދިވެހި މާލިމީންގެ މެދުގައި "ދީނާ އަރޯބީ" ގެ ނަމުން މަޝްހޫރުވެފައިވާ  ޖަޒީރާތަކުގެ މައިރަށުގައި ހަރަކަތްތެރިވަމުންނެވެ  ޑަޗް ވީ އޯ ސީ( ލަންދޭސީން) އެ ރަށަށް ދީފައިވާ ނަމަކީ މޮރިޝަސްއެވެ .މިރަށަކީ އާދަޔާ ހިލާފަށް ގިނައަދަދަކަށް ކަޅުވަކަރު ގަސްހެދިފައިވާ ރަށެކެވެ. އަދި ވެލާ ކަނހަބު ވެސް  އަރާ ރަށެކެވެ . ލަންދޭސީން މިގަސްތައް ކަނޑައިގެން ކަޅުވަކަރު ލަކުޑިގެ ގޮތުގައި ވިއްކާ ދިވެހީން ފަރުތަކުންހިލާ ބޮއްޔާ ބަދަލުކުރާ ވިޔަފާރި ދިޔައީ ހިންގަމުންނެވެ.

 އެދުވަސްވަރު ރާއްޖޭގެ މިސްކިތްތަކާ ގަނޑުވަރުތައް ވެސް އެޅުމުގައި އަދި ދިވެހި ރަސްކަމުގެ ދަރުބާރު ހައިބަތު ރަމްޒުކޮށްދޭ ފަރުނީޗަރު ތެރޭގަ ގިނައަދަދެއްގެ މަތީ ފެންވަރުގެ ކަޅުވަކަރު (ބުލެކް އެބަނީވުޑް) ބޭނުންކުރިއެވެ . ކަޅުވަކަރުން ބިނާކޮށްފައިވާ އެޒަމާނުގެ ގަނޑުވަރެއް ރޫޅާ އެވަކަރުތަކުން ބިނާކުރި ކަޅުވަކަރު މިސްކިތް އެތަކެއްފަހަރު ވަނީ ރޫޅާ އަދި ދާދި ފަހަކުންވެސް ރާވާފައެވެ.

 ހަމައެކަނި ކަހަނބުފަތާ ކަޅުވަކަރު ވިއްކައިގެން ލަންދޭސީންނަށް މޮރިޝަސްގެ ވިޔަފާރި ދެކޮޅުނުޖެހި ރަށުގައި ގެންގުޅޭ އާބާދީއަށް ވަނި ދަތިވެފައެވެ.. ލަންދޭސީންނަށް ރާއްޖޭން ލިބޭ ބޮލިން ކުރެވޭ ވިޔަފާރި މުހިންމުވެ

 އިންޑިއާ ކަނޑުގެ އެކި ހިސާބުތަކުގައި ހުރި ވިޔަފާރި މަޞްލަޙަތުތަކަށް ބެލުމަށްފަހު، ދިވެހިރާއްޖޭގެ ތަޚުތުގެ އަރާރުމެއްގެ ތެރެއަށް އަސްކަރީ ގޮތުން ވަދެ ބޮޑު ޚަރަދެއް ކުރުމަށްވުރެ، ބޮއްޔާއި ކާބޯތަކެތީގެ ދެމެހެއްޓެނިވި ވިޔަފާރިއަށް ޑަޗް ވީ.އޯ.ސީ ގެ ވެރިން އިސްކަން ދިނުމުން، އަލުން ރަސްކަން ހޯއްދެވުމަށް މުޡްހިރުއްދީން ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބުވިއެވެ.

 ތާރީޚީ އަދި ނަސަބުނާމާގެ ލިޔުންތަކުން އެނގޭ ގޮތުގައި، އޭގެ ފަހުން އެމަނިކުފާނު ވަޒަންވެރިވެވަޑައިގަތީ މަދްރާސް (ޗެންނާއީ) ގައެވެ. އެތަނުގައި ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީން އެމަނިކުފާނަށް ވަރަށް ޝަރަފުވެރި މެހެމާންދާރީއެއް އަދާކުރިއެވެ. މިއީ އެމަނިކުފާނުގެ ތަޤްދީރު ބަދަލުކޮށްލި ކަނޑުގެ ސަރަހައްދުގައި، ވެރިކަން ގެއްލިފައިވާ ދިވެހި ރަސްކަލަކާއި އީ.އައި.ސީ އާ ދެމެދު ހިނގި ދިވެހީންގެ ވެރިކަމުގެ ސިޔާސީ ހަގީގަތް އަދި ގައުމުގެ އެތެރޭގެ ބައިބައިވުން އިނގިރޭސީންނަށް ސާފުވި އެކަމުގެ ބޭނުންފަހުން އިންގިރޭސީން ހިފި ކުރީގެ ބައްދަލުވުމެކެވެ.

 1770ގެ އަހަރުތަކުގެ ކުރީކޮޅަށް އައިއިރު، އިނގިރޭސިވިލާތާއި، މޮރިޝަސްއާއި، އިންޑިއާއާ ދެމެދު ފުޅާވަމުންދިޔަ ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީގެ ވިޔަފާރީގެ ވިއުގަފުޅާ ކުރުމަށްޓަކައި މެދުތެރޭ އިންޑިއާ ކަނޑުގެ ދިވެހި ރާއްޖޭގައި މަޑުކުރަންޖެހޭ  އަދި ހުރަސްކުރަންޖެހޭ މަގުތަކުގެ މައްޗަށް މާ ބޮޑު ބާރެއް ހޯދަން ޖެހުނެވެ. އައްޑުއަތޮޅާއި ފުވައްމުލަކުގެ ދެކުނުން ދަތުރުކުރާ އީ.އައި.ސީ ގެ  އިނގިރޭސި ވިޔަފާރި އުޅަނދުފަހަރު ބަރޯސާވަމުން ދިޔައީ ފޯޅަވަހީގެ (ޗާގޯސް އާކިޕެލާގޯ) ފުރިހަމަނޫން، ފުށުއަރާ ދިމާނުވާ ޗާޓުތަކަށެވެ..

 1768 ވަނަ އަހަރު ތޯމަސް ނީލް ފަސްޓް އޮފިސަރަކަށް ހުރި އީ.އައި.ސީ ގެ "ގްރޭހައުންޑް" ނަމަކަށް ކިޔާ ނައު ހިމެނޭހެން، ގްރޭޓް ޗާގޯސް ބޭންކް( ފެހެނާވަރި) ފަރަށް އަރައި ގެއްލުން ލިބުނެވެ.  ޗާޓުތަކުގައި ހުރި މިފަދަ އުނިކަންތައްތައް ފިލުވައިލުމަށްޓަކައި، 1772 ވަނަ އަހަރު ބޮމްބޭ ކައުންސިލުން ކަނޑުގެ ސާވޭ ދަތުރެއް ރާވައި، "ސްވިފްޓް" ނަމަކަށް ކިޔާ "ގްރެބް" އުޅަނދެއްގެ ވެރިއަކަށް ތޯމަސް ނީލް ހަމަޖެއްސިއެވެ. ގްރެބްއަކީ ފަރުތައް ސާވޭ ކުރުމަށް ބޮމްބޭ މެރިންއިން އާންމުކޮށް ބޭނުންކުރި، އިންޑިއާގައި ބަނދެފައިވާ، ދެ ކުނބު ހުންނަ، އަޑި ތިލަ އަދި ދިރުނބާކޮޅު ދިގުކޮށް އޮންނަ އުޅަނދެކެވެ. ނީލްއަށް އަމުރު ލިބިފައި އޮތީ ބޮމްބޭއިން ދެކުނަށް ދަތުރުކޮށް، ފަރަންސޭސިންގެ ނުސާފު ރިޕޯޓުތަކަކުން އެނގިފައިވާ "ތްރީ ބްރަދާސް" (ޓްރޮއިސް ފްރެރެސް)  ގުރޭޓް ޗާގޯސްބޭންކް (ފެނާވަރި) ތެރޭގައި ހިމެނޭ އުތުރުފުށި މެދަފުށި އަދި ދެކުނުފުށި ގާތުގައި އޮންނަ ތިންރަށް އާއި "ސެވެން ބްރަދާސް" (ސެޕްޓް ފްރެރެސް) ނަމަކަށް ކިޔާ ދެ ޖަޒީރާ ގްރޫޕް ހޯދައި އޭގެ ސީދާ ޕޮޒިޝަން ދެނެގަތުމަށްފަހު، ހުޅަނގަށް ސީޝެލްސްއަށް ގޮސް، އޭގެ ފަހުން°S އާއި 4°Sތިންދަރަޖަ ލެޓިޓިއުޑާ ދެމެދުން އިރުމައްޗަށް ދަތުރުކޮށް ފޮރުވިފައިވާ ފަރުތައް ހުރިތޯ ބެލުމަށެވެ.

1704 ވަނަ އަހަރުގެ ރަސްގެފާނުގެ ނައުފަހަރެކޭ އެއްފަދައިން، "ސްވިފްޓް" އަށް ވެސް އީކުއޭޓަރު ސަރަހައްދުގެ އިންޑިއާ ކަނޑުގެ ނުރައްކާތެރި މޫސުމުގެ ޝިކާރައަކަށް ވާން ޖެހުނެވެ. 1772 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރީކޮޅު (ނީލްގެ ލޮގް ފޮތުގައިވާ ގޮތުން މާރިޗު 7 ގައި، އަދި ކައުންސިލްގެ ލިޔުންތަކުގައިވާ ގޮތުން މާރިޗު 10 ގައި) ބޮމްބޭއިން ފުރި މި އުޅަނދަށް ގަދަ ކޮޅިގަނޑުތަކާއި ދިމާނުވާ ވައިރޯޅިތަކާ ކުރިމަތިވެ، ނަވުގެ ބަނޑުފިލާ އަދި ކުނބުތަކަށް ގެއްލުންވިއެވެ. ބޯފެނުގެ ރިޒާވް އެންމެ ފީފާއަކަށް މަދުވުމުން، ފެން ލިބޭނެކަން ޔަގީންނުވާ ޖަޒީރާތަކެއް ހޯދުމުގެ ނުރައްކަލުގެ ތެރެއަށް ވަންނާކަށް ނީލް ބޭނުމެއް ނުވިއެވެ. ރާއްޖޭގެ ދެކުނުގެ ޖަޒީރާތަކުގެ ނުވަތަ ޖަޒީރާ ވެއްޓާ ބެހޭ މައުލޫމާތު ނީލް އަށް ލިބިފައެއްނުވެއެވެ.  ސީދާ ދެކުނަށް ކުރަމުންދިޔަ ދަތުރު ދޫކޮށްލުމަށްފަހު، އޭނާ މިސްރާބު ޖެހީ ސީދާ އިރުމައްޗަށް ކަނޑު ހުރަސްކޮށް ސުމަޓްރާގެ ބެންކޫލެންގައި ހުންނަ އީ.އައި.ސީ ގެ ކިއްލާ "ފޯޓް މާލްބަރޯ" އަށެވެ. އެތަނަށް އާދެވުނީ މެއި 2 ގައެވެ. ފަސް ދުވަހުގެ ތެރޭގައި ފަޅުވެރިން ނަވަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، ކާބޯތަކެއްޗާއި ހުރިހާ ފެންފީފާއެއް ފުރާލުމަށްފަހު މެއި 7 ގައި އަލުން ނަގިލި ނަގައި ފުރިއެވެ.

މެރިން ކްރޮނޯމީޓަރެއް ނެތި ސުމަޓްރާއިން ހުޅަނގަށް ހާމަ ކަނޑުގައި ދަތުރުކުރަމުން ދިޔައިރު، 24 ދުވަހުގެ ލަސް ދަތުރުގައި ނީލް މުޅިންވެސް ބަރޯސާވީ  "ޑެޑް ރެކަނިންގް"  އަށާއި ކޮންމެ ދުވަހެއްގެ މެންދުރު އިރުގެ އުސްމިން ބަލައިގެން ހޯދާ ލެޓިޓިއުޑް ހިސާބުތަކަށެވެ

. މެއި 31 ވަނަ ދުވަހުގެ މެންދަމު 2:00 ހާއިރު، ފިނިރޯޅީގެ ތެރޭގައި ފާރައަށް ތިބި މީހުންނަށް ކަނޑުގެ ކުލަ ކުއްލިއަކަށް ބަދަލުވިކަން ފާހަގަކުރެވުނެވެ. ފުންމިން ބަލާ ވާގަނޑު އެއްލައިގެން ބެލިއިރު، ގްރޭޓް ޗާގޯސް ބޭންކްގެ (ފެހެނާވަރީ) އިރުމަތީ ކައިރިން އެންމެ 25 ފެތަމް އަޑިން ގަލުގައި ޖެހުނެވެ.

. މިއާއެކު އަނދިރީގެ ތެރޭގައި ވަގުތުން ނަވުގެ މިސްރާބު ބަދަލުކޮށް އެތަނުން ދުރަށް ޖެހުނެވެ. ޖެހިގެން އައި ދުވަހުގެ (ޖޫން 1) މެންދުރުފަހު، ހުޅަނގު-ދެކުނުން ޕެރޯސް ބަންހޯސްގެ( ކަންދުއަތޮޅު) ތިރި، ގަސްރުއްގިނަ ރަށްތަކާއި، އިރުމަތި-އުތުރުން ސަލޮމޮން އަތޮޅު(ރަސްދެއަތޮޅު) ފާރަވެރިންނަށް ފެނުނެވެ. ރައްކާތެރިކަމަށްޓަކައި އެރޭ ނަގިލި އަޅައިގެން ތިބުމަށްފަހު، ޖޫން 2 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ނީލް ނަވުގެ ކުޑަ ދޯނި ސަލޮމޮން އަތޮޅަށް ފޮނުވިއެވެ. މިއީ އެ އަތޮޅަށް އިނގިރޭސިން ފޭބި ކަމަށް ރެކޯޑު ކުރެވިފައިވާ ފުރަތަމަ ފަހަރެވެ.

. ރަށަށް ފޭބި މީހުންނަށް ދިޔަވަރު ހިކޭ ވަގުތު  ފަރުތަކުން ގުޅިފައިވާ ދިހަ ރަށް ގުނުނެވެ. އަދި ބޯ ރުއްގަނޑުތަކާއި، އަތުން ހިފޭހާ އޮޅުކޮށް އުޅޭ މާރަނގަ އާއި ކުރަނގި ފަދަ ކަނޑުދޫނިތައް ފާހަގަކުރެވުނެވެ. ނަމަވެސް  ފަސޭހައިން ކޮނެގެން ފެންނެގޭވަރަށްވުރެ ފެން ފުންކަމުން މީރު ފެންނެގޭނެ ގޮތެއްނުވިއެވެ.

 ދޮންބަންޑާރައިންގެ ދޮށީދަރިކަލުން ސުލްތާން މުހަންމަދު މުއީޒުއްދީން ( ކަޅުބަންޑާރައިންގެ ރަސްކަން) 1777 ވަނަ އަހަރު ފަރަންސޭސިންގެ ރަސްމީ ސާވޭގައި މި ރަށްތަކަށް ފަރަންސޭސި ބަހުރުވައިން ނަން ދިނުމުގެ ފަސް އަހަރު ކުރިން އެތަނަށް ދެވުނު ނަމަވެސް، ނީލް އެ ރަށްތަކަށް ނަމެއް ނުދެއެވެ. އަދި އިނގިރޭސިވިލާތުގެ މިލްކެއްގެ ގޮތުގައި ކަނޑައެއްވެސް ނާޅައެވެ

މިތާރީހުގެ ދުއިސައްތަ އެތަކެއް އަހަރުގެ ކުރީން ސުލްތާން ކަޅުމުހަންމަދުގެ ދަރިކަލުން ގެ ރަސްކަމުގައި ޕޯޗުގީޒުން ދިވެހީނާގެ އެހީތެރިކަމާ އެކު އެކުލަވާލި ޗާޓުގައި "ކަންދޫ " ދިވެހިންގެ ބަހުރުވައިން އޮތީ ފާހަގަކޮށްފައެވެ . އޭގެ ދުއިސައްތަ އެތަކެއް އަހަރުފަހުން ފަރަންސޭސީން ކަންދު އަތޮޅު ނިސްބަތްވާ ރަށުގެ ނަމަށް ދީފައި އޮތްނަމަކީ (އިލްޑިކޮއިން) އެވެ. ރަށުގެ ނަން ދިވެހި ބަހަށް މާނަކުރީމައި އޮންނަނީ (ކަނުގައި އޮންނަ ރަށް) ޕޯޗުގީޒުންގެ ޗާޓުގައި އޮންނަ ކަންދޫ ފަރަންސޭސީންގެ ނަންތަކުން އެކުލަވާލި ޗާޓުގައި ހިމެނީ ދިވެހިން  ތަރުޖަމާކޮށްފައިވާ ކަމަށް ބެލެވެއެވެ . މިޗާޓުވަނީ ވިލާތުގެ އެކި ގައުމުތަކުން އެކިފަހަރުމަތީން އެކި ބަސްބަހުން އެކުލަވާލެވިފައެވެ .

   މި ދެއަތޮޅަކީ ރާއްޖޭގެ ދެކުނުން އައްޑު އަތޮޅު ހުރަސްކޮށް ފުރަތަމަ އަތުޖެހޭ ދެއަތޮޅެވެ .  މި ދެ އަތޮޅާއި ޑިއެގޯގާސިޔާ ( އެމެރިކާގެ އަސްކަރީ މަރުކަޒު ގެ ރަށާއި ނުވަތަ ދޮންބަންޑަރައިންގެ ދަރިކަލުން  ހަސަން ނޫރައްދީން އެކެއްގެ ދުވަސްވަރު ( ފަރަންސޭސީންނަށް ދަނޑުވެރިކަންކުރުމުގެ ހުއްދަދިންރަށް) ދެމެދު ދުއިސައްތަ ފަންސަވީހަކަށް ނޯޓިކަލް މޭލުގެ ދުރުމިނެއް ހުރެއެވެ .މިރަށް ޕޯޗުގީޒުންގެ ޗާޓުގައި އޮތީ ދިވެހިން ކިޔާގޮތަށް ފޯޅަވަހި ނަން ދޭހަވާގޮތަށް ފާހަގަކޮށްފައެވެ

ދަތުރުގެ އެންމެ ފަހު މަރުޙަލާގައި، ކުރީގެ ޗާޓުތަކުގައި ހުރި ކުށްތަކެއްގެ ސަބަބުން ނީލް ހޯދަން އުޅުނު އަނެއް ރަށްތަކާ ދުރަށް ދެވޭ ގޮތް ވިއެވެ. ބޮމްބޭއިން އޭނާއަށް ދީފައިވާ އަމުރުގައި "ތްރީ ބްރަދާސް" އޮތް ކަމަށް ޖަހާފައިވަނީ ޗާގޯސްގައި އެ ރަށްތައް އަސްލު އޮންނަ ތަނަށްވުރެ ގާތްގަނޑަކަށް އަށް ޑިގްރީ ލޮންޖިޓިއުޑް ހުޅަނގުގައެވެ. ސަލޮމޮން އަތޮޅުން (ރަސްދެއަތޮޅު) ހުޅަނގު-އުތުރަށް މިސްރާބު ޖެހުމުން، ޕެރޯސް ބަންހޯސްގެ ދެކުނު(ކަންދު އަތޮޅު ) -ހުޅަނގުގައި އަސްލު އޮންނަ "ތްރީ ބްރަދާސް" އާ ދުރަށް ދަތުރުކުރެވި، ސީދާ ސީޝެލްސްއާ ދިމާއަށް ދެވުނެވެ. ޕޯޗުގީޒު ޗާޓުގައި ޝީޝެލްގެ ތާވަށްކާށި ގެންނަ ރަށްތައް އޭރު އޮތީ ރާއްޖޭގެ ބައެއްގޮތުގައި ހިމަނާފައެވެ . ނީލްއަށް އޮޅުން އެރި އެންމެ ބޮޑު ސަބަބީ އެއީ ކަމަށްވުން އެކަށީގެންވެއެވެ ޢޭރު އަދި ޝީޝެލްކިޔާ ރަށެއް ވެސް ގައުމެއްވެސް ނޯވެއެވެ.

 ތާވައްކަރައަށް ފަރަންސޭސީން (ޝީޝެލް) ގެ ނަންދީފައިވަނީ  މަލާބާރީން މާލެއަށް ޙަމަލާދީ، ގެތައް އަންދައި ގަނޑުވަރުގައި ހުޅުޖަހައި، ދިޔަމިގިލީ ދަރިކޮޅު ރަދުން އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ކޮރުބަންޑާރައިން)  ހައްޔަރުކޮށްގެން މަލިކުގެ ކަވަރައްދޫ ރަށުގައި ގެންގުޅުނު ދުވަސްވަރު  މީލާދީން 1756 ވަނަ އަހަރުގެ ތެރޭ،  ދޮންބަންޑާރައިން ފަރަންސޭސީންގެ މަދަދު ހޯދި ދުވަސްވަރުގައެވެ

  ޖޫން 13 ވަނަ ދުވަހު، ޗާގޯސްގެ ތިރި ފަރުތަކާ އަތޮޅުތަކާ މުޅިން ތަފާތު، އުސް ފަރުބަދަތައް ހުރި ހިލަ ރަށްތަކެއް ފާރަވެރިންނަށް ފެނުނެވެ. ޕްރަސްލިން އާއި ކިއުރިއަސް އާ ދެމެދު 14 ފެތަމް އަޑީގައި ނަގިލި އެޅުމަށްފަހު، އެ ރަށްތަކުގެ ކޯޑިނޭޓްސް އޭނާގެ އިރުޝާދުގައިވާ ކުށް ހިސާބުތަކާ ދިމާވާތީ، އެ އުސް ފަރުބަދަ ރަށްތަކަކީ "ތްރީ ބްރަދާސް" ކަމަށް ލޮގް ފޮތުގައި ލިޔެ، ނީލް އޭނާގެ ހޯދުން ނިންމާލިއެވެ.

އައްސުލްޠާން އިބްރާހީމް މުޡްހިރުއްދީނަށް ކުރިމަތިވެވަޑައިގެންނެވި ރަސްކަމުގެ ހިތްދަތި ތަޖުރިބާއާއި، ތޯމަސް ނީލްގެ ކަނޑުގެ ސާވޭ ދަތުރުގެ އުނދަގޫތަކުން ދައްކުވައިދެނީ މެދުތެރޭ އިންޑިއާ ކަނޑަކީ ރާއްޖޭގެ ދާޚިލީ ރަސްކަމުގެ ތާރީޚާއި ދުނިޔޭގެ އިސްތިޢުމާރީ ބާރުތައް ފުޅާވުން ގުޅުވައިދިން ފާލަމެއް ކަމެވެ. 1704 ވަނަ އަހަރުގެ ގަދަ ކޮޅިގަނޑުގެ ސަބަބުން ވެރިކަން ގެއްލިފައިވާ ދިވެހި ރަސްކަލަކު ކަނޑު ހުރަސްކޮށް، ސިލޯނުން ފެށިގެން ދީނާ އަރޯބީ (މޮރިޝަސް) އާ ހަމައަށް ފެތުރިފައިވާ ވިލާތުގެ ބާރުތަކުގެ ވާދަވެރިކަމުގެ ތެރެއިން، މަދްރާސްގައި ތިބި އީސްޓް އިންޑިއާ ކޮމްޕެނީގެ ހިމާޔަތުގެ ދަށަށް ވަޑައިގެންނެވިއިރު، 1772 ވަނަ އަހަރުގެސިޔާސީ ހަލަބޮލިކަމާ ޗާޓުގެ ކުށްތަކުން ހާމަވީ ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ކަނޑުގެ ސަރަހައްދާ ބެހޭ ސައްޙަ މަޢުލޫމާތު އޭރުވެސް އިނގިރޭސީންނަށް އެ ކޮމްޕެނީއަށް ލިބިފައި ނުވާކަމެވެ.. 1775 ވަނަ އަހަރު ވިލިއަމް ހާބަޓްގެ "އަ ނިއު ޑައިރެކްޓަރީ ފޯ ދަ އީސްޓް-އިންޑީސް" ގައި ނީލްގެ ލޮގް ފޮތުގެ ބައިތައް ޝާއިޢުކުރުމުން، އަށް ޑިގްރީ ލޮންޖިޓިއުޑްގެ ބޮޑު ފަރަގު ފަޅާއަރައި، 1786 ވަނަ އަހަރު ދިވެހި ރަސްކަމަށް ސިއްރުން  ޑިއޭގޯ ގާސިއާ އާއި މުޅި ޗާގޯސް އާކިޕެލާގޯ( ފޯޅަވަހި) ދިވެހީންގެ ހުއްދަނެތި ސިއްރުން ސާވޭ ކުރުމަށް ލެފްޓިނެންޓް އާޗިބޯލްޑް ބްލެއާ ފޮނުވުމަށް އީ.އައި.ސީ އަށް މަޖުބޫރުވިއެވެ. އެޗާޓު ފުރިހަމަ ނުވަނީސް އެދުވަސްވަރު އިނގިރޭސީންގެ މިސާވޭޓީމު ފޯޅަވަހިން ވަނީ ފަހާލެވިފައެވެ.  

 

ކޮމެންޓް

ފަހުގެ ޚަބަރު

ތަދުވަނީތަ ހިތަށް؟ ތިއީ ދެން ކޮންކަމެއް؟

މި ލިޔުމަކީ ފަރެސް އާމިރުގެ ޅެންތަކުގެ ތެރެއިން، 'ހުސްވަތެއް ދުޅައަށް ގުނުން މަކަރަށް ވެދާށި' މި ޅެމުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ބަލާލާފައިވަނީ އެ ޅެމުގެ ވަކިވަކި ބައިތުތަކުގެ މާނައަށެވެ.

އައްސުލްޠާން ހަސަން ނޫރައްދީން 1 ވަނައިގެ ރަސްކަން

އައްސުލްޠާން ޙަސަން ނޫރައްދީން 1 ވަނަގެ ރަސްކަމުގައި، ފޯޅަވަހި ހިމެނޭހެން ދެކުނުގެ އަތޮޅުތަކަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދުތަކެއްގެ ގޮތުގައި އޮތެވެ. އެ ދުވަސްވަރު ފަރަންސޭސިންނާއެކު އޮތް ވިޔަފާރީގެ ގުޅުން ބަދަހިވި ނަމަވެސް، 1786 ވަނަ އަހަރު އިނގިރޭސި އީސްޓް އިންޑިއާ ކޮމްޕެނީން ޑިއޭގޯ ގާސިއާއަށް ކުރި ސިއްރު ދަތުރާއެކު އިސްތިޢުމާރީ ނުފޫޒާއި ގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވިއެވެ.

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ އުފެދުމުގެ ކުރިން

ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީ.އައި.އޯ.ޓީ) 1965 ގައި އުފެދުމުގެ ކުރިން، ފޯޅަވަހީގެ އިދާރީ ކަންކަމާއި ކާށި ކޮފްރާގެ ވިޔަފާރި ބަލަހައްޓަމުން ގެންދިޔައީ މޮރިޝަސްގެ އިދާރާއިންނެވެ. ފަރަންސޭސީންގެ ވެރިކަމުގައި 1780 ގެ އަހަރުތަކުން ފެށިގެން އެ ރަށްތަކުގައި ރުއްދަނޑުތައް ހަދައި، މަސައްކަތްތެރިންނާއި އަޅުން ބޭނުންކޮށްގެން އާބާދީތައް ވަނީ ގާއިމުކޮށްފައެވެ.

1887: ދަރަނީގެ ދަންތުރައިން ހިމާޔަތުގެ މަޅިފައްޗަށް

16 ޑިސެމްބަރު 1887 ގައި ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔައީ، އިގްތިސާދީ ގޮތުންނާއި ދާހިލީ ސިޔާސީ މަސްލަހަތުތަކަށް އައި ބަދަލުތަކެއްގެ ސަބަބުންނެވެ. މީގެ ތެރޭގައި ރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވި ބޮލީގެ ވިޔަފާރި ބަލިކަށިވުމާއި، ރަދުންގެ ނުރުހުމުގައި އިނގިރޭސިން ރާއްޖޭގެ ކަނޑުތަކުގެ ސާވޭތައް ކުރުން ހިމެނެއެވެ.

އިންޑިއާ ކަނޑުގެ ތިން މަގު ގުޅޭ ސަރަހައްދު: ދިވެހިރާއްޖެ

15 ވަނަ ގަރުނުގައި އިންޑިއާ ކަނޑުގެ ވިޔަފާރީގެ މައި މަރުކަޒަކީ ދިވެހިރާއްޖެ ކަމަށްވާއިރު، ރާއްޖެ އޮތީ އިރުމައްޗާއި، އުތުރާއި، ހުޅަނގުގެ މައިގަނޑު ތިން ކަނޑުދަތުރުފަތުރުގެ މަގު ބައްދަލުވާ ހިސާބުގައެވެ. މިންގް ދަރިކޮޅުގެ ހަޒާނާ އޮޑިފަހަރުތަކުގެ ދަތުރުތަކާއެކު ސީނުކަރައާއި އެފްރިކާގެ އައްސޭރިފަށާ ދެމެދު ކުރެވުނު މި ވިޔަފާރީގެ ހެކިތައް ތާރީޚީ ފައިސާ އާއި އާސާރީ ތަކެތިން މިއަދުވެސް ފެންނަން އެބަހުއްޓެވެ.

ރާއްޖެ އާއި ޕެމްބާ އައިލެންޑް ގުޅުވާދިން ވަދީބާ ދަރިކޮޅުގެ ތަރިކަ

އިންޑިއާ ކަނޑުގެ މޫސުމީ ވަޔާއެކު ކުރި ދަތުރުތަކުގެ ސަބަބުން، ދިވެހިރާއްޖެއާއި އިރުމަތީ އެފްރިކާގެ ޕެމްބާ އައިލެންޑާ ދެމެދު ތާރީޚީ އަދި ސަގާފީ ބޮޑު ގުޅުމެއް އުފެދިފައިވެއެވެ. މި ގުޅުމުގެ ތެރެއިން ދިވެހި ކަނޑުދަތުރުވެރިން (ވަދީބާ) އެ ސަރަހައްދުގައި ވަޒަންވެރިވެ، ރުއްގަސް ހެއްދުމާއި، އުވަ ބޭނުންކޮށްގެން އިމާރާތްކުރުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ދިވެހި ސަގާފީ ތަރިކަތައް އެ ރަށަށް ތައާރަފުކުރިއެވެ.

ރަދުން ކޮންޓްރޯލް ކުރެއްވި ސިއްރުވެރި ބޮޓޭނިކަލް ވިޔަފާރި

ތާވައްކާށި ނުވަތަ ކަނޑުކާށީގެ ވިޔަފާރިއަކީ ތާރީޚީގޮތުން ދިވެހި ރަދުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ހިންގި ސިއްރުވެރި މޮނޮޕޮލީއެކެވެ. ސީޝެލްސްގެ ރަށްތަކުން އޮޔާލައިގެން ރާއްޖެއަށް ލައްވާ މި ކާށިތަކަކީ ހަމައެކަނި ރަދުންނަށް ޚާއްޞަ އެއްޗެއްގެ ގޮތުގައި އޭރު އޮތީ ކަނޑައަޅާފައެވެ. މި ކާށީގެ ސައިންޓިފިކް ނަން ރާއްޖެއަށް ނިސްބަތްވަނީ، އެ ދުވަސްވަރު ދިވެހިރާއްޖެ މެދުވެރިކޮށް މި ތަކެތި ދުނިޔޭގެ ބާޒާރަށް ތައާރަފުވެފައިވާތީއެވެ.

Newsletter

Get the latest news delivered straight to your inbox