ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓު ކޯޓު އުވާލުމަށް ހިމަނައި ކޯޓުތަކުގެ ގާނޫނު ބަދަލު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާ މި ބިލު ސްޕޮންސާ ކުރެއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ. އެ ބިލުގެ 88 ވަނަ މާއްދާގައި ލިޔެފައިވާ ގޮތުގައި އެ ބިލު ގާނޫނަކަށް ވެގެންދިޔުމާއެކު ހުޅުމާލެ މެޖިސްޓްރޭޓު ކޯޓު އުވޭނެ އެވެ.
އެ ކޯޓުގެ ދަށުގައި ހުރި މުދަލާއި ހުރިހާ ވަސީލަތެއް ބަދަލުވާނީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ދަށަށް ކަމަށް ބިލުގައި ވަނީ ލިޔެފަ އެވެ.
އޭގެ އިތުރުން، އެ ކޯޓުގައި މަސައްކަތް ކުރަމުންދާ މެޖިސްޓްރޭޓުން މަސައްކަތް ކުރާނެ ކޯޓެއް، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅަން ވާނެ ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.
އަދި އެ ކޯޓުގެ މުވައްޒަފުންނަށް އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް 60 ދުވަހުގެ ތެރޭގައި ހަމަޖައްސައިދޭން ވާނެ ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓު އުފެއްދީ ކޯޓުތަކުގެ ގާނޫނު ވުޖޫދުވުމުގެ ކުރިން 2010 ވަނަ އަހަރު ޖޭއެސްސީންނެވެ. ހުޅުމާލެއަކީ ވަކި ރަށަކަށް ނުވުމާއި މާލޭގެ އަވަށެއްގެ ގޮތުގައި ބަލާތީ އެ ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު ގިނަ ސުވާލުތަކެއް އުފެދުނެވެ. މާލޭގައި ސުޕީރިއާ ކޯޓުތައް ހިންގާތީ އިހުތިސާސް ފުށުއެރުމުގެ ގިނަ މައްސަލަތަކެއް ހުޅުމާލެ ކޯޓުގެ ސަބަބުން ދިމާވި އެވެ.
ހުޅުމާލޭ ކޯޓުގެ ތާރީހު
ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު އެންމެ ފުރަތަމަ ކޯޓެއްގައި ސުވާލު އުފެއްދެވީ 2011 އަދި 2012 ވަނަ އަހަރު ވަކީލު އިސްމާއީލް ވިޝާމެވެ. ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ޖޭއެސްސީން އޭރު ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައި ބުނެފައިވަނީ، އެ މައްސަލައަކީ ސިވިލް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަ އެންމެ ބޮޑަށް ހޫނުވެގެން ދިޔައީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރުމަށް 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުމާލޭ ކޯޓަށް ފޮނުވުމުންނެވެ. އެ މައްސަލަ ބެލުމުގެ ބާރު ނުލިބޭ ކަމަށް ހުޅުމާލޭ ކޯޓުން ނިންމި ނަމަވެސް ހައިކޯޓުން ފަހުން އެ ނިންމުން ބާތިލުކުރިއެވެ.
ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓުގެ ގާނޫނީ ހަސިއްޔަތާ ގުޅުވައި ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން، އޮކްޓޫބަރު 2012 ގައި ހައިކޯޓުން އެ މައްސަލަ ބާތިލުކުރިއެވެ. ނަމަވެސް އޭގެ ފަހުން ނަޝީދުގެ ޝަރީއަތް ވަގުތީ ގޮތުން ހުއްޓާލަން ހައިކޯޓުން އަމުރުކުރުމާއެކު، ހުޅުމާލޭ ކޯޓުން ވަނީ އެ ކޯޓުގައި އެ ވަގުތު ހިނގަމުންދިޔަ ހުރިހާ މައްސަލައެއް ވެސް ކުރިއަށް ގެންދިއުން ހުއްޓާލާފަ އެވެ.
ކޯޓުތަކުގައި މި މައްސަލަ ހިނގަމުން ދަނިކޮށް، ނޮވެމްބަރު 2012، ގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ ހުޅުމާލެއަކީ މެޖިސްޓްރޭޓް ކޯޓެއް ގާއިމުކުރެވޭނެ ވަކި ރަށެއް ނޫން ކަމަށާއި އެހެންކަމުން ހުޅުމާލޭ ކޯޓަކީ ގާނޫނީ ކޯޓެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ.
އެހެން ނަމަވެސް އެ މަހުގެ ފަހުކޮޅު ސުޕްރީމް ކޯޓުން ނެރުނު އަމުރަކުން މަޖިލީހުގެ އެ ނިންމުން ބާތިލުކުރިއެވެ. ޝަރީއަތުގައި ބަލަމުންދާ މައްސަލައެއްގެ ނަތީޖާއަށް އަސަރުކުރާނެ ގޮތަކަށް، ކޯޓަކުން ގޮތެއް ނިންމުމުގެ ކުރިން ދައުލަތުގެ މުއައްސަސާއަކުން ނިންމާ އެފަދަ ނިންމުންތަކަކީ ބާތިލު އެއްޗެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތާމެދު ސުޕްރީމް ކޯޓުން މައިގަނޑު ޙުކުމް އިއްވީ ޑިސެމްބަރު 2012، ގަ އެވެ. ހަތް ފަނޑިޔާރުންގެ ބެންޗުން ބެއްލެވި މި މައްސަލައިގައި ހުޅުމާލޭ ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށް ކަނޑައެޅީ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ ފަނޑިޔާރު ޢަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު، ފަނޑިޔާރު އާދަމް މުހައްމަދު ޢަބްދުﷲ އަދި ޑރ. އަހުމަދު އަބްދުﷲ ދީދީގެ އަޣުލަބިއްޔަތު ރައުޔުންނެވެ. ނަމަވެސް އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން، ފަނޑިޔާރު އަބްދުﷲ އާރިފް އަދި ފަނޑިޔާރު މުއުތަސިމް އަދުނާން އިއްވީ ހިލާފު ރައުޔެކެވެ.
ހުޅުމާލޭ ކޯޓުގެ މައްސަލައަށް އަނެއްކާވެސް ސަމާލުކަމެއް ލިބުނީ، އޮކްޓޯބަރު 2021، ގައި ހުޅުމާލޭ ކޯޓު އުވާލުމުގެ މަސައްކަތް ފެށުމަށް ޖޭއެސްސީން ނިންމައި، 2012 ވަނަ އަހަރުގެ ނިންމުން މުރާޖައާ ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދުމުންނެވެ. ނަމަވެސް 2022 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމީ 2012 ގެ ނިންމުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށާއި، ކުރީގެ ނިންމުން ދަމަހައްޓާ ކަމަށެވެ.
ހުޅުމާލޭގެ ކޯޓުތަކުގެ އިހުތިސާސާ ގުޅޭގޮތުން އެންމެ ފަހުން އޮކްޓޯބަރު 2024، ގައި ހައިކޯޓުން ވަނީ މުހިންމު ނިންމުމެއް ނިންމާފަ އެވެ. އެ ނިންމުމުގައި ހައިކޯޓުން ކަނޑައެޅީ ހުޅުމާލޭ ކޯޓު ހުރުމަކީ ކްރިމިނަލް ކޯޓަށް ލިބިފައިވާ އިޚްތިޞާޞަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށާއި، ހުޅުމާލޭ ކޯޓަށް ލިބިފައިވާ ބާރުތަކުގައި މައްސަލައެއް ނެތް ކަމަށެވެ.









