ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފަނޑިޔާރަކު ގާއިމުވެ ހުންނަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ކޯޓުތަކުގެ ގާނޫނު އިސްލާހުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިހާރު ކޯޓުތަކުގެ ގާނޫނުގައި އޮންނަ ގޮތުން ގާއިމުވެ ހުންނަ ފަނޑިޔާރަކު ހުންނަން ޖެހެނީ މެޖިސްޓްރޭޓު ކޯޓުތައް ހުންނަ ރަށްރަށުގެ ތެރެއިން 500 މީހުން ހަމަވާ ރަށްރަށުގަ އެވެ.
ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވި ބިލުގައި ހިމަނާފައިވަނީ މެޖިސްޓްރޭޓް ކޯޓެއް ހުންނަ ކޮންމެ ރަށެއްގައި، އެ ރަށެއްގައި ގާއިމުވެ ހުންނަ ފަނޑިޔާރަކު އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުގައި ހުންނަންވާނެ ކަމަށެވެ.
މެޖިސްޓްރޭޓު ކޯޓުތަކުގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅާ އިސް މެޖިސްޓްރޭޓެވެ. އޭނާއަކީ އެ ކޯޓުތަކުގެ އިދާރީ ހިންގުމުގެ ވެސް އެންމެ އިސްވެރިޔާ އެވެ. އަދި އިދާރީ ކަންކަން ތަންފީޒުކުރުމަށް ޓަކައި ކޯޓު އެޑްމިނިސްޓްރޭޓަރެއް ހުންނަންވާނެ ކަމަށް ގާނޫނުގައި ވަނީ ހިމަނާފަ އެވެ.
ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ކޮންމެ ދާއިރާއަކަށް ކަނޑައަޅާފައި ހުންނަ ރަޖިސްޓްރާ އެވެ. އެއީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އައްޔަނުކުރާ މަގާމެކެވެ.
އަލަށް ހުށަހެޅި ބިލުގައި ވަނީ ރަޖިސްޓްރާ އާއި އެސިސްޓެންޓް ރެޖިސްޓްރާގެ މަސްއޫލިއްޔަތުތައް ވެސް ހިމަނާފަ އެވެ. ރަޖިސްޓްރާ ބަލައިނުގަތުމަށް ނިންމާ މައްސަލައެއްގެ ނިންމުން ބަދަލުކުރުމަށް އެދި ހުށަހެޅުމަށް ބިލުގައި ދީފައިވަނީ 14 ދުވަހެވެ.









