ގާނޫނީ ތައުލީމާއި އިމްތިހާނުގެ ފެންވަރު ހިފެހެއްޓުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރަން ބާ ކައުންސިލަށް އެންގުމުގެ އެއްވެސް ބާރެއް ރައްޔިތުންގެ މަޖިލީހަށް ލިބިގެން ނުވާ ކަމަށް ބާ ކައުންސިލްގެ ކުރީގެ ރައީސް އަދި ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން މިހެން ވިދާޅުވީ، ބާ އިމްތިހާނު، މަތީ ތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދަށް ގެނައި ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރުމަށް އެ ކައުންސިލަށް އަންގަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމުމާ ގުޅިގެން ނެވެ.
"ބާ ކައުންސިލަކީ ގާނޫނުން އަމިއްލައަށް ރެގިއުލޭޓްކުރާ މިނިވަން ފަންނެއް. ގާނޫނީ ތައުލީމުގެ ފެންވަރާއި ވަކީލުކަމުގެ ދާއިރާއަށް ވަނުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރުމަށް އެއްވެސް ކަމެއް ކުރުމަށް ބާ ކައުންސިލަށް އެންގުމުގެ އެއްވެސް ބާރެއް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަކަށް ނޯންނާނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.
ބާ ކައުންސިލުގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން އޮންލައިންކޮށް އިމްތިހާނު ހަދަމުން އައި ބައެއް ދަރިވަރުންނަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ޖުޑިޝަރީ ކޮމިޓީން ވަނީ މިހާރު ކިޔަވަމުންދާ ދަރިވަރުން އެ އުސޫލުން އިސްތިސްނާކުރުމަށް ބާ ކައުންސިލަށް އެންގުމަށް ފާސްކޮށްފަ އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލަކީ، ގާނޫނީ ދާއިރާގެ ތައުލީމީ މިންގަނޑުތައް ކަނޑައެޅުމާއި، ވަކީލުކަމުގެ ހުއްދަ ދިނުމުގެ އިތުރުން ދާއިރާގެ ސުލޫކީ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ބާރު ގާނޫނުން ލިބިދީފައިވާ މިނިވަން މުއައްސަސާއެކެވެ.
އެހެންކަމުން، ގާނޫނީ ވަކީލުންގެ ފެންވަރު ރަނގަޅުކުރުމަށް އެ ކައުންސިލުން އެކުލަވާލާ ފަންނީ އަދި ތައުލީމީ އުސޫލުތަކަށް މަޖިލީހުގެ ކޮމިޓީއަކުން ނުފޫޒު ފޯރުވައި ވަކި ގޮތަކަށް އަމަލުކުރަން އެންގުމަކީ، ގާނޫނުން އެ ކައުންސިލަށް ލިބިދީފައިވާ މިނިވަންކަމަށް އުނިކަން އަންނާނެ ކަމެއް ކަމަށް ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ވިދާޅުވެފައިވެ އެވެ.









