ސިއްހީ ގޮތުން ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެފައިވާތީ، ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ރަނގަޅު މާސްކެއް އެޅުމަށާއި ބޭރުގައި އުޅުން މަދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ވައި ނުސާފުވުމުގެ ސަބަބުން، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން ނުކޮށް މަޑުކޮށްލުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
މީގެއިތުރުން، ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ގޭތެރޭގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރެ އެވެ.
އެޗްޕީއޭއިން އާންމުކުރި ވައިގެ ކޮލިޓީ ދައްކާ ޗާޓުން އެނގޭ ގޮތުގައި، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގެ ގިނަ ސަރަހައްދުތަކެއްގައި ވައިގެ ކޮލިޓީ ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގަ އެވެ.
އެގޮތުން އެންމެ ބޮޑަށް ވައި ނުސާފުވެފައިވާ ވިލިމާލޭގެ ވައިގެ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 170 ގައި ހުރިއިރު، މާލެއާއި ދ. ކުޑަހުވަދޫގައި ހުރީ 164 ގަ އެވެ.
ހަމައެއާއެކު، ށ. ފުނަދޫގައި 158، ކުޅުދުއްފުށީ ސިޓީގައި 155 އަދި ލ. ގަމުގައި 153 ގައި ހުރިއިރު، މި ސަރަހައްދުތަކުގައި ވައި ހުރީ އެންމެންނަށް ވެސް ސިއްހީ ގޮތުން ނުރައްކާވާ މިންވަރުގަ އެވެ.
އެއާ ކުއަލިޓީ އިންޑެކްސް 150 އިން މައްޗަށް ދިޔުމުން އާންމުކޮށް ހުރިހާ އެންމެންގެ ސިއްހަތަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ އެވެ. ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުން މިކަމަށް ބޮޑަށް ސަމާލުވާން އެޗްޕީއޭ އިން އިރުޝާދު ދެ އެވެ.




