ސިއްހަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ދުންފުހުގެ އަސަރު ކުރަން ފަށައިފި އެވެ.
އައިކިއު އެއާއިން ލަފާކޮށްފައިވާ ގޮތުގައި ހދ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ދުންފުހުގެ އަސަރު ކުރަމުންދަނީ ނުރައްކާތެރި މިންވަރަކަށެވެ. އޭގެ ސަބަބުން ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެ އާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ބުންޏެވެ.
ނާޒުކު ސިއްހަތެއްގައި ތިބި މީހުންނަށް އަސަރުކުރާ ލެވެލްއެއްގައި މެދު ރާއްޖެތެރެއަށް ދުންފުހުގެ އަސަރު ކުރަމުންދާއިރު، ދުންފުހުގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެއިތުރުން، ދ. އަތޮޅާއި ލ. އަތޮޅަށް މެދުމިނެއްގައި ދުންފުހުގެ އަސަރު ކުރަމުންދާއިރު، އޭގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވެ، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ނަމަވެސް ދެކުނުގެ ރަށްތަކަށް ވައިގެ ނުސާފުކަން ހުރީ ރަނގަޅު މިންވަރެއްގަ އެވެ. އެއާއެކު މިވަގުތު ދެކުނުގެ ރަށްތަކަށް ވައިގެ ނުސާފުކަމުގެ ސަބަބުން ސިއްހަތަށް އެއްވެސް ނުރައްކަލެއް ނެތެވެ.

ރާއްޖެގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، އެކަމާ ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި އަހަރު ކުރީކޮޅު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރުކޮށް، އެކި ސަރަހައްދުތަކަށް ސިއްހަތަށް ނުރައްކާވާ މިންވަރަށް ދުންފުހުގެ އަސަރުކުރި އެވެ.













