ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީން ކޯލިޝަން ހެދުމުުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ޕީއެންސީ އާއި އަދާލަތުން ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިއަދު 15:45 ގައި ބާސެލޯ ނަސަންދުރާގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ.
މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު އިއްތިހާދުވެ، ރައީސް މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އަދާލަތު ޕާޓީން މިގޮތަށް ނިންމާފައި މި ވަނީ، ރަސްމާލެ ފަދަ ބިޔަ މަޝްރޫޢުތަކުގެ ދަށުން ބިދޭސީންނާއި އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނިކޮށެވެ.
ސަރުކާރާއި އަދާލަތު ޕާޓީގެ އިތުބާރު ކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި، މިގޮތަށް އެ ޕާޓީން ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީގެ ބައެއް މެންބަރުންނަށް ދޭނެ އެވެ.
އަދާލަތުން ފާސްކުރި ގަރާރުގައި ހިމެނޭ ކަންކަން:
- އީސް މުއިއްޒު ދެއްވި ރަސްމީ ދައުވަތު ގަބޫލުކޮށް، މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުން.
- ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީއާއެކު ކޯލިޝަނެއްގެ ގޮތުގައި ބައިވެރިވެ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކޮށް މަސައްކަތްކުރުން.
- އަދާލަތު ޕާޓީގެ މަގުސަދުތަކާއި، މެންބަރުންގެ ހައްގުތަކާއި، ޕާޓީގެ ދުރު މުސްތަގުބަލުގެ މަސްލަހަތުތަކަށް ރިއާޔަތްކޮށް ކޯލިޝަންގައި ބައިވެރިވުމުގެ ޝަރުތުތަކާއި އިންތިޒާމުތައް ކަނޑައަޅައި، ޕާޓީގެ ދުސްތޫރުގެ 46.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު، ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމުގެ ބާރު ޕާޓީގެ ރައީސަށް ހަވާލުކުރުން.
ޔަހޫދީންނާ އާދަޔާ ހިލާފު ގާތް ގުޅުމެއް އޮންނަ ޔޫއޭއީގެ މުހައްމަދު އަލައްބާރަށް ރަސްމާެލެއިން 500 ހެކްޓަރު ދޫކޮށްލުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ދަނޑިވަޅުގައި ރާއްޖޭގައި ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅޭވެ ވަކި ސަރަހައްދުތަކެއް އުފެދޭ ގޮތަށް މަޝްރޫއުތައް ކުރިއަށްނުގެންދިޔުމަށް އަދާލަތު ޕާޓީން އޮތީ ފާސްކޮށްފަ އެވެ.








