އިހަވަންދިއްޕޮޅު ތަރައްގީކުރަން ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ބޮޑު މަޝްރޫއުއެއް ހިންގުމަށް ޔޫއޭއީގެ ކުންފުންޏަކާއެކު އިއްޔެ ސޮއިކުރިއިރު ހަމަ އެފަދަ މަޝްރޫއުތަކެއް ހިންގުމަށް ދެ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފައިވާކަން ހާމަވެއްޖެ އެވެ.
އެ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގެ ގޮތުގައި ކަނޑައަޅައި، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއުގެ ނަން ދީފައިވަނީ ޖެނުއަރީ 28، 2024 ގަ އެވެ. އެގޮތަށް ނިންމީ. އެ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އެ މަޝްރޫއުގެ މާސްޓާ ޑިވެލޮޕަރަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނު (އެމްއައިޑީއެފްޒީ) ކުންފުނި ހަދައި އެ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް އެ ކުންފުންޏަށް ސަރުކާރުން އޮތީ ދީފަ އެވެ. އެއީ ސަރުކާރު ހިއްސާވާ ބޮޑު ފަސް ކުންފުންޏެއް ކަމުގައިވާ އެސްޓީއޯ އާއި އެޗްޑީސީ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއޭސީއެލްގެ ހިއްސާ އޮންނަ ގޮތަށް އުފެއްދި ކުންފުންޏެކެވެ.
މެއި 12، 2024 ގައި އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމަށް ސަރުކާރުން އެންމެ ފުރަތަމަ ހަވާލުކުރީ ދުބާއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާ އެވެ. ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު ސައީދު ސޮއިކުރެއްވިއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މާޓިން ޕެޑަސަން އެވެ.
އެ މަޝްރޫއު ހިންގަން އުޅުނީ ހޯރަފުށީ ފަޅުތެރޭގަ އެވެ. އިންޑަސްޓްރިއަލް، ފައިނޭޝަލް އަދި ޓޫރިޒަމަށް ހާއްސަކޮށްގެން އެ ސަރަހައްދު ތަރައްގީކުރާނެ ކަމަށް އޭރު ސަރުކާރުން އޮތީ ބުނެފަ އެވެ. ރާއްޖޭގެ އިގުތިސޯދަށް އިންގިލާބީ ބަދަލެއް އަންނާނެކަމުގެ ހުވަފެނާއެކު ސޮއިކުރި މަޝްރޫއުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށް ފެންނަން ނެތެވެ.
އެއަށްފަހު މީގެ ދެ އަހަރު ކުރިން ނޮވެމްބަރު 9، 2024 ގައި ވެސް އިހަވަންދިއްޕޮޅުގައި ބަނދަރެއް ތަރައްގީކޮށް، އެތަނުގައި ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމުކުރަން ސަރުކާރުން ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރީ ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓް (ސީއޭއައި) އެކު އެވެ.
އެ އެއްބަސްވުމުގައި އެމްއައިޑީއެފްޒެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ. އަދި ސީއޭއައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީސީއޯ ޓަން ކުން ޗިއާއޯ ޖޯޖް އެވެ.
އެ އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު ވިޔަފާރި އާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލު ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާ އެއްގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެ ކަމަށް އޭރު ސަރުކާރުން ބުނެފައިވެ އެވެ.
އެ އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅުގައި ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ބަނދަރަށް ބޭނުންވާ ހިދުމަތްތައް ގާއިމު ކުރުމަށް އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އެ މަޝްރޫއާ ގުޅޭ އިތުރު ތަފުސީލެއް އޭރު އިކޮނޮމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެމްއައިޑީއެފްޒެޑްއިން ސޮއިކުރި މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ހިނގާފައިނުވެ އެވެ.
އިހަވަންދިއްޕޮޅުގެ ބޮޑު މަޝްރޫއު ހިންގުމަށް ކަމަށް ބުނެ ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަން މޯލްޑިވްސް އިކޮނޮމިކް ޑިވެލޮޕްމަންޓު ގޭޓްވޭ ލިމިޓެޑްގެ ނަމަށް ބަދަލުކުރި އެވެ. އެއީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެ ދެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރިތާ ދެ އަހަރެއްހާ ދުވަސް ފަހުން އިއްޔެގެ ވަގުތެއްގައި ސަރުކާރުން ސޮއިކުރީ ޔޫއޭއީގެ ސަހު ގްރޫޕާއެކު އެވެ. އެއީ ވެސް ހަމަ އިހަވަންދިއްޕޮޅުގައި ހިންގާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ހިންގުމުގެ މަޝްރޫއުއެކެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމާއި، ޓޫރިޒަމަށް އެ ސަރަހައްދު ތަރައްގީކުރުން ހިމެނެ އެވެ. އެއްބަސްވުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އެހެންކަމުން، އެންމެ ފުރަތަމަ އިކޮނޮމިކް ގޭޓްވޭގެ މަޝްރޫއު ހަވާލުކުރީ ދުބާއީގެ އިފްޒާ ކުންފުންޏާ އެވެ. އެއަށްފަހު ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓާއެކު ސޮއިކުރިއިރު އެންމެފަހުން މި ސޮއިކުރީ އަބޫދާބީގެ ސަހު ގްރޫޕާއެކު އެވެ. އޭގެ ތެރެއިން ދެ ކުންފުންޏަކީ ޔޫއޭއީގެ ކުންފުނިތަކެވެ.
ރާއްޖޭގެ އެންމެ އުތުރުން އޮންނަ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގަ އެވެ. މި ސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރާ ކަމަށް މެރިޓައިމް މޫވްމަންޓްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިކަމުގައި ފައިދާ ނަގައި، އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ޕޯޓެއް ތަރައްގީ ކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ޕްލޭނުގައި އޮންނަ ކަމެކެވެ. ނަމަވެސް، މިހާތަނަށް އެފަދަ މަޝްރޫއުއެއް ކާމިޔާބުކަމާއެކު ހިންގާފައި ނުވެ އެވެ.





