ޔޫގަންޑާގެ އަސްކަރިއްޔާގެ އިސް ޖެނެރަލުންތަކެއް ހައްޔަރުކޮށް، އެ ގައުމުގެ ނައިބު ރައީސާއަށް އިންޒާރު ދިނުމާ ގުޅިގެން، ރައީސް ޔޮވެރީ މުސެވެނީގެ ފަހުން ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކާ މެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެއްޖެ އެވެ.
ވޭތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި އެ ގައުމުގެ އަސްކަރިއްޔާގެ އިސް 12 އޮފިސަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި ހައްޔަރުކުރުންތަކުގެ ފަހަތުގައި ހުންނެވީ ރައީސް މުސެވެނީގެ ދަރިކަލުން އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނޭރުގާބާ އެވެ.
އުމުރުން 52 އަހަރުގެ ކައިނޭރުގާބާއަކީ އޭނާގެ ބައްޕަގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް، ވެރިކަން ކުރާ ނޭޝަނަލް ރެސިސްޓެންސް މޫވްމަންޓް (އެން.އާރު.އެމް) ގެ ތެރޭގައި އޭނާއަށް އޮތް ތާއީދާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މި ހަފުތާގައި ކައިނޭރުގާބާ ވަނީ ނައިބު ރައީސާ ޖެސިކާ އަލޫޕޯ މަގާމުން ވަކިކޮށް ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދެއްވައި، އެ މަގާމާ އޭނާ ހަވާލުވެވަޑައިގަންނަވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ސިޔާސީ މުހައްލިލުން ދެކޭގޮތުގައި އިސް ޖެނެރަލުން ހައްޔަރުކުރުމަކީ ކައިނޭރުގާބާގެ ވެރިކަމުގެ ހުވަފެނަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތް ކުރުމަށް ހިންގާ ހަރަކާތެކެވެ. މީގެ ތެރޭގައި ކުރީގެ އިންޓެލިޖެންސް ވެރިންނާއި، އަސްކަރިއްޔާގެ ނައިބު ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ޕީޓާ އެލްވެލޫ ހިމެނެއެވެ. އެލްވެލޫ ހައްޔަރުކުރުމުގެ ކުރިން ކައިނޭރުގާބާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ރޭންކް ދަށްކޮށް، އޭނާއަކީ ގައުމަށް ޣައްދާރުވެފައިވާ މީހެއް ކަމަށް ބުނެފަ އެވެ.
މި މައްސަލައިގައި އަސްކަރިއްޔާއިން ބުނަމުންދަނީ މިއީ ކޮރަޕްޝަނާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށެވެ. ނަމަވެސް، ހައްޔަރުކުރެވޭ ބައެއް އޮފިސަރުން ކައިނޭރުގާބާގެ ކިބައިން މާފަށް އެދުމުން މިނިވަންކުރަމުންދާ ދިއުމަކީ، މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއްކަން ހާމަވާ ކަމެއް ކަމަށް ކެނެޑާގެ ޔޯކް ޔުނިވަރސިޓީގެ ޕްރޮފެސަރު ޑރ. ޖެރަލްޑް ބަރީބޭ ވިދާޅުވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކައިނޭރުގާބާގެ "މުހޫޒީ ޕްރޮޖެކްޓް" އަށް ތާއީދު ނުކުރާ ކޮންމެ މީހަކަށް މިހާރު ވަނީ ނުރައްކާ ކުރިމަތިވެފައެވެ.
އެން.އާރު.އެމް ޕާޓީގެ ތެރޭގައި ވެސް މި މައްސަލައިގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ. ފަހުން ބޭއްވުނު ޕާޓީގެ ބައްދަލުވުމެއްގައި، ކައިނޭރުގާބާއަކީ މުސެވެނީގެ ފަހުން ވެރިކަމަށް ގެންނަންވީ ބޭފުޅާ ކަމަށް ނިންމުމަށް ކުރި މަސައްކަތަށް ބައެއް މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކައިނޭރުގާބާއަކީ މަދަނީ ވެރިކަމަކަށް އަދި ތައްޔާރުވެފައިވާ ބޭފުޅެއް ނޫނެވެ.
ޔޫގަންޑާގެ ވެރިކަމުގައި 1986 އިން ފެށިގެން ހުންނެވި އުމުރުން 82 އަހަރުގެ މުސެވެނީ، އޭނާގެ ދަރިކަލުންނަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން ކުރެއެވެ. މިހާރު ހިނގަމުންދާ ހައްޔަރުކުރުންތަކާއި ސިޔާސީ އިންޒާރުތަކުގެ ސަބަބުން، ޔޫގަންޑާގެ ކުރިމަގާ މެދު އޮތް ބިރުވެރިކަން ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް، އަސްކަރިއްޔާގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގެ ސަބަބުން ގައުމުގެ ހަމަޖެހުމަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު މުހައްލިލުން ދެއެވެ.





