ވިލިމާލޭގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލަން އުޅެނިކޮށް، ތިމާވެށީގެ އެކްޓިވިސްޓަކު ގަހަށް އަރައި ގޮތްޕެއްގައި އޮށޯތުމުން މަސައްކަތް ހުއްޓިއްޖެ އެވެ.
އެއީ ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ވޯޓެއް ނަންގަވައިގެން ކަނޑާލަން ނިންމި ދެ ނިކަގަހުގެ ތެރެއިން އެއް ގަހެވެ. ގަސް ކެނޑުމުގެ މަސައްކަތް ކުރަނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.
މިވަގުތު އެ ސަރަހައްދުގައި ހުރި މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ގަސް ކަނޑާލުމާ ދެކޮޅު ހެދުމުގެ ގޮތުން އެ ގަހަށް އެރީ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ފައުންޑަރު އަހުމަދު ނިޔާޒް ކަމަށެވެ.
ފުލުހުން ވަނީ މިހާރު އޭނާ ގަހުން ބާލައިގެން ގެންގޮސްފަ އެވެ. ނިޔާޒް ގަހުން ފޭބީ ފުލުހުންނާއެކު ވަރަށް ގިނަ ވަގުތު ވާހަކަ ދެއްކުމަށްފަހު އަމިއްލައަށެވެ. މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ ހުރީ ގާތްގަނޑަކަށް ގަހުގެ 25 ފޫޓު މަތީގަ އެވެ.
ނިކަގަސް ކަނޑާލަން ސަރުކާރުގައި ލޮބީ ކުރަނީ ނިކަގަހުގެ މޫތަކުން ބައެއް ގެތަކަށް ގެއްލުން ލިބޭ ކަމަށް ބުނެ އެ ރަށުގައި ދިރިއުޅޭ ބަޔެކެވެ. ގަސް ކެނޑުމާ ދެކޮޅު ހަދާ މީހުން ބުނަނީ، ގަސް ނުކަނޑައި ވެސް، ގެތަކަށް ގެއްލުން ނުލިބޭ ގޮތް ހެދޭނެ ކަމަށެވެ.
އެ ބަހުސް ކުރިއަށް ދަނިކޮށް ގަސް ކަނޑާލަން ނިންމީ ރައީސް މުއިއްޒު ނޮވެމްބަރު، 2025، ގައި ވިލިމާލޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.







