2022 ވަނަ އަހަރު މާލީގެ ހަނަފަސް ސަހަރާ ސަރަހައްދުން ފެނުނު މީޓިއޮރައިޓަކީ މަދުވެގެން 4.1 ބިލިއަން އަހަރު ކުރިން މާސްގެ ބޭރު ފަށަލައިގައި އުފެދުނު ހިލައެއް ކަމަށް ސައިންސްވެރިން ލަފާކޮށްފި އެވެ. ރަތްކުލައިގެ މި ހިލައަކީ، މިހާތަނަށް ދުނިޔެއިން ފެނިފައިވާ މާސްގެ 435 މީޓިއޮރައިޓްގެ ތެރެއިން އެންމެ ދުވަސްވީ ހިލަ ކަމަށް ބެލެވެ އެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، "ޓެގާޒާ 001" ގެ ނަމުން ނަންދެވިފައިވާ މި މީޓިއޮރައިޓްގެ އޮނިގަނޑުން، ދުނިޔޭގެ އަވަށްޓެރި މާސްގެ ކުރީގެ ތާރީޚާ ބެހޭ މުހިންމު މައުލޫމާތުތަކެއް ލިބިގެންދެ އެވެ. ވަކިން ހާއްސަކޮށް، އެ ދުވަސްވަރު މާސްގެ ބިމުގެ މަތީ ފަށަލައިގައި ދިޔާ ފެން ހުރިކަމުގެ އާ ހެކިތަކެއް މި ހިލައިން ފެންނަން ހުރުމަކީ، އެ ޕްލެނެޓުގެ ކުރީޒަމާނުގައި ކުދި ދިރޭ އެއްޗެހި ނުވަތަ މައިކްރޯބިއަލް ލައިފް އުޅެވޭ ފަދަ މާހައުލެއް އޮތް ކަމަށް ކުރެވޭ ތަސައްވަރަށް ލިބުނު ބާރެކެވެ.
ކެލްޓެކުން މެނޭޖްކުރާ، ކެލިފޯނިއާގައި ހުންނަ ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގެ ޕްލެނެޓަރީ ސައިންޓިސްޓް ޔަންގް ލިއު ވިދާޅުވީ، މި މީޓިއޮރައިޓަކީ މާސްގެ ތާރީޚުގައި އެ ޕްލެނެޓަކީ މިހާރަށް ވުރެ ހޫނު އަދި ތެތްކަން ހުރި ތަނެއްގެ ގޮތުގައި އޮތް ދުވަސްވަރުގެ "ހެކި" ކަމަށެވެ.
"ގެބްރޯ" ކިޔާ ބާވަތުގެ، މި ހިލައިގެ ކެމިކަލް އޮނިގަނޑުން އެނގޭ ގޮތުގައި، މާސްގެ ބިމުގެ އަޑީގައި މި ހިލަ މަޑުމަޑުން ފިނިވެ ގަނޑުވަމުން ދިޔައިރު، ފެނާ އެކު މުއާމަލާތްތަކެއް ހިނގާފައިވެ އެވެ. މިއީ މާސްގެ އެންމެ ބޭރު ފަށަލަ ނުވަތަ "ކްރަސްޓް" ގެ ބައެއް ނަމަވެސް، މިއީ އެ ޕްލެނެޓުގެ އެތެރޭގެ ފަށަލަ ނުވަތަ "މެންޓަލް" ގެ މާ ފުނުން އުފެދުނު މެގްމާ އިން އުފެދިފައިވާ ހިލައެކެވެ.
މާސްއަކީ މިހާރު ފިނި، ހިކި އަދި ފަޅު ތަނެއް ނަމަވެސް، މީގެ އެތައް ބިލިއަން އަހަރެއް ކުރިން އެ ތަނުގެ އުތުރު ބިތުގައި ކޯރުތަކާއި، ފެންގަނޑުތަކާއި އަދި ކަނޑެއްގެ ސިފައިގައި ފެން ދައުރުވަމުން ދިޔަކަމުގެ ގިނަ ހެކިތަކެއް ވަނީ ފެނިފަ އެވެ.
ޓެގާޒާ 001 ފެނިފައިވަނީ އަށް އެތިގަނޑަކަށް ބެހިފައި ވަނިކޮށެވެ. މި ހިލަތައް ފެނުނީ މާލީގެ ބިރު ޗާލީ އަވަށާ ގާތްގަނޑަކަށް 21 މޭލު ދުރުގައި އޮންނަ ސަހަރާގެ ތެރެއިންނެވެ. މި ހިލައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފެލްޑްސްޕާ އާއި ޕައިރޮކްސީން އެވެ. އަދި އޭގައި ޔުރޭނިއަމް އެކުލެވޭ ޒިރްކޯން ކްރިސްޓަލްތައް ހުއްޓެވެ.
"ސައިންސް" ޖާނަލްގައި ޝާއިއުކުރި މި ދިރާސާގެ އިސް މުސައްނިފު ލިއު ވިދާޅުވީ، މާސްގެ މީޓިއޮރައިޓްތަކަކީ އެ ޕްލެނެޓުން އަހަރެމެންނަށް ލިބެން ހުރި ހަމައެކަނި ސާމްޕަލްތައް ކަމަށެވެ. އަދި މިއީ ކުރީގެ މާސް އުފެދި ބަދަލުވަމުން ދިޔަ ގޮތް ދެނެގަތުމަށާއި، އެ ތަނުގެ ދިރިއުޅެވޭ ފަދަ ހާލަތެއް އޮތްތޯ ލެބޯޓްރީތަކުގައި ތަހުލީލު ކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ދުނިޔެ އާއި މާސް އަދި އިރުގެ ނިޒާމުގެ އެހެން ޕްލެނެޓުތައް އުފެދުނީ މީގެ ގާތްގަނޑަކަށް 4.5 ބިލިއަން އަހަރު ކުރިން ކަމަށް ސައިންސްވެރިން ބުނެ އެވެ. ލިއު ވިދާޅުވި ގޮތުގައި، މި މައުލޫމާތުތަކުގެ އެހީގައި، ދުނިޔޭގައި ދިރޭއެއްޗެހި އުފެދެން ފެށި ދުވަސްވަރު، މާސްގެ ތަރައްގީވުން ދުނިޔެއާ ތަފާތުވެގެން ދިޔަ ގޮތުގެ ހެކިތައް ލިބިގެންދެ އެވެ.







