ކެންޔާގައި ގިނަ ބަޔަކު މަގުފުރެއްދި ނަސާރާ ކަލްޓެއްގެ ލީޑަރު، ޕޯލް މެކެންޒީ، 191 މީހުން މަރާލި ކަމުގެ ކުށް ސާބިތުވެއްޖެ އެވެ. މަރާލި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ކުޑަކުދިންނެވެ.
މެކެންޒީ އޭނާގެ ކަލްޓްގެ މެންބަރުންނަށް އަމުރުކުރީ، "އީސާގެފާނާ ބައްދަލުކުރުމަށްޓަކައި" އެމީހުންގެ ދަރިން ބަނޑަށް ބައިތިއްބައިގެން މަރާލުމަށެވެ.
އޭނާ ފަތުރަމުންދިޔަ ފަލްސަފާގައިވާ ގޮތުން ތައުލީމު ހާސިލްކުރުމަކީ މަނާކަމެކެވެ. އަދި ޒަމާނީ ބޭސްފަރުވާއަކީ "ނުބައި" ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

މި ގަތުލުއާންމާ ގުޅިގެން މެކެންޒީގެ އިތުރުން އެ ކަލްޓްގެ އިސް 29 މީހެއްގެ މައްޗަށް ވެސް މީހުން މެރުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އެ އެންމެން ވެސް ކުރިން ކޯޓުގައި ބުނެފައިވަނީ އެމީހުން ކުށެއް ނުކުރާ ކަމަށާއި، އެއްވެސް މީހަކު މަރުވާން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ.
އަށް ގަޑިއިރަށް ދެމިގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު ޑަޔާނާ މޮޗާޗޭ ވިދާޅުވީ، މެކެންޒީގެ ފަހަތުން އުޅުނު މީހުން ގަބޫލުކުރި ގޮތުގައި އޭނާއަކީ "އީސާގެފާނުގެ މަންދޫބެއް" ކަމަށެވެ.
މެކެންޒީގެ ސެކިއުރިޓީގެ ކުރީގެ ވެރިޔާ، އީނޯސް އަމާންޔާ އެންގާލާގެ މައްޗަށް ފުރަތަމަ ދައުވާ ކުރި ނަމަވެސް، ފަހުން އޭނާ ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، ދައުލަތުގެ ހެއްކަކަށް ވެފަ އެވެ.
މީހުން މަރާލުމުގެ މައްސަލައިގެ އިތުރުން، މެކެންޒީ އާއި އެ ކަލްޓްގެ އެހެން އިސްވެރިންގެ މައްޗަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި، ހަރުކަށި ފިކުރު ފެތުރުމާއި، ކުޑަކުދިން ތައުލީމުން މަހްރޫމްކުރުން ފަދަ ގިނަ ދައުވާތަކެއް ވެސް އުފުލާފައިވެ އެވެ.
ނަމަވެސް، މިއީ މީހުން މަރާލުމުގެ ސީރިއަސް ދައުވާތަކެއް މި ފާދިރީގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރެވެ. މި މައްސަލައިގައި އޭނާއަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.
ކެންޔާގެ އައްސޭރިފަށާ ކައިރީގައި އޮންނަ ޝަކަހޯލާ ޖަންގަލީގައި ކޮނެފައިވާ ތަންތަނުން 400 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް 2023 ވަނަ އަހަރު ކަމާބެހޭ އިދާރާތަކުން ހާމަކުރި އެވެ. މެކެންޒީ ވަނީ މުޅި ގައުމުން އޭނާގެ ފަހަތުން އުޅުނު މީހުން އެ ޖަންގައްޔަށް ޖަމާކޮށްފަ އެވެ.
މި ފާދިރީ "ގުޑް ނިއުސް އިންޓަނޭޝަނަލް މިނިސްޓްރީޒް" އިފްތިތާހު ކުރީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ވޭތުވެދިޔަ 16 އަހަރު ތެރޭގައި، ކެންޔާގެ އެކި ސަރަހައްދުތަކުގައި އެ ފައްޅީގެ ގޮފިތައް ހުޅުވައި، އެތައް ހާސް ބަޔަކު އޭނާގެ ފަހަތުން އުޅެން ފެށި އެވެ.
އޭނާގެ ފައްޅިން "ޓައިމްސް ޓީވީ" ގެ ނަމުގައި ޓީވީ ޗެނަލެއް ހިންގި އިރު، މަލިންޑީގައި ހުންނަ އޭނާގެ ފައްޅީގައި ދޭ ދީނީ ދަރުސްތައް އެ ޗެނަލް މެދުވެރިކޮށް ދައްކަމުން ދިޔަ އެވެ.
އޭނާ ދިން ދަރުސްތަކުގައި، ތައުލީމަކީ "ނުބައި" އެއްޗެއް ކަމަށާއި، ސިއްހީ ހިދުމަތް ހޯދުމަކީ "ދީނީ އުސޫލުތަކާ ހިލާފު" ކަމެއް ކަމަށާއި، އަދި ޑިޖިޓަލް އައިޑީ ކާޑަކީ "ޝައިތާނާގެ ނިޝާނެއް" ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފައިވެ އެވެ.







