އެމެރިކާގެ ގިނަ ބަޔަކު "މެކްސިންގް" (maxxing) މި ލަފުޒު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެން، ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް އެ ލަފުޒު ހޮވައިފި އެވެ.
"މެކްސިމައިޒިންގް" ނުވަތަ ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ ގޮތަށް ކުރުކޮށްލައިގެން ބޭނުންކުރާ މި ލަފުޒަކީ، ވަކިން ނުވަތަ އެހެން ލަފުޒެއްގެ ފަހަތަށް އިތުރުކޮށްގެން ވެސް ބޭނުންކުރެވޭނެ ލަފުޒެއް ކަމަށް ޑިކްޝަނަރީ ޑޮޓް ކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. މި ލަފުޒުން ދޭހަކޮށްދެނީ ކަމެއް އޭގެ އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުން ނުވަތަ އެންމެ އެދެވޭ ގޮތުގައި އެ ކަމެއް ތަރުތީބުކުރުމެވެ.
މިއީ މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު ބަހުގެ ބޭނުންކުރުމަށް އައި ބޮޑު ބަދަލެކެވެ. އެމެރިކާގެ ސޯޝަލް މީޑިއާގެ އޮއިވަރުތަކާއި، ޚަބަރުތަކާއި، ސާޗް ޑޭޓާތައް ދިރާސާކުރުމަށް ފަހު 2024 ވަނަ އަހަރު އެ ސައިޓުން ހޮވި އަހަރުގެ ލަފުޒަކީ "ޑިމިއުއާ" (demure) އެވެ. އަދި މިދިޔަ 2025 ވަނަ އަހަރުގެ ލަފުޒަކަށް ހޮވީ "67" އެވެ.

ޑިކްޝަނަރީ މީޑިއާ ގްރޫޕްގެ ޑައިރެކްޓަރ އޮފް ލެކްސިކޯގްރަފީ، ސްޓީވް ޖޯންސަން ވިދާޅުވި ގޮތުގައި، "މެކްސިންގް" އަކީ ކޮންމެ ކަމަކުން ވެސް އެންމެ ފުރިހަމަ ނަތީޖާ ހޯދުމަށް މުޖުތަމައު އިސްކަންދޭ މިންވަރު ބަހުގެ ތެރެއިން ހާމަވެގެންދާ ދިއުމެކެވެ.
ޑިކްޝަނަރީ ޑޮޓް ކޮމްގެ ހޯދުންތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ އެވްރެޖް މިންވަރާ އަޅާބަލާއިރު، 2026 ވަނަ އަހަރުގެ އޯގަސްޓް މަހު ޑިޖިޓަލް މީޑިއާތަކުގައި "މެކްސިންގް" ބޭނުންކުރި މިންވަރު ގާތްގަނޑަކަށް 19 ގުނަ އިތުރުވެފައިވެ އެވެ.
ސޯޝަލް މީޑިއާގައި، ޖެންޒީ ނުވަތަ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުން، އެކި ކަންކަން އެންމެ ފުރިހަމަ ދަރަޖައަށް ގެންދިއުމަށް ކުރާ މަސައްކަތްތައް ނުވަތަ "މެކްސިންގް" އާ ބެހޭ ގޮތުން ގިނަ ޕޯސްޓްތަކެއް ކުރަމުންދެ އެވެ.
ދުޅަހެޔޮ ސިއްހަތާއި ކަސްރަތަށް ސަމާލުކަންދޭ އިންފްލުއެންސަރުން ޕްރޮޓީން ބޭނުންކުރާ މިންވަރު އިތުރުކުރުމަށް "ޕްރޮޓީންމެކްސިންގް" އަދި ފައިބަރު އިތުރުކުރުމަށް "ފައިބަމެކްސިންގް" ފަދަ ލަފުޒުތައް ބޭނުންކުރެ އެވެ. އަދި ނިދުމުގެ އާދަތައް އެންމެ ރަނގަޅު ފެންވަރަށް ގެންދިއުމަށް މަސައްކަތްކުރާ މީހުން ބުނަނީ އެމީހުން ކުރަނީ "ސްލީޕްމެކްސިންގް" ކަމަށެވެ.
މަޝްހޫރު އިންފްލުއެންސަރު "ކްލެވިކިއުލާ" ވަނީ އޭނާގެ ސިފަ ރީތިކުރުމަށް ކުރާ "ލުކްސްމެކްސިންގް" ގެ މަސައްކަތްތައް ހިއްސާކޮށްގެން އެތައް ހާސް ފޮލޯވަރުންނެއް ހޯދާފަ އެވެ.
ނަމަވެސް ކްލެވިކިއުލާގެ ވީޑިއޯތައް އާންމުކުރަން ފެށުމުގެ އެތައް އަހަރެއް ކުރިން ވެސް، މީހުން ދިޔައީ މި ލަފުޒާއި މި ފިކުރު އެކި ގޮތްގޮތަށް ބޭނުންކުރަމުންނެވެ.







