ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯގެ ޕާސްޕޯޓް އެ ގައުމުގެ ސަރުކާރުން ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އޭނާ އެމެރިކާއަށް އެތެރެވެއްޖެ އެވެ.
ކަނާތު ފިޔައިގެ މި ކެންޑިޑޭޓް ގައުމު ދޫކޮށް ގޮސްފައި ވަނީ، މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން އޭނާގެ ޕާސްޕޯޓްތައް ހަވާލުކުރުމަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. މި މައްސަލައިގައި ބޮލްސޮނާރޯގެ މައްޗަށް އަދި ރަސްމީކޮށް ދައުވާއެއް އުފުލާފައި ނުވާއިރު، އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.
ޕާސްޕޯޓްތައް ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމަށް ދީފައިވާ ސުންގަޑި ހަމަވިއިރުވެސް އެކަން ކޮށްފައި ނުވާތީ، އަންގާރަ ދުވަހު އޭނާގެ ޕާސްޕޯޓްތައް ވަނީ ބާތިލްކޮށްފަ އެވެ. މިއާއެކު އޭނާ ބްރެޒިލް ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ބެލެވޭތީ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ.
ބީބީސީ ބްރެޒިލް އަދި ބީބީސީ މުންޑޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޮލްސޮނާރޯ ވަނީ ފްލޮރިޑާގައި އޭނާގެ ކޮއްކޮ އެޑުއާޑޯއާ ބައްދަލުކޮށްފަ އެވެ. ނަމަވެސް އޭނާ ބްރެޒިލުން އެމެރިކާއަށް ދަތުރުކުރި ސީދާ މަގު އަދި ސާފެއް ނުވެ އެވެ.
ބޮލްސޮނާރޯ އެމެރިކާއަށް އެތެރެވި ކަމުގެ ރިޕޯޓްތައް ފެންމަތިވެފައި މިވަނީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބޮލްސޮނާރޯ އާއި އޭނާގެ އާއިލާއަށް ވިސާ ދޫކޮށް، އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދޭނެ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް، 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓްތައް ފުލުހުންނާ ހަވާލުކުރުމަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން ބޮލްސޮނާރޯގެ މައްޗަށް އަމުރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
އެ ވަގުތު ބޮލްސޮނާރޯ ބުނެފައިވަނީ ގައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އާދިއްތަ ދުވަހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ވައަތު ފިޔައިގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ލީޑަރެއްގެ ގޮތުގައި ބްރެޒިލްގައި ހުންނާނެ ކަމަށެވެ.
ހޯމަ ދުވަހުގެ މެންދުރުފަހު ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމުކުރި ފަހުން، ބޮލްސޮނާރޯ މިހާތަނަށް އެއްވެސް ބަޔާނެއް އާންމުކޮށްފައެއް ނުވެ އެވެ.
ބޮލްސޮނާރޯގެ މައްޗަށް މިހާރުވެސް ދަނީ ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވެމުންނެވެ. އެއީ ބަޣާވާތެއް ރޭވިކަމުގެ ކުށް ސާބިތުވެ ގޭބަންދުގައި ހުންނެވި އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯއާ ބެހޭ ފިލްމަކަށް ފަންޑުކުރި މައްސަލައެކެވެ.
މީގެ އިތުރުން، އޮޅުވާލައިގެން 1 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ބްރެޒިލްގެ ވަކީލަކާ ބޮލްސޮނާރޯއާ ގުޅުން އޮތް ކަމަށް ބުނާ މައްސަލައެއް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މި މަހުގެ ކުރީކޮޅު ފުލުހުން ބުނެފައިވަނީ، އެ ވަކީލުގެ މިލްކިއްޔާތުގައި އޮންނަ ކުންފުންޏެއްގެ ބޭންކް އެކައުންޓްތައް ބޭނުންކުރުމުގެ ހުއްދަ ބޮލްސޮނާރޯއަށް އޮތްކަން ހާމަވެފައިވާ ކަމަށެވެ.
ބޮލްސޮނާރޯ ވަނީ އެ ވަކީލާއެކު އެއްވެސް ވިޔަފާރި މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
މި ތަހުގީގުތަކުގެ އިތުރުން، ފްލާވިއޯ ބޮލްސޮނާރޯގެ އިންތިޚާބީ ކެމްޕޭނަށް ބޭރުގެ ފަރާތްތަކުން ފަންޑުކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ވެސް ބްރެޒިލްގެ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ވަނީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.
އުމުރުން 45 އަހަރުގެ ސެނެޓަރު ބޮލްސޮނާރޯއަށް އާދިއްތަ ދުވަހު ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހުނީ، އޭނާ ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިއްބާ ލޫލާ އަތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބަލިވުމުންނެވެ.
އޭނާގެ ކޮއްކޮ އެޑުއާޑޯ ބޮލްސޮނާރޯ ދިރިއުޅެނީ އެމެރިކާގެ ޓެކްސަސްގަ އެވެ. ނަމަވެސް އާދިއްތަ ދުވަހު އޭނާ ހުރީ މިއާމީގަ އެވެ. އޭނާ އެތަނުގައި ވޯޓުލުމަށް ފަހު، އިންތިޚާބުގެ ނަތީޖާ ބެލުމަށް ބޭއްވި ހަރަކާތެއް އޭނާގެ ފޮލޯވަރުންނަށް ވަނީ ލައިވްކޮށް ދައްކާފަ އެވެ.
އިންތިޚާބުގެ ކުރިން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދެއްކި ގޮތުގައި ބޮލްސޮނާރޯ އުޅުނީ ލޫލާއަށްވުރެ ކުޑަ ތަފާތަކުން ކުރީގަ އެވެ. އަދި އޮކްޓޫބަރު 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރު ބޮލްސޮނާރޯ ކާމިޔާބު ކުރުމުން، ދެވަނަ ބުރު ވެސް އޭނާ ކާމިޔާބު ކުރާނެ ކަމަށް މުހައްލިލުން ލަފާކުރި އެވެ.
ނަމަވެސް ވޯޓު ގުނަން ފެށިއިރު ކުރީގައި އުޅުނު ނަމަވެސް، ފަހުން ލޫލާ ވަނީ ކުރި ހޯއްދަވައި، ފުރަތަމަ ބުރުން ބަލިވެ ދެވަނަ ބުރުން އިންތިޚާބު ކާމިޔާބު ކުރި ފުރަތަމަ ކެންޑިޑޭޓުގެ ޝަރަފު ހޯއްދަވާފަ އެވެ.
ލޫލާ އިންތިޚާބު ކާމިޔާބު ކުރެއްވީ 51.79 އިންސައްތަ ވޯޓުންނެވެ. ބޮލްސޮނާރޯއަށް ލިބުނީ 48.21 އިންސައްތަ ވޯޓެވެ.
ލޫލާއަށްވުރެ 4.4 މިލިއަން ވޯޓު މަދުން ލިބުނު ނަމަވެސް، ބޮލްސޮނާރޯ އަދިވެސް ނާކާމިޔާބީ ގަބޫލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އޭނާ ދަނީ އިންތިޚާބު ބާތިލްކުރުމަށް ގޮވާލަމުންނެވެ.
އޭނާ ތުހުމަތު ކުރާ ގޮތުގައި، ވޯޓުލުމުގެ ވަގުތު ދެ ގަޑިއިރަށް އިތުރުކުރުމުން އޭނާއަށް ވަނީ ގެއްލުންވެފަ އެވެ. ނަމަވެސް އެ ވަގުތު އިތުރުކުރަން އެދުނީ އޭނާގެ ޕާޓީ އާއި ވާދަވެރި ޕާޓީން ވެސް އެދިގެންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަމުރުކުރައްވައިގެން ވަގުތު އިތުރުކުރި ކުރުމަކީ "މަކަރުވެރި ރޭވުމެއް" ކަމަށް ބޮލްސޮނާރޯ ވަނީ ސިފަކޮށްފަ އެވެ.
އެހެންނަމަވެސް، އޭނާ ނިސްބަތްވާ ލިބަރަލް ޕާޓީން ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފަ އެވެ. އެކަމަކު ވޯޓުލާ ވަގުތު އިތުރުކުރި މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.







