ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

Sep 21, 2026, 7:00 AM
ޗާލްސް ސްޕެންސަ.

ޗާލްސް ސްޕެންސަ.

އިނގިރޭސި އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްއާ މެދު މީޑިއާއިން އަމަލުކުރަމުންދާ ގޮތަކީ، އެމަނިކުފާނުގެ މަންމާފުޅު ޑަޔާނާއާ މެދު ވެސް މީޑިއާއިން އަމަލުކުރި ފަދަ އިހާނެތި ގޮތެއް ކަމަށް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި ސްޕެންސާ ވަނީ ޑަޔާނާގެ ހާދިސާއިން އިބުރަތް ހާސިލުކުރަން ޖެހޭ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.

އުމުރުފުޅުން 36 އަހަރުގައި 1997 ވަނަ އަހަރު ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވީ، ސައިކަލުތަކެއްގައި ފަހަތުން ދިޔަ ފޮޓޯގްރާފަރުންގެ ކިބައިން ސަލާމަތްވާން އުޅުމުގެ ތެރޭގަ އެވެ.

Advertisement

ގިނަ އަހަރުތަކެއް ވަންދެން ޑަޔާނާގެ އަމިއްލަ ދިރިއުޅުމުގެ ތަފްސީލުތައް ނޫސްތަކުގެ ފަލަ ސުރުހީތަކަށް އަރުވަމުން ދިއުމަށް ފަހު، އެކަމަނާގެ މަރުގެ ޒިންމާ މީޑިއާއިން އުފުލަން ޖެހޭނެތޯ އޭރު ބޮޑެތި ބަހުސްތަކެއް ކުރެވި، މުޅި ދުނިޔެ އެ ހިތާމައިގައި ބައިވެރިވި އެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި އާލް ޗާލްސް ސްޕެންސާ ވިދާޅުވީ، ޑަޔާނާއާ ބެހޭގޮތުން ނުވަތަ ހެރީ އާއި މޭގަންއާ ބެހޭގޮތުން ޓެބްލޮއިޑް ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުންތަކަށް ބަލައިފިނަމަ، އެއީ އިންތިހާއަށް ހިތްދަތި އަދި ދަށު ދަރަޖައިގެ ލިޔުންތަކެއްކަން އެނގޭނެ ކަމަށެވެ.

އަދި ޑަޔާނާގެ މިސާލުން މީހުން އިބުރަތް ހާސިލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޕެންސާ އިތުރަށް ވިދާޅުވީ، ބޭނުންވަނީ ހެރީ އާއި މޭގަންގެ ފަރާތުން ވާހަކަދައްކަން ނޫން ކަމަށާއި، ނަމަވެސް ކޮންމެ ދުވަހަކު މިފަދަ ގޮތަކަށް މީޑިއާގެ ހަމަލާތަކުގެ ޝިކާރައަކަށްވެ، ދިރިއުޅުން ހަލާކުވަމުންދާ ކޮންމެ މީހަކަށް ވެސް އެއީ ކެންސަރެއް ފަދަ ނުރައްކާތެރި އަސަރެއް ކުރާނެ ކަމެއް ކަމަށެވެ.

ޑަޔާނާގެ ހަގު ދަރިކަލުން ޕްރިންސް ހެރީ އާއި މޭގަން، ޝާހީ ޒިންމާތަކުން ވަކިވެ 2020 ވަނަ އަހަރު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރީ، އިނގިރޭސި މީޑިއާގެ ވިހަގަދަ ނުފޫޒުގެ ސަބަބުން ދިރިއުޅުމަށް ކުރިމަތިވި ހުރަސްތަކާ ގުޅިގެންނެވެ.

މީގެ އިތުރުން، މިދިޔަ އޮގަސްޓް މަހު އެނބުރި އިނގިރޭސިވިލާތަށް ދިއުމުގެ ކުރިން، އެ ދެމަފިރިން ވަނީ އިނގިރޭސިވިލާތުގެ ގިނަ ޓެބްލޮއިޑް ނޫސްތަކަކާ ދެކޮޅަށް ދައުވާ ވެސް ކޮށްފަ އެވެ. އެ މައްސަލަތަކުގައި އެކި މިންވަރަށް އެ ދެމަފިރިންނަށް ވަނީ ކާމިޔާބީ ލިބިފަ އެވެ.

ސްޕެންސާ ލިޔުއްވި "ސްވޯން ސޮންގް: ޑަޔާނާ، މައި ސިސްޓާ" ފޮތުގެ ބައިތަކެއް ޑެއިލީ މެއިލް ނޫހުގައި ޝާއިއުކުރުމާ ގުޅިގެން، ވޭތުވެދިޔަ ހަފުތާގައި އޭނާ ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފަ އެވެ. އެ ފޮތުގައި އޭނާ ވަނީ ޑަޔާނާ އަވަހާރަވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެކަމަނާގެ ކުރީގެ ފިރިކަލުން އަދި މިހާރުގެ ރަސްގެފާނު ޗާލްސް ހުންނެވީ ވަރަށް ބޮޑަށް އުފާފުޅުވެފައިވާ ފަދަ ރޫހެއްގައި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން ޝާހީ ގަނޑުވަރުން ބުނީ، އާއިލާ މީހަކު ވަކިވެދިއުމުން ލިބޭ ހިތާމައިގެ ސަބަބުން، ކަންކަން ނިންމުމާއި ހަނދާންތައް ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށާއި، އެއީ އެހެން މީހުންނަށް އިހުސާސް ނުކުރެވޭނެ ކަމެއް ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މި ފޮތް ނެރުމާއި، ހެރީ އާއި މޭގަން އެނބުރި އިނގިރޭސިވިލާތަށް ބަދަލުވުމަކީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ރަސްގެފާނު ޗާލްސްއަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ.

ޑަޔާނާ އަވަހާރަވުމުގެ ކުރިން ޝާހީ އާއިލާގެ ފަރާތުން އެކަމަނާއަށް އެއްވެސް އެހީތެރިކަމެއް ނުވަތަ އަޅާލުމެއް ލިބިފައިނުވާ ކަމަށް ޑަޔާނާގެ އާއިލާއިން ކުރާ ތުހުމަތުތައް، މިހާރު ޝާހީ އާއިލާއާ ގުޅުން ކެނޑިފައިވާ އަމީރު ހެރީ ވެސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox