އިނގިރޭސި އަމީރު ހެރީގެ އަނބިކަނބަލުން އަދި އެކްޓްރެސް މޭގަން މާކަލް، އޭނާގެ ބައްޕަ ތޯމަސް މާކަލްއާ އޮތް ހުރިހާ ގުޅުމެއް މިދިޔަ އަހަރު ކަނޑާލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަން ފަޅާއެރުމުން ކަމަށް ބީބީސީއިން ރިޕޯޓުކޮށްފި އެވެ.
މޭގަންއާ ގާތް ފަރާތްތަކުން ބުނި ގޮތުގައި، މޭގަން އޭނާގެ ބައްޕައަށް ފޮނުވި ސިޓީއެއްގައި، އޭނާގެ ކާފަދަރިންނާ ދުވަހަކުވެސް ބައްދަލުނުވާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
އެނގިފައިވާ ގޮތުގައި މޭގަން މި ސިޓީ ފޮނުވީ އުމުރުން 82 އަހަރުގެ ތޯމަސް މާކަލްއަށް ސިއްހީ މައްސަލައެއް ދިމާވެ އޭނާގެ ފައި ބުރިކޮށްލުމާ ގުޅިގެން ފިލިޕީންސްގެ ހޮސްޕިޓަލެއްގައި އޮއްވަ އެވެ.

ތޯމަސް މާކަލް ކުރިން ދިރިއުޅުނު ފިލިޕީންސްގެ ގެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާއާ ދެކޮޅަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކުގެ މައުލޫމާތު އިނގިރޭސި ފުލުހުން 2019 ވަނަ އަހަރު މޭގަންއާ ހިއްސާކޮށްފައިވެ އެވެ. މިހާރު އެމެރިކާގައި ދިރިއުޅޭ ތޯމަސް މާކަލް ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފަ އެވެ.
މޭގަން އާއި އޭނާގެ ބައްޕައާ ދެމެދު އޮތް ގުޅުން ކެނޑިފައިވަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު ބޭއްވި މޭގަންގެ ރަސްމީ ކައިވެނީގެ ހަފުލާގައި ބައިވެރިނުވާނެ ކަމަށް ތޯމަސް ބުނީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަށް ބުނެ އެވެ.
މިދިޔަ އަހަރު ފޮނުވި މި ސިޓީއާއެކު، ބަައްޕަ އާއި ދަރިފުޅާ ދެމެދު އޮތް ނުތަނަވަސް ގުޅުން މުޅިން ނިމުމަކަށް އައިސްފައިވާ ކަމަށް ބެލެވެ އެވެ.
"ސަން އޮން ސަންޑޭ" ނޫހުން ފުރަތަމަ ރިޕޯޓްކުރި މި ސިޓީގެ ތަފުސީލުތަކުގައިވާ ގޮތުން، މޭގަންގެ ދަރިން ކަމަށްވާ އާޗީ އާއި ލިލިބެޓްއާ ތޯމަސްއަށް ދުވަހަކުވެސް ބައްދަލުނުވާނެ ކަމަށް މޭގަން ވަނީ ބުނެފަ އެވެ. އަދި ބައްޕައާ ދެން ދުވަހަކު ވެސް ގުޅުން ނުބާއްވާނެކަން މޭގަން ވަނީ ސާފުކޮށްދީފަ އެވެ.
މީގެ އިތުރުން، ބައްޕައާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ކަމާބެހޭ އިދާރާތަކަށް އެނގޭ ކަމަށް ވެސް މޭގަން ބުނެފައިވާ ކަމަށްވެ އެވެ.
ފިލިޕީންސްގެ އޮފިޝަލުން ވަނީ މޭގަންގެ ބައްޕައާ ދެކޮޅަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރަމުންދާކަން ކަށަވަރުކޮށްދީފަ އެވެ. އެ ގައުމުގެ އެންޓި-ހިއުމަން ޓްރެފިކިން އެންޑް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޓާސްކް ފޯހުން އެ މައްސަލަ ބަލަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ފިލިޕީންސްގެ އިންޓީރިއާ މިނިސްޓަރު ޖޮންވިކް ރެމުލާ ވިދާޅުވި ގޮތުގައި، އެ ގައުމުގެ ފުލުހުން ވަނީ ތޯމަސް މާކަލްގެ ކޮމްޕިއުޓަރު ހިފަހައްޓާފަ އެވެ. އަދި އެ ކޮމްޕިއުޓަރުގެ ޑިޖިޓަލް ފޮރެންސިކް ތަހުގީގެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގައި ތޯމަސް މާކަލް "މެއިލް އޮން ސަންޑޭ" އަށް ދިން އިންޓަވިއުއެއްގައި، މީގެ ކުރިން ފިލިޕީންސަށް ކުރި ދަތުރުތަކުގައި ފައިސާ ދީގެން ޖިންސީ ގުޅުން ހިންގި ކަމަށް އެއްބަސްވެފައިވެ އެވެ. ނަމަވެސް، ކުޑަކުދިންނާއެކު ޖިންސީ ގުޅުން ހިންގި ކަމަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ފޮޓޯ ގެންގުޅުނު ކަމަށް ކުރެވޭ ތުހުމަތުތައް އޭނާ ވަނީ ދޮގުކޮށްފަ އެވެ.
މޭގަންއަކީ ތޯމަސް މާކަލް އާއި އޭނާގެ ކުރީގެ އަންހެނުން ޑޯރިއާ ރެގްލޭންޑަށް ލިބިފައިވާ ހަމައެކަނި އަންހެން ދަރިފުޅެވެ.







