މަޝްހޫރު ފިލްމީ ތަރި ކްރިސްޓީނާ އެޕަލްގޭޓް، މަލްޓިޕަލް ސްކްލެރޯސިސް (އެމްއެސް) ބަލި ތަހައްމަލު ކުރަމުންދާތާ ފަސް އަހަރު ވެފައިވާ ކަމަށް ގަބޫލުކޮށްގެން ހުއްޓާ، އޭނާއަށް ކުރިން ދެވިފައިވަނީ ނުބައި ޑައިގްނޯސިސްއެއް ނުވަތަ ބަލި ދެނެގަތުމުގައި ގޯހެއް ހެދިފައިވާކަން ދާދި ފަހުން އެނގިއްޖެ އެވެ.
"އެންކަމޭން" އަދި "މެރީޑް ވިތް ޗިލްޑްރަން" ފަދަ މަޝްހޫރު ފިލްމުތަކާއި ސިލްސިލާތަކުން ފެނިގެންގޮސްފައިވާ ބަތަލާ ބުނި ގޮތުގައި، މި ޚަބަރު ލިބުމުން އޭނާ ހުރީ "އެއްގޮތަކަށްވެސް އުފަލަކުން ނޫން" ކަމަށާއި، އެކަން އެނގުނު ވަގުތު އޭނާއަށް ރޮވުނު ކަމަށެވެ.
އަންގާރަ ދުވަހު ނެރުނު އޭނާގެ "މެސީ" ޕޮޑްކާސްޓްގެ އެޕިސޯޑެއްގައި އެޕަލްގޭޓް ބުނީ، ބަލި ދެނެގަތުމުގައި ގޯހެއް ހެދިފައިވާކަން އެނގުމުން ކުއްލިއަކަށް އޭނާގެ ހާލަތު ރަނގަޅު ނުވާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި އޭނާގެ ސިއްހީ ހާލަތު ކުރިއަށްވުރެ ގޯސްވަމުންދާ ކަމަށް ވެސް ފާހަގަކުރި އެވެ.
ޖޭމީ ސިގްލާ އާއެކު ހުށަހަޅައިދޭ މި ޕޮޑްކާސްޓްގެ ދެ ބަޔަކަށް ބަހާލާފައިވާ އެޕިސޯޑަކީ، މި ލިބުނު މައުލޫމާތުތަކާ ގުޅިގެން އޭނާ ނެގި ކުރު ބްރޭކަށްފަހު ނެރުނު ފުރަތަމަ އެޕިސޯޑެވެ. އެޕަލްގޭޓަށް ކޮންމެ ދުވަހަކު ކުރިމަތިވަމުންދާ ވަރުބަލިކަމާއި ބަލިހާލަތުގެ އަސްލު ސަބަބު ދެނެގަތުމަށް ކުރާ ތަހުގީގުތައް އަންނަ ހަފުތާގައި ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
"އަހަރެން މިހުރީ އަނެއްކާވެސް އެންމެ ކުރީކޮޅު ހުރި ހިސާބުގައި. އަހަރެންގެ ހަށިގަނޑަށް ވަމުންދާ ގޮތެއް މިހާރު އެއްގޮތަކަށް ވެސް ނޭނގޭ،" އޭނާ ބުންޏެވެ.

ޕޮޑްކާސްޓްގައި ވާހަކަދައްކަމުން އެޕަލްގޭޓް ބުނީ، މީގެ އަހަރުތަކެއް ކުރިން ކުއްލިއަކަށް އޭނާގެ ޑޮކްޓަރު ލަފާދެއްވީ އެމްއެސް ބައްޔަށް ދެމުންދިޔަ އިންފިއުޝަން ޓްރީޓްމަންޓް ނުވަތަ އައިވީ ފަރުވާ ހުއްޓާލުމަށް ފަހު ހަށިގަނޑަށް އަންނަ ބަދަލުތައް ބެލުމަށެވެ.
ނަމަވެސް، ފަރުވާ ހުއްޓާލި ދުވަސްވަރު އޭނާގެ ހަށިގަނޑުން ފެނުނު އަލާމާތްތަކަކީ އެމްއެސް ބަލި ހުންނަ މީހެއްގެ ކިބައިން ފެންނާނެ އަލާމާތްތަކެއް ނޫންކަން ފާހަގަވި އެވެ.
މިއާއެކު ޑޮކްޓަރުން އޭނާގެ ކޭސް އިތުރަށް ދިރާސާކުރުމަށް ފަހު ނިންމީ، މަސްތައް ހަރުވުމާއި ހިނގުމާއި ވާހަކަދެއްކުމަށް ދަތިތައް ކުރިމަތިކުރުވާ އޮޓޯއިމިއުން ބަލި ކަމަށްވާ އެމްއެސް، ހަގީގަތުގައި އޭނާގެ ހަށިގަނޑުގައި ނެތް ކަމަށެވެ.
އަންގާރަ ދުވަހުގެ އެޕިސޯޑުގައި ބައިވެރިވި ޑރ. މަރްވާ ކައިސީ ބުނި ގޮތުގައި، އެމްއެސް ބަލި ދެނެގަތުމުގައި ގޯސްތައް ހެދުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެއީ އެ ބަލީގެ އަލާމާތްތައް އެކި މީހުންނަށް ފެންނަނީ އެކި ގޮތަށް ކަމަށްވެފައި، އެ ބަލި ދެނެގަންނާނެ ވަކި ޚާއްސަ ޓެސްޓެއް ނޯންނާތީ އެވެ. އެމްއެސް ހުރި ކަމަށް ބުނެފައިވާ ކޮންމެ ފަސް މީހަކުން އެކަކީ ހަގީގަތުގައި އެ ބަލި ނެތް މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ މާބަނޑުތޯ ބަލާ ޓެސްޓެއް ހެން 'އާނއެކޭ' ނުވަތަ 'ނޫނެކޭ' ބުނެވޭ ވަރުގެ ކަމެއް ނޫން. މިއީ ވަކި މިންގަނޑުތަކެއްގެ ލިސްޓަކަށް ބަލައިގެން ނިންމާ ނިންމުމެއް،" ޑރ. ކައިސީ ބުންޏެވެ.
އެޕަލްގޭޓް އެންމެ ފުރަތަމަ އެމްއެސް ހުރި ކަމަށް ޑައިގްނޯސް ކުރީ، ބަލީގެ އަލާމާތްތައް ފެންނަތާ ދުވަސްތަކެއް ފަހުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އެ ދުވަސްވަރު އޭނާ ބުނެފައިވަނީ އެއީ ވަރަށް އުނދަގޫ ދަތުރެއް ކަމަށާއި، ނަމަވެސް ދިރިއުޅުމުގެ ދަތުރު ކުރިއަށްދާނެ ކަމަށެވެ.
އޭގެ އަހަރުތަކެއް ފަހުން، 2024 ވަނަ އަހަރު ނެރުނު ޕޮޑްކާސްޓް އެޕިސޯޑެއްގައި އޭނާ ބުނީ، އޭނާ ހުރީ ވަރަށް ބޮޑަށް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ކަމަށާއި، ދިރިއުޅުމުގެ އެއްވެސް ކަމަކުން މިހާރު އުފާވެރިކަމެއް ނުލިބޭ ކަމަށެވެ.
މީގެ އިތުރުން، ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ، އަސާގަނޑެއް ނެތި ހިނގާބިނގާވެ ނޫޅެވޭ ކަމަށާއި، ނެޓްފްލިކްސްގެ ސިލްސިލާ "ޑެޑް ޓު މީ" ކުޅުނުއިރު ފުރޮޅުލީ ގޮނޑި ބޭނުންކުރަން ޖެހުނު ކަމަށް ވެސް ބުނެފަ އެވެ.









