ރަސްމާލެ މަޝްރޫއަކީ ފަތުރުވެރިކަމުގެ މަޝްރޫއެއް ކަމަށް ސަރުކާރުން ސިފަކުރާ އިރު، އާ ރިއަލް އެސްޓޭޓް ގާނޫނެއް ބޭނުންވާ ވާހަކަ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ދައްކަވަނީ ކީއްވެގެންތޯ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސުވާލު އުފައްދަވައިފި އެވެ.
މޯލްޑިވްސް އިންޑެޕެންޑެންޓު ނޫހުގައި ޝާއިއުކުރި ފައްޔާޒްގެ ލިޔުމެއްގައި ވަނީ ރަސްމާލެ މަޝްރޫއާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި، އެ މަޝްރޫއު ކުރިއަށް ގެންދަންވީ ގޮތާ ބެހޭ ގޮތުން ހިޔާލު ފާޅުކުރައްވައިފަ އެވެ.
"ރާއްޖެއަށް ބޭރުގެ އިންވެސްޓްމެންޓު ބޭނުންވޭ. ބައިނަލްއަގްވާމީ ކެޕިޓަލް ރާއްޖެއަށް ނާންނަ ނަމަ، އިގްތިސާދު ސިންދަފާތުކޮށް، ކުރިއަރުވައި، އާ ފުރުސަތުތައް ފަހިނުކުރެވޭނެ،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ ލިޔުން ފައްޓަވަމުން ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދޭނީ ދެފުށް ފެންނަ އުސޫލުތަކާއި، ސާފު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަންކަން ކުރެވިގެން ކަމަށާއި މާލެއާ ކައިރިން 500 ހެކްޓަރުގެ އަގުބޮޑު ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ރަސްމާލެ މަޝްރޫއުގެ ދަށުން ވެފައިވާ އެއްބަސްވުމަކީ އެ މިންގަނޑުތަކަށް ބަލާއިރު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވި އެވެ.
"މުއިއްޒު ސަރުކާރުން އީގަލް ހިލްސްއާއެކު 'ކޮމާޝަލް ޓާމްސް އެގްރީމަންޓް' އެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް މިއަދާ ހަމައަށް އާންމުކޮށްފައެއް ނުވޭ. އިންވެސްޓަރުގެ ޒިންމާތަކަކީ ކޮބައިކަމެއް، ބިން އަނބުރާ ދައުލަތަށް ލިބޭނެ ގޮތެއް، ނުވަތަ މި ބިމުގެ މިނިވަން ވެލުއޭޝަނެއް ހަދާފައިވޭތޯ ބެލުމުގެ ފުރުސަތެއް ރައްޔިތުންނަކަށް ނެތް،" އޭނާ ލިޔުއްވި އެވެ.

އަދި މިއީ "އާދައިގެ ފަތުރުވެރިކަމުގެ މަޝްރޫއެއް" ކަމަށް ސަރުކާރުން ސިފަކުރާއިރު، އެޓާނީ ޖެނެރަލް އުޝާމް އާ ރިއަލް އެސްޓޭޓް ބިލެއްގެ ވާހަކަ ދައްކަވަނީ ކީއްވެގެންތޯ އާއި، އީގަލް ހިލްސްގެ ހިސާބުތަކާއި ސަރުކާރުގެ ހިސާބުތައް ދިމާނުވަނީ ކީއްވެގެންތޯ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.
ރަސްމާލެ ޕްރޮޖެކްޓަކީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓު ޕްރޮޑަކްޓެއް ކަމަށް ސަރުކާރުން ބުނާއިރު، ޓޫރިޒަމް ގާނޫނުން އޮންނަނީ ރިއަލް އެސްޓޭޓު ތަރައްގީކޮށްގެން، އެ ތަންތަން ދިގުމުއްދަތަކަށް ކުއްޔަށް ދެވޭ ގޮތަށެވެ.
އެހެން ނަމަވެސް ސެޕްޓެމްބަރު 29 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދެވޭނީ ބޭނުންވާ ގާނޫނުތައް މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.
"ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއު ގަވަން ކުރާނީ މިހާރު އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން،" އުޝާމް ވިދާޅުވި އެވެ. "މަޝްރޫއު ފެށުމުގެ ކުރިން ... މިކަމާ ގުޅުންހުރި ގާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭނެ."
އޭގެ ފަހުން ޕީއެސްއެމްއިން ގެނެސްދިން "އަހާ" ފޯރަމްގައި އުޝާމް ވިދާޅުވީ، ރިއަލް އެސްޓޭޓު ގާނޫނު ބޭނުން ވަނީ މިހާރު ރާއްޖޭގައި ނެތް ސިނާއަތެއް ތައާރަފުކުރަން މަސައްކަތް ކުރަމުން ދާތީ ކަމަށެވެ.
"ސަރުކާރު[ން] މަސައްކަތް މި ކުރަނީ، ރާއްޖޭގައި މިހާރު ނެތް ސިނާއަތެއް ކުރުމަށް ޓަކައި. މާނައަކީ ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް އަޅުގަނޑުމެން ރާއްޖޭގައި އުފެއްދެވުމުގެ މަސައްކަތް މި ކުރަން މި އުޅެނީ،" އުޝާމް ވިދާޅުވި އެވެ.
އެހެން ނަމަވެސް، ސަރުކާރަށް މިއަދާ ހަމައަށް ވެސް ބުނަމުން އަންނަނީ މި ޕްރޮޖެކްޓަކީ ޓީޖީއެސްޓީގެ ގޮތުގައި ބޮޑު އާމްދަނީއެއް ވަންނާނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. ސަރުކާރުން އެއްވެސް އަގެއް ނުނަގާ ރަސްމާލޭގެ 500 އަށް ވުރެ ބޮޑު ހެކްޓަރުގެ ސަރަހައްދެއް ދޫކޮށްލި ސަބަބަކީ ވެސް މި ގޮތުން ލިބެން އޮތް އާމްދަނީ އެވެ.
މިހެންކަމުން، ރަސްމާލެ ޕްރޮޖެކްޓަކީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓް މާކެޓެއް ތައާރަފުކުރާ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހެ އެވެ.
އަދަދުތައް ދިމާނުވުން
ސަރުކާރުން ދައްކާ ވާހަކައިގައި ހުރި ފުށުއެރުންތަކުގެ އިތުރުން، ހުށަހަޅާފައިވާ އަދަދުތަކުގައި ވެސް ބޮޑެތި މައްސަލަތަކައް އެބަ ހުއްޓެވެ. ފައްޔާޒުގެ ލިޔުމުގައި ވަނީ މިކަމަކަށް ވެސް އަލިއަޅުއްވާލައްވައިފަ އެވެ.
"ސަރުކާރުގެ ވަޒީރުން މި މަޝްރޫއުގެ އަގަކީ 12 ބިލިއަން ނުވަތަ 20 ބިލިއަން ޑޮލަރު ކަމަށް ވިދާޅުވި ނަމަވެސް، މިއީ އެއްވެސް އަސާސެއް ނެތް އަދަދުތަކެއް. 20 ބިލިއަން ޑޮލަރަކީ ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް ތިންގުނަ. އީގަލް ހިލްސްއިން ބުނާ ގޮތުގައި މި އަދަދަކީ ހުރިހާ ބިމެއް ތަރައްގީކޮށް، އަހަރަކު އެއް މިލިއަން ފަތުރުވެރިން އެތަނަށް ޒިޔާރަތްކޮށްގެން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ. މިއީ ރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ 40 އިންސައްތަ. މިފަދަ ހިޔާލީ ހިސާބުތަކަކީ އިގްތިސާދީ މާހިރުން ގަބޫލުކުރާނެ ހިސާބުތަކެއް ނޫން،" ފައްޔާޒު ލިޔުއްވި އެވެ.
އޭގެ އިތުރުން ފައްޔާޒް ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ކުއްޔަށް ދޫކުރާ މުއްދަތާ މެދު އުފެދިފައިވާ އޮޅުންބޮޅުމެވެ. އީގަލް ހިލްސްގެ ފުރަތަމަ ބަޔާނުގައި ބުނެފައިވަނީ 99 އަހަރުގެ ކުލީގެ މުއްދަތު ކޮންމެ ފަހަރަކު ވިއްކާލާއިރު ނުވަތަ ވާރުތަވާއިރު އަލުން ފެށޭނެ ކަމަށެވެ. ފާޑުކިޔުން އަމާޒުވުމުން، އީގަލް ހިލްސްއިން ވަނީ ބަޔާނުން އެ ބައި އުނިކޮށްފަ އެވެ.
"ބަޔާން ބަދަލުކުރި ނަމަވެސް، އަސްލު އެއްބަސްވުމުގައި އޮތީ ކޮން އެއްޗެއްކަން ސަރުކާރުން ހާމައެއް ނުކުރޭ. އަދި މި މަޝްރޫއުގެ ދަށުން ބިން ގަންނަ ފަރާތްތަކަށް ރެސިޑެންސީ ވިސާ ލިބޭނެ ގޮތާއި، އެތަނުގައި ހިނގާނީ ކޮން ގާނޫނުތަކެއްކަން ވެސް ވަނީ ސިއްރުކޮށްފައި."ފައްޔާޒް އިސްމާއިލް
ރަސްމާލެއަކީ މާލޭގެ ބޯހިޔާވަހިކަމުގެ ހައްލެއްގެ ގޮތުގައި ދެއްކި ނަމަވެސް، އެންމެ އަގުބޮޑު 500 ހެކްޓަރު ބޭރުގެ ކުންފުންޏަކަށް ދިނުމުން، އާންމު ރައްޔިތުންނަށް ވީ ވައުދުތައް ފުއްދޭނެ ގޮތެއް ނޭނގޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
އަދި އަލްބޭނިއާ އާއި ސާބިއާ ފަދަ ގައުމުތަކުގައި އީގަލް ހިލްސްއިން މަޝްރޫއުތައް ހިންގާއިރު، އެ ގައުމުތަކުގެ ސަރުކާރުން އެއްބަސްވުންތައް އާންމުކޮށް، ކުންފުނީގެ ހިއްސާވެސް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ނަމަވެސް ދިވެހި ސަރުކާރުން މިކަން ކުރަނީ ނުހަނު ސިއްރުވެރިކޮށް."
ފައްޔާޒް ވަނީ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ފަސް ކަމެއް ފުރިހަމަ ކުރުމަށް ގޮވާލައްވައިފަ އެވެ. އެއީ:
- އެއްބަސްވުން އާންމުކުރުން
- 99 އަހަރުގެ މުއްދަތާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދިނުން
- ބިމުގެ މިނިވަން ވެލުއޭޝަނެއް ހެދުން
- ސަރުކާރަށް ލިބޭ 10 އިންސައްތަ އާމްދަނީގެ ތަފްސީލު ހާމަކުރުން
- ރައްޔިތުންގެ މަޖިލީހަށް މި އެއްބަސްވުން ހުށަހަޅައިގެން ކުރިއަށް ދިޔުން
ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.












