ގާނޫނުން ހުއްދަ ނުލިބޭތީ ރަސްމާލެ ޕްރޮޖެކްޓަށް މަގުފަހި ކުރަން އާ ގާނޫނުތަކެއް ހަދާކަން ބަންޑާރަނައިބު އިއުލާން ކުރައްވައިފި

ބަންޑާރަނައިބު އުޝާމް: ވިދާޅުވީ ޕްރޮޖެކްޓު ފެށުމުގެ ކުރިން ބައިވަރު ގާނޫނު ހަދަންޖެހޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބަންޑާރަނައިބު އުޝާމް: ވިދާޅުވީ ޕްރޮޖެކްޓު ފެށުމުގެ ކުރިން ބައިވަރު ގާނޫނު ހަދަންޖެހޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކުގެ ދަށުން ރަސްމާލެ ޕްރޮޖެކްޓަށް ހުއްދަ ނުލިބޭތީ، އެ ޕްރޮޖެކްޓަށް މަގުފަހިކުރަން އާ ގާނޫނުތަކެއް ހަދަން ނިންމާފައިވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. 

ޔޫއޭއީގެ އީގަލް ހިލްސް އަށް ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ 99 އަހަރަށެވެ. ރަސްމާލެއިން އެޕާޓްމަންޓެއް ގަންނަ ބިދޭސީ މީހާއަށް ލިބޭ 99 އަހަރުގެ ލީސް މުއްދަތުގައި އެތަން ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އާ ލީސް މުއްދަތެއް ފެށޭނެ އެވެ.

އެގޮތަށް ރަސްމާލެ ދޫކޮށްލުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ ޕްރޮޖެކްޓު ހުއްޓުވައިދޭން ސުޕްރީމް ކޯޓަށް މައްސަލައެއް ވައްދާފައި އޮއްވާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ ރަސްމާލޭ ޕްރޮޖެކްޓު ކުރިއަށް ގެންދިއުމުގެ ކުރިން ޕްރޮޖެކްޓަށް ބޭނުންވާ "ގާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭނެ" ކަމަށެވެ. 

"ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއު ގަވަން ކުރާނީ މިހާރު އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން،" އުޝާމް ވިދާޅުވި އެވެ. "މަޝްރޫއު ފެށުމުގެ ކުރިން ... މިކަމާ ގުޅުންހުރި ގާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭނެ."

ރަސްމާލޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ސޮއި ކުރެއްވީ ސެޕްޓެމްބަރު 21، ގަ އެވެ. އެއިރު ސޮއި ކުރީ ޕްރޮޖެކްޓުގެ ކޮމާޝަލް ޓާމްސް ނުވަތަ ލެޓާ އޮފް އިންޓެންޓްގައި ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ، ޕްރޮޖެކްޓު ފެށުމުގެ ކުރިން އަދި އެހެން "އެގްރިމެންޓުތަކެއްގައި" ސޮއިކުރާނެ ކަމަށެވެ. އެކަމަކު އެގްރިމެންޓުތަކުގައި ސޮއިކުރާނީ މިހާރު ސޮއިކޮށްފައިވާ އެގްރިމެންޓަށް ބިނާކޮށް ކަމަށް ބަންޑާރަނައިބު ވިދާޅުވި އެވެ. 

"މަޝްރޫއު ފެށުމުގެ ކުރިން މި އެގްރީމެންޓްގައިވާ ޓަރމްސްތަކުގެ މައްޗަށް ބިނާކޮށް އިތުރަށް މަޝްވަރާކޮށްގެން އެކުލަވާލާ ޑެފިނިޓިވް އެގްރީމެންޓްތަކެއްގައި [ސޮއިކުރާނެ]،" އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ދިނުން ގާނޫނުއަސާސީ ހުއްދަ ކުރެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގާނޫނެއް މިހާތަނަކަށް ނެތެވެ. ޓޫރިޒަމާ ބެހޭ ގާނޫނުން ހުއްދަ ލިބެނީ 50 އަހަރަށެވެ. އަދި ލީސް މުއްދަތު އިތުރު 49 އަހަރަށް އެކްސްޓެންޑު ކުރެވިދާނެ އެވެ. 

ސްޕެޝަން އިކޮނޮމިކް ގާނޫނުގެ ދަށުން ބިދޭސީ ބަޔަކަށް އެންމެ ގިނަވެގެން ބިމެއް ދޫކުރެވެނީ 66 އަހަރަށެވެ. އެކަމަކު އެ މުއްދަތު 33 އަހަރަށް އިތުރު ކުރެވިދާނެ އެވެ. 

ރަސްމާލެ ދޫކޮށްލަން ސަރުކާރުން އެއްބަސްވީ އެކުއިޒިޝަން ފީއެއް އަދި ބިމު ކުއްޔެއް ވެސް ނުނަގާ ގޮތަށެވެ. ސަރުކާރަށް ލިބޭ ހަމައެކަނި އެއްޗަކީ ރަސްމާލޭގައި އަޅާ ކޮމާޝަލް ޕްރޮޕަޓީސް ވިއްކައިގެން ލިބޭ ރެވެނިއުގެ 10 ޕަސެންޓާއި އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ ރެވެނިއުގެ ހަތަރު ޕަސެންޓެވެ. 

ވަޒީރު މުއްތަލިބު ވިދާޅުވީ ރަސްމާލޭގައި އަޅާ އިމާރާތްތައް ވިއްކައިގެން ދައުލަތަށް ތިން ބިލިއަން ޑޮލަރު ނުވަތަ 46 ބިލިއަން ރުފިޔާ 10 އަހަރު ތެރޭގައި ލިބޭނެ ކަމަށެވެ. އެއީ މިދިޔަ އަހަރު ބަޖެޓަށްވުރެ ވެސް ކުޑަ އަދަދެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox